ބިއުޓީ

ކްރިޓިކްސް ޗޮއިސް އެވޯޑްސްގެ އެންމެ ހިތްގައިމު ލުކްސް

ހެދުންތަކަށް ވުރެ ބޮޑަށް ވިދާލީ މޭކަޕާއި އިސްތަށިގަނޑުގެ ސްޓައިލް
19 ޖެނުއަރީ 2023

މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޭއްވި ކްރިޓިކްސް ޗޮއިސް އެވޯޑްސްގެ ބޮޑު ހަފްލާގައި ހޮލީވުޑްގެ އެންމެ މަގުބޫލު ތަރިން ރަތް ދޫލަ މަތިން ފެނުނެވެ. އާންމުންގެ ތަރުހީބު ލިބުނު ޓީވީ ޝޯތަކާއި ފިލްމްތަކުގެ އެކްޓަރުންނާއި އެކްޓްރަސުން މި އިވެންޓުގައި އެމީހުންނަށް ލެވުނު އެންމެ ފުރިހަމަ ހެދުން ލައިގެން ބައިވެރިވި އެވެ. އެކަމަކު މިފަހުގެ އެވޯޑް ޝޯތަކަށް ބެލުންތެރިންގެ ފާޑުކިޔުން ގިނަވެއްޖެ އެވެ. އެއީ ސެލެބްރިޓީންގެ ހެދުންތަކަށެވެ.

ބެލުންތެރިންނަށް ކަމުދާ ސެލެބްރިޓީން ފަހަކަށް އައިސް ރަތް ދޫލަ މަތިން ފެންނަނީ ވަރަށް ހުތުރު ނުވަތަ މީހާއާ ނުގުޅޭ ހެދުންތަކެއް ލައިގެން ތިއްބަ އެވެ. މި އަހަރުގެ ކްރިޓިކްސް ޗޮއިސް އެވޯޑްސް އިން ވެސް ފާހަގަވީ ހަމަ މި ކަމެވެ. އެކަމަކު އެ ސެލެބްރިޓީންގެ މޭކަޕް އަދި އިސްތަށިގަނޑުގެ ސްޓައިލުތައް ނަލަ އެވެ. އަދި ހާއްސަ ހަފުލާތަކަށް އަޅުގަނޑުމެންނަށް ވެސް އެކަށީގެންވާ ބިއުޓީ ލުކްސް މިފަހަރު ފާހަގަވި އެވެ.

އެކްޓްރެސް އާންޔާ ޓޭލާ ޖޯއީ އަކީ މި އިވެންޓުގައި އެންމެ ވިދާލި އެއް ތަރި އެވެ. އޭނާގެ މޭކަޕް އާއި އިސްތަށިގަނޑު ވެސް އެހާމެ ފުރިހަމަ އެވެ. 

އާންޔާގެ އިސްތަށިގަނޑު ހުރީ ހުޅިއަކަށް އައްސާލައިފަ އެވެ. އެކަމަކު އެ ހުޅި ސްޓައިލު ކޮށްފައި ހުރީ ވަރަށް ދޫކޮށް ނަލަކޮށެވެ. ހެއާ ސްޓައިލިސްޓު ގްރެގޮރީ ރަސަލް ބޭނުންވީ އެ މުނާސަބަތާ ގުޅޭ 'ޓޮޕް ނޮޓް'އެއް 'ޓެކްސްޗާ' އަދި 'ވޮލިއުމް' ހިމެނޭ ގޮތަށް ސްޓައިލު ކުރާށެވެ.

އާންޔާގެ އިސްތަށިގަނޑުގެ އެ 'ނެޗުރަލް ލުކް'އާ ގުޅުވާލައިގެން މޭކަޕް ވެސް އެހާމެ ފުރިހަމަ އެވެ. މޭކަޕް އާޓިސްޓު ޖޯޖީ އެއިސްޑޭލް ބޭނުންކުރީ ޑިއޯ ބިއުޓީގެ ނޫޑް ޕެލެޓް އެކެވެ. އާންޔާގެ ލޮލުގައި މަޑު މުށި ކުލައިގެ އައިޝެޑޯ އަދި ތުންފަތުގައި ވެސް ވަރަށް 'ނެޗުރަލް' ކުލައެއް ޖަައްސާފައި ހުއްޓެވެ. 

ގަދަ ރަތް ކުލައިގެ ލިޕްސްޓިކް އަކީ މަގުބޫލު ރެޑް ކާޕެޓް މޭކަޕް ޓްރެންޑަކަށް ވެއްޖެ އެވެ. އެގޮތުން މި ހަފްލާގައި އެކްޓްރެސް އެމެންޑާ ސީފްރީޑް އަދި ޖޫލިއާ ގާނާގެ މޭކަޕް ފާހަގަ ކޮށްލެވުނެވެ. ހުނަރުވެރި ދެ އެކްޓްރަސުން ވެސް ކޮށްފައި ހުރީ 'މިނިމަލް' މޭކަޕް އެކެވެ.

އެމެންޑާގެ ލޮލުގައި ކަޅު އައިލައިނާ ވަރަށް ސާދާކޮށް އަޅާފައި މޫނުގައި އިތުރު އެހެން ކުލަތަކެއް ނުޖައްސަ އެވެ. އަދި އިސްތަށިގަނޑު ވެސް ހުރީ ވަރަށް ސާދާ ސްޓައިލަކަށް ފަހަތަށް އައްސާފަ އެވެ. މޫނުމައްޗަށް 'ވޭވީ' ސްޓައިލަކަށް ދެ ފަރާތުން ދެ އިސްތަށިކޮޅު ވައްޓާލައިފައި ހުއްޓެވެ. މިއީ ޕާޓީއަކަށް ވަރަށް އެކަށީގެންވާ ސްޓައިލެކެވެ.

ޖޫލިއާ ގާނާގެ ރަތް ލިޕްސްޓިކްއާ ގުޅުވާލީ ލޮލުގެ އެތެރޭ ކަނުގައި ޖައްސާފައި ހުރި އައިޝެޑޯގެ ކުލަ އެވެ. އެކަމަކު އެއީ ވެސް ހަމުގެ ކުލައާ ގުޅޭ ކުލައަކުންނެވެ. މޫނުގައި ދެން އިތުރު ކުލައެއް ނުޖައްސަ އެވެ. އިސްތަށިގަނޑު ސްޓައިލުކޮށްފައި ހުރީ މިފަހުގެ މަގުބޫލު 'ސެންޓާ ޕާޓް' ސްޓައިލަށެވެ. މިއީ ވަރަށް ޒަމާނީ، ބޮޑެތި ގިނަ ހަފްލާތަކަށް އެކަށީގެންވާ ލުކް އެކެވެ.

'ގްލާސް އަނިއަން: އަ ނައިވްސް އައުޓް މިސްޓްރީ' ފިލްމުން މަގުބޫލުވި ތަރި މެޑަލިން ކްލައިން އާއި އެކްޓްރެސް ލިލީ ޖޭމްސްގެ 'މޮޑާން ކެޓް އައިލައިނާ' މޭކަޕް ވަރަށް ހިތްގައިމެވެ. އަދި އެ ދެ ތަރިންގެ ވެސް އިސްތަށިގަނޑު ހުރީ 'އޯލްޑް ހޮލީވުޑް' ސްޓއަިލަކަށެވެ. މެޑަލިންގެ މޫނުގައި ޖައްސާފައި ހުރީ ވަރަށް 'ނިއުޓްރަލް' ކުލަތަކެކެވެ. އަދި އިސްތަށިގަނޑުގެ ބޮޑެތި ބާނިތައް ހުރީ އިހުގެ ތަރި މެރެލިން މޮންރޯއާ ވައްތަރު ސްޓައިލަކަށެވެ.

ލިލީ އާއި މެޑަލިންގެ ކެޓް އައި އަދި ނިއުޓްރަލް މޭކަޕް އަކީ ގިނަ މުނާސަބަތުތަކާ ގުޅޭ މޭކަޕް ލުކް އެކެވެ.

މަގުބޫލު ތަރި ޖެނެލް މޮނޭގެ ލުކް ވަރަށް ތަފާތެވެ. އޭނާގެ އިސްތަށިގަނޑު ހުރީ ތުނި، ކަޅު، ވޫލް ވައްތަރުގެ ރޮއްޖެއް އިސްތައްޓާ އެއްކޮށް ގަތާފަ އެވެ. މި ސްޓައިލު އޭނާ އެ ރޭ ލައިގެން ހުރި ވީރާ ވޭންގްގެ ހެދުމާ ވެސް ގުޅެ އެވެ.

އިސްތަށިގަނޑު ތަފާތު ކޮށްލާފައި މޭކަޕް ކޮށްފައި ހުރީ ވަރަށް 'ނިއުޓްރަލް' ސްޓައިލަކަށެވެ. ލޮލުގައި އައިލައިނާ ދިގުކޮށް ދަމާލައިފައި ތުންފަތާއި މޫނުމަތި ނިއުޓްރަލް ކުލަތައް ބޭނުން ކޮށްގެން ނަލަ ކޮށްފައި ހުއްޓެވެ. ހާއްސަ މުނާސަބަތަކަށް މިކަހަލަ ލުކްއެއް ވަރަށް އެކަށީގެންވާނެ އެވެ.

އެކި އުމުރުފުރާތަކަށް އެކަށީގެންވާ މޭކަޕް ސްޓައިލުތައް ފެންނަ އެއް ތަނަކީ މިކަހަލަ ބޮޑެތި ހޮލީވުޑް އިވެންޓުތަކެވެ. އެގޮތުން ދުވަސްވީ އެކްޓަރުންނާއި އެކްޓްރަސުންގެ މޭކަޕް އާއި އިސްތަށިގަނޑުގެ ސްޓައިލުތަކުން ހިޔާލު ހޯދުން ވެސް ބުއްދިވެރި އެވެ. 

މިފަހަރުގެ ކްރިޓިކްސް ޗޮއިސް އެވޯޑްސްގައި ވެސް ތަޖުރިބާކާރު ތަރިންގެ ލުކްސް ވަރަށް ޗާލެވެ. މަގުބޫލު އެކްޓްރެސް ކެރީ ވޮޝިންޓަން މި ހަފްލާއަށް ތައްޔާރުވެފައި ހުރީ ނަލަ، ސާދާ ސްޓައިލަކަށެވެ. އޭނާގެ ބުޅި އިސްތަށިގަނޑު ފަހަތުން ދޫ ކޮށްލައި މޭކަޕް ވަރަށް އުޖާލާ އަދި ސާދާ ސްޓައިލަކަށް ބެހެއްޓި އެވެ. އާދަޔާހިލާފު ގިނަ ކުލަތަކެއް ނުޖައްސާ، މަޑު ފިޔާތޮށި ކުލައެއް ތުންފަތާއި ކޮލުގައި ޖައްސާފައި ހުއްޓެވެ. އަދި ލޮލުގެ މޭކަޕް ވެސް މާ ގޮތް ބޮޑެއް ނޫނެވެ. މިއީ ޕާޓީއަކަށް ރަނގަޅު މޭކަޕް ސްޓައިލެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް