Majlis 2024

ކޮރަލް ބްލީޗްވުމުގެ ސަބަބުން މަރުވެފައިވާ މުރަކައިގެ ފަރެއް: (ފޮޓޯ/އަލީ ރަފީގް)

ގާ ހުދުވުމުގެ މައްސަލަ ގޯސްވެދާނެ؛ ފާހަގަކުރެވޭ އަތޮޅުތަކުން އަންގަން އެދިއްޖެ

ކޮންމެ އަހަރެއްގެ މި ދުވަސްވަރު ހޫނުގަދަވާތީ ގާ ހުދުވުމުގެ ފުރުސަތު ބޮޑު

ހޫނު ގަދަވެ، މި ދުވަސްވަރު ގާ ހުދުވުމުގެ ފުރުސަތު އޮތްއިރު، ކުރިއަށް އޮތް ހަފްތާތަކުގައި އެ މައްސަލަ ގޯސްވެދާނެ ކަމަށް ލަފާކުރެވޭތީ ގާ ހުދުވުމުގެ މައްސަލަ ދިމާވާ އަތޮޅުތަކުން އެކަން ރިޕޯޓު ކުރުމަށް މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން އެދިއްޖެ އެވެ.

އެނގުން މުހިއްމު - ކޮންމެ އަހަރެއްގެ ވެސް ފެބުރުއަރީ އާއި މެއި މަހާ ދެމެދު ރާއްޖޭގެ ކަނޑުތަކުގެ ފިނިހޫނުމިން މައްޗަށް ގޮސް، ގާ ހުދުވުމުގެ މައްސަލަ ދިމާވެ އެވެ. މިހާތަނަށް ބެލި ބެލުމުން، ރާއްޖޭގެ ހުރިހާ އަތޮޅެއް އޮތީ 'ބްލީޗިން ވޮޗް' ލިސްޓުގަ އެވެ.

އެ އިންސްޓިޓިއުޓުން މިދިޔަ މަހު ކުރީކޮޅު އާއްމުކުރި މައުލޫމާތުތަކަށް ބަލާއިރު:

  • 1-4 ހަފްތާ: އައްޑޫ އަދި ހުވަދޫ 'ބްލީޗިން ވޮޗް' އެލާޓް ލެވެލްއަށް ދާނެ

  • 9-12 ހަފްތާ: ރާއްޖޭގެ ބޮޑު ސަރަހައްދެއް 'ވޯނިން' ލެވެލްއަށް ދާނެ

މުޅި ރާއްޖެއަށް ބަލާއިރު ގާ ހުދުވުމުގެ މައްސަލަ ގޯސްވިޔަސް، ދެކުނު ސަރަހައްދުގެ ހާލަތު ވަނީ ރަނގަޅުވެފަ އެވެ. އެގޮތުން:

  • ފަސް ހަފުތާ ނުވަނީސް މުޅި ރާއްޖެ ވަނީ 'ވޯނިން' ލެވެލްގައި

  • އައްޑޫ އަދި ހުވަދޫ 'ބްލީޗް ވޮޗް'އަކަށް ނުދޭ

ބުނީ ކީކޭ؟ - އެމްއެމްއާރުއައިގެ މެރިން ބަޔޮލޮޖިސްޓު ފާތިމަތު ހަނާ އާމިރު މިއަދު ވިދާޅުވީ މިދިޔަ މަހުން ފެށިގެން މިހާތަނަށް ދެ އަތޮޅަކުން ގާ ހުދުމުގެ މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެކަމަކު އެއީ މުރަކަތަކުގެ ވަރަށް ކުޑަ މިންވަރެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

ކުރިއަށް އޮތް ތަނުގައި ހާލަތު ގޯސްވެދާނެތީ އެކަން ރިޕޯޓުކުރުމަށް އެމްއެމްއާރުއައިން ވަނީ ހުޅުވާލާފަ އެވެ.

ގާ ހުުދުވުމުގެ މައްސަލަ މިހާރު އޮތް ހާލަތު ފެންނަ ފޮޓޯއެއް.

ގާ ހުދުވާން ދިމާވާ ދުވަސްވަރު އެކަން އެ ސެންޓަރުން މޮނިޓާ ކުރަނީ އާންމު ފަރާތްތަކުގެ އެހީގަ އެވެ. އެއީ އެ ތަނުން އަމިއްލައަށް މުޅި ރާއްޖޭގެ ފަރުތައް މޮނިޓާ ކުރާނެ ވަސީލަތްތައް ނެތުމުންނެވެ.

ގާ ހުދުވުމުގައި މިހާރުގެ ހާލަތު:

  • މެދު ރާއްޖެތެރޭގެ ބައެއް އަތޮޅުތައް މިހާރު އޮތީ 'ވޯނިން' އެލާޓުގައި

  • އުތުރާއި ދެކުނުގެ އަތޮޅުތައް އޮތީ 'ވޮޗް އެލާޓް'ގައި

އެނގުން މުހިންމު - ރާއްޖޭގައި މީގެ ކުރިން ގާ ހުދުވުމުގެ މައްސަލަ އެންމެ ގޯސްވެެފައިވަނީ 1998ގަ އެވެ. އޭގެ ފަހުން 2016ގައި ވެސް ރާއްޖޭގެ ފަރުތަކުގެ މުރަކައިގެ %73 މަރުވި އެވެ.

  • ގާ ހުދުވުމުގެ މައްސަލައަށް ދާއިމި ހައްލެއް ނެތް، އެކަމަކު މުރަކަތަަކަށް ލިބޭ ގެއްލުން ކުޑަކުރަން މަސައްކަތް ކުރެވިދާނެ

  • އެއީ ގާ ހުދުވާ ދުވަސްވަރު ފަރުތަކަށް ގެއްލުންވާ އެހެން ކަންކަން ވީހާ ވެސް މަދުކުރުން

ރާއްޖޭގެ ފަރުތަކުގެ ބޮޑު ސަރަހައްދެއް ސާވޭކޮށް، މިދިޔަ އަހަރު ހެދި 'ނޫ ރާއްޖެ ދިރާސާ'އިން ދައްކާ ގޮތުގައި، 2016ގައި ހިނގި ގާ ހުދުވުމުގެ ހާދިސާއަށް ފަހު ރާއްޖޭގެ ފަރުތައް އަންނަނީ އިއާދަވަމުންނެވެ. އެ ދިރާސާގައި މައިގަނޑު ގޮތެއްގައި ބަލާފައި ވަނީ ފަރުތަކުގައި ހުރި ކުދި މުރަކައިގެ އާބާދީއަށާއި ފަރުތަކުގައި އުޅޭ ދިރުންތަކުގެ އާބާދީއަށެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް