ގދ. ތިނަދޫ މަސްވެރިން ދޮށީގެ މަސްވެރިކަން ކުރުމަށް އެ އަތޮޅު ހުޅަނގު ފަރާތުގައިވާ ކަނދުފަތި ކައިރީގައި. (ދައުރު ފޮޓޯ/ އަލީ ރަފީގް)

މަސްވެރިކަން

ތިނަދޫ މަސްވެރިންނާ އެކު ދޮށީގެ މަސްވެރިކަމުގެ ދަތުރެއް

17 ސެޕްޓެމްބަރު 2021
4
ދޮށީގެ މަސްވެރިކަމުގައި ފުރަތަމަ ކުަރަންޖެހޭ މަސައްކަތަކީ އެން ހިފުން. އެއަށް ފަހު، އިރު އަރަންވާ އިރަށް މާ ކަނޑަށް ނުކުމެ މަސް އައިނު ފެނުމުން، އެން އުކައި ދޮށިން މަސްބާނަނީ.

ހުވަދު އަތޮޅަކީ މަސްވެރިކަމުގައި ރާއްޖޭގައި ފާހަގަކޮށްލެވޭ އަތޮޅެކެވެ. ހުވަދު އަތޮޅުގެ ގއ. އަކީ އެ އަތޮޅުގައި ރަޖިސްޓްރީކޮށްފައިވާ ދޯނިތަކުގެ މަސްވެރިކަމަށް ބަލާއިރު މިދިޔަ އަހަރު އެންމެ ގިނައިން  މަސްބޭނި އަތޮޅެވެ. ގާތްގަނޑަކަށް 21،000 ޓަނުގެ މަސްބާނާފައިވާ އިރު ދެވަނައަށް އެންމެ ބޮޑަށް މަސްވެރިކަން ކޮށްފައިވަނީ ގދ. ތިނަދޫގެ ދޯނި ފަހަރުންނެވެ.

ފިޝަރީޒް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ތިނަދޫ ދޯނިފަހަރުން މިދިޔަ އަހަރު 11،600 ޓަނުގެ މަސް ބާނާފައި ވެއެވެ. މިއީ އެ އަހަރު ރާއްޖެއަށް ބޭނި 148،500 ޓަނުގެ %9.4 އެވެ. ގާތްގަނޑަކަށް 2،000 މަސްވެރިން ދިރިއުޅޭ ގދ. ތިނަދޫ އަކީ މަސްވެރިކަމުގެ ސިނާއަތުގައި ވަރަށް ބޮޑު ހިއްސާއެއް އޮތް އަތޮޅެކެވެ.

 ދާދި ފަހުން، ގދ. ތިނަދޫ ދޯންޏެއްގައި ދޮށީގެ މަސްވެރިކަން ކުުރުމަށް ދިއުމުގެ ފުރުސަތު އަހަރެންނަށް ލިބުނެވެ. ރެ އާއި ދުވާލު، ވިއްސާރަ އާއި އަވީގައި މަސްވެރިން އެމީހުންގެ ދިރިއުޅުމަށް ކުރާ ބުރަ މަސައްކަތް ތަޖުރިބާކުރުމަށް މި ލިބުނު ފުރުސަތުގައި އެ ރަށުގެ ބޮޑު މަސް ދޯންޏެއްގައި މަސްވެރިކަމުގެ އެކި މަސައްކަތްތައް ބަލައިލުމަށްޓަކައި ދިޔައިމެވެ. 

ދޮށީގެ މަސްވެރިކަމުގައި ފުރަތަމަ ކުރަންޖެހޭ މަސައްކަތަކީ އެން ހިފުމެވެ. އެއަށް ފަހު، އިރު އަރަންވާ އިރަށް މާ ކަނޑަށް ނުކުމެ މަސް އައިނު ފެނުމުން، އެން އުކައި މަސް ތިލަވުމުން ދޮށިން މަސް ބާނަނީ އެވެ. މަސްވެރިކަން ރަނގަޅު ދުވަސްވަރު ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބޭނުންވާ ވަރަށް މަސްބޭނެ އެވެ. އަދި މަސްވެރިކަން ދަށް ދުވަސްވަރު ގިނަ ވަގުތު ކަނޑުމަތީގައި ހޭދަކުރަން ޖެހެ އެވެ.

ދަތުރު ފެށުން

ރޭގަނޑު 9:30 ހާއިރު ތިނަދޫ ބަނދަރުން ފުރިއިރު ތުނިކޮށް ވާރޭވެހެމުން ދިޔަ އެވެ. އިރުމަތީފަރާތުން ޖެހެމުން ދިޔަ ވަޔާއެކު ހިސާބަކަށް ކަނޑު ވެސް ގަދަ އެވެ. ނަމަވެސް މިއީ ވަރަށް ބޮޑު ދޯންޏެއް ކަމުން، ކަނޑު ގަދަކަމުގެ އިހްސާސެއް އެހާ ބޮޑަކަށް ނުކުރެވެ އެވެ. ދޯނި ބަނދަރުން ނިކުތުމާ އެކު، ދޯނީގައި ތިބި ވިއްސަކަށް ފަޅުވެރިންގެ ތެރެއިން ގިނަ މީހުން ނިދަން އޮށޯތީ އެވެ. ދޯނީގެ ކެޔޮޅާއި އަދި އެހީތެރިއަކު ދޯނީގެ މިސްރާބު ދީލައިލީ ރަށުގެ ހުޅަނގު ދެކުނުގައި އޮތް ގިރިއަކާ ދިމާއަށެވެ. އެއްވެސް އައްޔެއް ދުރަކުން ނުފެނެ އެވެ. ނަމަވެސް ވަރަށް އިތުބާރާ އެކު ކެޔޮޅު ރައޫފް ދަތުރުކުރަމުންދިޔައީ ޖީޕީއެސް ނެވިގޭޝަން ސިސްޓަމުގެ އެހީގަ އެވެ. ތިނަދުއާ ގާތްގަނޑަކަށް 24 ކިލޯމީޓަރު ދުރުގައި އޮތް މި ތިލައަށް ދެވުނީ ގަޑިއެއްހާއިރު ފަހުންނެވެ.

އެން ހިފުން

އެން ހިފާ ސަރަހައްދަށް ދެވުމުން، އެން ހިފަން ރަނގަޅު ހިސާބެއް ފާހަގަކުުރުމަށް ދޯނީގެ ސްޕީޑް މަޑުކޮށް ދުއްވަމުން ދިޔަ އެވެ. ބައެއް ފަޅުވެރިން ވަރަށް ބޮޑު ތިން ފްލަޑް ލައިޓް ދޯނީގެ އެއްފަރާތުގައި، މޫދަށް އަލިއަޅުވާފައި، ހަރުކުރި އެވެ. އަދި އެންދަމާ ދާ ނިއުޅާލުމަށް ފަހު ފްލަޑް ލައިޓް ހަރުކޮށްފައިވާ ފަރާތުގައި ބޭއްވި އެވެ. ރަނގަޅު ހިސާބެއް ފެނުމުން ނަގިލި އެޅި އެވެ. އެއިރު ވެސް ވާރޭވެހެމުން ދިޔަ އެވެ. ގަޑިން ގާތްގަނޑަކަށް 11 ޖެހީ އެވެ. އެން ހިފުމަށް އާލާތްތައް ތައްޔާރުކުރުމަށް ފަހު އަނެއްކާވެސް ހުރިހާ ފަޅުވެރިންހެން ނިދަން އޮށޯތީ އެވެ. ފަޅުވެރިންނަށް ޚާއްސަކޮށްފައިވާ  ކޮޓަރިތަކުގަ އެވެ. ބައެއް ކޮޓަރިތައް ހުރީ އެއާކޮންޑިޝަން ކޮށްފަ އެވެ.

އެންހިފުމަށްޓަކައި ލައިޓް ހަރުކުރަނީ.
އެން ހިފުމަށް ދެމީހަކު ފީނަން ތައްޔާރުވަނީ.

މެންދަންވި ފަހުން ވާރޭވެހުން ހުއްޓިއްޖެ އެވެ. ކޮންމެވެސް ވަރަކަށް ކުދިކުދި މަހާއި އެން، ދިއްލާފައިހުރި ބޮކިތައް ކައިރިއަށް، އެއްވަމުން ދިޔަ އެވެ. މިޔަރާއި ކޯމަސް ވެސް ފެނެ އެވެ. އައްޔަށް އެއްވާ ކުދި މަސްތައް ކެއުމަށެވެ. ގާތްގަނޑަކަށް ފަތިހު 5 ޖެހިއިރު ދޯނި ކައިރިއަށް ވަރަށް ގިނަ އަދަދަކަށް އެން ވަނީ ތިލަވެފަ އެވެ. އެހެންކަމުން އެން ހިފުމަށް ތައްޔާރުވުމަށް ކެޔޮޅު ގޮވާލުމާ އެކު، ހުރިހާ ފަޅުވެރިން އެ މީހެއްގެ މަސައްކަތަށް ނިކުތެވެ. ބައެއް މީހުން އެން ހިފުމަށް ދާ ތިރިކުރަން ފެށި އެވެ. އަދި ބައެއް މީހުން މޫދަށް ފުންމާލި އެވެ. ދަލުގެ އެކި ހިސާބުގައި ހިފަހައްޓައިގެން، ދާ ފެއްތުމަށެވެ.

އެން ހިފުމުގައި އެންމެ މުހިންމު އެއް ބަޔަކީ ދަލަށް އެން އެރުވުމަށް ފީނާ މީހުންނެވެ. މިހާރު ގިނަ ދޯނި ފަހަރުގައި ފީނަނީ ވައިފުޅި އަޅައިގެންނެވެ. މި ދޯނިން ތިން މީހަކު ވައިފުޅި އަޅައިގެން ފުންމާލި އެވެ. ދެތިން މިނެޓް ތެރޭގައި ދަލާ އެކު އަޑިއަށް ދިޔަ އެވެ. އަދި ވައި ޖަހާފައިވާ ޓިއުބު، ކަރުގައި އަޅައިގެން މޫދުގައި 10 ވަރަކަށް މީހުން ތިބީ ދަލުގެ އެކި ހިސާބުގައި ޖަހާފައިވާ ވަލުގައި ހިފަހައްޓައިގެންނެވެ.

ތިނަދޫ މަސްވެރިން ރޭގަނޑު ގދ. އަތޮޅުގެ އެތެރެވަރިން އެން ހިފަނީ. (ފޮޓޯ/ އަލީ ރަފީގް)
ތިނަދޫ މަސްވެރިން ރޭގަނޑު ގދ. އަތޮޅުގެ އެތެރެވަރިން އެން ހިފަނީ. (ފޮޓޯ/ އަލީ ރަފީގް)

ޑައިވަރުން އަޑިއަށް ގޮސް ކުރަމުންދިޔަ މަސައްކަތަކީ އެންތައް ދަލުގެ މައްޗަށް އެރުވުމެވެ. މާ ގިނައިރުތަކެއް ނުވެ، ޑައިވަރުންގެ އިޝާރާތަކަށް ފަހު، ފެންމަތީގައި އަދި ދޯނީގައި ތިބި މީހުން ދާ މައްޗަށް ނަގަން ފެށި އެވެ. މިކަމަށް 10 ވަރަކަށް މިނެޓް ނެގި އެވެ. ދަލުގައި ހުރި އެން ނެގޭ ވަރަށް މައްޗަށް ނެގުމަށް ފަހު ދެތިން މީހަކު ދިޔައީ އެންތައް ދޯނީގެ ވަތަށް އަޅަމުންނެވެ. ގަޑިއެއްހާއިރުގެ ތެރޭގައި އެންމެ ފަހަރަކު ދާ ފައްތައިގެން ވަރަށް ގިނައިން އެން ހިފުނެވެ.  އެހެންކަމުން ދެން ދަތުރު ފެށީ މަސް ބޭނުމަށް އަތޮޅުން ބޭރަށް ދިއުމަށެވެ. ގަޑިން އެއިރު ގާތްގަނޑަކަށް ހެނދުނު 6:30 އެވެ. އުޑުމަތި ސާފެވެ. އަދި ކަނޑު މަޑެވެ.

މަސް ބޭނުމަށް މާކަނޑަށް

ދޯނި މިސްރާބުޖެހީ އަތޮޅުގެ އިރުދެކުނު ފަރާތު ފިޔޯރީ ކަނޑުން ނުކުތުމަށެވެ. މަސްބާނަން ބޭނުންކުރާ ދޮށިތައް ނެރެ ދޯނީގެ ތައްޓު މަތީގައި ދެ މީހަކު އަތުރާލި އެވެ. ހެނދުނު ސައިގެ ގަޑި ވެސް ޖެހުނީ އެވެ. ނާސްތާއަށް ހުރީ ރޮށްޓާއި މަސްހުންޏާއި ކުކުޅު ބިހާއި ސައެވެ. 

ފިޔޯރީ ކަނޑުން ނިކުތުމާ އެކު ދޯނި ދަތުރު ފެށީ ތިނަދޫގެ ހުޅަނގުން 70 ވަރަކަށް ކިލޯމީޓަރު ދުރުގައިވާ ކަނދުފަތި ކައިރިއަށެވެ. މިއީ އަތޮޅުގެ ހުރިހާ ދޯނި ފަހަރުން ވެސް މަސްބާނަން އާންމުކޮށް ދާ ކަނދުފައްޗެވެ. ކަނދުފައްޗާ ހަމައަށް ދެވުމުގެ ކުރިން މަސް އައިނަކާ ދިމާވި އެވެ.

ދޯނީގެ މިސްރާބު މަސް އައިނާ ދިމާއަށް ބަދަލުކޮށްލުމުން ދޮށި ހިފައިގެން ވަރަށް ގިނަ މީހުން ދޯނީގެ ކޮޅު ފަސްކޮޅަށް ދިޔަ އެވެ. ހީވީ މަސް އައިނު ފެނުމުން އަމަލުކުރަން ޖެހޭ ޑްރިލްއެއް ކުރިއަށްދިޔަހެނެވެ.  މަސް އައިނު ތިލަވަމުން ދިޔަވަރަކަށް ފަޅުވެރިން ދިޔައީ އެން އުކައި މަސްބާނަމުންނެވެ. 

ނަމަވެސް މާ ގިނަ އިރެއް ނުވެ މަސް އައިނު ގެއްލިއްޖެ އެވެ. ގަޑިން އެއިރު 8:45 އެވެ. ދެން އަނެއްކާވެސް މިސްރާބު ޖެހީ ކަނދުފައްޗަށެވެ. އެހިސާބަށް ދެވުނީ 9:15 ގައެވެ. ވަރަށް ގިނަ ދޯނިފަހަރު ކަނދުފަތި ކައިރީގައި ދިޔައީ ދުއްވަމުންނެވެ. މަދު މަދުން މަސް ބާނަމުން ދިޔަ އެވެ.

ބައި ގަޑިއެއްހާއިރު ކަނދުފަތި ކައިރީ ދުއްވުމަށް ފަހު ކެޔޮޅު ނިންމީ އުތުރަށް ދުއްވުމަށެވެ. އެއީ ކަނދުފަތި ކައިިރީ މަސްވެރިކަން ރަނގަޅު ނުވީމަ އެވެ. ދުރުމި އަޅައިގެން އެކި ދިމަދިމާ ބަލަމުން ދުއްވަމުން ދިޔަ އެވެ. މިގޮތަށް ދަތުރުކުރަމުން ދިޔައިރު ތިލަވާވަރުގެ މަސް އައިނަކާ ދިމައެއް ނުވި އެވެ.

ގދ. ތިނަދޫގެ މަސްވެރިން ދޮށީގެ މަސްވެރިކަން ކުރުމަށް އެ އަތޮޅު ހުޅަނގު ފަރާތުގައި ވާ ކަނދުފަތި ކައިރިން މަސްބާނަނީ (ފޮޓޯ/ އަލީ ރަފީގު)

މެންދުރު 12 ޖެހިއިރު ދޯނި ހުރީ ތިނަދޫގެ ހުޅަނގު އުތުރުން 35 ކިލޯމީޓަރު ދުރުގަ އެވެ. ކެޔޮޅު ނިންމީ ދެން ރަށަށް ދާން ދަތުރު ފަށާށެވެ. އެއާކު ފަޅުވެރިން މަސްވެރިކަމަށް ބޭނުންކުރި އާލާތްތައް އެއްފަރާތްކޮށް މެންދުރު ކެއުމަށް އިންސާފުކުރަން ފެށި އެވެ. އިރުކޮޅެއް ކުރިން ބޭނި މަހުން ކެއްކި ގަރުދިޔައާ އެކު ކާން ހުރީ ބަތެވެ. ތެލުލާފައި ހުރި މަހާއި ރެހި ވެސް ހުއްޓެވެ. އެންމެން ކައި ނިމުނު އިރު ތިނަދު އަށް އާދެވިއްޖެ އެވެ. ގަޑިން މެންދުރު 2:15 އެވެ.

ގދ. ތިނަދޫގެ މަސްވެރިން ދޮށީގެ މަސްވެރިކަން ކުރުމަށް އެ އަތޮޅު ހުޅަނގު ފަރާތުގައި ވާ ކަނދުފަތި ކައިރީ. (ފޮޓޯ/ އަލީ ރަފީގު)

އަހަރެމެން އުއްމީދުކުރިހާ މަސްވެރިކަން އެ ދުވަހު ރަނގަޅެއް ނޫނެވެ. މަސްވެރިކަމަކީ މިކަހަލަ ތަޖުރިބާ އެކެވެ. މަސްވެރިކަމުގައި ކުރިމަތިވާނީ މަސްވެރިކަން ރަނގަޅު ދުވަސްތަކާއި މަސްވެރިކަން ދަށް ދުވަސްތަކެވެ. މިއީ މަސްވެރިކަމުގައި އެންމެން ގަބޫލުކުރާ ކަމެކެވެ. އެހެންކަމުން ހުރިހާ ފަޅުވެރިންގެ އުއްމީދަކަށްވީ ކުރިއަށް އޮތް ދުވަހުގެ މަސްވެރިކަމުގެ ދަތުރެވެ.

ތިނަދުއަށް ދަތުރުކުރަނީ
މެންދުރު ކެއުން

ނަސީބު ރަނގަޅުކަމުން ފަހު ދުވަހުގެ މަސްވެރިކަމުގެ ދަތުރު ވަރަށް ކާމިޔާބެވެ. ކަނދުފަތި ކައިރިއަށް ދެވުނުތާ ގިނަ އިރެއް ނުވެ ދޯނި ފުރެންދެން މަސްބޭނުނެވެ. ނަމަވެސް އެ ދަތުރުގައި އަހަރެންނަކަށް ބައިވެރިއެއް ނުވެވުނެވެ. މަސްވެރިކަން ރަނގަޅު ދުވަހެއް ތަޖުރިބާކޮށްލުމުގެ ނަސީބެއް ނެތީމަ އެވެ.

ކޮމެންޓް (4)

ޑައިވަރު

21 ސެޕްޓެމްބަރު 2021
ވައިފުޅި އަޅައިގެން އެން ހިފުމުގެ މަސައްކަތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދނާކުރަން ޖެހޭ ކަމަށް ފެނޭ.ަ
2 0

ގައްދޫ ޑްއިވަރު

3 އޮކްޓޯބަރު 2021
@ޑައިވަރު ތެދުވާހަކައް. ގދ.ގައްދޫއިން ގިނަ ޑައިވަރުން މަރުވެފައި އެބަހުރި ރައްކާތެރިކަމުގެ ފިޔަވަޅު ނޭޅުމުގެ ސަބަބުން. މިއީ ހިތާމަހުރި ކަމެއް.
0 0

ތިނަދޫ_މަސް

21 ސެޕްޓެމްބަރު 2021
ދޮށީގެ މަސްވެރިކަން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރަމުންދާއިރު، އިންޑިއާ ކަނޑުގެ މަސްވެރިކަމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ނަތީޖާކުރަމުންދަނީ ކިހާވަރަކަށް ކަން ދިރާސާކުރުން މުހިންމު. ހުވަދު އަތޮޅަކީ އާންމުކޮށް މަސްވެރިކަން ރަގަޅު އަތޮޅެއް، މި ލިއުމުގައިވާ ހިސާބުތަކުންވެސް އެކަން އެނގޭ. ނަމަވެސް ފަހަކަށް އައިސް މަސްވެރިކަން ހީނަރުވާ ދުވަސްތައްވެސް ގިނައިން އާދޭ!
2 0

މަސްވެރިޔާ

18 ސެޕްޓެމްބަރު 2021
ލޮޓްސް އޮފް އިންފޮމޭޝަން
5 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް