ޓިކްޓޮކް ތަރި މަރިޔަމް ރޫމާ: އޭނާ އާއި އޭނާގެ ފިރިމީހާ ވަނީ ޑްރަގް މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައި

ފިރިމީހާގެ ޑްރަގް ހުރި ކޮތަޅެއް އެއްލާލި ކަމަށް ރޫމާ ބުނި: ޕޮލިސް

ދިފާއުން ބުނީ ރޫމާ އެކަމަށް އެއްބަސްވި ނަމަވެސް އޭނާ އެ ވަގުތު ހުރި "ހާލަތަށް ބަލާއިރު" އެއީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށް

ޓިކްޓޮކްއިން މަޝްހޫރުކަން ހޯދާފައިވާ މަރިޔަމް ރޫމާ (ޕްރިޓީ ރޫމީ) އާއި އޭނާގެ ފިރިމީހާ ޑްރަގް މައްސަަލައެއްގައި ހައްޔަރުކޮށްފައިވާއިރު، ޑްރަގް ހުރި ކޮތަޅެއް އެއްލާލި ކަމަށް ރޫމާ އެއްބަސްވި ކަމަށް ފުލުހުން ބުނެފި އެވެ.

ވީ ކިހިނެއް؟ - ރޫމާ، 45، އާއި އޭނާގެ ފިރިމީހާ މުހައްމަދު ނަސީމް، 49، ހައްޔަރު ކުރީ މާލޭގައި އެ ދެ މީހުން ދިރިއުޅުނު ގެ، ހ. ބްލޫބާޑް ކޯޓު އަމުރެއްގެ ދަށުން ބުދަ ދުވަހުގެ ރޭ ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ފެނިގެންނެވެ. 

ތަފްސީލް - ކްރިމިނަލް ކޯޓުން ރޭ ވަނީ އެ މީހުން ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބަލައި ދެ މީހުންގެ ބަންދަށް ތިން ދުވަސް ދީފަ އެވެ. ކޯޓު އަމުރުތަކުގައި ވާގޮތުން:

  • އެ ގެ ބަލާ ފާސްކުރިއިރު އެ ގެއިން އެއްވެސް އެއްޗެއް ނުފެނުނު ނަމަވެސް، އެހެން ގެއެއްގެ ފުރާޅު މަތިން މަސްތުވާތަކެތި ހުރި ކޮތަޅެއް ފެނުނު ކަމަށް ފުލުހުން ބުނެފައިވޭ

  • އެއީ މުހައްމަދު ނަސީމްގެ ކޮތަޅެއް ކަމަށާއި އެ ކޮތަޅު އެއްލާލީ ރޫމާ ކަމަށް ސީނަށް ދިޔަ ފުލުހުން ގާތު ރޫމާ އެއްބަސްވި ކަމަށް ފުލުހުން ބުނި

  • ދިފާއުން ބުނީ ރޫމާ އެކަމަށް އެއްބަސްވި ނަމަވެސް އޭނާ އެ ވަގުތު ހުރި "ހާލަތަށް ބަލާއިރު" އެއީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށް

  • އަދި މަސްތުވާތަކެތި ފެނުނީ އެ ގެއާ މާ ދުރުން ކަމުން އެ މީހުންނާ ގުޅުވައިދޭ އެއްވެސް ހެއްކެއް ނެތް ކަމަށް ދިފާއުން ބުނި 

  • ކޯޓު އަމުރު ހޯދީ ހ. ބްލޫބާޑް ފާސްކުރުމަށް ނަމަވެސް ބަލާފާސްކުރީ ނުވިލާމަންޒިލް ކިޔާ ގެއެއް ކަމަށާއި އެހެންކަމުން ބަލާފާސްކުރުން ރަނގަޅު ނޫން ކަމަށް ވެސް ދިފާއުން ބުނި

އެނގުން މުހިންމު - ޓިކްޓޮކްގައި ރޫމާ މަޝްހޫރުކަން ހޯދީ އޭނާގެ ނެށުންތަކުންނާއި އެކްޓުތަކުންނެވެ. އަދި ބައެއް ފަހަރު މަޖާ ވީޑިއޯތަކާއި އިޝްތިހާރު ވެސް އޭނާ ކުޅެ އެވެ. ޓިކްޓޮކްގައި އޭނާގެ 25،000 އަށް ވުރެ ގިނަ ފޮލޯވަރުން ތިބެ އެވެ.  

އިތުރު އާޓިކަލް

އިތުރު އާޓިކަލް