Majlis 2024

ޔޫއެސްއެއިޑްގެ އެހީގައި ގާއިމުކުރި ޖީން ސީކުއެންސިން ފެސިލީޓީ ސަރުކާރާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ/ ހެލްތު މިނިސްޓްރީ)

ކޮވިޑް-19

ކޮވިޑްގެ ވޭރިއަންޓް ދެނެގަންނަ ފެސިލިޓީއެއް އެމެރިކާގެ އެހީގައި ގާއިމުކޮށްފި

މި ފެސިލިޓީ ހަދާފައި ވަނީ ޔޫއެސްއެއިޑުން ފޯރުކޮށްދިން 89،937 ޑޮލަރު (1.4 މިލިއަން ރުފިޔާ)ގެ ހިލޭ އެހީގެ ދަށުން
19 ސެޕްޓެމްބަރު 2022

ކޮވިޑްގެ ވޭރިއަންޓްތައް ދެނެގަންނަން ހަދާ ޖީން ސީކުއެންސިން ޓެސްޓް ހެދޭނެ ފެސިލީޓީއެއް އެމެރިކާގެ އެހީގައި ރާއްޖޭގައި ގާއިމުކޮށްފި އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގައި ޖީން ސީކުއެންސިން ފެސިލިޓީއެއް ހަދާފައި މި ވަނީ އެމެރިކާ ސަރުކާރުގެ އެހީ ދޭ އިދާރާ، ޔޫއެސްއެއިޑުން ފޯރުކޮށްދިން 89،937 ޑޮލަރު (1.4 މިލިއަން ރުފިޔާ)ގެ ހިލޭ އެހީގެ ދަށުންނެވެ. މި ފެސިލީޓީ ހުންނަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ދަށުން ހިންގާ ނެޝެނަލް ހެލްތު ލެބޯޓްރީ (އެންއެޗްއެލް)ގަ އެވެ.

އެ މަސައްކަތް ފާހަގަކުރުމަށް މިއަދު ރަސްމިއްޔާތެއް ބޭއްވިއިރު، އެ ފެސިލިޓީއާ ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ.

ބުނީ ކީކޭ؟ - އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔޫއެސްއެއިޑްގެ ގަވަނެންސް އެންޑް ވަލްނަރަބަލް ޕޮޕިއުލޭޝަން އޮފީހުގެ ޑިރެކްޓަރު ކެވިން ޑީން ވިދާޅުވީ:

  • އެ ފެސިލިޓީގައި ލެބޯޓްރީއަކަށް ބޭނުންވާ 100އަށް ވުރެ ގިނަ އާލާތްތައް ހުންނާނެ

  • ޓެސްޓު ކުރަން ފަށަން ވާން ޖެހޭ ތައްޔާރީތައް މިހާރު ފެށޭނެ

  • ލެބޯޓްރީއަށް ބޭނުންވާ މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތް ވެސް ފެށޭނެ

ޔޫއެސްއެއިޑްގެ އެހީގައި ގާއިމުކުރި ޖީން ސީކުއެންސިން ފެސިލީޓީ ސަރުކާރާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ނަސީމާއި ޔޫއެސްއެއިޑްގެ ޑިރެކްޓަރު ކެވިން ކީން. (ފޮޓޯ/ ހެލްތު މިނިސްޓްރީ)

އޭނާ ވިދާޅުވީ މި ފެސިލީޓީގެ ސަބަބުން ކޮވިޑްގެ ވޭރިއަންޓްތައް ރާއްޖޭގައި ދައުރުވާ މިންވަރު ދެނެގަތުމުގެ ގާބިލްކަން ލިބިގެންދާނެ ކަމަށެވެ. 

އެނގުން މުހިންމު - މީގެ ކުރިން ރާއްޖޭން ޖީން ސީކުއެންސިންއަށް ސާމްޕަލް ފޮނުވީ އިންޑިއާގެ އައިޖީއައިބީ ލެބަށެވެ. އިންޑިއާ އިން ނަތީޖާ ލިބެން ދެތިން ހަފްތާ ހޭދަވެ އެވެ.

އަމިއްލަ ބައެއް ކްލިނިކުތަކުން ރާއްޖޭގައި ޖީން ސީކުއެންސިން ހަދަ އެވެ. އެކަމަކު އެ ކަމަށް ހާއްސަކޮށް ސަރުކާރުގެ ފެސިލިޓީއެއް މިހާތަނަށް ގާއިމްކޮށްފައެއް ނުވެ އެވެ.

ފަސް މަންޒަރު - އެމެރިކާ އިން އަންނަނީ ޔޫއެސްއެއިޑް މެދުވެރިކޮށް ރާއްޖެއަށް އެކި ދާއިރާތަކުން އެހީ ފޯރުކޮށްދެމުންނެވެ. އެގޮތުން، ކޮވިޑް-19އާ ދެކޮޅަށް ކުރާ މަސައްކަތަށް ވެސް ޔޫއެސްއެއިޑުން ވަނީ:

  • މިދިޔަ ޖެނުއަރީ މަހު ފައިޒާ ވެކްސިންގެ ޖުމްލަ 439،920 ޑޯޒު ހަދިޔާކޮށްފައި؛ ރާއްޖޭގައި ޖެނުއަރީ މަހުގެ މެދުތެރޭގައި ބޫސްޓާ ޑޯޒް ޖަހަން ފެށީ އެ ވެކްސިން ބޭނުންކޮށްގެން

  • މިދިޔަ ޖޫން މަހު ރާއްޖެއަށް ފައިޒާ ވެކްސިންގެ އިތުރު 100،620 ޑޯޒް ހަދިޔާކުރި

  • މިދިޔަ މަހު ވެސް ކޮވިޑް ވެކްސިންގެ އިތުރު 99،000 ޑޯޒް ހަދިޔާކުރި

އިތުރު އާޓިކަލް

އިތުރު އާޓިކަލް