Majlis 2024

ޔާމީނަށް މިދިޔަ މަހު ހުކުމް ކުރި ވަގުތު މުއިއްޒު އާއި ގައްސާން ކޯޓުގެ ބޭރުގައި. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ޕީޕީއެމްގެ ޓިކެޓް ކޮން ބޭފުޅަކަށް؟

ސުވާލަކީ ރިޔާސީ އިންތިހާބު ބޯމަތިވެފައި ވާއިރު، ޕީޕީއެމްގެ ލީޑަޝިޕާއި އެ ޕާޓީގެ އެތައް ބަޔަކު 'ޔާމީން ޒިންދާބާދު' ކިޔާލަ ކިޔާލާ ތިބޭނީތޯ ނޫނީ އެ ނޫން ކެންޑިޑޭޓަކު ނެރޭނީތޯ އުފެދޭ ސުވާލެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމް ކުރި ދުވަހުގެ ފަހު ދުވަހު މާލެ އަތޮޅު ރަށެއްގެ ތަންކޮޅެއް އުމުރުން ދުވަސްވީ މީހަކާ އަޅުގަނޑާ ބައްދަލުވި އެވެ. އޭނާއަކީ އަޅުގަނޑު ކުރީއްސުރެ ދަންނަ މީހެކެވެ. އަޅުގަނޑު ފެންނަ އިރަށް އޭނާ ކައިރިއަށް ޖެހިލާފައި އެހި އެވެ؛ މިވީ ކިހިނެއް ހެއްޔެވެ؟ އޭނާގެ އެ ސުވާލަށް ޖަވާބު ދެމުން އަޅުގަނޑަށް ބުނެވުނީ މިހެންނެވެ؛ އެ މީހަކު ކުރި ކަމެއް އެ މީހަކާ ބައްދަލުކުރާނެ ނޫންތޯ އެވެ؟ އަދި ޕީޕީއެމުން ވެސް ވަގުތު ދުއްވާ ނުލައި ކުރަން އޮތް ކަމަކީ އިތުރު ކެންޑިޑޭޓެއް ނެރެ، އިންތިހާބަށް ތައްޔާރުވުން ނޫންތޯ އެވެ؟

އަޅުގަނޑުގެ އެ ވާހަކަ ނުނިމެނީސް އޭނާ ނައްޓާލައިފި އެވެ. އަދި ގޮވަގޮވައި އަޑެއް ވެސް ނޭހި އެވެ. ބުނީ "ކަލެއާ ވާހަކަ ދައްކަން ބޭނުމެއް ނޫން" ކަމަށެވެ. އެކަމަކު އެއާ ވިދިގެން ބުނީ، އޭނާއަކީ ފުރަތަމަ ޖުމުހޫރިއްޔާގެ ރައީސް މުހަންމަދު އަމީން ދީދީގެ ވެރިކަމުން ފެށިގެން ވެސް ސިޔާސީ ކަންކަން ގާތުން ބަލަމުން އަންނަ މީހެއް ކަމަށާއި ޔާމީންގެ މައްޗަށް ކުރީ ސިޔާސީ ހުކުމެއް ކަމަށެވެ.

ސުވާލެއް ނެތެވެ؛ ޕީޕީއެމްގެ ގިނަ މީހުންނަށް ޔާމީން ވަރެއް ނެތެވެ. އެކަން އެހެން ވާން ޖެހޭ ވެސް ގިނަ ސަބަބުތަކެއް އެބަ ހުއްޓެވެ. ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގައި ރައްޔިތުންގެ އަތްމަތި ތިޔާގިވި އެވެ. އަދި ރައްޔިތުންގެ ލާބަ އާއި މަންފާއަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ. ބޮޑަށް އިގްތިސާދު ކޮޅަށް ޖެހުމުގެ ގިނަ މަޝްރޫއުތަކެކެވެ. އޭގެ ތެރޭގައި ހުޅުމާލޭ ބުރިޖާއި ހުޅުމާލޭ ފޭސް ދޭކާއި އެއާޕޯޓް ތަރައްގީކުރުމުގެ ބިޔަ މަޝްރޫއު ފަދަ މަސައްކަތްތައް ހިމެނެ އެވެ. އެއިން ކޮންމެ ކަމަކީ ވެސް އިގްތިސާދަށް ދިރުން ގެނުވާނެ ކަންކަމެވެ. އޭގެ އިތުރަށް، ޔާމީން ސައުދީގެ ވެރިންނަށް ފ. އަތޮޅު ހިމިތި ކުއްޔަށް ދިނުމަށް ރޭވި މަޝްރޫއަކީ ވެސް ރާއްޖޭގެ އިގްތިސާދު އެތައް ގުނައަކަށް ކުރިއަރާނެ މަޝްރޫއުއެކެވެ. ނަމަވެސް، އޭރު އިދިކޮޅުގައި އޮތް އެމްޑީޕީން އެކަން ކުރިއަ ނުދިނީ އެވެ. ނަތީޖާއަކީ ސައުދީން އެ މަޝްރޫއުއަށް އަލްވަދާއު ކިއުމެވެ.

އޭރު އަޑު އެރުވިއަސް، އަޅުގަނޑުގެ ކުށް ކަމުގައި ނުވާ ނަމަ، އެ ސަރުކާރުން އުޅުނީ މުޅި ފ. އަތޮޅު ސައުދީގެ ވެރިންނަށް ކުއްޔަށް ދޭކަށެއް ނޫނެވެ. އަދި އަމުދުން ހިމިތި ވިއްކާލާކަށެއް ވެސް ނޫނެވެ. ސައުދީ ވެރިން ބޭނުންވީ ގާނޫނުއަސާސީން 99 އަހަރުގެ ކަށަވަރުކަން ހޯދުމެވެ. އުސޫލެއްގެ ގޮތުން ބަލާ އިރު އިހަކަށް ދުވަހު ސްވިޓްޒަލެންޑްގެ ކުންފުންޏަކަށް ނ. އަތޮޅު ފަޅަކާއި ރަށެއް 99 އަހަރަށް 27 މިލިއަން ޑޮލަރަށް ކުއްޔަށް ދިނުމާއި އެއާ މާ ބޮޑު ތަފާތެއް ނެތެވެ. ނަމަވެސް، މިއަދު ސަރުކާރު ހިންގަން ތިބި އެމްޑީޕީ ބޭފުޅުންނަށް އެއީ "ވަޓު ދަ ފާފެއް" ނޫނެވެ. އެއީ އިންވެސްޓްމަންޓެކެވެ. ތެދެކެވެ؛ އެއީ އިންވެސްޓްމަންޓެކެވެ. ހަމަ އެ ބީދައިން ހިމިތީގައި ހިންގަން އުޅުނީ ވެސް އިންވެސްޓްމަންޓެވެ. ތަފާތެއް ނެތެވެ. ތަފާތަކީ 99 އަހަރުގެ ޔަގީންކަން ގާނޫނުއަސާސީން ހޯދުމެވެ. 

ކުރީގެ ރައީސް ޔާމީނަށް އުފުލި ދައުވާގެ ހުކުމް އިއްވަން މިދިޔަ މަހު ބޭއްވި އަޑުއެހުމަށް އެ މަނިކުފާނު ގެއިން ކްރިމިނަލް ކޯޓަށް ވަޑައިގަންނަވަނީ. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އެއް ނަޒަރަކުން ބަލާ އިރު ޔާމީންގެ މައްޗަށް ކުރީ ސިޔާސީ ހުކުމެއް ކަމަށް ބުނެވިދާނެ ޖާގަ އެބަ އޮތެވެ. އެއީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ބޮޑެތި މޭސްތިރިން ފިނި ކޮޓަރީގައި  ބޭތިއްބުމަށް ފަހު އަދި އަނެއް ބަޔަކު އެ ލާރިން ރާއްޖެއިން ބޭރުގައި ވިޔަފާރިކުރުމަށް ދޫކޮށްލާފައި ތިބޭ އިރު، ޔާމީން ޖަލަށް ހުކުމް ކުރުމަކީ "ވިޗު ހަންޓް" ކުރުން ކަމަށް ބެލެވިދާނެތީ އެވެ. ނަމަވެސް، ޔާމީން ކުރެއްވި ކަމަކީ ޔާމީން ވެސް އެ ކަމެއްގެ ޒިންމާ ނަންގަވަން ޖެހޭނެ ކަންކަމެވެ. އެހެނީ ރައީސް ވިޔަފާރިކުރުން ގާނޫނު އަސާސީން މަނަ އެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން ޕާޓީތަކުން ސިޔާސީ ހަރަކާތްތައް ހިންގުމަށް ލިބޭ ފައިސާ ހުންނަން ޖެހޭނީ ޕާޓީގެ އެކައުންޓުގަ އެވެ. އަމިއްލަ އެކައުންޓަށް މިލިއަނުން މިލިއަނުން ޑޮލަރު ވަންނަ ނަމަ އެއީ މައްސަލައަކެވެ. އެއަށް ޖަވާބުދާރީ ވާން ޖެހޭނެ އެވެ.

އެ އުސޫލުން ބަލާ އިރު މި ސަރުކާރު ވެސް ވަކި އެ ކަންކަމުން އިސްތިސްނާވާ ކަމަށް ބެލެވޭކަށް ނެތެވެ. އަނެއްކާވެސް ބުނަން އޮތީ ތަފާތަކީ ކަން ކުރާ ގޮތް ކަމަށެވެ. ބައިވަރު މިސާލު ދެއްކިދާނެ އެވެ. ނަމަވެސް، އެއް މިސާލުން ފުއްދާލާނަމެވެ. އެއީ ނޫމަޑިއަށް ދިން 55 މިލިއަން ޑޮލަރުގެ ބަދަލެވެ. ބަދަލު ދިނުމާ އެކު އެ ކަމަށް އުފެއްދި ގަވައިދާއި ކޮމެޓީ ވެސް އުވާލީ އެވެ. މިއީ ކޮން އިންސާފެއްތޯ އެވެ؟

ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާ މެދު އަޅުގަނޑުގެ އޮންނަނީ ގަޑުބަޑު ހިޔާލެކެވެ. އެއް ނުކުތާއަކީ އެއްވެސް މީހަކު، ހާއްސަކޮށް ރައީސްކަން ކުރައްވާ ކޮންމެ ބޭފުޅެއްގެ ހަޔާތުގެ ބާކީ އޮތް ބައި ފުރަން ޖެހޭނީ ޖަލުގައި އޮންނަވައިގެން ކަމަށް އަޅުގަނޑަށް ގަބޫލު ނުކުރެވޭތީ އެވެ. އެހެނަސް އެއާ އިދިކޮޅަށް އަޅުގަނޑުގެ ނަފުސާ އަޅުގަނޑަށް ކުރެވޭ ސުވާލަކީ ވެރިއަކަށް ވަޑައިގަންނަވާ ބޭފުޅަކު ގާނޫނުއަސާސީގެ ބޭރުން، ހާއްސަކޮށް ދައުލަތަށް ލިބެން އޮންނަ ނަފާއެއް އެ ނޫން ގޮތަކަށް ބޭނުންކުރެއްވުމުން ވެސް ހަމަ މިނިވަންކޮށް ހުންނަންވީތޯ އުފެދޭ ސުވާލެވެ. އެ ސުވާލުގައި އަޅުގަނޑަށް ގަބޫލުކުރެވެނީ އެންމެ ކުޑަމިނުން އެ ނާޖާއިޒު ގޮތުން ހޯއްދެވި ފައިސާ ދައުލަތަށް ލިބެން ޖެހޭނެ ކަމަށެވެ. އެންމެ ކުޑަމިނުން އެ ވަރު ވާން ޖެހޭނެ އެވެ. އެހެން ނޫނީ ވެރިއަކަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކު އެ މަގު އިހުތިޔާރުކުރައްވާ ނަމަ، އެ ކަމުގައި ނިމުމެއް ނޯންނާނެ އެވެ. މިހާރު ވެސް އެކަން ނިމިފައި އޮތް ވާހަކައެއް ނޫނެވެ. ނަމަވެސް، ކޮންމެވެސް ވަރެއްގެ ޖެހިލުމެއް އޮންނާނެ ދެއްތޯ އެވެ.

ޔާމީން ވަނީ 11 އަހަރަށް ޖަލަށް ލައިފަ އެވެ. ސުވާލަކީ "ސަބަބުވެރި އިންސާނެއްގެ ސިކުނޑިން" ވިސްނާ އިރު މަތީ މަރުހަލާގެ ކޯޓުތަކުން އެ ހުކުމް އޭގެ އަނެއް ކޮޅަށް ބަދަލުވެދާނެތޯ އެވެ؟ އަޅުގަނޑުގެ ޖަވާބަކީ ނުވާނެ ކަމަށް ބުނުމެވެ. ސަބަބު ބައިވަރެވެ. ނަމަވެސް، ކުރިން ވެސް ބުނި ގޮތަށް ގާނޫނުއަސާސީ ތަން ނުދޭ ކަމެއް ކުރުމުން އެކަން އެ ނޫން ގޮތަކަށް ނިމިދާނެ ކަމަށް، އެ ބުނާ ސަބަބުވެރި ސިކުނޑިއަކަށް ނުވިސްނެ އެވެ.

ސުވާލަކީ ރިޔާސީ އިންތިހާބު ބޯމަތިވެފައި ވާއިރު، ޕީޕީއެމްގެ ލީޑަޝިޕާއި އެ ޕާޓީގެ އެތައް ހާސް ބަޔަކު "ޔާމީން ޒިންދާބާދު" ކިޔާލަ ކިޔާލާ ތިބޭނީތޯ ނޫނީ އެ ނޫން ކެންޑިޑޭޓަކު ނެރޭނީތޯ އުފެދޭ ސުވާލެވެ.

  • ޔާމީން ދޫކޮށްލުމަށް ގޮވާލައި ޕީޕީއެމްއިން ބޭއްވި ހިނގާލުމެއްގެ ތެރެއިން. (ދައުރު ފޮޓޯ/ އަބްދުﷲ ރިޒާ)
  • ޔާމީން ދޫކޮށްލުމަށް ގޮވާލައި ޕީޕީއެމްއިން ބޭއްވި ހިނގާލުމެއްގެ ތެރެއިން. (ދައުރު ފޮޓޯ/ އަބްދުﷲ ރިޒާ)
  • ޔާމީން ދޫކޮށްލުމަށް ގޮވާލައި ޕީޕީއެމްއިން ބޭއްވި ހިނގާލުމެއްގެ ތެރެއިން. (ދައުރު ފޮޓޯ/ އަބްދުﷲ ރިޒާ)

އެ ވާހަކަ ވެސް ދެ ނަޒަރިއްޔާއަކުން ދެއްކި ދާނެ އެވެ. އެއް ނަޒަރުން ޔާމީނަކީ ތަރައްގީގެ ކުރިބޯއްޓާ ހަމައަށް ވާސިލުވެފައިވާ، ތަޖުރިބާކާރު ލީޑަރެކެވެ. ހާއްސަކޮށް، ޕީޕީއެމްގައި ނެތް ފަދަ ލީޑަރެކެވެ. ނަމަވެސް، ޔާމީންގެ ފަސް އަހަރު ވެރިކަން ކުރެއްވި ގޮތަށް ބަލާ އިރު، އެ ވެރިކަން އަނބުރާ އިޔާދަ ވުމަށް ބޭނުން ނުވާ ވެސް އެތައް ހާސް ރައްޔިތުންނެއް އެބަ ތިއްބެވެ. ވަކިން ހާއްސަކޮށް، އެމްޑީޕީގެ ރައީސް މުހަންމަދު ނަޝީދެކޭ އެއް ފަދައިން، ޔާމީނާ އެކު ކޯލިޝަން ހައްދަވަން ބޭނުން ނުވާ ވަރަށް ގިނަ ބޭފުޅުން ތިއްބަވާނެ އެވެ. މާޒީން ފިލާވަޅު ލިބިގެންނެވެ. އެއީ ޔާމީނަށް އޮތް ގޮންޖެހުމެކެވެ. އެއާ ހިލާފަށް، ޕީޕީއެމްގެ އާ މޫނެއް، ހާއްސަކޮށް ނަތީޖާ ނެރެފައިވާ ކެންޑިޑޭޓަކު ނެރެފި ނަމަ، ވެރިކަން ޕީޕީއެމްއަށް ފުރޮޅާލުމުގެ ފުރުސަތު ވަކިން ކުޑައެއް ނޫނެވެ. އެހެނީ މި ސަރުކާރުގެ ދެ ފެކްޝަންގެ ތަޅާފޮޅުމާ އެކު އިދިކޮޅަށް ވެރިކަން ހޯދަން ފަސޭހަވާނެތީ އެވެ.

ދެން އޮތް ސުވާލަކީ ޕީޕީއެމްގެ ޓިކެޓް ލިބޭނީ ނޫނީ ދޭނީ ކޮން ބޭފުޅަކަށްތޯ އުފެދޭ ސުވާލެވެ. ފެންނަ ފެނުމަށް އެ ޓިކެޓަށް ކުރީ ސަފުން ވާދަކުރައްވަނީ މާލޭގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ މެންބަރު ގައްސާނު މައުމޫނެވެ. އެ ދެ ބޭފުޅުންނަށް ބަލާއިރު ތަޖުރިބާ ހުރި އަދި ސީޒަންޑް ޕޮލިޓީޝަނަކީ މުއިއްޒު އެވެ. އޭނާ ވަނީ ދެ ސަރުކާރެއްގައި މަސައްކަތް ކުރައްވައި ލީޑަޝިޕް ދައްކަވައިފަ އެވެ. ގައްސާނުގެ އެފަދަ ތަޖުރިބާއެއް ނެތެވެ. ނަމަވެސް، އޭނާއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދަރިކަލަކަށް ވުމުގެ އިތުރަށް، ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅަކަށްވާތީ އޭނާއަށް ހުރި ބެކިންތައް މުއިއްޒަށް ވުރެ ވަރުގަދަ ކަމަށް ބެލެވިދާނެ އެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު (ކ) އަދި ރައްޔިތުންގެ މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫން.

ދެކެވޭ ވާހަކަތަކާއި އިވޭ އަޑުތަކަށް ބަލާއިރު ޔާމީން ވެސް އެ ފުރުސަތު އެ ބޭފުޅުންނަށް ތަނަވަސްކޮށްދެއްވާނެ އެވެ. އެހެނީ ޔާމީނަށް ވެސް ޖަލުން މިނިވަންވެވޭނެ އެންމެ ކުރު މަގަކަށްވާނީ ޕީޕީއެމް އަލުން ވެރިކަމަށް އައުމުންކަން ޔާމީނަށް އޮޅިވަޑައިގަންނަވާނެ ކަމަކަށް ނުބެލެވެ. ނަމަވެސް، އެ ބޭފުޅުންގެ ތެރެއިން ޔާމީން ބޮޑަށް ގަޔާވާނީ ކޮން ބޭފުޅަކާ ކަމެއް އަދި ސާފެއް ނޫނެވެ. ޔަގީންވާ ކަމަކީ ޕީޕީއެމްގެ ޓިކެޓް ފުރޮޅޭނީ ޔާމީން ބޭނުންވާ ދިމާޔަކަށް ކަމެވެ. އަދި ޔާމީންގެ ފަހުގެ ޖަލްސާތަކާއި ޕްރެސް ކޮންފަރެންސްތަކަށް ބަލާ އިރު ވެސް، ޔާމީން ވިދާޅުވެފައި ހުރީ ޕީޕީއެމްގެ ވެރިކަމެއް އޮތުމަށް ބާރު ދޭ ގޮތަށެވެ. ސީދާ އެ މަނިކުފާނު ވެރިކަމަށް ވަޑައިގަންނަވާ ވާހަކައެއް ނޫނެވެ. 

އެހެންކަމާ އެކު، ޔާމީން އެ ފުރުސަތު ތަނަވަސްކޮށްދެއްވައި، ޕީޕީއެމް އިން ކެންޑިޑޭޓަކު ނެރޭނެ އެވެ. ސުވާލަކީ އެ ކެންޑިޑޭޓަކީ ކޮން ބޭފުޅެއްތޯ އެވެ؟

ކޮމެންޓް (9)

ދައުރު

12 ޖެނުއަރީ 2023
އަދުރޭއަށް ދޭންވީ
1 4

ނަންއޮންނާނެ

12 ޖެނުއަރީ 2023
ތި ދެމީހުންކުރެ އެކަކަށްވެސް ޓިކެޓް ދޭނެކަމަކަށް ނުބެލެވެއެވެ. ޓިކެޓް ލިބޭނެކަމަށް ބެލެވޭ މިހާ އަދި ޗާޓަކުން ނުފެނެއެވެ.
0 2

އިދުރީސިއްޔާ

12 ޖެނުއަރީ 2023
ރަނގަޅު. މުއިއްޒުތީ ތަޖުރިބާ ހުރި މީހެއް. ޢަދާލަތުން، އެމްޑީއޭއިން، ޕީޕީއެމް/ޕީއެންސީއަށް ފުންމާފަ ހުރިއިރު، ހުންނާނެ ތަޖުރިބާތަކެއް ލިބިފަ
4 2

ޚައްދަ

12 ޖެނުއަރީ 2023
ހިރިގާ ދިރާސާ ނެހެދީކަމެއް ނޫނީ ގަސްތުގައި އޮއްބާލީކީ ނޫންބާ؟ ޣައްސާނަކީ ރައީސް މައުމޫނުގާތުގައި އެތަށް ސިޔާސީ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް. ރައީސް ޔާމީންގެ ކެބިނެޓުގައި ވަޒީރެއް. މަޖިލިސް މެންބަރެއް. އޭނާގެ ހަމައެކަނި ކޮލިފިކޭޝަނަކީ އާއިލީ ނަސަބުކަމަށް ބުނުމަކީ ލަދެއް. ޑޫ ޔުއަރ ރިސާޗް ބެޓަރ.
6 3

އިބްރާހިމް

12 ޖެނުއަރީ 2023
އެނަލިސިސް މުޅިއަކުން ދެކޮޅުނުޖެހޭ. ޑރ ވަހީދު އަކީވެސް ޓިކެޓް ވިންކުރުން ވަރަށް ގާތް މީހެއް. ޔާމީނަށް ވެރިކަމަށް އެންމެ އަވަހަށް އާދެވޭނެ މަގަކީ ވަހީދު.
4 9

12345687

12 ޖެނުއަރީ 2023
"ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގައި ރައްޔިތުންގެ އަތްމަތި ތިޔާގިވި އެވެ." ލިޔުންތެރިޔާ މީތި ތަފްސީލުކޮއްދެއްވުން އެދެމެވެ. ރަގަޅެވެ. ޔާމީނު ކައިރީގައި ތިބި ބަޔަކު ތިޔާގިވިއެވެ. އެކަމު ދެންތިބި ރައްޔަތުންނަށް ޖީބަށް ކުރިއެރުންތަކެއް ލިބުނުތަނެއް ނުދެކެމެވެ.
7 12

ހާއިރު

12 ޖެނުއަރީ 2023
މުއިއްޒު ތީހަމަ ޔާމީނަށް ބޮޑު ލަޑެއްދީފާނެ މީހެއް ގައްސާނު ބެސްޓް ދެގޮތެއްނުވާނެ
6 4

މުޙައްމަދު

12 ޖެނުއަރީ 2023
ގައްސާނު ދޯ
3 2

އެކުވެރި

12 ޖެނުއަރީ 2023
@މުޙައްމަދު ޣަށްސާނު އެންމެ ރަގަޅީ ޓިކެޓްދޭން ވަރަށް ވަރަށް ސާފް
5 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް