Majlis 2024

މިދިއަ ސަރުކާރުން ހިންގި އެންމެ ބޮޑު އެއް މަޝްރޫއު، ހިޔާ ފްލެޓްތައް: އެއް ސަރުކާރުން ހިންގި މަޝްރޫއުތައް އަނެއް ސަރުކާރުން ވެސް ބައެއް ފަހަރަށް ކުރިއަށް ގެންދޭ

ކޮލަމް

ރިޔާސަތު ބަދަލުވިޔަސް ސިޔާސަތު ބަދަލު ނުކޮށް ހިންގެން ވާނެ ބާ؟

ރިޔާސަތު ބަދަލުވިޔަސް ތަރައްގީ މަޝްރޫއުތައް ބަދަލުނުކޮށް ހިންގަން ވާނޭކަމަށް ގާނޫނެއް ހެދުމަކީ ރަނގަޅު ކަމެއް ކަމުގެ ކަށަވަރު ކަމެއް އަދި ނެތް
16 ސެޕްޓެމްބަރު 2021

އެއް ރިޔާސަތަކުން (ސަރުކާރަކުން) ފަށާ ތަރައްގީ ރޭވުމާއި މަޝްރޫއުތައް އަނެއް ރިޔާސަތަކުން ހުއްޓައިލުން ނުވަތަ ކުރިޔަށް ނުގެންދިޔުމަކީ ވިޔަދީގެން ވާނޭ ކަމެއް ނޫންކަމަށް ބުނެ އުޅޭތީ އެބަ އިވެތެވެ. މިކަމުގެ މައްޗަށް ސިޔާސިވެރިންނާއި ރައުޔުވެރިންނާއި ދިރާސާވެރިންނާއި އާއްމުން ވެސް ސައްލާކޮށް އުޅޭތީ ފެނި، އިވެ އެވެ.

އެއް ރިޔާސަތެއްގެ ސިޔާސަތުތައް ވާރުތަވާ ރިޔާސަތަކުން އެކަންކަން ކުރިޔަށް ނުގެންދިޔުމަކީ މައްސަލައެއް ހެއްޔެވެ؟ ކަމެއް މައްސަލަޔަކަށް ވަނީ އެ ކަމެއް ހިނގި ނުވަތަ ހިނގާ ގޮތަކާ މެދު ބަޔަކު ސުވާލު އުފެއްދުމުންނެވެ. އެހެން ހާލަތެއްގައި، ކަމަކީ މައްސަލައެއްތޯ ބަލަން އެންމެ ރަނގަޅު ކަމަށް ފެންނަނީ، އެ ކަމަކީ މައްސަލައެއް ކަމަށް އަމާޒީ ސަމާލުވެރިން ދެކޭތޯ ސާވޭއެއް ކުރުން، މަޝްވަރާތަކެއް ކުރުން ނުވަތަ އެއީ ކުރިން ދިރާސާއިން މައްސަލައެއް ކަމަށް ގައިމުކުރެވިފައިވާ ކަމެއްތޯ ކަށަވަރުކުރުމެވެ. އެހެންކަމަކު، ކޮންމެ ފަހަރަކުމެ މި ކަން މިހެން ކުޅައުމީ އެކަށޭނަ ނުވަތަ ފަސޭހަ ކަމަކަށް ނުވެ ހިނގައި ދެ އެވެ. އެހެންވެ، ކަމެއް އެއީ މައްސަލައެއް ކަމަށް ސިފަކޮށް ފައުޅުކުރެވޭ ރައުޔުތަކަކުން ވެސް އެއީ މައްސަލައެއް ކަމަށް އާއްމު ރައުޔުގައި ބަހުސުކުރެވެން އެބަ ފެށެ އެވެ. އެހެންވިޔަސް، އެއީ އާއްމު ސިޔާސަތެއް އެކުލަވައިލާން ޖެހޭ މައްސަލަޔަކަށް ވެއްޖެ ކަމެއްގެ ދަރަޖައަށް އުފުލިފައިވާ ކަމެއްތޯ ވިސްނުމަކީ ވަކި ނިންމުމެކެވެ.

ދެވަނަ ސުވާލަކީ، އެއީ މައްސަލައެއް ކަމަށް ނިންމުނު ކަމެއްގައި އެކަން ހަމަޖައްސާނީ ކިހިނެއް ހެއްޔެވެ؟ މި ކަމަށް ވިސްނުމުގައި، އެއީ އާއްމު ސިޔާސަތުގެ ގިންތީގެ މައްސަލައެއް ނަމަ، އެ ކަމަކަށް ލިޔުމީ އާއްމު ސިޔާސަތެއް އެކުލަވައިލާން ޖެހުން އެކަށީގެންވެ އެވެ. އާއްމު ސިޔާސަތަކީ އެ ސިޔާސަތަކުން ޖުމްލަކޮށް ރައްޔިތުންނަށް މަންފާކުރާ ކޮންމެ ސިޔާސަތެކެވެ. މި މާނައިގައި ވިސްނާ އިރު، ތަރައްގީ އިން އާއްމުކޮށް މަންފާ ލިބޭތީ، ތަރައްގީ ސިޔާސަތު އާއްމު ސިޔާސަތުގެ ގިންތީގައި ހިމެނޭކަމަށް ބެލެވިދާނެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގާ ނިންމި އާ ސީޕްލޭން މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްލަވާލައްވަނީ: ތަރައްގީގެ މަޝްރޫއުތައް އެއް ސަރުކާރުން އަނެއް ސަރުކާރަށް ވާރުތަވޭ

މި ހިސާބުން ދެން ބަލަންވީ ރިޔާސަތެއްގެ ތަރައްގީ ރޭވުމާއި މަޝްރޫއުތައް ވާރުތަވާ ރިޔާސަތަކުން އެ ރޭވުމާއި އެ މަޝްރޫއުތައް ކުރިޔަށް ގެންދާން ޖެހޭނެތޯ ނުވަތަ ނޫންތޯ އެވެ. ދައުލަތުގެ ނިޒާމު ހަމަޖެހިފައި އޮންނަ ގޮތުން، ރިޔާސަތު ބަދަލުވުމުން ކުރީ ރިޔާސަތެއްގެ ތަރައްގީ ރޭވުމާއި މަޝްރޫއުތައް އައު ރިޔާސަތުން ކުރިޔަށް ގެންދަން ބޭނުންނުވާ ނަމަ އެހެން ހެދި ދާނެ އެވެ. ބަހުސު ކުރެވެމުން ދާ މައްސަލަޔަކީ މިއީ ކަމަށް ވާތީ، މީގެ ހައްލެއް ކަމަށް ހުށަހެޅެމުން ދަނީ އެހެން ވިޔަ ނުދިނުމެވެ. އެހެން ވިޔަ ނުދޭން ޖެހޭ ސަބަބެއް ކަމަށް ބުނެވެނީ، ތަރައްގީ ސިޔާސަތުތަކާއި މަޝްރޫއުތައް އިރުއިރުކޮޅާ ބަދަލުކުރުމުން ވަސީލަތްތައް، މައިގަނޑުކޮށް ފައިސާ، ބޭކާރުވެ ތަރައްގީއަށް ބުރޫއެރުމެވެ. މައްސަލައިގެ ބަދު ނަތީޖާ އަކީ މިއީ ކަމަށް ބަލާ ނަމަ، ކުރަންވާ އެއް ސުވާލަކީ އެހެން ވިޔަނުދޭން ކުރަން ޖެހޭ ކަމަކީ ކޮބާ ހެއްޔެވެ؟ އާއްމު ސިޔާސަތު ދެމެހެއްޓުމުގެ އެންމެ އިސް އަދާތަކީ ގާނޫނު ކަމަށް ވާތީ، މި މައްސަލައިގައި ވެސް، އިރުއިރުކޮޅާ ތަރައްގީ ރޭވުން ބަދަލުނުކުރެވޭނެ ހެން ގާނޫނެއް ހަދާންވީ ހެއްޔެވެ؟ ބައެއް ރައުޔުވެރިންގެ ނަޒަރުގައި މި ކަމަށް އޮތް ހައްލަކީ ގާނޫނެއް ކަމަށް ބުނާތީ އިވެ އެވެ.

މި ކަމަށް ގާނޫނެއް ހަދައިފި ނަމަ، ޑިމޮކުރެސީގެ މައި އެއް އުސޫލަށް ހުރަސް އެޅޭނެ އެވެ. ޖަދަލުވެރި ސިޔާސީ ނިޒާމުތަކުގައި ވޯޓުވެރިންގެ ކުރިމައްޗަށް ސިޔާސިވެރީން ނުކުންނަނީ ޕްލެޓްފޯމެއް (މައިގަނޑުކޮށް ރިޔާސީ ނިޒާމުތަކުގައި) ނުވަތަ މެނިފެސްޓޯއެއް (މައިގަނޑުކޮށް ބަރުލަމާނީ ނިޒާމުތަކުގައި) ދައްކައިގެން ކަމަށް ވެފައި، އެ ވައުދުނާމާއެއްގައި ބަޔާންކޮށްފައިވާ ރޭވުންތަކާއި މަޝްރޫއުތަކެއްގެ އުންމީދުގައި ވޯޓުވެރިން ސަރުކާރުގެ ވެރިޔަކު އިންތިހާބުކޮށްފި ހާލަތެއްގައި އެ ވެރިޔެއްގެ ވައުދުނާމާ ތަންފީޒުކުރަން ރައްޔިތުންގެ އަމުރު އެ ލިބުނީ ކަމަށް ވާތީ، ގާނޫނަކުން އެ ކަމަށް ހުރަސްއަޅަން ވާނެ ހެއްޔެވެ؟

ބައެއް ގައުމުތަކުގައި ރިޔާސަތަކުން ބައެއް ކަހަލަ ތަރައްގީ ރޭވުންތަކާއި މަޝްރޫއުތައް އެކުލަވައިލައި ފަށައިފި ނަމަ، މި ކަންކަން ވާރުތަވާ ރިޔާސަތަކުން މި އެންމެހައި ކަންކަން، ނުވަތަ މި އިން ބައެއް ރޭވުންތަކާއި މަޝްރޫއުތައް، ކުރިޔަށް ގެންގޮސް ފާނެ އެވެ. ނުވަތަ މި އިން އެއްވެސް ކަމެއް ކުރިޔަށް ނުގެންގޮސް ފާނެ އެވެ.

ޕޮޕިޔުލިސްޓް ސިޔާސަތުތަކަކީ އޭގެ މާލީ ތަކުލީފު އެންމެ ކުރިން ދައުލަތަށް، އެކަމަކު އާހިރުގައި ރައްޔިތުންނަށް ޖެހޭ ކަންކަމެވެ. އިތުރުވަމުން ދާ މި ކަހަލަ ސިޔާސަތުތަކުން އުފުލެމުން ދާ ދަރަނީގެ މާލީ ބަރުދަން އުފުލަން (އިތުރު ވާރު ނުވަތަ ޓެކުސް ދައްކާން) ރައްޔިތުން ރުހި ތިބި ކަމަށް ސިޔާސީވެރިންނަށް ފެންނަހައި ހިނދަކު ކުރިން ބުނި ހިމޭން އެއްބަސްވުން ޕާޓީތަކުގެ މެދުގައި ދެމި އޮވެ ފާޑުފާޑުގެ އައު ފިކުރީ ސިޔާސަތުތަކާއި މަޝްރޫއުތައް އުފައްދަމުން ގެންދާނެ ކަމަށް ފެނެ އެވެ. 

ތިން ބާރު ވަކިކޮށްފައިވާ ނިޒާމެއްގެ އަލަތުވެރިންކަމަށް ދައުވާކުރާ ހުޅަނގުގެ ގައުމެއްގައި ވަރަށް ސާބިތުކޮށް މި ކަން ދާދި ފަހުގެ އިންތިހާބުތަކުން އެބަ ފެނެ އެވެ. އެ ގައުމާއި، ދެކުނަށް އޮންނަ އަވަށްޓެރި ގައުމަކާ ދެމެދުގެ އިންރޮނގުގައި އިންފާރެއް ލުމަށް އެއް ޕާޓީއެއްގެ ކެންޑިޑޭޓަކު 2016 ވަނަ އަހަރުގެ އިންތިހާބުގައި ވައުދުވަމުން ދިޔަ އިރު، އަނެއް ޕާޓީއެއްގެ ކެންޑިޑޭޓަކު އަހުދުވަމުން ގެންދިޔައީ އެ ގައުމަށް މުހާޖިރުން ލާގާނޫނީކޮށް އެތެރެވުމުގެ މައްސަލަ އިންފާރެއް ނުލައި ވެސް އޮބަހައްޓާނޭ ކަމަށެވެ. ސިޔާސީ ކުލަފަތީގެ ކަނާތް ފަރާތާއި ވާތް ފަރާތުގެ މި ދެ ކެންޑިޑޭޓުން ކުރެ އެ އިންތިހާބުގައި މޮޅުވީ އިންފާރެއް ލުމަށް ވައުދުވި މުހާފިޒު ކެންޑިޑޭޓެވެ. މި ކާމިޔާބީއާ އެކު އޭނާއަށް އެ ލިބުނީ އެ އިންރޮނގުގައި އިންފާރެއް ލުމަށް ވޯޓުވެރިން ދިން އަމުރެވެ.

ޖެހިގެން އައި އިންތިހާބުގައި (2020 ވަނަ އަހަރު) ވެސް ކެމްޕޭންގެ މުހިންމު ވައުދަކަށް އެ އިންފާރު ވި އެވެ. މި މައްސަލައިގެ އަނެއް ފަރާތުގައި ކެމްޕޭންކުރަމުން ގެންދިޔަ ތަގައްދުމީ ފަޅީގެ ކެންޑިޑޭޓުގެ ވައުދަކީ ރިޔާސަތުގެ ފުރަތަމަ ދުވަހު މެ، އިންފާރުގެ މަސައްކަތް އެއްކޮށް ހުއްޓުވާނެ ކަމުގެ އަހުދެވެ. މި ފަހަރު ކާމިޔާބުކުރީ ތަގައްދުމީ ކެންޑިޑޭޓެވެ. އެ އިރު އިންފާރުގެ 455 މޭލަށް ވުރެ ދިގު ބަޔަކަށް 15 ބިލިއަން ޑޮލަރަށް ވުރެ ގިނައިން އޮތީ ހަރަދުކޮށްފަ އެވެ. މި ކަހަލަ އަގުބޮޑު ބިނާއަސާސީ އަކީ، އެއް ބައެއްގެ ނަޒަރުގައި އޭގެ ބޭނުންތެރިކަން، އަނެއް ބައެއްގެ ނަޒަރުގައި އޭގެ ބޭކާރުކަން ދިގު މުއްދަތަކަށް ދެމިގެން ދާ އިންވެސްޓްމެންޓަކަށް ވިޔަސް، ވަކި ވައުދުތަކެއް ވެ ކުރާ ކެމްޕޭނަކަށް ފަހު އޭގެ މައްޗަށް ވެރިކަން ލިބިއްޖެ ނަމަ، ކާމިޔާބުކުރި ވެރިޔަކަށް ވޯޓުވެރިން އެ ދިނީ އެ ވައުދުވި ކަންކަން ކުރުމުގެ އަމުރު ކަމަށް ވާތީ، 2020ގެ އިންތިހާބު ކާމިޔާބުކުރި އައު ވެރިޔާ ވެރިކަމުގެ ހަމަ ފުރަތަމަ ދުވަހު އެ އިންފާރުގެ މަސައްކަތް ހުއްޓުވި އެވެ.

މީގެ އިތުރުން، ބޮޑު އެހެން ބިނާއަސާސީ މަޝްރޫއެއް ވެސް އޭނާ ހުއްޓުވި އެވެ. އެއީ 2،687 މޭލު ދިގު ހޮޅިއެއް (އެ ގައުމަށް ޕެޓްރޯލިޔަމް ތެޔޮ އިންޕޯޓުކުރުމަށް) އެ ގައުމާ އިންވެގެން އުތުރަށް އޮންނަ ގައުމާ ދެމެދު އެޅުމުގެ މަސައްކަތެވެ. މިއީ 2016ގެ އިންތިހާބުގެ ކުރިން އޮތް ރިޔާސަތުން ހުއްދަ ނުދިނުމަށް ނިންމައިފައި އޮތް މަޝްރޫއެކެވެ. ނަމަވެސް 2016 ވަނަ އަހަރު އިންތިހާބު ކާމިޔާބުކުރި ވެރިޔާ ވައުދުވެ ހުއްދަ ދީގެން މި މަޝްރޫއުގެ މަސައްކަތް ފެއްޓުވީ އެވެ. މީގެ އަގު 9 ބިލިއަން ޑޮލަރަށް އަރައެވެ. މިދިއަ އަހަރުގެ އިންތިހާބު ކާމިޔާބުކުރި ވެރިޔާ މި މަޝްރޫއު ކެންސަލްކުރުމުން، މި މަސައްކަތުގެ އިސް ކުންފުނިން ވަނީ 15 ބިލިއަން ޑޮލަރުގެ ބަދަލެއް ހޯދަން ދައުވާކޮށްފަ އެވެ.

ކޮންމެ ސިޔާސަތެއް، މަޝްރޫއެއް ނުވަތަ މުއާމަލާތެއްގެ ވެސް ހަރުދަނާ އަސާސެއް އޮންނަން ޖެހެ އެވެ. އެ އިންފާރުގެ އަސާސެއް ކަމަށް ދެއްކީ ދެކުނުން އޮންނަ އިންރޮނގު ހުރަސްކޮށް އެ ގައުމަށް މުހާޖިރުން މާ ގިނައިން ލާގާނޫނީކޮށް އެތެރެވުމެވެ. މި ޒުވާބުގެ އަނެއް ފަޅިން ބުނަމުން ގެންދިޔައީ، މި އަސާސް ތެދުކަމަށް ތަފާސްހިސާބުތަކަކުން ނުފެންނަ ކަމަށެވެ. އެހެންކަމުން، އިންފާރެއްގެ ހަގީގީ ބޭނުމެއް ނެތް ކަމަށާއި، ބޮޑެތި އުސް ފާރުތައް ރާނައި ވަކިވެގަތުމަކީ ތަހުޒީބީ ކަމަކަށް ނުވާ ކަމަށެވެ. ކުރެވެމުން ދިޔަ މި ޒުވާބުގެ މި ފަޅި ގަބޫލުކުރި މީހުން ގިނަވެ ތަގައްދުމީ ކެންޑިޑޭޓަށް 2020ގެ އިންތިހާބު ކާމިޔާބުކުރެވުނީ އެވެ.

މި ކަހަލަ އެތައް މިސާލެއް އެކި ގައުމުތަކުން ފެނިދާނެ އެވެ. ރާއްޖެ އަށް ބަލާ އިރު، އުތުރުކަރައިގެ ކުންފުންޏަކަށް ގައުމުގެ މައި ވައިގެ ބަނދަރު ހިންގަން ހަވާލުކުރި މުއާމަލާތް ފާހަގަކުރެވެ އެވެ. މި ކަމުގެ މައި އަސާސެއް ކަމަށް ބުނެވެމުން ދިޔައީ ވައިގެ ބަނދަރު ތަރައްގީ ކުރުމަށް ފައިސާ ނުލިބުމާއި ތަރައްގީ ނުކުރެވި އޮތުމެވެ. މިއީ، މުޅިއަކުން ތެދު އަސާސެއް ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. ދެކޮޅުޖެހޭ މަޝްރޫއަކަށް ފިނޭންސްކުރާނޭ މާލީ އިދާރާތައް ދުނިޔޭގެ އެތަންމިތަނުގައި ގިނަ އެވެ. ތަން ތަރައްގީކޮށް ޒަމާނީކުރުމަށް ވައިގެ ބަނދަރު ކުންފުނީގައި ތިބި ހިންގުންތެރިން ނުކުޅެދިފައި ތިބި ނަމަ، ކަމަށް ގާބިލު ތަޖުރިބާކާރުން ގެންނާނީ އެވެ. މި މައްސަލަ ވާރުތަވި ރިޔާސަތުން މި މުއާމަލާތް ބާތިލުކުރުމުގެ ބަދުނަތީޖާ އަކީ ދިވެހި ދައުލަތުންނާއި ދިވެހި ރައްޔިތުން 300 މިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ ފައިސާ ބަދަލަކަށް އެ ކުންފުންޏަށް ދޭން ގާނޫނީ ނިހާއީ ނިޔާއަކުން ލާޒިމުވެ ދެއްކުމެވެ. މިއީ 30 އަހަރުގެ މުއްދަތަށް ވައިގެ ބަނދަރު ހިންގުން އެ ކުންފުންޏަށް ދީފައި ބޭއްވި ނަމަ ދިވެހި ދައުލަތަށާއި ދިވެހި ރައްޔިތުންނަށް ލިބޭނޭ މާލީ އަދި ނޫންމާލީ ފުރުސަތު ތަކުލީފަށް ވުރެ (ނުވަތަ އޮޕޯޗުނިޓީ ކޮސްޓަށް ވުރެ) މާ ކުޑަ އަދަބެއް ކަމަށް ގަބޫލުކުރެވެ އެވެ.

ގައުމެއްގެ ރިޔާސަތަކުން ނިންމައިފައިވާ ނިންމުމެއް އެ ކަމެއް ވާރުތަވާ ރިޔާސަތަކުން އަނެއް އަތަށް ފުރޮޅައިލުމަކީ އާއްމު އުސޫލަކަށް ބަލަން ރަނގަޅު ކަމެއް ނޫނޭ ބުނެވި ދާނެ އެވެ. އެހެންކަމަކު، ގާނޫނަކުން މި ކަން މަނާ ނުކޮށް ގައުމުތަކުގައި އޮންނަނީ، ކުރިން އިޝާރާތްކުރި ޑިމޮކްރެސީގެ އެންމެ މުހިއްމު އެއް އުސޫލަށް ޖާގަ ދިނުމަށް ކަމަށް ވުމުގެ އިތުރުން، އެ ނިންމުމަކީ ގިނަ ގޮތްތަކަކުން ތަސައްރަފު ނުފުދޭ ކަމެއް ކަމަކަށް ވާ ނަމަ، އެ ކަމެއް ބާތިލުކުރުމުގެ އިހުތިޔާރު އެ ކަމެއް ވާރުތަވި ރިޔާސަތަކަށް ލިބިދިނުމަށް ގަސްތުގައި ހުޅުވައިލައިފައި ބާއްވާން ކަމަށް ބެލެވި ދާނެ އެވެ. އެހެންވީމާ، ރިޔާސަތު ބަދަލުވިޔަސް ތަރައްގީ މަޝްރޫއުތައް ބަދަލުނުކޮށް ހިންގަން ވާނޭކަމަށް ގާނޫނެއް ހެދުމަކީ ރަނގަޅު ކަމެއް ކަމާ މެދަކު ކާމިލު ކަށަވަރުކަމެއް އަދިއެއް ނުލިބެ އެވެ.

ދެން އޮތީ ކޮން ގޮތެއް ހެއްޔެވެ؟ މި ސުވާލަށް ވެސް އަދި ފުރިހަމަ ޖަވާބެއް ލިބިފައެއް ނުވެ އެވެ. އެންމެހައި ޕާޓީތަކުން ދުރު ރާސްތާގެ ވަކި ކަންކަމަކަށް އެއްބަސްވާން ވީ ހެއްޔެވެ؟ މިއީ ވުމަށް ވުރެ ނުވުން ކައިރި ކަމެކެވެ. އެންމެ ބޮޑު އެއް ސަބަބަކީ އެ ބައެއްގެ އަނާ ނުވަތަ އީގޯ އެވެ. ކޮންމެ ބަޔަކު ވެސް، ވަކި ސިޔާސަތަކީ ނުވަތަ މަޝްރޫއަކީ އެ ބައެއްގެ ކަމަކަށް ދައުވާކުރާން ބޭނުން ވާނެތެވެ. ހިމެނުންތެރި މަށުވަރާތަކެއްގައި މިހެން ކުރެޑިޓް ނުވަތަ ޝަރަފު ނެގުމަކީ މާކަ ފަސޭހަ ކަމެއް ކަމަކަށް ނުވެ އެވެ.

މި އޮތް ޖަދަލުވެރި ސިޔާސީ ނިޒާމަކީ މި ދީބުގައި އޮންނަން އެންމެ އެދެވޭ ނިޒާމުތޯ ނުވަތަ ނޫންތޯ، މި ބަހުސް ފަރާތެއްގައި ބާއްވައި، ގާނޫނެއް ނެތަސް، ގަސްތުގައި ވަކި ކަމަކަށް އެއްބަސް ނުވިޔަސް، ގައުމުގެ ބައެއް ބޮޑެތި މައްސަލަތަކުގައި ގިނަ ޕާޓީތަކުން ހިމޭން އެއްބަސްވުމެއް ވެފައިވާ ކަމަށް ދެންނެވި ދާނެ އެވެ. މި ކަމުގެ ހެކި ވަކި ދާއިރާތަކެއްގެ އާއްމު ސިޔާސަތުތަކުން އެބަ ފެނެ އެވެ. މީގައި ސިއްހަތާއި ތައުލީމާއި ބިނާއަސާސީ އާއި، ގެދޮރުވެރިކަން ހިމެނެ އެވެ. ފާހަގަވަނީ، އެ ސިޔާސަތަކުން ރައްޔިތުންނަށް އާއްމުކޮށް މަންފާކުރާ ނަމަ، އެ ކަމެއް ވާރުތަވާ ރިޔާސަތަކުން ވެސް ކުރިޔަށް ގެންދާ ކަމެވެ. ސިޔާސީ ޖަދަލާއި ވާދައިގައި ދައުލަތަށް ނުފޯރާ ވަރަށް ވެސް މި ކަހަލަ ކަންކަން ދަނީ އާއްމު ސިޔާސަތުގެ ދާއިރާގައި ހިމަނަމުންނެވެ.

މިފަދަ ޝުއޫބީ ނުވަތަ ޕޮޕިޔުލިސްޓް ސިޔާސަތުތަކަކީ އޭގެ މާލީ ތަކުލީފު އެންމެ ކުރިން ދައުލަތަށް، އެކަމަކު އާހިރުގައި ރައްޔިތުންނަށް ޖެހޭ ކަންކަމެވެ. އިތުރުވަމުން ދާ މި ކަހަލަ ސިޔާސަތުތަކުން އުފުލެމުން ދާ ދަރަނީގެ މާލީ ބަރުދަން އުފުލަން (އިތުރު ވާރު ނުވަތަ ޓެކުސް ދައްކާން) ރައްޔިތުން ރުހި ތިބި ކަމަށް ސިޔާސީވެރިންނަށް ފެންނަހައި ހިނދަކު ކުރިން ބުނި ހިމޭން އެއްބަސްވުން ޕާޓީތަކުގެ މެދުގައި ދެމި އޮވެ ފާޑުފާޑުގެ އައު ފިކުރީ ސިޔާސަތުތަކާއި މަޝްރޫއުތައް އުފައްދަމުން ގެންދާނެ ކަމަށް ފެނެ އެވެ. މިއީ އިޝްތިރާކީ ނުވަތަ ސޯޝަލިސްޓް ނިޒާމުތަކުގައި ފައުޅުކޮށް ތަބާވާ ކަންކަމެވެ.

ވަކި ކަހަލަ ސިޔާސީ ނިޒާމެއް އޮންނަ ގައުމެއް (މިސާލަކަށް ސިންގަޕޫރު)ގައި ސަރުކާރުގެ ވެރިޔާ ބަދަލުވިޔަސް ތަރައްގީ ރޭވުންތަކާއި ސިޔާސަތުތަކާއި މަޝްރޫއުތައް ބަދަލުނުކޮށް ހިންގުނެއް ކަމަކު، ޖަދަލުވެރި ސިޔާސީ ނިޒާމެއްގައި އެ ކަން އެހެން ކުރާނެ ގޮތަކާ މެދު ސާދާ ހައްލެއް އެބަ އޮތޭ ބުނެވޭ ވަރަށް ވުރެ ކަމުގެ މައްސުނިކަން ބޮޑެވެ.

އެޑިޓަރުގެ ނޯޓު

ޑރ. ފަޒީލްއަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ކުރީގެ ގަވަރުނަރެވެ. ސަރުކާރުގެ ވަޒީފާގައި އުޅުއްވަމުން 1980ގެ އަހަރުތަކުގެ މެދުތެރެއިން ފެށިގެން 1990ގެ އަހަރުތަކުގެ ކުރީކޮޅާ ޖެހެންދެން ފަޒީލް ވަނީ 'ހަވީރު'އަށް ބޭރުގެ ކުޅިވަރު ކަވަރުކޮށްދެއްވައިފަ އެވެ. މޯލްޑިވްސް އިކޮނޮމިކް ރިވިއުގެ އެއް ބާނީއަކީ ވެސް ފަޒީލެވެ. އޭނާއަކީ ސްކޫލް ދައުރުން ފެށިގެން ލިއުންތެރިކަމަށް ހާއްސަ ލޯތްބެއް ބަހައްޓަވަމުން ގެންދަވާ ބޭފުޅެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް