ޖަލުތަކުގައި ހިންގާފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ ލާއިންސާނީ އަމަލުތަކާ ގުޅިގެން އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން މާފުށީ ޖަލުގައި ހުރި ގައިދީއަކާ ބައްދަލުކުރަނީ. (ފޮޓޯ/ އޯޓީޖޭ)

ޖަލުތައް

ޖަލުތަކުގައި ހިންގާފައިވާ ލާއިންސާނީ މައްސަލަތަކުގެ ބަޔާން ދޭ މީހުންނާ ބައްދަލުކޮށްފި

މި އަޑުއެހުންތަކުގައި ބަޔާންދިނުމަށް ނަން ނޯޓުކުރި ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކޮށްފައިވާ 26 ފަރާތަކާ ބައްދަލުކޮށްފައިވޭ
24 ޖެނުއަރީ 2023

ރާއްޖޭގެ ޖަލުތަކުގައި އިންސާނީ ހައްގުތަކާ ހިލާފު އަމަލުތައް ހިނގާފައިވާ ކަމަށާއި ލާއިންސާނީ ދަށު ދަރަޖައިގެ އަމަލުތަކާއި އަނިޔާތައް ކޮށްފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެން އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން އާންމުކޮށް ހުޅުވާނުލައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ އަޑުއެހުންތަކަށް ބަޔާން ދޭން ނޯޓުކޮށްފައިވާ ފަރާތްތަކާ ބައްދަލުކޮށްފި އެވެ.

ވީ ކިހިނެއް؟ - އެ އޮފީހުގެ ޓީމެއް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކ. މާފުށްޓަށް ގޮސް، މި އަޑުއެހުންތަކުގައި ބަޔާންދިނުމަށް ނަން ނޯޓުކުރި ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކޮށްފައިވާ 26 ފަރާތަކާ ބައްދަލުކޮށްފަ އެވެ.

ތަފްސީލް - މި ބައްދަލުވުންތަކުގެ ބޭނުމަކީ، އެ އޮފީހުން އިއްޔެ ބުނި ގޮތުގައި:

  • އާންމުކޮށް ހުޅުވާނުލައި ކުރިއަށްގެންދާ އަޑުއެހުންތަކާ ގުޅޭ ގޮތުން ބަންދުގައި ތބި ފަރާތްތަކަށް މައުލޫމާތު ދިނުން

  • އެ ފަރާތްތަކުގެ ހާލަތު ބެލުން

  • މި އަޑުއެހުންތަކުގައި ބަޔާންދިނުމަށް އިއުތިރާޒެއް ނެތްކަމުގެ އިގުރާރާ ގުޅޭ މައުލޫމާތު ދީ، އިގުރާރުގައި ސޮއިކުރުވުމުން 

  • އަޑުއެހުންތަކުގައި ބަޔާން ދޭ ފަރާތްތަކުން ސަމާލުކަން ދޭން ޖެހޭ ކަންތައްތައް ކިޔައިދިނުން

ޖަލުތަކުގައި ހިންގާފައިވާ އަނިޔާތަކާ ގުޅޭ ގޮތުން ހުށަހެޅިފައިވާ މައްސަލަތަކާ ގުޅޭ ސިއްރު އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައިވަނީ، އޮމްބަޑްސްޕާސަންގެ އޮފީހުން ބުނި ގޮތުގައި، ތިން ބައަކަށް ބަހާލައިގެންނެވެ. އެއީ:

  • އަޑުއެހުމުގެ ފުރަތަމަ ބައި ކުރިއަށްގެންދާނީ މާފުށީ ޖަލުގައި

  • ދެވަނަ އަޑުއެހުން ކުރިއަށްގެންދާނީ މާލޭގެ އިތުރުން އައްސޭރި ޖަލުގައި

މާފުށީ ޖަލުގައި ކުރިއަށްގެންދާ އަޑުއެހުމުގައި ބަޔާންދިނުމަށް 37 ފަރާތަކުން ނަން ނޯޓުކޮށްފައި ވާއިރު، މާލޭގައި ބާއްވާ އަޑުއެހުމުގައި ބަޔާންދިނުމަށް 12 ފަރާތަކުން އަދި އައްސޭރި ޖަލުގައި ބަޔާންދިނުމަށް ދެ ފަރާތަކުން ނަން ނޯޓުކޮށްފައިވާ ކަމަށް އިންތިގާލީ އޮމްބަޑްސްޕާސަންގެ އޮފީހުން ބުންޏެވެ.

ގުޅުންހުރި ކަމެއް - އާންމުކޮށް ހުޅުވާނުލާ ކުރިއަށް ގެންދަން ހަމަޖެހިފައިވާ އަޑުއެހުންތަކުގައި، މައްސަލަ ހުށަހެޅި ފަރާތްތަކުގެ އިތުރުން އެފަދަ ކަންކަން ތަޖުރިބާ ކޮށްފައިވާ އެހެން ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ދީ، މައުލޫމާތު އެއްކުރުމުގެ ގޮތުން، މިދިޔަ ނޮވެމްބަރު މަހު އެ އޮފީހުން ވަނީ މައުލޫމާތު ދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފަ އެވެ.

އެ އޮފީހުން ބުނި ގޮތުގައި، މި މައްސަލައާ ގުޅިގެން ބާއްވާ އަޑުއެހުންތަކުގައި ބަލާނީ އެ އޮފީހުގެ އިހްތިސާސްގެ މުއްދަތުގެ ތެރޭގައި ހައްޔަރުކޮށް، ބަންދުކުރުމުގެ އެކި މަރުހަލާތަކުގައި ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އަމަލުތަކުގެ ސަބަބުން:

  • އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަން ނިގުޅައިގަނެފައިވޭތޯ

  • އަނިޔާކުރުމުގެ އަމަލުތައް ހިނގާފައިވޭތޯ

  • އެފަދަ އަމަލުތައް ހިނގާފައިވާ މިންވަރު

މީގެ އިތުރުން، މައްސަލަތަކުގެ ވަށައިގެންވާ އެހެނިހެން ކަންކަން ދެނެގަތުމުގައި ގާނޫނުއަސާސީން ލިބިދޭ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަން ކަށަވަރުކޮށްދިނުމާއި އަނިޔާގެ އަމަލުުތައް މަނާކުރުމަށް ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ގަވައިދުތަކުގެ އިތުރުން، ބައިނަލްއަގުވާމީ މުއާހަދާތަކާ އެއްގޮތަށް އަމަލުކޮށްފައިވޭތޯ ބަލާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

އެނގުން މުހިއްމު - އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަކީ، ޖެނުއަރީ 1953 އިން ފެށިގެން 17 ނޮވެމްބަރު 2018ގެ ނިޔަލަށް ހިންގާފައިވާ އިންސާނީ ހައްގުތަކާއި ކަރާމާތާ ގުޅުން ހުރި މައްސަލަތައް ބަލަން އެކުލަވާލާފައިވާ ކޮމިޝަނެކެވެ.

ޖަލުތަކުގައި ހިންގާފައިވާ އަނިޔާވެރި އަމަލުތަކުގެ އިތުރުން އެ އޮފީހުން ބަލަމުން ދަނީ:

  • މީގެ 60 އަހަރު ކުރިން، އޭރުގެ ބޮޑުވަޒީރު އަދި ފަހުން ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި 1962 ވަނަ އަހަރު ގދ. ތިނަދޫން މީހުން ބޭލުމާ ބެހޭ މައްސަލަ

  • ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީން ދީދީގެ ވެރިކަން ވައްޓާލުމަށް ފަހު، އެ މަނިކުފާނަށް ކުރި ހުކުމް ބާތިލުކޮށްދޭން އެދި ހުށަހަޅާފައިވާ މައްސަލަ

އިންތިގާލީ އިންސާފުގެ ގާނޫނުގައި، އެ އޮފީހަށް ދީފައިވަނީ ދެ އަހަރުގެ މުއްދަތެކެވެ. އެ މުއްދަތު މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ހަމަވެފައިވާ އިރު، އެ އޮފީހުން ބަލަން ޖެހޭ 400އަށް ވުރެ ގިނަ މައްސަލަ އޮތް ކަމަށް އެ ކޮމިޝަނުން ކުރިން ވަނީ ބުނެފަ އެވެ. އެހެންވެ، އެ އޮފީހުގެ މުއްދަތު އިތުރުކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.

ނަމަވެސް، އިންތިގާލީ އިންސާފުގެ އޮފީހަށް ދީފައިވާ މުއްދަތު އިތުރުކުރާ ނަމަ، ސަރުކާރުން އިންތިގާލީ އިންސާފުގެ ގާނޫނަށް އިސްލާހު ހުށަހަޅައި މަޖިލީހަށް ބިލެއް ފޮނުވަން ޖެހޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް