Majlis 2024

އިދިކޮޅު ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: އެ ކޯލިޝަނުން ވަނީ މަސްދަރު ހާމަ ކުރަން މަޖުބުރޫ ކުރުމާ ދެކޮޅަށް ވާހަކަ ދައްކަވާފައި(ދައުރު ފޮޓޯ/އަބދުﷲ ޔަޝާއު)

ނޫސްވެރިކަން

މަސްދަރު ހާމަކުރަން މަޖުބޫރު ކުރުމަކީ އިޔާދަ ނުކުރެވޭނެ ގެއްލުން ލިބޭނެ ކަމެއް: އިދިކޮޅު

މަސްދަރު ހާމަ ކުރަން މަޖުބޫރުވާ ގޮތަށް އިއްޔެ މަޖިލީހުން ވަނީ ހެއްކާ ބެހޭ ބިލު ފާސްކޮށްފައި

އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ހެއްކާ ބެހޭ ބިލުން، ނޫސްވެރިން ލިޔާ ހަބަރުތަކުގެ މަސްދަރު ހާމަ ކުރަން މަޖުބޫރުވާ ގޮތަށް ހެދުމަކީ ޑިމޮކްރަސީއާ ވަރަށް ބީރަށްްޓެހި ކަމެއް ކަމަށާއި އެއީ އޭގެ ސަބަބުން ގައުމަށް އިއާދަ ނުކުރެވޭނެ ގެއްލުން ލިބޭނެ ކަމެއްގެ ގޮތުގައި އިދިކޮޅު މަޖިލިސް މެންބަރުން ސިފަކޮށްފި އެވެ.

ވީ ކިހިނެއް؟ - ބައެއް ހާލަތްތަކުގައި ނޫސްވެރިން ލިޔާ ހަބަރުތަކުގެ މަސްދަރު ހާމަ ކުރަން މަޖުބޫރުކުރަން ކޯޓުން ކަނޑައެޅޭނެ ގޮތަށް އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ހެއްކާ ބެހޭ ބިލު ވަނީ ޔެ އިއްފާސްކޮށްފަ އެވެ. މިގޮތަށް ފާސްކޮށްފައިވަނީ، އެ ބިލާމެދު ނޫސްވެރިންގެ ކަންބޮޑުވުން ހުރިކަމަށް ބުނަމުން ދަނިކޮށެވެ. އަދި ނޫސްވެރިން ވަނީ އިއްޔެ މަޖިލީސް އިދާރާ ކުރިމަތީގައި އެކަމާ ގުޅިގެން އިހްތިޖާޖްވެސް ކޮށްފަ އެވެ.

މަސްދަރު ހާމަކުރަންޖެހޭ އިސްލާހާ ދެކޮޅަށް ނޫސްވެރިން މަޖިލިސް ދޮށުގައި އިއްޔެ  އިހުތިޖާޖު ކުރަނީ: މަޖިލީހުން އިއްޔެ ވަނީ އެ ބިލު ފާސްކޮށްފައި (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ތަފްސީލު - އެ ބިލާ މެދު އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ފަރާތުން ވާހަކަ ދެއްކެވި ދެ މެންބަރުންވެސް ވަނީ އެ ބިލުގައި ނޫސްވެރިންނަށް މަސްދަރު ހާމަ ކުރަން މަޖުބޫރުވާ ގޮތަށް އޮތް މާއްދާއާ ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ.

ބިލަށް ފުރަތަމަ ވާހަކަ ދެއްކެވި ޕީޕީއެމްގެ ފަރަސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ:

  • ނޫސްވެރިކަން ކުރުމަކީ ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ މިނިވަން ކަމެއް ކަމަށް 

  • އެ މަސައްކަތުގެ ތެރެއިން ނޫސްވެރިން ލިޔާ ހަބަރެއްގެ މަސްދަރު ހާމަ ކުރަން އެއްވެސް މީހަކު މަޖުބޫރުކޮށްގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކުރާކަން ފާހަގަކުރި

"އެހެންވީމަ، މިހާރު އެ ގެނެވިފައިވާ އިސްލާހުގައި މަސްދަރު ހޯދުމަށްޓަކައި ހުށަހެޅިފައި އޮތްކަމީ އެއީ އިއްޒަތްތެރި ރައީސް، ވަރަށް ވެސް ޑިމޮކްރަސީއާ ބީރައްޓެހި އިސްލާހެއް ކަމުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުން،" ހުސައިން ވިދާޅުވި އެވެ.

ފަރެސްމާތޮޑާ ދާއިރާ މެންބަރު ހުސައިން މުހައްމަދު ލަތީފު މަޖިލިސް ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/މަޖިލިސް)

ނޫސްވެރިންނަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވި އަބުރުގެ ގާނޫނު އިސްލާހު ކުރި 18 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް ޕީޕިއެމްގެ މެންބަރެއްގެ ގޮތުގައި އިންނެވި ހުސައިން ވިދާޅުވީ:

  • ރާއްޖެ ސޮއިކޮށްފައިވާ ބައެއް އެބަސްވުންތަކާއި މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއަހަދާގައިވެސް ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތް މިންވަރަށްވުރެވެސް ބޮޑަށް އިސްލާހުގެ ސަބަބުން އެ ހައްގުތައް ހަނިވޭ

  • އެމްޑީޕީއަކީ ޑިމޮކްރަސީގެ ވާހަކަ އެންމެ ގަދައައަށް ދައްކާ ބައެއްކަން ފާހަގަ ކުރައްވާ ވިދާޅުވީ، ވެރިކަން ލިބުނީމަ މިހާރު މަސައްކަތް ކުރަމުން ދަނީ "އަނގަމަތީ ޓޭޕްއަޅަން" ކަމަށް 

  • އެކަމުގެ ނަތީޖާ ހިތިވާނެ ކަމަށް އޭނާ ވިދާޅުވި

"އެ ކުރެވޭ ވައްކަމާއި ކޮރަޕްޝަނުގެ އަމަލުތަކުގެ މައުލޫމާތުތައް ރައްޔިތުންނާ ހަމައަށް ތިލަކޮށްދޭ ފަރާތްތަކުގެ އަނގަ ބަންދުކުރުމަށްޓަކައި މި މަސައްކަތް މި ކުރަނީ. މަޖުބޫރު މިކުރަނީ އެ މައުލޫމާތުތައް ތާޒާކަންމަތީ ފޯރުކޮށް ނުދިމަށްޓަކައި[ގެންނަ އިސްލާހެއް]،"ހުސައިން ވިދާޅުވި އެވެ.

"މިއަދު އެ އޮތީ ރައްޔިތުންގެ އަނގަ ބަންދުކުރުމަށްޓަކައި ކަންކަން ފެށިފައި."

'ނޫސްވެރިކަމުގެ މުޅި މަސައްކަތަށް ހުރަސް އެޅޭނެ'

ޕީއެންސީގެ ފަރާތުން ވާހަކަ ދެއްކެވި އެ ޕާޓީގެ ނައިބު ރައީސް، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ، މިޑިއާއަކީ ގައުމުގެ ހާލަތު ރައްޔިތުންނާ ހަމައަށް ގެނެސް ދިނުމަށް ޒިންމާދާރު މަސައްކަތްތަކެއް ކުރާ ބައެއް ކަމަށާއި އެމީހުންގެ މަސައްކަތްތައް ހުރަސް އެޅޭ ގޮތަށް މިފަދަ ބިލެއް އޮތުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

"[ނޫސްވެރިން] މަސްދަރު ހާމަކޮށްފިނަމަ، އޭގެ ޒާތުގައި އެބޭފުޅުންގެ ފުރާނައަށް ވެސް އަދި މުޅި މަސައްކަތުގެ ސައްހަކަަމަށް ވެސް އަދި ކުރިއަށް އޮތް ތަނުގައި އެ މަސައްކަތަކަށް ވެސް ހުރަސް އެޅިގެންދާނެ ބޮޑެތި، އޭގެ ޒާތުގައި ދަތި އުދަނގޫ މަސައްކަތެއް،" މި ބިލާމެދު ފުންކޮށް ވިސްނުމަށް އެދިވަޑައިގެން އާދަމް ޝަރީފް ވިދާޅުވި އެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ (ފޮޓޯ/ މަޖިލިސް)

އާދަމް ޝަރީފް ވިދާޅުވީ، ބިލުން ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރުކުރުމަކީ، މިވެރިކަމުގައިވެސް އަދި ދެން އަންނަ އޮތް ވެރިކަމެއްގައިވެސް އޭގެ ސަބަބުން "މީޑިއާގެ ބާރު ވަރަށް ބޮޑަށް ކެނޑިގެން ހިނގައިދާނެ" ކަމެއް ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުން މިއަށް ރަނގަޅު ހައްލެއް ނުހޯދިއްޖެ ކަމަށް ވާނަމަ، އަޅުގަނޑު ދަންނަވާނީ މީގެ ސަބަބުން އަޅުގަނޑުމެންނަށް އިއާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިދޭނެ،" ޝަރީފްގެ ވާހަކަ ނިންމާލަމުން އޭނާ ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން-

އިތުރު އާޓިކަލް

އިތުރު އާޓިކަލް