Majlis 2024
ފެޝަން

މަލުމާގެ ފުރަތަމަ ހެދުން ކަލެކްޝަން: ގަޔަށް ދޫ، ލައިގެން އުޅެން ފަސޭހަ ޑިޒައިންތަކެއް

މަލުމާ ބޭނުންވަނީ މި ޑިޒައިންތައް ލާ މީހުންނަކީ ރަސްގެފާނެއް ނުވަތަ ރާނީއެއް ކަމުގެ އިހުސާސްކޮށްދޭން
31 މާރިޗު 2022

މިފަހުގެ އެންމެ މަގުބޫލު ސުޕާސްޓާ ލަވަކިއުންތެރިޔާ މަލުމާ ވަނީ މާޗް މަހު އޭނާގެ ފުރަތަމަ ހެދުން ކަލެކްޝަން ނެރެފަ އެވެ. އެއީ އެމެރިކާގެ ބޮޑު ޑިޕާޓްމެންޓު ސްޓޯ ޗެއިން މޭސީޒްއާ އެކު އެވެ. މިއީ މޭސީޒް އިން، ލެޓިން ގައުމަކަށް ނިސްބަތްވާ ފިރިހެން ސެލެބްރިޓީއަކާ ގުޅިގެން ނެރުނު ފުރަތަމަ ހެދުން ކަލެކްޝަނެވެ.

ކޮލަމްބިއާއަށް ނިސްބަތްވާ ލަވަކިއުންތެރިޔާ މަލުމާގެ ފުރަތަމަ ކަލެކްޝަނަށް ކިޔަނީ 'ރޯޔަލްޓީ' އެވެ. މިއީ މަލުމާގެ އަމިއްލަ ސްޓައިލާ ގުޅޭ އަދި މި ޒަމާނުގެ ޒުވާނުން ލާހިތްވާ ޒާތުގެ ހެދުންތަކެކެވެ.

ހެދުންތައް ފަރުމާ ކުރިއިރު ހިޔާލު ހޯދައިފައިވަނީ މަލުމާގެ އަމިއްލަ ރަށުންނެވެ. އެއީ ކޮލޮމްބިއާގެ މެޑަލީން އެވެ. 'ހައި ފެޝަން، ލޯ މެއިންޓެނެންސް ވައިބް'އެއް ގެންގުޅޭ މި ހެދުންތަކުގައި ޕެއިޒްލީ ޕްރިންޓު އަދި ގަދަ ކުލަތައް ބޭނުން ކޮށްފައި ވެ އެވެ. އަދި ގިނަ ހެދުންތައް ފަރުމާ ކޮށްފައިވަނީ ގަޔަށް ދޫކޮށް، ފަސޭހައިން ލެވޭ ސްޓައިލިޝް ޑިޒައިނަކަށެވެ.

'ރޯޔަލްޓީ'އަކީ ދެ ޖިންސަށް ވެސް އަމާޒުކޮށްގެން ތައްޔާރު ކޮށްފައިވާ ކަލެކްޝަނެކެވެ. 

"ރޯޔަލްޓީގެ މާނައަކީ އެކަކު އަނެކަކަށް ކަމޭހިތައިގެން، ލޯތްބާއި ގަދަރު ދީގެން އުޅުން،" މަލުމާ ނޫސް ބަޔާނެއްގައި ބުންޏެވެ. "މި ހެދުންތައް ލާ ކޮންމެ މީހަކީ ވެސް ރަސްގެފާނެއް ނުވަތަ ރާނީއެއް ކަމުގެ އިހުސާސުކުރާނެ ކަމަށް އަހަރެން އުއްމީދު ކުރަން."

މަލުމާގެ ނަޒަރުގައި 'ރޯޔަލްޓީ'އަކީ ބޮޑު ތާޖަކާއި ބޮޑު ގައުނެއް ނޫނެވެ. އެކަމަކު ބީޗު މަތީގައި ހިނގާލެވޭ ޒާތުގެ ޒަމާނީ، ފަސޭހަކަމާ އެކު ހެލިފެލިއުޅެވޭނެ ވައްތަރުގެ ހެދުންތަކެވެ.

މި ކަލެކްޝަނުން އޭނާގެ އަމިއްލަ ވައްޓަފާޅި ފެނެ އެވެ. މަލުމާއަކީ ކުލަ ގަދަ، ބޮޑު ޕްރިންޓާއި ގަޔަށް ދޫކޮށް ހުންނަ މައްޗާއި ތިރި ގިނައިން ލާ މީހެކެވެ. މި ކަލެކްޝަނުން އޭނާގެ އަމިއްލަ ވައްޓަފާޅި ފެންނާތީ ކަލެކްޝަނުގެ 'އޯތެންޓިކްކަން' ބޮޑަށް ފާޅު ވެ އެވެ.

"ރޯޔަލްޓީ ބައި މަލުމާއަކީ އަހަރެންގެ އަމިއްލަ ސަގާފަތާއި ފެޝަނަށް ކުރާ ލޯބި ގުޅިލާމެހިގެން ނުކުތް ކަލެކްޝަނެއް. އަދި މި ހެދުންތައް ކޮންމެ މުނާސަބަތަކަށް، ރޭގަނޑު ނުވަތަ ދުވާލު ވެސް ލެވޭނެ،" މަލުމާ ބުންޏެވެ.

މުސްތަގުބަލުގައި އިތުރު ހެދުން ކަލެކްޝަންތައް ނެރޭނެ ކަމަށް ވެސް މަލުމާ ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް