އައްޑޫ ގޯއްޗެއްގެ ޗަސްބިމަށް މިއަދު ފަސް އަޅާއިރު އެ ތަނުގައި މޭޔަރު އަލީ ނިޒާރާއި އިތުރު ބަޔަކު މަޑުކޮށްލައިގެން: ކައުންސިލުން ބުނިގޮތުގައި މިއީ 8 މިލިއަން ރުފިޔާގެ މަޝްރޫއުއެއް (ފޮޓޯ/އައްޑޫ ސިޓީ ކައުންސިލް)

އައްޑޫ

ހިތަދު އާއި ފޭދޫ ގޯތިތަކުގައި ހުރި ޗަސްބިން ހިއްކަން ފަށައިފި

މޭޔަރު ނިޒާރު ވިދާޅުވިގޮތުގައި މިދިޔަ އަހަރު ވެސް މި މަޝްރޫއުގެ ބައެއް ކުރިއަށް ގެންދިޔަ

ސ. ހިތަދުު އާއި ފޭދޫން ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކުގައި ހުރި ޗަސްބިންތައް ހިއްކަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ޗަސްބިން ބޮޑު އައްޑޫގައި މިހާރު މީހުން އުޅޭ ގޯތިތަކާއި ދިރިއުޅެން ދޫކޮށްފައިވާ ގޯތިތަކުގައި ވެސް ޗަސްބިން ހުންނާތީ، ބައެއް ބިންތައް ބޭނުން ނުކުރެވިފައި ވެ އެވެ.

އައްޑޫ ސިޓީ ކައުންސިލުން މިރޭ ބުނިގޮތުގައި:

  • ހިއްކަނީ ކުރިއްސުރެ މީހުންނަށް ދޫކޮށްފައި ހުރި ގޯތިތައް

  • ގޯތިތަކުގައި ހުރި ޗަސްބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން، ދެ ރަށުން ވެސް 24 ހެކްޓަރުގެ ބިން ހިއްކާނެ

  • މި މަސައްކަތަށް 8 މިލިޔަން ރުފިޔާ ހަރަދުވާނެ

އައްޑޫ ގޯއްޗެއްގެ ޗަސްބިމަށް މިއަދު ފަސް އަޅާއިރު އެ ތަނުގައި މޭޔަރު އަލީ ނިޒާރާއި އިތުރު ބަޔަކު މަޑުކޮށްލައިގެން (ފޮޓޯ/އައްޑޫ ސިޓީ ކައުންސިލް)

ބުނީ ކީކޭ؟ - އައްޑޫ މޭޔަރު އަލީ ނިޒާރު މިރޭ 'ދައުރު'އަށް ވިދާޅުވި ގޮތުގައި މިއީ މިދިޔަ އަހަރު ފެށި މަޝްރޫއެކެވެ.

"މިދިޔަ އަހަރު ވެސް ވާނީ އަޅުގަނޑުމެން ވަކި ބައެއް ހިއްކާފައި. މެދުކެނޑުމަކަށް ފަހުގައި އަނެއްކާވެސް މަސައްކަތް މި ފެށީ،" އޭނާ ވިދާޅުވި އެވެ.

ގުޅުންހުރި - މި ނިމުނު ހަފްތާގައި ވަނީ އައްޑޫއިން 1،000 ގޯތި ދޫކުރުމަށް އިއުލާންކޮށްފަ އެވެ.

ހިތަދުއިން، އެންމެ ފަހުން ގޯތި ދޫކުރިތާ 22 އަހަރު ފަހުން، 1،500 ފޫޓުގެ 500 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ބުދަ ދުވަހުގެ ރޭ ވަނީ ހުޅުވާލައިފަ އެވެ. އެއީ:

  • ހިތަދޫގެ ރައްޔިތުންނަށް 450 ގޯތި

  • އައްޑޫގެ އެހެން އަވަށްތަކުގެ ރައްޔިތުންނަށް 50 ގޯތި

  • ހިތަދޫގެ ހަތް ސަރަހައްދަކުން ގޯތި ދޫކުރޭ

ފޭދޫ، ހުޅުދޫ އަދި މީދޫއިން ވެސް 500 ގޯތި ދޫކުރުމަށް ވަނީ އިއުލާންކޮށްފަ އެވެ.

އެނގުން މުހިއްމު - އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރާ އައްޑޫ ސިޓީ ކައުންސިލުން މި ދަނޑިވަޅުގައި ރޭގަނޑުގެ ލަސް ގަޑިތަކެއްގައި ގޯތި އިއުލާންކުރުމާ ގުޅިގެން ރައީސް ސޯލިހުގެ ވާދަވެރި ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފާޑުކިޔުން އަމާޒުވި އެވެ.

ގުޅުންހުރި - އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ސަރަހައްދުން ގޯތި ދޫކުރުމަށް ފަހު އަތުލާފައިވާ މައްސަލައަށް އަންނަ ހަފްތާގައި ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ވެސް މޭޔަރު ނިޒާރު، ހިތަދޫގައި ރޭ ބޭއްވި ރައީސް ސޯލިހުގެ ކެމްޕެއިންގެ ފަހު ޖަލްސާގައި، ވަނީ ވިދާޅުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް