Majlis 2024

ގަތަރު ވޯލްޑް ކަޕްގައި ބްރެޒިލް އާއި ސާބިއާ ބައްދަލުކުރި މެޗު ބަލަން ދަނޑަށް ވަން ދިވެހިން ދިވެހި ދިދައެއް ހިފަހައްޓައިގެން

ގަތަރުގައި ދިރިއުޅޭ ދިވެހިން ވޯލްޑް ކަޕްގައި ވިހުރުވައިލީ ދިވެހި ދިދަ

ދިވެހި ގްރޫޕްތަކުން ވަނީ ގިނަ މެޗުތަކެއްގެ ޓިކެޓް ހޯދައި، ވޯލްޑް ކަޕް ފޯރީގައި ރަނގަޅަށް ޖެހިފައި
26 ނޮވެމްބަރު 2022

މުހިންމު ނުކުތާތައް

މާލެ އާއި އަތޮޅުތަކެކޭ އެއްގޮތަށް ގަތަރުގައި އުޅޭ ދިވެހިންގެ ވެސް މިވަގުތުގެ ބޮޑު އުފަލަކީ ވޯލްޑް ކަޕް

އެ މީހުން މެޗު ބަލަން ދަނީ ދިވެހި ދިދަ ހިފައިގެން

ކުރިއަށް ހުރި ވަރުގަދަ މެޗުތަކުގައި ވެސް ދިވެހި ދިދަ ވިހުރުވައިލާނެ

މާލެ އާއި އަތޮޅުތަކުގައި އުޅޭ ދިވެހިން ފުޓުބޯޅައިގެ ފޯރީގައި ޖެހިގެން އުޅޭ އިރު، ވޯލްޑް ކަޕްގެ މެޗުތައް ކުޅެމުންދާ ގައުމުގައި ދިރިއުޅޭ ދިވެހިންގެ މި ފޯރި ވަކިން ގަދަވާނެކަން ޔަގީނެވެ.

ދޯހާގައި ރާއްޖޭގެ އިންޖިނިއަރުންނާއި އެއާޓްރެފިކް ކޮންޓްރޯލަރުންނާއި ޕައިލެޓުން ވެސް ރަސްމީ ވަޒީފާތަކުގައި އުޅެ އެވެ. އެ އެންމެން ކަހަލަ ގޮތަކަށް އަންނަނީ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ފޯރީގައި ބައިވެރިވަމުންނެވެ. އަދި ބައެއް ގްރޫޕްތައް ސްޓޭޑިއަމްގައި ރާއްޖޭގެ ދިދަ ވެސް ގެންގުޅެ އެވެ.

ދޯހާގައި ދިރިއުޅެމުން އަންނަ ދިވެއްސަކު ބުނީ ވޯލްޑް ކަޕާ ދިމާކޮށް ދޯހާގައި ކުރިއަށް ގެންދިޔަ ތަފާތު އިވެންޓްތަކުގައި ބައިވެރިވި ކަމަށެވެ. އެގޮތުން ފޭން ޒޯނާއި ބައެއް ސްޓޭޑިއަމްތަކަށް ވެސް ދިވެހި ގްރޫޕްތައް ޒިޔާރަތްކުރި އެވެ.

ގަތަރުގެ މަގުތައް ވޯލްޑް ކަޕަށް ޒީނާތްތެރިކޮށް ދިދަ އާއި ބޮކިފަތި ދަމާފައި (ފޮޓޯ/ލިފާތު އާދަމް)
ގަތަރުގެ މަގުތައް ވޯލްޑް ކަޕަށް ޒީނާތްތެރިކޮށް ދިދަ އާއި ބޮކިފަތި ދަމާފައި (ފޮޓޯ/ލިފާތު އާދަމް)

އޭގެ ތެރެއިން އެކަކީ ލިފާތު އާދަމް އެވެ. އޭނާގެ ފިރިމީހާ އަހުމަދު ޝުއެއިބުއަކީ ގަތަރުގައި ވަޒީފާ އަދާކުރަމުން އަންނަ ދިވެހި އިންޖިނިއަރެކެވެ. ލިފާތު ބުނީ މީގެ ދެ މަހެއްހާ ދުވަސް ކުރިން ވޯލްޑް ކަޕްގެ ޓިކެޓް ގަންނަން މަސައްކަތް ފެށީ ވެސް ފުޓުބޯޅައަށް އޮންނަ ލޯތްބެއްގެ ސަބަބުން ކަމަށެވެ. މިހާ ބޮޑު އިވެންޓެއް ގާތުން ބަލައިލަން ފުރުސަތު ލިބި އެ ފުރުސަތުގެ ބޭނުން ހިފުމުގެ ގޮތުންނެވެ. 

ގަތަރުގެ މަގުމަތީގައި ވޯލްޑް ކަޕް ފޯރީގައި ކުރިއަށް ދިޔަ ފެސްޓިވަލެއްގެ ތެރެއިން (ފޮޓޯ/ލިފާތު އާދަމް)
ގަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕް ބަލަން ހަދާފައިވާ ފޭން ޒޯނެއް (ފޮޓޯ/ލިފާތު އާދަމް)

ޖަރުމަނާއި ޖަޕާނު ބުރާސްފަތި ދުވަހު ހަލީފާ ސްޓޭޑިއަމުގައި ކުޅުނު މެޗަކީ ލިފާތުގެ ހަޔާތުގައި ވެސް ބަލަން ވަދެވުނު ވޯލްޑް ކަޕްގެ ފުރަތަމަ މެޗެވެ. ދިވެހި ދެ އެކުވެރިންނާ އެކު ދެމަފިރިން ގޮސް ހަލީފާ ސްޓޭޑިއަމްގައި ވިހުރުވައިލީ ދިވެހި ދިދަ އެވެ. 

އަހުމަދު ޝުއެއިބު އާއި އޭނާގެ އަންހެނުން ލިފާތު އާދަމް ޖަރުމަން-ޖަޕާން މެޗް ބަލަން ގޮސް (ފޮޓޯ/ލިފާތު އާދަމް)
  • ހަލީފާ ސްްޓޭޑިއަމްގައި ގުގުމީ ޖަޕާނުގެ ސަޕޯޓަރުންގެ އަޑު (ފޮޓޯ/ލިފާތު އާދަމް)
  • ވޯލްޑް ކަޕް މެޗެއް ބަލަން ގޮސް ސްޓޭޑިއަމްގައި ދިވެހި ދިދައެއް ހިފައިގެން
  • ގަތަރުގައި އޮންނަ މުބާރާތަކަށް ވާތީ ބައެއް ދިވެހިން ވަނީ މެޗުތައް ބަލަން ގޮސްފައި

ވޯލްޑް ކަޕް މެޗެއްގައި ދިވެހި ދިދަ ހިފައިގެން ވަދެ، އެ ދިދަ ދައްކާލަން ލިބުމަކީ ތަފާތު އުފަލެއް ކަމަށް ޝުއައިބުގެ އެކުވެރިއެއް ކަމަށްވާ އަބްދުﷲ ބުންޏެވެ.

"ދިވެހިން މަދު ކޮމިއުނިޓީއެއްގައި، މިހާ ބޮޑު އިންޓަނޭޝަނަލް އިވެންޓެއްގައި ދިވެހި ސަޕޯޓަރެއްގެ ހައިސިއްޔަތުން ދިވެހި ދިދަ ނަގާލަން ލިބުން އެއީ ވަރަށް ބޮޑު ފަހުރެއް،" އަބްދުﷲ ބުނެލި އެވެ.

ދޯހާގެ އުތުރުން 20 ކިލޯމީޓަރު ދުރުގައި އަލަށް ތަރައްގީ ކުރަމުން އަންނަ ސަރަހައްދެއްގައި އަލަށް އިމާރާތް ކޮށްފައިވާ ހިތްގައިމު ލުސެއިލް ސްޓޭޑިއަމްގައި، ބްރެޒިލް އާއި ސާބިއާ ކުޅުނު މެޗު ބަލަން ވެސް ދިވެހި ގްރޫޕް ދިޔަ އެވެ. މިއީ ވޯލްޑް ކަޕަށް ހާއްސަކޮށް ގަތަރުގައި އިމާރާތްކޮށްފައިވާ އެންމެ ބޮޑު އެއް ސްޓޭޑިއަމް އެވެ. ޑިސެމްބަރު 18 ގައި ވޯލްޑް ކަޕްގެ ފައިނަލް މެޗު ކުޅޭނީ ވެސް މި ސްޓޭޑިއަމްގަ އެވެ.

މި އަހަރުގެ ވޯލްޑް ކަޕަށް ގަތަރުގައި އަލަށް އިމާރާތް ކުރި ލުސެއިލް ސްޓޭޑިއަމް (ފޮޓޯ/އަހުމަދު ޝުއައިބު)

ކުރިއަށް ހުރި ވަރުގަދަ މެޗުތައް ކަމަށްވާ މިރޭ އޮންނަ އާޖެންޓީނާ-މެކްސިކޯ، ޕޯޗުގަލް-އުރުގުއޭ އަދި ޑިސެމްބަރު 2 ގައި އޮންނަ ބްރެޒިލް މެޗު ބަލަން ވެސް އެ ގްރޫޕުން އަންނަނީ ތައްޔާރުވަމުންނެވެ. މި މެޗަށް ވެސް އެ މީހުން ދާނީ ދިވެހި ދިދަ ހިފައިގެންނެވެ. އެ މީހުން ވަނީ ކުރިއަށް ވުރެ ބޮޑު ދިދައެއް ވެސް ހޯދައިފަ އެވެ.

ލުސެއިލް ސްޓޭޑިއަމްގައި ކުޅުނު ބްރެޒިލް މެޗު ބަލަން ގޮސް ލިފާތު އާދަމް ނަގާފައިވާ ފޮޓޯއެއް
ގަތަރުގައި އުޅޭ ދިވެހިން ވެސް ދަނޑަށް ވަދެ އަންނަނީ މެޗުތައް ބަލަމުން 

ދިވެހިންގެ ލެއާ ގުޅިފައިވާ ކުޅިވަރަކީ ފުޓްބޯޅަ އެވެ. ގިނަ ދިވެހިންގެ މެދުގައި ފުޓުބޯޅަ އަށް އަބަދުވެސް ހާއްސަ ލޯތްބެއް އޮވެ އެވެ. ވޯލްޑް ކަޕަށް ރާއްޖެ ކޮލިފައި ނުވިޔަސް ފުޓުބޯޅައިގެ މި އީދުގައި ދިވެހިން ބައިވެރިވަނީ ނުހަނު ބޮޑަށެވެ. މި ދުވަސްކޮޅު މާލޭގެ މަގުމަތިން ވެސް އެކަން އިހްސާސްކޮށްލެވޭނެ އެވެ. ވަރުގަދަ ޓީމުތައް މެޗްތައް ކުޅޭ އިރު މަގުތައް ހުހެވެ. މެޗު ފަށަންވާ އިރަށް އަވަހަށް ގެއަށް ވަންނަން ނުވަތަ މެޗް ބަލަން ސްކްރީން ދޮށަށް ދާ މީހުންނާ އެކު މަގުތައް ބިޒީ އެވެ. މެޗުތައް ކުޅޭ އިރު ރަށުތެރޭ ކޮންމެ ދިމާލަކުން ވެސް އިވެނީ ކޮމެންޓްރީގެ އަޑެވެ. ބައެއް މަގުތައް ބަންދުކޮށް އަވެލި މޮޑެގެން ދިވެހިންގެ ގޮތުގައި ފޯރި ގަދަކޮށްލާ މަންޒަރުތައް ފެނެ އެވެ.

ރަށްރަށުގައި، ވޯލްޑް ކަޕް ފެށުމުގެ އެތައް ދުވަހެއް ކުރިން ހާއްސަ ޖަގަހަތައް ހަދައި މެޗުތައް ބެލުމުގެ ތައްޔާރީތައް ވާން ފެށި ތަންތަނުގައި އަންނަނީ ފޯރި ނަގަމުންނެވެ. 

ވޯލްޑް ކަޕްގައި އިއްޔެ އީރާނާއި ވޭލްސް ކުޅުނު ވަގުތު މާލޭގެ އޯކިޑްމަގު
އީރާން-ވޭލްސް މެޗުގެ ވަގުތު، މާލޭގައި އަބަދު ތޮއްޖެހިފައި އޮންނަ މަގެއް ހުހަށް

ދުނިޔޭގެ ފެންވަރަށް ބަލާއިރު ދިވެހި ފުޓްބޯޅަ އުޅެނީ ދަށުގަ އެވެ. އެކަމަކު ވޯލްޑް ކަޕާ އެކު ދިވެހިންގެ ތެރޭގައި އުފެދޭ ފުޓްބޯޅަ ފޯރި، ވޯލްޑް ކަޕްގައި ކުޅޭ ގައުމުތަކަށް ވުރެ ކުޑައެއް ނޫނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް