މީހަކު ޑޮލަރުތަކެއް ގުނަނީ: ވަގު ޑޮލަރުތަކެއް ވިއްކި މައްސަލައިގައި ދެ މީހަކު ވަނީ ޖޫރިމަނާކޮށްފައި. (ފޮޓޯ/ބީއެމްއެލް)
ވަގު ޑޮލަރު ނޫޓުތަކެއް ވިއްކި މައްސަލައެއްގައި ދެ މީހަކު 28،800ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މައްސަލައިގެ ފެށުން - މި މައްސަލައަކީ މުހައްމަދު ނައުފަލް އިބްރާހިމް ޒާހިރު، ހ. ފުސްފަޅު އާއި އަހުމަދު ނައުފަލް ހ. ގާޑަންބިއުޓީ ޕާކިސްތާނުގެ ރައްޔިތަކަށް މިދިޔަ މާޗު 31ގައި 900 ޑޮލަރު ވިއްކި އިރު، އޭގެ ތެރެއިން 800 ޑޮލަރަކީ ވަގު ނޫޓުކަން އެ މީހުންނަށް އެނގި ތިބެ އެ ޑޮލަރަށްވާ 13،200ރ. ޕާކިސްތާނު މީހާ އަތުން މަކަރާއި ހީލަތުން ނަގާފައިވާ ކަމަށް ބުނެ ދައުލަތުން ކުރި ދައުވާއެކެވެ. އެ މުއާމަލާތަކީ ކަރަންސީ އެކްސްޗޭންޖު ވައިބާ ކޮމިއުނިޓީ ގްރޫޕެއްގައި 900 ޑޮލަރު، 16.50ރ.ގެ ރޭޓުން ވިއްކާލާ ކަމަށް ޖަހައިގެން ހިންގި މުއާމަލާތަކެވެ.
ވީ ކިހިނެއް؟ - އެ މީހުން ދައުލަތާ އެކު އިއުތިރާފު އެއްބަސްވުމެއް ހެދުމުން ވަނީ އަދަބަށް ލުޔެއް ލިބިފަ އެވެ. އެގޮތުން، އެ ކުށުގެ އަސާސީ އަދަބުން ދެ ދަރަޖަ ދަށްކުރަން އެއްބަސްވުމުގައި ވަނީ ހިމަނައިފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ލުއި އަދަބެއްގެ ގޮތުގައި އެ މީހުންނަށް އޮތީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ލިބޭ ގޮތަށެވެ.
އެގޮތަށް އެއްބަސްވުމުގައި އޮތަސް އަދަބުގެ ބާވަތް ބަދަލުކުރުމަށް ހުރަހެއް އޮތް ކަމަށް ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހުއަށް ފެނިވަޑައިނުގަތެވެ. އެހެންވެ ނިންމީ، ދައުވާ ލިބުނު ދެ މީހުންގެ ވެސް އެދުމުގެ މަތިން ޖަލު އަދަބެއްގެ ބަދަލުގައި ޖޫރިމަނާގެ އަދަބު ދިނުމަށެވެ.
ގާޒީ މިސްބާހުގެ ހުކުމުގައި ވަނީ، ޖަލަށްލުމުގެ އަދަބު ކަނޑައެޅުމުން ދައުލަތަށް އޮންނަ މާލީ އަދި އިދާރީ ބުރައަށާއި ދައުވާ ލިބޭ މީހުން ކުށުގެ ވެށިން ދުރުވުމަށް ބާރު އެޅޭ މިންވަރަށް ބަލާއިރު ޖޫރިމަނާގެ އަދަބު ކަނޑައެޅުން މަސްލަހަތު ބޮޑު ކަމަށެވެ. އެހެންވެ، އެ ދެ މީހުން ވެސް 28،800ރ. އިން ޖޫރިމަނާ ކުރުމަށް ހުކުމް ކުރެއްވި އެވެ.
ޖޫރިމަނާގެ އަދަބު ދިނުމުގައި އިތުރަށް ބެލި ކަންކަން:
މުހައްމަދު ނައުފަލް އިބްރާހިމް ޒާހިރުގެ ފަރާތުން ވަނީ އޭނާއަށް އާމްދަނީ ލިބޭ ކަމުގެ ލިޔުންތައް ހުށަހަަޅާފައި
އަހުމަދު ނައުފަލްއަށް ޖޫރިމަނާގެ އަދަބެއް ކަނޑައެޅޭ ހާލަތުގައި އެ ފައިސާ ދައްކަން އާއިލާގެ ފަރާތުން އެހީތެރިވެދޭނެ ކަމަށް ބުނެފައިވޭ
ޖޫރިމަނާ ކުރުމުގެ އަދަބަށް ބަދަލު ކުރިއަސް އެ ދެ މީހުންނަށް ޖަލު އަދަބު އަދިވެސް ދެމިއޮންނާނެކަން ހުކުމުގައި ފާހަގަކުރި އެވެ. އެގޮތުން، ބަދަލުކުރެވޭ އަދަބަށް އަމަލުނުކޮށްފި ނަމަ އަލުން ޖަލު އަދަބަށް ބަދަލުކުރެވޭނެކަން ގާނޫނުގައި ބަޔާންކޮށްފައިވާކަން ފާހަގަކުރި އެވެ.
އެނގުން މުހިންމު - މި މައްސަލައިގައި ދެ މީހުން ޖޫރިމަނާކޮށްފައި ވާއިރު، ގެއްލުން ލިބުނު ޕާކިސްތާނު މީހާއަށް ގެއްލުމުގެ ބަދަލު ލިބިފައިވާ ކަމަށް ބުނެ އޭނާ ކޯޓަށް ސިޓީއެއް ފޮނުވާފައިވާކަން ވެސް ހުކުމުގައި ފާހަގަކުރި އެެވެ.
ކޮމެންޓް