ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު މާޓިން ކޫޕްމަން: ރާއްޖޭގައި އެދެވޭ މަސައްކަތެއް ނުކުރެވުނު.

އެފްއޭއެމް

އެފްއޭއެމް ގޮވައިގެން ކުރީގެ ކޯޗު ކޫޕްމަން ފީފާ އަށް

އޭނާ މައްސަލަ ޖައްސަނީ އުސޫލާ ހިލާފަށް ކޮންޓްރެކްޓް އުވާލި ކަމަށް ބުނެ

އުސޫލުން ބޭރުން ކޮންޓްރެކްޓް އުވާލި ކަމަށް ބުނެ އެފްއޭއެމްގެ މައްސަލަ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަން ފީފާ އަށް ހުށަހަޅައިފި އެވެ.

ކޫޕްމަން ގައުމީ ކޯޗުކަމާ ހަވާލުވީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ. އެކަމަކު ކޮވިޑުގެ ސަބަބުން އެ އަހަރު އޭނާ އަށް ގައުމީ ޓީމަށް ކޯޗުކޮށްދޭނެ ފުރުސަތެއް ނުލިބުނެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ ކުރީކޮޅު އެފްއޭއެމުން އޭނާގެ ކޮންޓްރެކްޓް އާކުރި އެވެ.

އެކަމަކު އޭނާގެ ކޯޗުކަމުގައި ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިން ކޮލިފައިންގައި ވާދަކުރުމަށް ފަހު މިދިޔަ އަހަރުގެ އޮގަސްޓް މަހު އެފްއޭއެމުން ކޮންޓްރެކްޓް އުވާލީ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އޭރު މީޑިއާ އަށް ވިދާޅުވީ ކޮލިފައިން އަށް ފަހު ކޯޗާ މެދު ހިތްހަމަނުޖެހޭ ކަންކަން ހުރުމުންނާއި ބައެއް ކަންކަމަށް އެއްބަސްނުވެވުމުން ކޮންޓްރެކް އުވާލީ ކަމަށެވެ. އޭރު ބައްސާމް ވިދާޅުވީ އެކަން ނިމިގެން ދިޔައީ ދެ ފަރާތް އެއްބަސްވެގެން ކަމަށެވެ.

ކޫޕްމަން މިއަދު އޭނާގެ ފޭސްބުކްގައި ލިއުނު ގޮތުގައި ކަންވީ އެއާ ހިލާފަށެވެ. އޭނާ ލިއުނު ގޮތުގައި، ކޮވިޑުގެ އުނދަގޫ ދުވަސްވަރު ބުރަ މަސައްކަތްތަކެއް ކޮށްފައި ވަނިކޮށް އޭނާގެ ކޮންޓްރެކްޓް އުވާލީ އާއިލާއާ ގާތު ރާއްޖޭން ބޭރުގައި ހުއްޓާ ކަމަށެވެ.

އޭނާ ލިއުނު ގޮތުގައި ވަކިކުރީ ގޯސްކޮށެވެ. އަދި އެކަމުގެ ސަބަބުން އޭނާ އަށް މާލީ ގެއްލުންތަކެއް ވެސް ވަނީ ލިބިފަ އެވެ. އެހެންވެ އޭނާގެ ވަކީލް އެ މައްސަލަ ފީފާ އަށް ހުށަހަޅާފައިވާ ކަމަށް ލިއުނެވެ.

ކޫޕްމަން ވަކިކުރުމަށް ފަހު ދެން އައި ސާފް ޗެމްޕިއަންޝިޕުގައި ޓީމު ހަވާލުކުރީ އަލީ ސުޒޭނާ އެވެ. އޭގެ ފަހުން ދާއިމީ ކޯޗަކަށް ހަމަޖައްސާފައިވަނީ އިޓަލީގެ ފްރެންސެސްކޯ މޮރިއޭރޯ އެވެ.

ކޫޕްމަންގެ ކޯޗުކަމުގައި ރާއްޖެ ކުޅުނު މެޗުތައް:

  • ދިވެހިރާއްޖެ 0-4 ސީރިއާ

  • ޗައިނާ 5-0 ދިވެހިރާއްޖެ

  • ފިލިޕީންސް 1-1 ދިވެހިރާއްޖެ

ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު ނެދަލެންޑްސްގެ ރެނޭ ހިޑިންކް ކޮންޓްރެކްޓާ ހިލާފަށް ވަޒީފާ އިން ވަކިކޮށްފައިވާތީ އޭނާ އަށް ބަދަލެއްގެ ގޮތުގައި 187،375 އެމެރިކާ ޑޮލަރު (2.9 މިލިއަން ރުފިޔާ) ދޭން ވެސް ފީފާ ފުޓްބޯލް ޓްރައިބިއުނަލް އިން ވަނީ ދާދި ފަހުން އަންގައިފަ އެވެ.

އެފްއޭއެމުން އެންމެ ފުރަތަމަ ރެނޭ ރާއްޖެ ގެނައީ 2020 ވަނަ އަހަރު، ގައުމީ ޓީމުގައި ކޫޕްމަންގެ އެސިސްޓަންޓަކަށެވެ. އެކަމަކު އެއް އަހަރުގެ ކޮންޓްރެކްޓް ހަމަވުމުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު އޭނާ އަށް ތިން އަހަރުގެ ކޮންޓްރެކްޓެއް ދިނީ 23 އަހަރުން ދަށުގެ ޓީމުގެ ހެޑްކޯޗުގެ ގޮތުގަ އެވެ. އަދި އޭނާއާ 16-21 އަހަރާ ދެމެދުގެ ކުޅުންތެރިންގެ ޑިވެލޮޕްމަންޓް މަސައްކަތްތައް އޯވަސީކުރުމުގެ މަސައްކަތް ވެސް ހަވާލުކުރި އެވެ.

އެކަމަކު ތިން މަސް ދުވަސް ފަހުން އެފްއޭއެމުން އޭނާ އަށް އެންގީ ކޮވިޑުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައިގެ ހަރަކާތްތައް ނެތުމުން ކުރިއަށް ދެވެން ނެތް ކަމަށެވެ. ރެނޭގެ ގާނޫނީ ވަކީލުންގެ އޮފީހުގެ ތަރުޖަމާނަކު މީޑިއާއަށް ބުނީ ދުވަސްކޮޅެއް ފަހުން އެފްއޭއެމުން ރެނޭ އަށް ފޮނުވީ ވަޒީފާ އިން ވަކިކުރުމުގެ ނޯޓިސް ކަމަށާއި އޭގައި އޮތީ ކޮވިޑުގެ ސަބަބުން ކޮންޓްރެކްޓް އުވާލަނީ ކަމަށެވެ. އަދި އެކަން ހަވާލާދީފައި، ކުރިން ލަފާކޮށްފައި ނެތް ކަމެއް ދިމާވާ ހާލަތެއް އަތުވެގެން ކޮންޓްރެކްޓް އުވާލެވޭ ގޮތަށް އޮންނަ މާއްދާ އަށް ކަމަށް އޭނާ ބުންޏެވެ.

އެއާ އެކު ރެނޭ ކޮންޓްރެކްޓުގެ މުއްދަތުގައި ލިބެން ޖެހޭ ފައިސާ ހޯދަން ފީފާގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މައްސަލަ ޖެއްސީ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް