އިންޑިއާގެ ބިލިއަނަރު ރަކޭޝް ޖުންޖުންވަލާ 2017ގައި ރޮއިޓާސްއަށް އިންޓަވިއު ދެއްވަނީ. (ފޮޓޯ/ ރޮއިޓާސް)

އިންޑިއާ

އިންޑިއާގެ 'ވޮރެން ބަފެޓް' ރަކޭޝް ޖުންޖުންވަލާ އަވަހާރަވެއްޖެ

އިންޑިއާގެ ވިޔަފާރިވެރިޔާ އަދި އިންޑިއާގެ 'ވޮރަން ބަފެޓް'ގެ ގޮތުގައި މަޝްހޫރުވެފައިވާ ބިލިއަނަރު ރަކޭޝް ޖުންޖުންވަލާ، އުމުރުން 62 އަހަރުގައި އިއްޔެ އަވަހާރަވެއްޖެ އެވެ.

ޖުންޖުންވަލާ އަކީ ހިއްސާގެ ބާޒާރުގައި އިންވެސްޓް ކުރައްވާފައިވާ ތަޖުރިބާކާރު އަމިއްލައަށް ވިޔަފާރި ކުރައްވާ ބޭފުޅެކެވެ. އޭނާ ވަނީ ވަރަށް ގިނަ ތަރައްގީވެފައިވާ ވިޔަފާރިތަކަށް އިންވެސްޓް ކުރައްވައިފަ އެވެ. އޭގެ އިތުރަށް އޭނާ ވަނީ ބަޖެޓް އެއާލައިން، އަކާސާ އެއާއަށް ވެސް އިންވެސްޓް ކުރައްވައިފަ އެވެ. އަދި އޭނާއަކީ އިންޑިއާގެ ހިއްސާގެ ބާޒާރުގައި އިންވެސްޓްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ނުފޫޒު ގަދަ އެއް ވިޔަފާރިވެރިޔާ ވެސްމެ އެވެ.

ޖުންޖުންވަލާ އަކީ ޗާޓަޑް އެކައުންޓެންޓެކެވެ. އޭނާ ހިއްސާގެ ބާޒާރުގައި އިންވެސްޓް ކުރައްވަން ފެއްޓެވީ ރާޖަސްތާނުގައި އޭނާ ކޮލެޖުގައި ކިޔަވަން އުޅުއްވަމުންނެވެ.

އޭނާ އަަވަހާރަވި އިރު ކައިރީގައި އާއިލާގެ ބޭފުޅުންނާއި އެހީތެރިން ތިއްބެވެ. ޖުންޖުންވަލާ އަވަހާރަވީ ކީއްވެގެން ކަމެއް އަދި ނޭނގެ އެވެ. އޭނާ ދުނިޔެ ދޫކުރެއްވި އިރު ތިން ބޭފުޅުންނާއި އަނބިކަނބަލަކު އެބަހުއްޓެވެ.

އަކާސާ އެއާއަށް ޖުންޖުންވަލާ ވަނީ 35 މިލިއަން ޑޮލަރު އިންވެސްޓްކުރައްވައިފަ އެވެ. އެއީ އެ އެއާލައިންގެ %40 އެވެ.

މިދިޔަ އާދީއްތަ ދުވަހު އެއާލައިން ލޯންޗު ކުރި ރަސްމިއްޔާތުގައި ޖުންޖުންވަލާ ބައިވެރިވެވަޑައިގަތެވެ.

އެއާލައިންގެ ވިޔަފާރިއަށް އިންވެސްޓް ކުރެއްވުމުގެ ކުރިން އޭނާގެ ހުރިހާ ފައިސާއެއް އެޅީ ހިއްސާގެ ބާޒާރަށެވެ. އަދި އެއާލައިންގެ ވިޔަފާރިއަކީ އޭނާގެ އެއްވެސް ތަޖުރިބާއެއް ހުރި ވިޔަފާރިއެއް ނޫނެވެ.

އޭނާ އެ ދުވަހު ވިދާޅުވީ އެއާލައިންގެ ވިޔަފާރިއަށް އިންވެސްޓް ކުރުމުން ވަރަށް ގިނަ ބަޔަކު ސުވާލު އުފެއްދި ކަމަށާއި އެ މީހުންނަށް އޭނާ ދޭނެ ޖަވާބަކީ "ފޭލުވުމަށް ތައްޔާރަށް ހުރި" ކަމަށެވެ. އޭނާ ވިދާޅުވީ ފޭލުވެދާނެތީ ކަމަކާ ކުރިމަތިލާން ނުކެރި ހުރުން ރަނގަޅު ނޫން ކަމަށެވެ.

ޖުންޖުންވަލާ އަވަހާރަ ވުމުން ވަރަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އެ ހިތާމަ ފާޅުކުރަމުންނެވެ. އެ މީހުން ބުނީ އެއީ ފޫނުބެއްދޭނެ ދެރައެއް ކަމަށެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެހެން ވެރިން ވެސް އަންނަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް