ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ގާނިމް، ފިލްމީ ތަރި މޯގަން ފްރީމަންއާ އެކު.

ގާނިމްގެ މެސެޖް މުޅި ދުނިޔެ އަހައިފި، އޭނާ ވެސް މުޅި ދުނިޔެއަށް

ގާނިމްއަކީ މިހާރު ވެސް ތަރިއެއް، އޭނާ އަންނަނީ ވީލްޗެއާ ބޭނުންވާ މީހުންނަށް އެހީތެރިވާން ހާއްސަ ޖަމިއްޔާއެއް ވެސް ހިންގަމުން
21 ނޮވެމްބަރު 2022
2

ގަތަރުގެ ވޯލްޑް ކަޕް ފެށުމުގެ ރަސްމިއްޔާތުގައި ރޭ މުޅި ދުނިޔޭގެ ނަޒަރު ހުއްޓުނު އެކަކީ އުމުރުން 20 އަހަރުގެ ގާނިމް އަލްމުފްތާހު އެވެ. ހޮލީވުޑްގެ މަޝްހޫރު ތަރި މޯގަން ފްރީމަންއާ އެކު އޭނާ ވަނީ ދުނިޔެއަށް މުހިންމު މެސެޖެއް ރައްދުކޮށްދީފަ އެވެ.

"[ވޯލްޑް ކަޕް]ގެ އެމްބެސެޑަރެއްގެ ހައިސިއްޔަތުން އަހަރެން ބޭނުންވަނީ އުއްމީދުގެ މެސެޖެއް ދޭން، އެއީ އެއްވެސް މީހަކު ބާކީނުކުރުން، ސުލްހަ އާއި އެއްބައިވަންތަކަމާ އެކު އިންސާނިއްޔަތު ގުޅިލާމެހުން،" ދުނިޔޭގެ އެތައް ބިލިއަން ބަޔަކު ވަގުތުން ބަލަމުން ދިޔަ ރަސްމިއްޔާތުގައި ގާނިމް ބުންޏެވެ.

ދުނިޔެއިން ވަރަށް މަދުން ނޫނީ ނުފެން ބާވަތެއްގެ ބައްޔެއްގެ ސަބަބުން އުނަގަނޑުން ތިރި ނުއުފެދުމުގެ މައްސަލަ ތަހައްމަލްކުރަމުން ދާ ގާނިމްއަކީ ހިތްވަރު ގަދަ ޒުވާނެކެވެ. އޭނާގެ ނުކުޅެދުންތެރިކަމަކީ ހުރަހެއް ކަމަކަށް ނުބަލަ އެވެ. ޔޫޓިއުބް އާއި އިންސްޓަގްރާމް ފަދަ ޕްލެޓްފޯމްތަކުގައި މަޝްހޫރެވެ.

އެކަމަކު މުޅި ދުނިޔޭގެ ސަމާލުކަން އޭނާއަށް ހުއްޓުނީ ރޭގެ ރަސްމިއްޔާތުގެ އެވަގުތުކޮޅާ އެކުގަ އެވެ.

ގާނިމް އަލްމުފްތާހު ފުޓްބޯޅަ ކުޅެނީ: އޭނާއަކީ ކުޅިވަރަަށް ލޯބިކުރާ ޒުވާނެއް

ގާނިމްގެ ސިއްހީ ބޮޑު މައްސަލައެއް ހުރިކަން މަންމައަށް އެނގުމުން، ދަރިފުޅު ވައްޓާލަން އެތައް ބަޔަކު އިރުޝާދުދިނެވެ. ނަމަވެސް ގާނިމްގެ މަންމަ ބޭނުންވީ، އެއްމާބަނޑު އަނެއް ދަރިފުޅާ އެކު ގާނިމް ވެސް ދުނިޔެ ދެކޭށެވެ. ޑޮކްޓަރުން ބުނީ އުމުރުން 15 އަހަރު ވަންދެން ވެސް ދުނިޔޭގައި ހުރުމުގެ ފުރުސަތު ކުޑަ ކަމަށެވެ.

ނަމަވެސް މިއަދު ގާނިމްއަކީ ގަތަރުގައި އެންމެ ޒުވާން އެއް ވިޔަފާރިވެރިޔާ އެވެ. އޭނާ އަންނަނީ އައިސްކްރީމްއަށް ހާއްސަ ވިޔަފާރިއެއް ހިންގަމުންނެވެ. އެހެން ކުދިންނާ އެކު ކުޅިވަރުތަކުގައި ބައިވެރިވާން ބޭނުންވެ އެވެ. އެގޮތުން ސްކޫލް ދުވަސްވަރު ފުޓްބޯޅަ ވެސް ކުޅުނެވެ. އެކަމަކު ފައި ނެތުމުން، އަތަށް ބޫޓު ލައްވައިގެންނެވެ.

ގާނިމް އަލްމުފްތާހު: ގަތަރުގައި އޭނާ އަންނަނީ ވިޔަފާރި ވެސް ހިންގަމުން

ގަލްފުގައި ހުރި އެންމެ އުސް ފަރުބަދަ ކަމަށްވާ ޖަބެލް ޝަމްސްގެ ކޮޅަށް އޭނާ އެރުމަކީ ވެސް، ހިތްވަރުގަދަކަމުގެ މިސާލެކެވެ.

ގާނިމްގެ އުއްމީދު ބޮޑެވެ. އޭނާ މިހާރު އަންނަނީ ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރަމުންނެވެ. އުއްމީދަކީ ކޮންމެވެސް ދުވަހަކުން ގަތަރުގެ ފޮރިން މިނިސްޓަރުކަން ކުރުމެވެ.

ހިތްހޮޔޮކަމަކީ އޭނާގެ ހާއްސަ ސިފައެކެވެ. މިހާރު ވެސް އޭނާ ގެންދަނީ އެސޯސިއޭޝަން އޮފް ގާނިމްގެ ނަމުގައި ޖަމިއްޔާއެއް އުފައްދައި، ވީލްޗެއާ ބޭނުންވާ މީހުންނަށް އެހީތެރިވަމުންނެވެ.

ސޯޝަލް މީޑިއާގައި ވެސް އޭނާގެ ނުފޫޒު ގަދަ އެވެ. އެގޮތުން އިންސްޓަގްރާމްގައި ތިން މިލިއަން ފޮލޯވަރުން ހިމެނެ އެވެ.

ކޮމެންޓް (2)

ފަތުހާ

21 ނޮވެމްބަރު 2022
އަޑު އަހައިފިން
0 0

ސޮރު

21 ނޮވެމްބަރު 2022
ހިތްވަރު ގަދަ ސޮރެއް. ނަމޫނާ ސޮރެއް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް