ފޯކައިދޫ ސޫކުލްގެ މާހައުލު ދަރިވަރުންނަށް ހިތްގައިމު(ފޮޓޯ/ފޯކައިދޫ ސުކޫލް)

އެޑިޔުކޭޝަން މިނިސްޓަރުގެ ލޯބި ފޯކައިދޫ ސްކޫލްގެ ހިތްގައިމު މާހައުލަށް

18 ޖެނުއަރީ 2022
ފޯކައިދޫ ސްކޫލްގެ ބަގީޗާގެ މަސައްކަތް ކޮށްފައިވަނީ އެ ސްކޫލްގެ ތިމާވެށި ކްލަބްގެ ފަރާތުން

މިދިއަ އާދިއްތަދުވަހު ދެ ވަނަ ޓާމްގެ ކިޔެވުން ފެށެނު އިރު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ، ފޭސްބުކްގައި ޕޯސްޓެއްކުރެއްވި އެވެ. ރާއްޖޭގެ އުތުރުން ށ. އަތޮޅުގެ ސުކޫލެއްގެ ފޮޓޯތަކަކާ އެކު ވިދާޅުވީ އޭނާ މިހާތަނަށް ވަޑައިގެންނެވި ސްކޫލްތަކުގެ ތެރެއިން އެންމެ ރީތި އެއް ތަނަކީ ފޯކައިދޫ ސްކޫލް ކަމަށެވެ. އެ ހިތްގައިމު މާހައުލަށް މިނިސްޓަރު ވަނީ ސްކޫލްގެ ޕްރިންސިޕަލް އާއި މުޅި ސްކޫލަށް، ލޯބީގެ ހިތަކާ އެކު، ހިތްވަރު ވެސް ދެއްވައިފަ އެވެ.

ފޯކައިދޫ ސްކޫލްގެ ގޯތިތެރެ ހިތްގައިމެވެ. ފެހިކަން ގަދަ އެވެ. ސްކޫލްގެ ފާރުތަކުގައި ލާފައި ހުރި ފެހި ކުލަ އާއި ވަށައިގެން ހުރި ބޮޑެތި ގަސްތަކާއި ބަގީޗާ އާއި ފެހި ވިނަގަނޑާ އެކު، މުޅި ހިސާބުގަނޑު ފެންނަނީ ފެހިކޮށެވެ. އެހެންކަމުން އެއީ ކިޔަވަން ވެސް އެއް ވަނައިގެ މާހައުލެއް ކަން ޔަގީނެވެ. 

ރަށްރަށުގެ ބައެއް ސްކޫލްތަކުގެ ގޯތިތެރޭގައި ބަގީޗާ ހައްދަ އެވެ. ބޮޑެތި ގަސްތައް ހުރެ އެވެ. އެގޮތުން ފޯކައިދޫ ސްކޫލްގައި ގޯތިތެރޭ ވެސް 1990ގެ އަހަރުތަކުން ފެށިގެން ފެހި ވިނަގަނޑެއް އޮވެ އެވެ. އެއީ، ސްކޫލްގެ ޓީޗަރުން ބުނާ ގޮތުގައި، އެ ސްކޫލްގެ 'ސިގްނޭޗާއެކެ'ވެ. 

ފޯކައިދޫ ސްކޫލުގައި، އެލްކޭޖީން ފެށިގެން ގްރޭޑް 12އާ ހަމައަށް، މިވަގުތު 465 ދަރިވަރުން ކިޔަވަ އެވެ. ސްކޫލްގެ އިމާރާތް ހުރީ ބުރިބުރިއަށް ނަގާފައެއް ނޫނެވެ. އަދިވެސް ހުރީ އެންމެ ފުރަތަމަ ސްކޫލް ހެދި އިރު ވެސް ހުރި ޑިޒައިނަށެވެ. 

ދެ ވަނަ ޓާމްގެ ކިޔެވުން ފެށުމުގެ ގޮތުން ދަރިވަރުންނަށް މަރުހަބާ ކިޔަން ރަތް ދޫލަ އަޅާފައި (ފޮޓޯ/ފޯކައިދޫ ސްކޫލް)

އެކަމަކު ސްކޫލްގެ ތިމާވެށި ކްލަބުން ގޯތިތެރެ ބަދަލުކޮށްލި އެވެ. މިހާރު މި ފެންނަ ފެހިކަން ބޮޑު މާހައުލު އުފެއްދީ އެ ކްލަބްގެ ވަރަށް ބޮޑު އިސްނެގުމެއްގެ ތެރެއިންނެވެ.

ތިމާވެށި ކްލަބް ހިންގުމާ ހަވާލުވެ ހުންނެވި ޓީޗަރު މުހައްމަދު ފިޒާން ވިދާޅުވި ގޮތުގައި ފެހިކަން ބޮޑުކުރުމުގެ ގޮތުން ގޯތި ތެރޭގައި ބަގީޗާ ހައްދަން ދަރިވަރުން ފެށި މަސައްކަތަށް ސްކޫލްގެ މެނޭޖްމަންޓްގެ ތަރުހީބު ވެސް ލިބުނެވެ.

  • ފޯކައިދޫ ސްކޫލްގެ ބަގީޗާ ބެލެހެއްޓުމަކީ ތިމާވެށި ކްލަބްގެ އިސްނެގުމެއް (ފޮޓޯ ފޯކައިދޫ ސްކޫލް)
  • ސްކޫލްގައި ނަން ޖަހަން ހަދާފައިވާ ތަނެއް (ފޮޓޯ/ފޯކައިދޫ ސްކޫލް)
  • ސްކޫލްގައި އަލަށް ހަދަމުން އަންނަ ހަތަރު ބުރީ އިމާރާތް (ފޮޓޯ/ފޯކައިދޫ ސްކޫލް)

ކޮވިޑް-19އާ ގުޅިގެން މިދިޔަ އަހަރު ކުރިމަތިވި ލޮކްޑައުންއަކީ އެ މަސައްކަތަށް ލިބުނު އިތުރު ފުރުސަތެކެވެ. އޭގެ ކުރިން ކުދިންގެ އަޑާއި، ރަނގަބީލުގެ އަޑާއި ކްލާސްތަކުގައި ކިޔަވައިދޭ އަޑު އިވިއިވި ހުރި ސްކޫލް ވެސް ހިމޭންވި އެވެ. ބަގީޗާ ހެއްދީ އެ ދުވަސްވަރު އެވެ.

ފޯކައިދޫ ދަރިވަރުން އެސެމްބްލީގައި: މި ސްކޫލުގައި 465 ދަރިވަރުން ކިޔަވާ (ފޮޓޯ/ފޯކައިދޫ ސްކޫލް)
ސްކޫލްގެ އެސެމްބްލީ ކުރިއަށް ދަނީ (ފޮޓޯ/ ފޯކައިދޫ ސްކޫލް)

ހުދު ކުލަ ލައިގެން ހެދި ލަކުޑި ފަތިތަކުން ބައެއް ހިސާބުތަކުގައި ތިމާވެށި ކްލަބުން ފެންސް ޖެހި އެވެ. އަދި ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު މަތީންގެ ހިޔާލަށް ފިލާ ފަތިތަކަކުން ބެކެއް ހަދައި، ސްކޫލްގެ ނަން ކަޅާއި ރަތުން ޖަހާލި އެވެ. 

ސްކޫލް ހުޅުވުނު އިރު ލޮކްޑައުންގައި އިންދި ގަސްތައް ފުދޭ ވަރަކަށް ބޮޑުވި އެވެ. ފެހިކަން ގަދަވި އެވެ. ސްކޫލްގެ މުޅި މާހައުލު ބަދަލުކޮށްލި އެވެ.

ދެވަނަ ޓާމްގެ ކިޔެވުން ފެށުމާ އެކު ދަރިވަރުން ސްކޫލަށް ދިޔައީ އުފަލުން (ފޮޓޯ/ފޯކައިދޫ ސްކޫލް)

މަތީން ވިދާޅުވީ ބަގީޗާ ހެއްދުމުގެ އަސްލު މަގްސަދަކީ ދަރިވަރުން ކިޔަވާ ހިތުން އަންނަ ތަނަކަށް ސްކޫލްގެ މާހައުލު ބަދަލުކޮށްލުން ކަމަށެވެ. ދަރިވަރުންނާއި މުވައްޒަފުންނާއި ބެލެނިވެރިންގެ ބައިވެރިވުމާ އެކު މިހާރު އެއީ ތިމާވެއްޓާ ރައްޓެހި ފެހި މާހައުލެއް ކަމަށް، އޭނާ ވިދާޅުވި އެވެ.

ފޯކައިދޫ ސްކޫލްގެ ދަރިވަރުން ގޯތި ތެރޭގައި އޮތް ވިނަގަނޑު މަތީ ސަގާފީ ހެދުމުގައި ހަރަކާތްތެރިވަނީ (ފޮޓޯ/ފޯކައިދޫ ސްކޫލް)
ފޯކައިދޫ ސްކޫލް ޓީޗަރަކު ދަރިވަރުންނަށް ސްޕޯޓްސް މީޓާ ގުޅޭ އިރުޝާދު ދެނީ (ފޮޓޯ/ފޯކައިދޫ ސްކޫލް)

"މި ބަދަލާ އެކު ވަރަށް ހިތްހަމަޖެހޭ. ދަރިވަރުން ކިޔަވަން އަންނަން ޝައުގުވެރިވެ، ދަރިވަރުންގެ ނަތީޖާ ވެސް ވަރަށް ބޮޑަށް ރަނގަޅުވި ކަން ފާހަގަކުރެވޭ،" މަތީން ވިދާޅުވި އެވެ.

މިދިޔަ އަހަރު ޖީސީއީ އޯ ލެވެލްގެ ގަދަ 10 ގައި  ފޯކައިދޫގެ ހަ ދަރިވަރަކު ހިމެނުނެވެ. އަދި އަށް އޭ ސްޓާ ހޯދައިގެން ގަދަ 10ގެ އެއް ވަނާގައި ވެސް ފޮކައިދޫ ސްކޫލްގެ ދަރިވަރަކު ހިމެނެ އެވެ.

ސްކޫލްގެ އިސްނެގުމެއްގައި ކީ ސްޓޭޖް އެކަކާއި ދޭއްގެ ދަރިވަރުން ވަނީ 'މައި ކޮމިއުނިޓީ" ތީމްގެ ދަށުން މުޖުތަމައުއަށް ފައިދާ ހުރި މަސައްކަތެއް ކޮށްދިނުމުގެ ގޮތުން ތަރައްގީކުރި ޕިކްނިކް ދާ ސަރަހައްދު 'ކޮއްލަވާނި ބީޗް' މި ދިޔަ އަހަރު އޮކްޓޯބަރުގައި ހުޅުވައިފަ އެވެ.

  •  'ކޮއްލަވާނި ބީޗް" ގައި ކުއްޖަކު އުނދޯލި ހެއްލަނީ (ފޮޓޯ/ދަރިވަރު.ކޮމް)
  • މުޖުތަމައުއަށް ފައިދާ ހުރި މަސައްކަތެއްގައި ފޯކައިދޫ ސްކޫލްގެ ދަރިވަރުން ހަރަކާތްތެރިވަނީ (ފޮޓޯ/ ދަރިވަރު.ކޮމް)
  •  ފޯކައިދޫ ޕިކްނިކް ދާ ސަރަހައްދު 'ކޮއްލަވާނި ބީޗް' ގައި ދެ ކުއްޖަކު އުނދޯލި ހެއްލަނީ (ފޮޓޯ/ދަރިވަރު.ކޮމް)
  • ފޯކައިދޫ ސްކޫލްގެ ދަރިވަރުން އިޖުތިމާއީ ހަރަކާތެއްގައި (ފޮޓޯ/ ދަރިވަރު.ކޮމް)

ފޯކައިދޫ ސްކޫލްގައި 70 މުވައްޒަފުން މަސައްކަތްކުރެ އެވެ. ސްކޫލުން އިންތިޒާމުކޮށްގެން ބާއްވާ މިފަދަ ހަރަކާތްތައް ކަމިޔާބު ވަނީ ބެލެނިވެރިންނާއި ކުދިންނާއި ޓީޗަރުންނާއި އެހެން މުވައްޒަފުން އެއް ރޫހެއްގައި މަސައްކަތް ކުރާތީ އެވެ. ސްކޫލްގެ ޖާގަ ބޮޑުކުރަން މިހާރު އަންނަނީ ހަތަރު ބުރީގެ އިމާރާތެއްގެ މަސައްކަތް ކުރަމުންނެވެ. އެކަމަކު އެ އިމާރާތް ހެދިޔަސް ސްކޫލްގެ ފެހިކަން ނުގެއްލޭ ގޮތަށް ހިތްގައިމު މާހައުލު ބާއްވަން ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް، އެ ސްކޫލުން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް