ކޯޓަށް މައްސަަލަ ހުށަހަޅާފައިވަނީ ދަރިފުޅުގެ ކައިވެންޏަށް ހަ އަހަރުވީ އިރު މާމަ/ކާފަ ދަރިއަކު ލިބިފައި ނުވާތީ "ނަފްސާނީ ގޯނާ" ލިބިފައިވާ ކަމަށް ބުނެ

ދަރިފުޅު ކުއްޖަކު ނުހޯދައިގެން އިންޑިއާގެ ދެމަފިރިޔަކު ކޯޓަށް

އެމީހުން ވަނީ ފިރިހެން ދަރިފުޅުގެ އަތުން 650،000 ޑޮލަރު ހޯދަން ދައުވާކޮށްފައި

އިންޑިއާގެ އުތުރުގެ އުއްތަރަހާންދު ސްޓޭޓްގެ ދެމަފިރިޔަކު، އެ މީހުންގެ ފިރިހެން ދަރިފުޅުގެ ކައިވެންޏަށް ހަ އަހަރުވީ އިރު ވެސް ކުއްޖަކު ހޯދާފައި ނުވާތީ، ބަދަލު ހޯދުމަށް ކޯޓަށް ހިނގައްޖެ އެވެ.

ސަންޖީވް ޕްރަސާދު، 61، އާއި އޭނާގެ އަންހެނުން ސަދާނާ ޕްރަސާދު އެމީހުންގެ ދަރިފުޅު ޝްރޭ ސަގަރު، 35، ގެ މައްޗަށް ކޯޓުގައި ދައުވާކުރީ "ނަފްސާނީ ގޯނާ" ލިބިފައިވާ ކަމަށް ބުނެ އެވެ. ދެމަފިރިން ބުނަނީ މާމާ/ކާފަ ކިޔާ ކުއްޖަކު އަހަރެއް ތެރޭގައި ނުހޯދައިފި ނަމަ ބަދަލުގެ ގޮތުގައި 650،000 ޑޮލަރު އެމީހުންނަށް ދޭން ޖެހޭނެ ކަމަށެވެ.

ސަންޖީވް އާއި ސަދާނާ ބުނަނީ އެމީހުންގެ ދިރިއުޅުމުގައި ލިބުނު ހުރިހާ ފައިސާއެއް ރައްކާކޮށް ހޭދަ ކުރީ ދަރިފުޅުގެ މައްޗަށް ކަމަށެވެ. ދަރިފުޅުގެ ޕައިލެޓް ޓްރެއިނިން ފުރިހަމަ ކުރުމަށާއި ދަރިފުޅުގެ ކައިވެނި ޕާޓީ ބޮޑުކޮށް ބޭއްވުމަށެވެ.

ޕްރަސާދު ބުނާގޮތުގައި ދަރިފުޅު ޕައިލެޓް ޓްރެއިނިން ހެދުމަށް އެމެރިކާ އަށް ފޮނުވުމަށް 6،500 ޑޮލަރު ހޭދަވި އެވެ. އަދި 2007 ގައި ދަރިފުޅުގެ ވަޒީފާ ގެއްލުމުން އެނބުރި އިންޑިއާ އަށް ގޮސް، ދެ އަހަރު ދުވަސް ވަންދެން ދަރިފުޅު ވަނީ އާއިލާގެ މާލީ އެހީތެރިކަަމަށް ބަރޯސާވެފަ އެވެ. ޝްރޭ އިންޑިއާ އިން އަލުން ޕައިލެޓެއްގެ ވަޒީފާ ހޯދި އެވެ. 

ޝްރޭގެ އާއިލާ އިން އޭނާގެ ކައިވެނި ސުބާންގީ ސިންހާއާ ކޮށްދިނީ 2016ގަ އެވެ. ސަންޖީވް އާއި ސަދާނާ އުއްމީދު ކުރީ ރިޓަޔާމަންޓް އަންނަންވާ އިރަށް ކާފަ/މާމަ ކުދިން އުފަންވެ އެކުދިންނާ އެކު ކުޅުމަށް ފުރުސަތު ލިބޭނެ ކަމަށެވެ.

ކޯޓަށް މައްސަލަ ހުށަހެޅި ސަންޖީވް (ވ) އާއި ސަދާނާ ބުނަނީ އަހަރެއް ތެރޭ ކާފަ/މާމަ ކުއްޖަކު ނުލިބިއްޖެ ނަމަ މާލީ ބަދަލު ދޭން ޖެހޭނެ ކަމަށް

ސަންޖީވްގެ ދެމަފިރިން ވަނީ ދަރިފުޅުގެ ކައިވެނި ޕާޓީ ފަސް ތަރީގެ ހޮޓަލެއްގައި ބާއްވައިދީ، 80،000 ޑޮލަރުގެ ކާރެއް ގަނެދީ، އެ މީހުން ބޭރު ގައުމެއްގައި ހަނީމޫން ހޭދަ ކުރުމަށް ފައިސާ ހަރަދުކޮށްފަ އެވެ.

"ކައިވެންޏަށް ހަ އަހަރުވީ އިރު ވެސް އަދިވެސް ކުއްޖަކު ނުހޯދާ. ކުދިން ތިބި ނަމަ އަހަރެމެންނަށް ކާފަ/މާމަ ކުދިންނާ އެކީގައި ވަގުތު ހޭދަ ކުރުމަށް ފުރުސަތު ލިބޭނެ،" ސަންޖީވް ބުނެފައިވެ އެވެ.

އެ ދެމަފިރިންގެ ވަކީލު އޭކޭ ސްރީވަސްތަވާ ބުނެފައިވަނީ މާމަ/ކާފަ ކިޔާ ކުދިން ލިބުމަކީ ކޮންމެ މަންމައަކާއި ބައްޕައެއްގެ ވެސް ހުވަފެނެއް ކަމަށާއި އެމީހުން އެކަމަށް އިންތިޒާރު ކުރާތާ އެތައް އަހަރެއް ވެފައިވާ ކަމަށެވެ.

ކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން އަންނަ އަންގާރަ ދުވަހު އޮންނާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް