Majlis 2024

ށ. ކޮމަންޑޫ ބައި-އިލެކްޝަންގެ އެމްޑީޕީގެ ކެމްޕެއިންގައި ގާސިމް ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

ކާޑެއްދޫ އެއާޕޯޓާ އެކު ވެސް ގާސިމަށް އދ.ގެ 2 ފަޅެއް ދީފި

ގާސިމަށް މި އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ ތިން ފަޅެއް ދީފައި؛ މި ފަޅުތައް ދީފައި ވަނީ ކޮމަންޑޫ ބައި-އިލެކްޝަންގައި ގާސިމް ކެމްޕޭން ކޮށްދެއްވި ފަހުން

ގދ. ކާޑެއްދޫ އެއާޕޯޓް ހިންގަން ވިލާ އެއާ ކުންފުންޏާ ހަވާލުކުރި އެއްބަސްވުމުގެ ދަށުން މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަށް އދ. އަތޮޅުގެ އިތުރު ދެ ފަޅެއް ދީފައިވާކަން ހާމަވެއްޖެ އެވެ.

މައްސަލައިގެ ފެށުން - ކާޑެއްދޫ އެއާޕޯޓު ހިންގަން ވިލާ އެއާއާ އެކު 50 އަހަރަށް ހަދާފައިވާ އެއްބަސްވުން 2017ގައި ސަރުކާރުން ބާތިލުކުރި މައްސަލައިގައި މޭ 2021ގައި ސުޕްރީމް ކޯޓުން ހުކުމް ކުރީ އެ އެއްބަސްވުން ބާތިލުކުރީ ގޯސްކޮށް ކަމަށެވެ. އެހެންކަމުން، ވިލާއަށް ބަދަލު ހޯދަން ދައުވާ ކުރެވޭނެ ކަމަށް ކޯޓުން ނިންމި އެވެ.

އެކަމާ ގުޅިގެން މިދިޔަ މާޗު 1ގައި ސަރުކާރުން ވަނީ ކާޑެއްދޫ އެއާޕޯޓް ގާސިމް އިބްރާހިމްގެ ވިލާ އެއާއާ ހަވާލުކުރުމަށް އެ ކުންފުންޏާ އެކު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

ވީ ކިހިނެއް؟ - މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން 'ދައުރު'ން ޓޫރިޒަމް މިނިސްޓްރީގައި އެދުމުން އެ މިނިސްޓްރީން ފޯރުކޮށްދިން މައުލޫމާތުތަކުގައިވާ ގޮތުގައި، ކާޑެއްދޫ އެއާޕޯޓް ތަރައްގީކޮށް ހިންގުމުގެ އެއްބަސްވުމުގެ ދަށުން ވިލާ އެއާއަށް އެންމެ ފުރަތަމަ ދީފައިވާ ބ. މާމެންދުއަކީ ހިމާޔަތްކޮށްފައިވާ ރަށަކަށް ވުމުން އެ ރަށުގެ ބަދަލުގައި މިހާރު ދީފައި ވަނީ އދ.ގައި އޮންނަ ލިލީ ބީޗު ރިސޯޓާ ކައިރިން ބޮޑު ދެ ފަޅެކެވެ. އެ ދެ ފަޅަކީ ޖެހިޖެހިގެން ކަހަލަ ގޮތަކަށް އޮންނަ ދެފަޅެވެ. އެގޮތުން ދީފައިވާ ދެ ފަޅަކީ:

  • 1-

    3°39'45.78"N 72°57’9.98”E: މިއީ ރިސޯޓް ހަދަން ދޫކުރި ފަޅެއް

  • 2-

    3°40'7.65”N 72°58’19.00”E: މިއީ ސަޕޯޓް ސާވިސްތައް ތަރައްގީކުރަން ދިން ފަޅެއް

ފާހަގަކޮށްލެވޭ ކަމެއް - ޓޫރިޒަމް މިނިސްޓްރީން ދިން މައުލޫމާތުތަކުގައިވާ ގޮތުގައި، އެ ދެ ފަޅު ވިލާއަށް ދީފައި ވަނީ ކާޑެއްދޫ އެއާޕޯޓް އެއްބަސްވުމުގައި ސޮއިކުރިތާ މަހެއްހާ ދުވަސް ފަހުން 18 އޭޕްރީލްގަ އެވެ. އޭގެ ކުރިން ގާސިމް ވަނީ ވާދަވެރިކަން ބޮޑުވި ކޮމަންޑޫ ބައި-އިލެކްޝަންގައި އެ ދާއިރާއަށް ވަޑައިގެން އެމްޑީޕީގެ ކެންޑިޑޭޓަށް ކެމްޕޭން ކޮށްދެއްވައިފަ އެވެ.

ގުޅުންހުރި ކަމެއް - ހަމަ އެ ތާރީހުގައި ގާސިމްގެ ވިލާ ޝިޕިންއަށް ވަނީ ތ. އެލާގެ ބަދަލުގައި ފެންފުށީ ފަޅުގެ ބޮޑު ބައެއް ވެސް ރިސޯޓް ތަރައްގީ ކުރުމަށް 99 އަހަރަށް ދޫކޮށްފަ އެވެ. އެހެންކަމުން މި އަހަރުގެ ތެރޭގައި ގާސިމްގެ ވިލާއަށް ސަރުކާރުން ވަނީ ޖުމްލަ ތިން ފަޅެއް ރިސޯޓް ހެދުމަށް ދޫކޮށްފަ އެވެ.


ކޮމެންޓް (1)

ދެހާސް ތޭވީސް

26 ޖޫން 2022
ދެހާސް ތޭވީހުގަ ކުރިމަތި ނުލާގޮތަށް ދޯ - ނޮޓް ބޭޑް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް