މަޖިލީހުގެ ޖަލްސާއެއްގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވާހަކަދައްކަވަނީ. (ފޮޓޯ/ މަޖިލިސް)

އަންހެން ކައުންސިލަރުންނާއި ކޮމިޓީއަށް ދިމާވާ ދަތިތައް ބަލަން ކޮމިޓީއަށް ފޮނުވައިފި

މަސައްކަތްކުރުމުގައި ދިމާވާ ދަތިތައް ފާހަގަކުރަން މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީން އެސެސްމަންޓެއް ހަދާނެ
18 އޭޕްރީލު 2022

ކައުންސިލްތަކުގައި ތިއްބަވާ އަންހެން މެމްބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުންނަށް އެ މީހުންގެ މަސްއޫލިއްޔަތު އަދާކުރަން ދިމާވާ ދަތިތައް ދެނެގަތުމަށް ހުށަހެޅި ގަރާރު ދިރާސާކުރުމަށް މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ފޮނުވަން މިއަދު ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅުއްވި މި ގަރާރު ކޮމިޓީއަށް ފޮނުވަން ފެންނަ ކަމަށް 47 މެމްބަރުން ވޯޓު ދެއްވި އެވެ.

ތަފްސީލް - އީވާ ހުށަހެޅުއްވި ގަރާރުގައި ވަނީ، އަންހެން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދިމާވާ ހުރަސްތަކާއި ގޮންޖެހުންތަކާއި މަސައްކަތްކުރުމުގައި ދިމާވާ ދަތިތައް ފާހަގަކުރަން މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީން އެސެސްމަންޓެއް ހަދަން ހުށަހަޅުއްވާފަ އެވެ.

އަންހެން ކައުންސިލަރުންނާއި ކޮމިޓީ މެމްބަރުންނަށް ކުރިމަތިވާ ދަތިތައް:

  • މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު ނުލިބުން

  • މަޝްވަރާތަކުގައި ބައިވެރިނުކުރުން

  • ހަމައެކަނި ކެއްކުން ފަދަ މަސައްކަތް ހަވާލުކުރުން

  • ހަމައެކަނި މެހެމާނުންނަށް މަރުހަބާކިޔަން ސަފަށް އެރުވުން؛ ގިނަ ފަހަރު ސަފުން ވެސް ޖާގަ ނުލިބޭ

  • ބަޖެޓުގެ ދަތިކަން

ގަރާރާ އެކު، އަންހެން ކައުންސިލަރުންނާއި ކޮމިޓީ މެމްބަރުންނަށް އިތުރު ދުއްތުރާތަކެއް

މިދިޔަ ބުދަ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އީވާ ވިދާޅުވީ މި ގަރާރު މަޖިލީހަށް ހުށަހެޅުމާ އެކު ވެސް އަންހެން ކައުންސިލަރުންނާއި ކޮމިޓީގެ މެމްބަރުންނަށް ކުރިމަތިވާ އުނދަގޫތައް ބޮޑުވިކަމުގެ ޝަކުވާ ލިބިވަޑައިގެންނެވި ކަމަށެވެ. އެތައް ކައުންސިލެއްގެ ފަރާތުން މިފަދަ ޝަކުވާތަކެއް ލިބުނު ނަމަވެސް، އެއީ ކޮން ރަށްތަކެއްކަން ހާމަކުރަން ބޭނުންވެވަޑައިނުގަންނަވަނީ، އޭނާ ވިދާޅުވި ގޮތުގައި، ނިޒާމު ހަރުދަނާ ކުރަން ބޭނުންވެވަޑައިގަންނަވާތީ އެވެ.

"އެތައް ބައިވަރު ޑަބްލިއުޑީސީއެއްގެ މެމްބަރުންނާއި އެތައް ބައިވަރު ކައުންސިލެއްގެ އަންހެން މެމްބަރުން އަޅުގަނޑަށް އަނެއްކާ ވެސް ވާހަކަތަކެއް ފޮނުވައިފި. މި ގަރާރު ލުމުން ވެސް އެ މީހުންނަށް އިތުރު ދުއްތުރާތަކަކާ އެބަ ދިމާވެއޭ،" އީވާ ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް