Majlis 2024

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ޒުވާނުންނާ ބައްދަލުކުރައްވަނީ (ފޮޓޯ/އަބްދުﷲ އިޔާން)

ނަޝީދު ޒުވާނުންނަށް: ސްޓޫޑެންޓް ލޯނު ރީސްޓްރަކްޗާ ކުރަން ވައުދުވާނަން

ދެން އުފައްދާ އެމްޑީޕީގެ ސަރުކާރެއްގައި މިހާރު ދޫކޮށްފައި ހުރި ސްޓޫޑެންޓް ލޯނާއި އިންޓްރެސްޓުން ބައެއް ކަނޑާލައި، ލޯނުގެ މުއްދަތު ވެސް އިތުރުކޮށްދޭނެ ކަމަށް ވިދާޅުވި
25 ޖެނުއަރީ 2023

މަތީ ތައުލީމު ހާސިލުކުރަން މިހާރު ދޫކޮށްފައިވާ ސްޓޫޑެންޓް ލޯނު ރީސްޓްރަކްޗާ ކުރަން ފެނިވަޑައިގަންނަވާ ކަމަށާއި އެމްޑީޕީގެ ދެން އަންނަ ސަރުކާރެއްގައި އެކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން، އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - ޒުވާނުންނަށް ހާއްސަކޮށްގެން ނަޝީދު ވަނީ މިރޭ ލޮނުޒިޔާރަތް ޕާކުގައި ސުވާލާއި ޖަވާބު ސެޝަނެއް ބާއްވަވައިފަ އެވެ. އެ ސެޝަންގައި ބައިވެރިވި ބައެއް ޒުވާނުން، އެކިއެކި މައްސަލަތަކާއި ދަތިވާ ކަންތައްތަކާ ބެހޭ ގޮތުން ނަޝީދަށް ސުވާލު އަމާޒުކުރި އެވެ.

 ނަޝީދުގެ ބައްދަލުވުމުގައި ޒުވާނުން ބައިވެރިވަނީ (ފޮޓޯ/އަބްދުﷲ އިޔާން)
ޒުވާނަކު ނަޝީދަށް ސުވާލެއް ދަންނަވަނީ (ފޮޓޯ/އަބްދުﷲ އިޔާން)

ބުނީ ކީކޭ؟ - ނަޝީދާ ސުވާލުކުރި ޒުވާނަކު ކަންބޮޑުވުން ފާޅުކުރި އެއް ކަމަކީ ކޮންމެވެސް ލޯނެއް ދެއްކުމުގައި ޒުވާން ހަޔާތް ހޭދަކުރަން ޖެހި ނުވަތަ ކަންކަން ކުރަން ލޯނު ނަގަން މަޖުބޫރުވެފައި އޮންނަ އޮތުމާ މެދު އެވެ.

އެ ސުވާލުގެ ޖަވާބުގައި ނަޝީދު ވިދާޅުވީ މިހާރު ސަރުކާރުން ދީފައި ހުރި ސްޓޫޑެންޓް ލޯނުތައް ރީސްޓްރަކްޗާ ކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އަޅުގަނޑު މި ދަންނަވަނީ ލޯނު މައަާފުކުރާ ވާހަކަ، އެއެއް ނޭނގޭ ކިހިނެއް ކަމެއް ހެދޭނީ. ސަރުކާރުން އެ ލާރި ބޭންކުތަކަށް ދައްކަން ވެއްޖެ ނަމަ، އެހާ ބޮޑު އަދަދަކަށް އަދިވެސް ނާރާ،" ނަޝީދު ވިދާޅުވި އެވެ.

"ކޮންމެ ގޮތެއް ވިޔަސް، އަޅުގަނޑަށް ފެނޭ އަދި އަޅުގަނޑު ވައުދުވާނަން، ސްޓޫޑެންޓް ލޯނު ރީސްޓްރަކްޗާ ކޮށްދޭން."

އެކަން ކުރުމަށްޓަކައި، ނަޝީދު ވިދާޅުވީީ ސްޓޫޑެންޓް ލޯނުތަކާ ގުޅޭ ފަހުގެ މައުލޫމާތު ބަލައި ދިރާސާކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ބޭނުން، އެމްޑީޕީ ނޮވެމްބަރުގައި އުފައްދާ ސަރުކާރުގައި ސްޓޫޑެންޓް ލޯނު ރީސްޓްރަކްޗާ ކުރާނެކަމަށް، އަލުން އަނބުރާ އެކުލަވައިލާނެ ކަމަށް، ސްޓޫޑެންޓުންނަށް ލުއިވެ، އެމީހުންނަށް އެ ފައިސާ އަނބުރާ ދައްކަމުން ދެވޭނެ ގޮތެއް [ހިމަނަން]،" ނަޝީދު ވިދާޅުވި އެވެ.

ތަފްސީލު - އެކަން ކުރައްވާނެ ގޮތަކީ، ނަޝީދު ވިދާޅުވި ގޮތުގައި:

  • ލޯނުގެ އަދަދުން ބައެއް ކަނޑައިލުން

  • އިންޓްރެސްޓުން ބައެއް ކަނޑައިލުން

  • ރީޕޭމަންޓް މުއްދަތު އިތުރުކޮށްދިނުން

  • ގްރޭސް ޕީރިއަޑެއް އަނެއްކާވެސް ދިނުން

"މިއީ އާދައިގެ ވެސް ލޯނެއް ރީސްޓްރަކްޗާ ކުރާއިރު ދެ ފަރާތުން ދައްކާ ވާހަކަ. އެހެންވީމަ އަޅުގަނޑު ސްޓޫޑެންޓުންގެ ފަރާތަށް އަރާފައި ދައުލަތާ މި ވާހަކަ ދައްކަން ޖެހޭނީ،" ނަޝީދު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ޕްރިންސިޕަލް އެމައުންޓުން ބައެއް ކަނޑާލާނެ، އިންޓްރެސްޓް ރޭޓުން ބައެއް ކަނޑާލާނެ، ގްރޭސް ޕީރިއަޑެއް ދޭނެ އަދި ރީޕޭމަންޓް ޓައިމް ޕީރިއަޑެއް އިތުރުކޮށްދޭނެ."

ނަޝީދު ވިދާޅުވީ މި ގޮތަށް ސްޓޫޑެންޓް ލޯނު ނަގާފައިވާ ދަރިވަރުންނަށް ލުޔެއް ދިނުމުން، އެކަމުން އުފެއްދުންތެރިކަން އިތުރުވާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް