ޓްރާންސް މޯލްޑިވިއަން އެއާވޭޒް (ޓީއެމްއޭ)ގެ ފަސްޓް އޮފިސަރެއްގެ ވަޒީފާ އަދާކުރާ ނަބީލާ މުހައްމަދު ނަސީމް.

ނަބީލާ ވައިގެ ތެރޭގައި އުމުރު ދުވަހުގެ ހުވަފެނުގައި ކުލަޖައްސަނީ

ދިވެހި އަންހެން ޕައިލެޓުން މަދު؛ ޓީއެމްއޭގެ ފަސްޓް އޮފިސަރަކަށް މަސައްކަތްކުރާ ނަބީލާއަށް ލިބޭ އެންމެ ބޮޑު އެއް އުފަލަކީ މި ދާއިރާގައި އަންހެނުންނަށް ހުރި ފުރުސަތުތައް އިތުރުވަމުން އައުން

ވައިގެ ތެރޭގައި މަތިންދާބޯޓުތައް އެކި ކޮޅުކޮޅަށް ދަތުރުކުރަމުން ދިޔަ އެވެ. ބޯޓުތައް އެކޮޅުކޮޅުން ޖަހަމުން ދިޔައިރު ހީވަނީ ވައިގެ ތެރޭގައި ދޫންޏެއް އުދުހިލާފައި ދާ ހެންނެވެ. އެއް ވާނަކަށް އުދެހުމުން ގޮސް ކުއްލިއަކަށް އެތައް ފޫޓެއް ތިރިއަށް "ވެއްޓުމަށް" ފަހު އަނެއްކާވެސް މައްޗަށް އަރަ އެވެ.

އެ ޗަރުކޭސް ބަލަން، ގިނަ އަަދަދެއްގެ ބަޔަކު މާލޭގެ އުސް ފަސްގަނޑާއި އާޓިފިޝަލް ބީޗު ސަރަހައްދަށް އެއްވެ ތިއްބެވެ. ޑިސެމްބަރު 2011ގައި ބޭއްވި ރެޑް ބުލް އެއާޝޯ ބަލަން އުސް ފަސްގަނޑަށް ގޮސް ތިބި މީހުންގެ ތެރޭގައި، އޭރު އުމުރުން 17 އަހަރުގެ ނަބީލާ މުހައްމަދު ނަސީމަށް ވެސް ހުރެވުނީ އާޝޯހްވެފަ އެވެ.

"އަހަރެން އަދި އޭގެ ބޯޓެއް ދުއްވާނަން،" މައްޗަށް ބަލަހައްޓައިގެން ހުއްޓާ، އޭރުގެ މޯލްޑިވިއަން އެއާ ޓެކްސީގެ ސީޕްލޭނެއް ހުޅުލެއާ ދިމާލަށް ދާ ތަން ފެނުމުން، އެ ބޯޓަށް އަތުން އިޝާރާތްކުރުމަށް ފަހު ނަބީލާ އޭނާގެ މަންމަ ކައިރީގައި އިނގިރޭސި ބަހުން ބުންޏެވެ.

އޭގެ 10 ވަރަކަށް އަހަރު ފަހުން، މިދިޔަ އަހަރުގެ ޖުލައިގައި އޭނާ އިނީ އޭގެ ސީޕްލޭނެއްގެ ކޮކްޕިޓު ތެރޭގައި، އެ ބޯޓުގެ ފަސްޓް އޮފިސަރަކަށެވެ. ޓްރާންސް މޯލްޑިވިއަން އެއާވޭޒް (ޓީއެމްއޭ)ގެ އެ ސީޕްލޭން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ވޯޓާ އެރޮޑޯމްއިން ނައްޓާލައި ވިލާތަކުގެ ތެރެއިން މައްޗަށް އެރުމަށް ފަހު ވައިގެ ތެރޭގައި ހަމަޖެހިލިއިރު، ނަބީލާ އެ ވަނީ އޭނާ ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހަދާފަ އެވެ.

ޑިސެމްބަރު 2011ގައި މާލޭގައި ބޭއްވި ރެޑް ބުލް އެއާ ޝޯގެ މަންޒަރުތައް. (ވީޑީއޯ/ހަވީރު ނޫސް)

މަތިންދާބޯޓަށާއި އުދުހުމަށް ޝައުގުވެރިކަން ނުހުންނަ ހަނދާނެއް ނަބީލާ ނުހުރެ އެވެ. އެންމެ ކުޑައިރު އާއިލާއާ އެކު ހަވީރު ފިންޏަށް އާޓިފިޝަލް ބީޗަށް ގޮސް އުޅޭއިރު، ހުޅުލެއަށް އައިސް ގޮސްވާ މަތިންދާބޯޓުތައް ދުރުން ފެންނަ ކޮންމެ ފަހަރަކު ހިތްހަމަޖެހުން ލިބެ އެވެ. ކިރިޔާ ހަނދާން ހުންނަން ފެށީއްސުރެ ވެސް މަތިންދާބޯޓެއް ފެނުމުން އެއަށް ނުބަލާ އޭނާއަކަށް ނުހުރެވެ އެވެ. ބޯޓު އުދުއްސާލާ ގޮތާއި ވައިގެ ތެރޭގައި ބޯޓު ދަތުރުކުރާ ގޮތަށް އޭނާގެ ޝައުގު ދަމައިގަތެވެ.

އެންމެ ކުޑައިރުގެ ހަނދާންތައް އުދުހުމާއި މަތިންދާބޯޓާ ގުޅިފައި ވިޔަސް، ބޯޓެއް ދުއްވުމާ ހަމައަށް ދެވެނީ ދިގު ދަތުރެއް ކޮށްގެންނެވެ. ޕައިލެޓް ކޯހުގެ އަގު ވަރަށް ބޮޑެވެ. ހާއްސަކޮށް، އޭރު ރާއްޖޭގައި އިތުބާރުކުރެވޭ، ރަނގަޅު ފްލައިން ސްކޫލެއް ނެތުމުން، ބޭރަށް ނުގޮސް ވާކަށް ނޯވެ އެވެ. އެއީ ކޯހަށް ދައްކަން ޖެހޭ ބޮޑު އަގުގެ މައްޗަށް އިތުރުވާ ހަރަދެކެވެ. އެހެންވެ، ސްކޫލު ނިމުނަސް، ޕައިލެޓުކަން ކިޔަވަން ދިއުން މަޑުޖައްސާލަން ނަބީލާއަށް ޖެހުނެވެ.

ކިޔެވުމުގެ އުނދަގޫ، ދިގު ދަތުރު

ޕައިލެޓަކަށް ވުމުގެ އުންމީދު ހާސިލްކުރުމުގެ ދަތުރު، އާއިލާގެ އެހީތެރިކަމާ އެކު ނަބީލާ ފެށީ 2016ގެ ކުރީކޮޅުގަ އެވެ. އަވަށްޓެރި ލަންކާއަށް ގޮސް، ޕައިލެޓަކަށް ވުމުގެ ފުރަތަމަ މަރުހަލާ ކަމަށްވާ ޕްރައިވެޓް ޕައިލެޓް ލައިސެންސް (ޕީޕީއެލް) ނުވަތަ އަމިއްލައަށް އަމިއްލަ ބޭނުމަށް މަތިންދާބޯޓެއް ދުއްވުމުގެ ހުއްދަ ނެގުމަށް އެ ގައުމުގެ ފެއާވޭ އޭވިއޭޝަން އެކަޑެމީއާ ގުޅުނެވެ. ގްރައުންޑް ސްކޫލް ނުވަތަ ބޯޓު ދުއްވުމާ ގުޅޭ އަސާސީ ކަންކަން ކިޔަވައިދޭ ތިއަރީ ކްލާސްތައް ހަތަރު މަހުން ނިމޭނެ ކަމުގެ ޔަގީންކަން އޭރު އެކަޑަމީން އޮތީ ދީފަ އެވެ.

މިއީ ހަމަ ޑްރީމް ޖޮބެއް. ބޮޑެތި ބޯޓުތަކުގައި ޓޭކްއޯފް އަދި ލޭންޑިން ނޫނީ އޮޓޯޕައިލެޓްގައި ދުއްވާނީ. އެކަމަކު، ސީޕްލޭންގައި ދަތުރު ފެށިގެން ނިމެންދެން ވެސް އަމިއްލައަށް، މެނުއަލްކޮށް ހުރިހާ ކަމެއް ވެސް ކުރަން ޖެހޭނީ. ޕައިލެޓެއްގެ ގޮތުން، ބޯޓު ދުއްވަން ވަރު ހުންނަ މީހެއްގެ ގޮތުން އެއީ ވަރަށް ސަޅި ތަޖުރިބާއެއް.

ނަބީލާ މުހައްމަދު ނަސީމް / ޓީއެމްއޭގެ ފަސްޓް އޮފިސަރެއް

އެކަމަކު، ގްރައުންޑް ސްކޫލު ނިންމަން ކަނޑައަޅާފައި އޮތް މުއްދަތުގައި އެ ކަމެއް ނުވި އެވެ. ނުވަ މަސް ވެގެން ދިޔައިރު ބޯޓެއް ދުއްވާލެވޭ ވަރެއް ވެސް ނުވި އެވެ. ވެގެން އުޅޭ ގޮތް ބެލުމުން އެނގުނީ އެ ސްކޫލުގެ ލައިސެންސުތައް ހަމަ ނޫން ކަމެވެ. އެހެންވެ، ދަރިވަރުންނަށް އަމަލީ ތަޖުރިބާ ދޭން ބޭނުންވާ ކަމާ ބެހޭ އިދާރާތަކުގެ ލައިސެންސް ލިބޭނެ ކަމަށް ބަލައިގެން ދަރިވަރުން ބޯޓަށް ނާރުވައި މަޑުކުރުވަނީ އެވެ. ޕީޕީއެލް ނަގަން ހުއްޓާ، ސްކޫލުގެ ލައިސެންސުތައް ނެތްކަން އެނގުނެވެ.

"އެއީ ބޮޑު ކަންތައްގަނޑެއް. ދެން ޖެހުނީ ޕީޕީއެލް ގްރައުންޑް ސްކޫލް ސެޓްފިކެޓް ހިފައިގެން އެހެން ސްކޫލަކަށް ބަދަލުވާން. ބެޗުގެ އެހެން ކުދިން ލަންކާގެ ބައެއް އެކަޑަމީތަކަށް ދިޔަ. ނަބީ އައީ ރާއްޖެއަށް. އައިސް އައްޑޫ ފްލައިން ސްކޫލަށް ވަނީ،" ލަންކާގެ އެކަޑެމީ ދޫކޮށްލުމަށް ފަހު ޑިސެމްބަރު 2016ގައި ރާއްޖެ އައި ދުވަސްވަރުގެ ހަނދާންތައް އާކުރަމުން ނަބީލާ ބުންޏެވެ.

އައްޑޫގައި ލަންކާގެ އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ)އިން ހިންގަމުން އައި ފްލައިން ސްކޫލާ ޖެނުއަރީ 2017ގައި ގުޅުނު ނަބީލާއަށް، ހަތަރު މަހުން ނިންމާލެވެން އޮތް އެއާލައިން ޓްރާންސްޕޯޓް ޕައިލެޓް ލައިސެންސް (އޭޓީޕީއެލް) ގްރައުންޑް ސްކޫލް ތަމްރީނުތައް ހަ މަހަށް ދިގުދެމިގެންދިޔަ އެވެ.

ނަބީލާ ޕައިލެޓުކަން ކިޔަވަން އައްޑޫ ފްލައިން ސްކޫލުގައި.
ނަބީލާ ޕައިލެޓުކަން ކިޔަވަން އައްޑޫ ފްލައިން ސްކޫލުގައި.

އޭޓީޕީއެލް ގްރައުންޑް ސްކޫލް ސެޓްފިކެޓް ލިބުނު އެ ދަނޑިވަޅު ވެގެންދިޔައީ ނަބީލާގެ އަމިއްލަ ހަޔާތުގައި ވަރަށް ގިނަ ހިތްދަތި ތަޖުރިބާތަކެއް ކުރަން ޖެހުނު ދުވަސްތަކަކަށެވެެ. ބައްޕަ މަރުވުމުން އާއިލާއަށް ކުރިމަތިވި ހިތާމައާ އެކު، އިމްތިހާނުގައި ބައިވެރިނުވެ ކިޔެވުން ކޮންމެވެސް ވަރަކަށް މަޑުޖައްސާލަން ޖެހުނެވެ. އެ ކަންކަމުން އަރައިގަންނަން ހޭދަވި އަހަރެއްހާ ދުވަހަށް ފަހު 2018ގެ ކުރީކޮޅު އަނެއްކާވެސް ކިޔަވަން ފެށި އެވެ. ފަސިންޖަރުން ގޮވައިގެން ދަތުރުކުރުމަށް ބޭނުންވާ ކޮމާޝަލް ޕައިލެޓް ލައިސެންސް (ސީޕީއެލް)އަށް ހަދަން ޖެހޭ އިމްތިހާނުތައް 2018ގައި ނިންމައި ދުއްވަން ޖެހޭ މިންވަރު ހަމަކުރަން ފެށި އެވެ.

"ސީޕީއެލްއަށް ސަޓިފައިކުރަން ޗެކް ރައިޑްގައި ލޭންޑިން ގިއާ މައްސަލަ ޖެހިއްޖެ، ބޯޓު ތެރޭގައި ދުއްވަން އިންދާ. ލޭންޑިން ގިއާ ރަނގަޅަކަށް މަސައްކަތެއް ނުކުރޭ، ވަރަށް ވަރުން އުޅެގެން [ލޭންޑިން ގިއާ] ވެއްޓެނީ. ޗެކް ރައިޑުން ނަބީ ފާސްވި. އެކަމަކު ދެން ހުރި ކުއްޖާއަކަށް ޗެކް ރައިޑަކަށް ނޭރުނު،" ކިޔަވަމުން ދިޔައިރު ކުރިމަތިވި ތަފާތު ގޮންޖެހުންތައް ކިޔައިދެމުން ނަބީލާ ބުންޏެވެ.

ކޮންމެ ދުވަހަކު އާ ކަމެއް؛ އާ ތަޖުރިބާތަކެއް

އޭއޭއޭގައި ހުރި މައްސަލަތަކުގެ ތެރޭގައި އިންސްޓްރޫމަންޓް ރޭޓިން އޭޕްރީލް 2020ގައި ނިންމައި ކިޔެވުމުގެ ހުރިހާ މަރުހަލާއެއް ފުރިހަމަކުރުމަށް ފަހު ވަޒީފާ ހޯދުމަށް ނަބީލާ އެންމެ ފުރަތަމަ ވެސް ސިޓީ ލީ ޓީއެމްއޭ އަށެވެ. ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރުގެ ޕައިލެޓެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ ޕައިލެޓަކަށް ވުމާ ދާދި އެއްވަރަކަށް އޭނާ ކުރަން ބޭނުންވި ކަމެކެވެ. މޭ 2021ގައި ޓީއެމްއޭގެ ވަޒީފާއަށް ވަދެ، އެ އެއާލައިންގެ ތަމްރީނުތައް ފުރިހަމަކުރުމަށް ފަހު ޖެހިގެން އައި ޖުލައި މަހު، ޕައިލެޓަކަށް ވުމަށް ފަހު އޭނާ ކުރާ ފުރަތަމަ ދަތުރަށް އެރި އެވެ.

އޭގެ ފަހުން އަހަރެއްހާ ދުވަސް ވާން ކައިރި ވެފައި ވާއިރު، ދުވާލުގެ ވަރަށް ބޮޑު ބައެއް ނަބީލާ ހޭދަކުރަނީ ދަތުރުމަތީގަ އެވެ. ފަތިހު ފަތިހާ ހޭލައިގެން ބޯޓަށް އަރައި އިރުގެ ދޯދިތައް އުދަރެހުން ފާއްދާލުމާ އެކު ނައްޓާލަން ޖެހޭ ދުވަސް ދުވަސް ވެސް އާދެ އެވެ. ސީޕްލޭނަކީ "ވިޝުއަލް ފްލައިޓެ"އް ނުވަތަ ދުވާލުގެ ވަގުތުގައި، ހަމަ ލޮލުން ބޭރު ފެންނަ އިރު އެކަނި ދުއްވާ އެއްޗަކަށް ވުމުން، ބައެއް ދުވަސް ދުވަހު އިރުއޮއްސުމުން ކޮންމެވެސް ރިސޯޓެއްގައި ބޯޓު އެޅުމަށް ފަހު އެ ރެއަކު ހޭދަކުރަން ޖެހެނީ އެ ރިސޯޓެއްގަ އެވެ.

އަންހެނަކު ޕައިލެޓަކަށް ހުރި ތަން ފެނުނީމާ ވަރަށް ގިނަ ގެސްޓުން ވެސް އައިސް ވަރަށް ވާހަކަދައްކައި ތައުރީފްކޮށް ހަދާނެ. ހާއްސަކޮށް، މި ދާއިރާގައި ދިވެހި އަންހެނުން މަދުވީމަ. ކުރިން ވަރަށް ގިނަ ފަހަރު ރާއްޖެ އައިސްފައި ތިބި ގެސްޓުން ވެސް ބުނާނެ، އޭރު އެ މީހުން އެންމެ ފުރަތަމަ ރާއްޖެ އަންނަން ފެށިއިރަށް ވުރެ މިހާރު މަޑުމަޑުން އަންހެނުން އިތުރުވާތީ ވަރަށް އުފާވެއޭ.

ނަބީލާ މުހައްމަދު ނަސީމް / ޓީއެމްއޭގެ ފަސްޓް އޮފިސަރެއް

އާންމުކޮށް ދުވާލަކު ހަތް ސެކްޓާއަށް ދަތުރު އަޅަން ޖެހެ އެވެ. އާދިއްތަ ދުވަސް ނުވަތަ ޓޫރިޒަމް ސިނާއަތުގައި މަޝްހޫރު "ސުޕަ ސަންޑޭ" ފަދަ ބިޒީ ދުވަސްތަކުގައި 14 ސެކްޓާއަށް ދަތުރު ކުރަން ޖެހޭ ފަހަރު ވެސް އާދެ އެވެ. މޫސުން ރަނގަޅު، ކަނޑު މަޑު ދުވަސްތަކުގައި، ބޯޓު ގޮސް މޫދުގައި ޖައްސާއިރު ބޯޓުގެ ދެ ކަނދު ލޮނުގަނޑުގައި ޖެހޭކަން އިހުސާސް ނުކުރެވޭހާ ވެސް އޮމާނެވެ. އެކަމަކު، ވިއްސާރަވެ، ކަނޑުގަދަ ދުވަސްވަރު، ޖެހެމުންދާ ގަދަ ވައިގެ ތެރެއިން ރައްކާތެރިކަމާ އެކު ބޯޓު މޫދުން ނަގައި ތިރިކުރުމަކީ އުނދަގޫ، ބުރަ ކަމެކެވެ.

"މިއީ ހަމަ ޑްރީމް ޖޮބެއް. ބޮޑެތި ބޯޓުތަކުގައި ޓޭކްއޯފް އަދި ލޭންޑިން ނޫނީ އޮޓޯޕައިލެޓްގައި ދުއްވާނީ. އެކަމަކު، ސީޕްލޭންގައި ދަތުރު ފެށިގެން ނިމެންދެން ވެސް އަމިއްލައަށް، މެނުއަލްކޮށް ހުރިހާ ކަމެއް ވެސް ކުރަން ޖެހޭނީ. ޕައިލެޓެއްގެ ގޮތުން، ބޯޓު ދުއްވަން ވަރު ހުންނަ މީހެއްގެ ގޮތުން އެއީ ވަރަށް ސަޅި ތަޖުރިބާއެއް،" ނަބީލާ ބުންޏެވެ.

ނަބީލާ މަސައްކަތުގައި: އޭނާއަށް މިއީ 'ޑްރީމް ޖޮބެއް'

އެފަދަ ތަފާތު ތަޖުރިބާއެއް ނުކުރެވޭ އެންމެ ދުވަހެއް ވެސް ނަބީލާއަކަށް އަދި ދިމައެއް ނުވެ އެވެ. ވައިގެ ތެރޭގައި ދަތުރުކޮށްފައި ދާއިރު، ރާއްޖޭގެ ފެހިކަން ގަދަ، ދޮންވެލީގެ ރަށްތަކާއި ނޫ ކަނޑުގެ ރީތި، ހިތްގައިމު މަންޒަރުތައް މަތިން ބަލައި ފޫހިނުވެ އެވެ. ޗުއްޓީ ހޭދަކުރުމަށް ދުނިޔޭގެ އެކި ބައްރުތަކުން ރާއްޖެ އަންނަ އެތަކެއް ހާސް މީހުންނާ ދިމާވެ، އެ މީހުންގެ ހަޔާތުގެ ވާހަކަތަކާއި ތަޖުރިބާތަކުން ތަފާތު ފިލާވަޅުތައް ލިބެ އެވެ.

"އަންހެނަކު ޕައިލެޓަކަށް ހުރި ތަން ފެނުނީމާ ވަރަށް ގިނަ ގެސްޓުން ވެސް އައިސް ވަރަށް ވާހަކަދައްކައި ތައުރީފްކޮށް ހަދާނެ. ހާއްސަކޮށް، މި ދާއިރާގައި ދިވެހި އަންހެނުން މަދުވީމަ. ކުރިން ވަރަށް ގިނަ ފަހަރު ރާއްޖެ އައިސްފައި ތިބި ގެސްޓުން ވެސް ބުނާނެ، އޭރު އެ މީހުން އެންމެ ފުރަތަމަ ރާއްޖެ އަންނަން ފެށިއިރަށް ވުރެ މިހާރު މަޑުމަޑުން އަންހެނުން އިތުރުވާތީ ވަރަށް އުފާވެއޭ،" ނަބީލާ ބުންޏެވެ.

ޓީއެމްއޭގެ ސީޕްލޭން އޮޕަރޭޝަނާ ގުޅޭ ވީޑިއޯ ރިޕޯޓެއް. (ވީޑިއޯ/ކޫލް ސިޓީޒް)

'އައި ފައިނަލީ ޑިޑް އިޓް'

ރާއްޖޭގައި ޕައިލެޓުކަން ކުރާ އަންހެނުން އަދިވެސް އަތުން ގުނާލެވޭހާ މަދެވެ. މީގެ 15 ވަރަކަށް އަހަރު ކުރިން ހާލަތު އަދި މާ ގޯހެވެ. މަތިންދާބޯޓާއި އުދުހުމަށް ނަބީލާގެ ހިތް ޖެހެމުން ދިޔަ އެ ދުވަސްވަރު ރާއްޖޭގައި ޕައިލެޓުކަން ކުރާ ދިވެއްސަކަށް ހުރީ އެންމެ އަންހެނެކެވެ.

އެކަން ބަދަލުވާން ފަށާފައި ވިޔަސް، ވައިގެ ދަތުރުފަތުރަކީ ފިރިހެނުންނަށް ހާއްސަ ދާއިރާއެއްގެ ގޮތުގައި ދުށުން އަދިވެސް މުޅިން ނިމުމަކަށް ނާދެ އެވެ. ގިނަ ވަގުތު ރަށުން ބޭރުގައި އުޅެން ޖެހޭތީ، މިއީ އަންހެނުންނަށް އެންމެ އެކަށީގެންވާ ދާއިރާއެއް ކަމަކަށް އަދިވެސް ވަރަށް ގިނަ އާއިލާތަކުން ނުދެކެ އެވެ. ފިރިހެން ޕައިލެޓުންނަށް ވުރެ އަންހެން ޕައިލެޓުން "ބަލިކަށި" ކަމަށް ބުނެ، އަންހެނުންނަށް މި ދާއިރާގައި ފައި ހަމަނުކުރެވޭނެ ކަމަށް ބައެއް މީހުން ގެންގުޅޭ ވިސްނުން ވެސް އަދިވެސް ކޮންމެވެސް ވަރަކަށް އެބަ އޮތެވެ.

އަދިވެސް މިއީ ހަމަ ފިރިހެނުން ގިނަ، ފިރިހެނުންގެ ކޮންޓްރޯލް އޮތް ދާއިރާއެއް. އެކަމަކު، އެކަން އެބަ ބަދަލުވޭ. މިހާރު ވެސް [ޕައިލެޓުކަން] އެބަ ކިޔަވާ ދަންނަ ފަސް [އަންހެން]ކުދިން. ނޭނގޭ ބައިވަރު ކުދިން ވެސް އުޅެދާނެ.

ނަބީލާ މުހައްމަދު ނަސީމް / ޓީއެމްއޭގެ ފަސްޓް އޮފިސަރެއް

އެތައް ބައެއްގެ ފުރާނައާ ހަވާލުވެގެން ދަތުރުކުރާއިރު، ނަބީލާއަށް ލިބޭ އެންމެ ބޮޑު އުފަލަކީ މި ދާއިރާގައި އަންހެނުންނަށް ހުރި ފުރުސަތުތައް އިތުރުވަމުން ދިއުމެވެ. ޕައިލެޓަކަށް ވާން ބޭނުންވާ އަންހެންކުދިން ގިނަ ވަމުން ދިއުމެވެ. އަންހެނުންނަށް ނުކުރެވޭނެއޭ، ނުވާނެއޭ ބުނުމުގެ ބަދަލުގައި، މި ދާއިރާއަށް ވަންނަ އަންހެން ޕައިލެޓުންނަށް ލިބެމުން އަންނަ އިހުތިރާމާއި ލޯބި ފެނުމުން، ނަބީލާ ފަދައިން ޕައިލެޓަކަށް ވާން ބޭނުންވާ އަދި އެކަން ކާމިޔާބުކުރާ އަންހެންކުދިންގެ އަދަދު އިތުރުވާނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ.

"އަދިވެސް މިއީ ހަމަ ފިރިހެނުން ގިނަ، ފިރިހެނުންގެ ކޮންޓްރޯލް އޮތް ދާއިރާއެއް. އެކަމަކު، އެކަން އެބަ ބަދަލުވޭ. މިހާރު ވެސް [ޕައިލެޓުކަން] އެބަ ކިޔަވާ ދަންނަ ފަސް [އަންހެން]ކުދިން. ނޭނގޭ ބައިވަރު ކުދިން ވެސް އުޅެދާނެ،" ނަބީލާ ބުންޏެވެ.

"ވަރަށް ގިނަ މީހުން ހިތަށް އަރާފާނެ ސެކްސިސްޓް ވާނެއޭ މި ކަހަލަ އިންޑަސްޓްރީއެއްގައި. އެކަހަލަ ކަމެއް އަދި ދިމައެއް ނުވޭ. އަންހެނުން މަދު ވިޔަސް، އެންމެން ވެސް ވަރަށް ސަޕޯޓިވް. ގްރައުންޑްގައި ތިބޭ މީހުން ވެސް، އެއްކޮށް ފްލައި ކުރާ މީހުން ވެސް ވަރަށް އެހީތެރިވެދީ ކަންކަން ކުރޭ. ބޯޓު ދުއްވަން ވެސް ދޭ. ލަގެޖު އުފުލުން ކަހަލަ ކަންކަމުގައި ވެސް ވަކި ތަފާތެއް ނުކުރޭ."

ނަބީލާ މަސައްކަތުގައި: ޕައިލެޓުކަން ކިޔަވާ އަދި މަސައްކަތް ކުރާ ދިވެހި އަންހެނުން އިތުރުވަމުން އައުމަކީ އޭނާއަށް ލިބޭ އުފަލެއް.
ނަބީލާ މަސައްކަތުގައި: އާންމުކޮށް ދުވާލަކު ހަތް ސެކްޓާއަށް ދަތުރު އަޅަން ޖެހޭ.

ލޯބިވެރިޔާއާ އެކު އާ ހަޔާތެއް ފެށުން ރާއްޖޭގެ ހިތްގައިމު މާހައުލުގައި ފާހަގަކޮށްލުމަށް އަންނަ މެހެމާނުންނަށް ނަބީލާ މަރުހަބާ ކިޔަނީ އުފަލާ އެކު އެވެ. ރެއަކަށް ހާހުން ހަރަދުކޮށްގެން، 'ދުނިޔެމަތީގެ ސުވަރުގޭ'ގައި ދުވަސްކޮޅެއް ހޭދަކޮށްލުމަށް އަންނަ ދުނިޔޭގެ ބޮޑެތި މަހުޖަނުން ބޭނުންވާ މަންޒިލަށް ގެންގޮސްދިނުމުގައި ހަރަކާތްތެރިވާ މަދު ދިވެހި އަންހެނުންގެ ތެރޭގައި ހިމެނުމަކީ އޭނާއަށް ލިބޭ ބޮޑު ފަހުރެކެވެ. އެތައް މިލިއަން މީހުން އެ ބަަޔަކު އުޅޭ ގޮތަށް ފާރަލާލައި ތިބޭ ސެލެބްރިޓީން އުފުލައިދިނުން ވެސް އެފަދަ އެވެ. އުމުރު ދުވަހު މަސައްކަތްކޮށްގެން އެއްކުރި ފައިސާއިން، މުސްކުޅި އުމުރުގައި އަރާމުކޮށްލައި ހިތްހަމަޖައްސާލަން އަންނަ މީހުންނަށް ހިދުމަތް ދިނުން ވެސް ހަމަ އެހާމެ ހާއްސަ އެވެ.

މި ދަތުރުގައި ނަބީލާ ކަޑައްތު ކުރަން ޖެހޭ ދިގު ރާސްތާއެއް އަދި އެބަ އޮތެވެ. ސީޕްލޭނުން އެއަށް ވުރެ ބޮޑެތި ބޯޓުފަހަރު ދުއްވުމާ ހަމައަށް ވާސިލުވުމަށް އޭނާ ކުރަން ޖެހޭ މަސައްކަތް އަދި އޮތީ ކުރިއަށެވެ. އެކަމަކު، މިހާރު ވެސް އޭނާ އެ ވަނީ އުމުރު ދުވަހުގެ ހުވަފެން ހަގީތަކަށް ހަދާފަ އެވެ.

"އައި ފައިނަލީ ޑިޑް އިޓް،" އުމުރުން 17 އަހަރުގައި މަންމަ ކައިރީގައި ބުނި ބަސް ހަނދާން ކުރަމުން ނަބީލާ ބުންޏެވެ.

ކޮމެންޓް (2)

ޖޮއެލް

4 މޭ 2022
ފްލައި ހައި މައި ބާރޑް
0 2

އޮފްޑޮކް ވިންޑް

4 މޭ 2022
ސޯ ޕްރައުޑް އޮފް ޔޫ!!!
4 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް