ފުލުހުން މާލޭގައި ހަރަކާތްތެރިވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ދައުވާ ނުކޮށް 3 މަސް ވަންދެން ބަންދުކުރެވޭ ގޮތަށް ހަދައިފި

ރައީސް މިއަދު މި އިސްލާހު ތަސްދީގުކުރެއްވުމާ އެކު، ބޮޑެތި މައްސަލަތައް ތަހުގީގުކުރުމަށް ފުލުހުންނަށް ގިނަވެގެން ތިން މަސްދުވަސް ޕީޖީއަށް ހަމަޖައްސައިދެވޭނެ

ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީކުރުމަށް ފުލުހުންނަށް ލިބޭ މުއްދަތު ތިން މަހަށް އިތުރުކުރުމަށް ސަރުކާރުން ހުށަހަޅައިގެން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގުކުރައްވައިފި އެވެ.

އެނގުން މުހިންމު - މި އިސްލާހު ތަސްދީގުކުރުމުގެ ކުރިން ގާނޫނު އޮތް ގޮތުން، ފުލުހުންނަށް ޓެރަރިޒަމް މައްސަލަތައް ފިޔަވައި ޖިނާއީ ބޮޑެތި މައްސަލަތަކުގައި ގިނަވެގެން ލިބެނީ 75 ދުވަހެވެ. ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް މީގެ ކުރިން ގެނެސްފައިވާ އިސްލާހުން، އެ ގާނޫނުގެ ދަށުން ހައްޔަރު ކުރާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ގިނަ ވެގެން 90 ދުވަސް ލިބެ އެވެ.

ވީ ކިިހިނެއް؟ - ސަރުކާރުގެ ފަރާތުން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމަށް އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއު މިދިޔަ މެއި މަހު މަޖިލީހަށް ހުށަހެޅުއްވި ބިލު، ބައެއް ބަދަލުތަކާ އެކު ޖުޑީޝަރީ ކޮމިޓީން ވަނީ މިދިޔަ މަހުގެ ފަހުކޮޅު ވަނީ ފާސްކޮށްފަ އެވެ. ކޮމިޓީން ނިންމި ގޮތަށް މަޖިލީހުން ވަނީ މި މަހުގެ 7ގައި އެ ބިލު ފާސްކޮށްފަ އެވެ.

ރައީސް މި އިސްލާހު މިއަދު ތަސްދީގުކުރެއްވުމާ އެކު، މިއަދުން ފެށިގެން އެ އިސްލާހަށް އަމަލުކުރަން ފަށާނެ އެވެ.

ތަފްސީލް - މި އިސްލާހުގެ ކުރިން، ޖިނާއީ އިޖުރާތުގެ ގާނޫނު އޮންނަ ގޮތުން:

މައްސަލައެއްގައި މީހަކު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖަހަން ފަނޑިޔާރުގެ ކުރިމައްޗަށް ހާޒިރު ކުރުމުން އޭނާ ބަންދުގައި ބަހައްޓަން އަމުރުކޮށްފި ނަމަ، އެ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވަން ޖެހޭ

ބަންދުން ދޫކޮށްލާ މީހެއްގެ ތަހުގީގު ނިންމައި ދައުވާ ކުރަން ފޮނުވަން ލިބެނީ 45 ދުވަސް

ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށަކަށް ވެފައި، އެ މައްސަލައިގެ ބާވަތުން 30 ދުވަހުގެ ތެރޭގައި ތަހުގީގު ފުރިހަމަ ނުކުރެވޭ ނަމަ، ތަހުގީގުގެ މުއްދަތު ގިނަވެގެން އިތުރު 45 ދުވަހަށް އިތުރުކޮށްދިނުމުގެ ބާރު ޕީޖީއަށް ލިބިގެންވޭ

ސަރުކާރުން ބިލު މަޖިލީހަށް ފޮނުވީ، އެފަދަ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތަހުގީގު ދިގުދަންމަން ފުލުހުން ބޭނުންވާ ނަމަ، ތަހުގީގުގެ މުއްދަތު އިތުރުކުރުމަށް ޕީޖީއަށް މިހާރު ބާރު ލިބޭ 45 ދުވަސް 60 ދުވަހަށް އިތުރު ކުރުމަށެވެ. ކޮމިޓީ އާއި މަޖިލީހުގެ ތަޅުމުން ފާސްކުރީ ވެސް އެގޮތަށެވެ. އެއާ އެކު، މަޖިލީހުން ވަނީ ޝަރުތެއް ކަނޑައަޅައިފަ އެވެ. އެއީ:

އެގޮތަށް ޕީޖީން ތަހުގީގުގެ މުއްދަތު އިތުރުކޮށްދޭއިރު، އިތުރުކޮށްދެވޭނީ ފަހަރަކު 15 ދުވަހަށް ވުރެ ދިގުނުވާނެ ގޮތަށް

އެގޮތަށް ޕީޖީން ތަހުގީގުގެ މުއްދަތު އިތުރުކޮށްދޭއިރު، އިތުރުކޮށްދެވޭނީ ފަހަރަކު 15 ދުވަހަށް ވުރެ ދިގުނުވާނެ ގޮތަށް

އިސްލާހުގެ ނަތީޖާ - ރައީސް މި އިސްލާހު ތަސްދީގުކުރެއްވުމާ އެކު، ބޮޑެތި މައްސަލަތައް ތަހުގީގުކުރުމަށް ފުލުހުންނަށް ގިނަވެގެން ތިން މަސްދުވަސް ޕީޖީއަށް ހަމަޖައްސައިދެވޭނެ އެވެ. އެއާ އެކު، އެ މީހެއްގެ މައްޗަށް ދައުވާ ނުކޮށް ތިން މަސް ވަންދެން ބަންދުގައި ބެހެއްޓޭނެ އެވެ.

ޖިނާއީ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ:

މީހުން މެރުން  

ރޭޕް ކުރުން  

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން  

މަނީ ލޯންޑަރިން

މީހުން ޓްރެފިކް ކުރުުން  

މަސްތުވާތަކެތި ޓްރެފިކް ކުރުން  

ނުރައްކާތެރި މާރާމާރީ 

100،000ރ. އިން ފެށިގެން މަތީގެ ފައިސާގެ އަދަދުތައް ހިމެނޭ ބައެއް ކުށްތައް

10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޖަލު އަދަބު ކަނޑައަޅާފައިވާ ކޮންމެ ކުށެއް

ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަށް އެދުން ޕީޖީއަށް

މި އިސްލާހުގައި ދެން ބޮޑު ބަދަލަކަށް އޮތީ، މައްސަލައެއްގެ ތުހުމަތުގައި ޕާސްޕޯޓު ހިފަހައްޓަން އޮންނަ އިބާރާތްތައް "ފުރުން މަނާ ކުރުމަށް" ބަދަލުކޮށް، އެ މާއްދާތައް އިތުރަށް ތަފްސީލުކޮށްދިނުމެވެ. އަދި ޕީޖީ އޮފީހަށް ދައުވާ ކުރުމަށް އެދި ފޮނުވާ މައްސަލަތަކުގައި އެފަދަ އަމުރަކަށް އެދެންވާނީ ޕީޖީ އޮފީހުގެ ފަރާތުން ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.

އެނގުން މުހިންމު - ކުރިން އޮންނަ ގޮތުން ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް ކޯޓުގައި އެދެން ޖެހެނީ ފުލުހުންނެވެެ. ޕީޖީ އޮފީހުން އެކަން ކުރަން އެދޭ ނަމަ، ކުރަން ޖެހެނީ ފުލުހުން މެދުވެރިކޮށެވެ.

މި އިސްލާހުގައި ހިމެނޭ އެހެނިހެން ބައެއް ކަންކަން:  

ދައުވާ ކުރުމަށް އެެދި ޕީޖީ އޮފީހަށް މައްސަލަ ފޮނުވުމުން ކޯޓަށް އެ މައްސަލައެއް ހުށަހެޅުމަށް ދީފައިވާ މުއްދަތު 15 ދުވަހަށް އިތުރުކުރުން؛ ގާނޫނު ކުރިން އޮތް ގޮތުން ޕީޖީއަށް މައްސަލައެއް ފޮނުވާތާ 10 ދުވަހުގެ ތެރޭގައި އެ މައްސަލައެއް ކޯޓަށް ހުށަހަޅަން ޖެހޭ

ޖިނާއީ ބޮޑު މައްސަލައެއްގައި ހެކިބަސް ދޭ މީހާ ދޭ ހެކިބަހެއްގެ ސަބަބުން އޭނާއަށް ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތެއް އޮތް ނަމަ، އެ މީހާ ހިމާޔާތްކުރުމުގެ އަމުރެއް ހޯދުމަށް ކޯޓަށް ހުށަހެޅިދާނެ

އެ ގޮތަށް އަމުރެއް ހޯދުމަށް ކޯޓަށް ހުށަހެޅުމަށް ދައުލަތުގެ ކިބައިން އެދުމުގެ ހައްގު ހެކިބަސް ދޭ މީހާއަށް ވެސް އޮންނާނެ

ހައި ކޯޓުގައި ބައެއް މައްސަލަތައް އެންމެ ފަނޑިޔާރަކަށް ވެސް ބެލިދާނެ

ކޮމެންޓް

Placeholder

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު