މާލޭގެ ހުޅަނގުފަރާތުން ޓްރެކް ސަރަހައްދުގައި ކުދިބަަޔަކު ފަތަނީ (ދައުރުފޮޓޯ/އަނާމް އަޒްމީލް)

ހަތަރަކުން ހަޔަކަށް: ޓްރެކް ސަރަހައްދުން ފެންނަނީ އުފާވެރިކަން

3 ޑިސެމްބަރު 2021
ފެތުން، ކަސްރަތުކުރުން، ރޯލާބްލޭޑް ދުއްވުން، މިއީ ބެލެނިވެރިންނާ އެކު ކުޑަކުދިން އެ ހިސާބަށް ދާ ސަބަބުތައް

މާލޭގެ ދެކުނު ފަރާތު ސަރަހައްދަށް ހަވީރު 4-6 އަށް އަންނަނީ ވަރަށް ހާއްސަ ވަގުތުކޮޅެކެވެ. ކުޑަކުދިންގެ ފެތުމުގަ އެވެ. ކަސްރަތުކުރުމުގަ އެވެ. އަދި ރޯލާސްކޭޓްކުރުމުގަ އެވެ. ސުކޫލްގެ ބިޒީ ގަޑިއަށް ފަހު މޫދަށް އެރިލައި، ކަސްރަތުކޮށް އަދި އެކުވެރިންނާ ބައްދަލުވުމަކީ، އިމާރާތްތަކާއި އެއްގަމު އުޅަނދުފަހަރުން ފުރިފައި އޮތް މާލޭގައި، އެކުދިންނަށް އުފާވެރިކަން ގެނެސްދޭ ވަގުތުކޮޅެކެވެ. 

މި ދުވަސްވަރު އެ ގަޑީގައި ފަތާ ޓްރެކްގެ މޫދު އޮންނަނީ ވަރަށް ބޮޑަށް ހިކިފަ އެވެ. އުމުރުން ހަގު ކުދިން ފަތަން ދަސްކުރަން މޫދަށް އެރެނީ ޓްރެކް ސަރަހައްދުގެ ފައި ޖެހޭ ހިސާބަށެވެ. ކޮންމެ ކުއްޖަކު ވެސް ކިކް ބޯޑާއި ގޮގްލް ހިފައިގެން އެ ކުއްޖެއްގެ ހާއްސަ ކްލާހުގަ އެވެ. ކޮންމެ ދުވަހަކު ހަވީރު ފަތަން ދަސްކޮށްދޭން ގާތްގަނޑަކަށް ފަސްވަރަކަށް ކްލާސް ކުރިއަށް ދެ އެވެ.

 ޓްރެކް ސަރަހައްދު ވަރަށް ބޮޑަށް ހިކިފައި(ދައުރުފޮޓޯ/ އަނާމް އަޒްމީލް)

ދެ ޖިންސުގެ އިންސްޓްރަކްޓަރުންނާ އެކު ހިންގާ މި ކްލާސްތަކުގައި ގާތްގަނޑަކަށް 500 އެއްހާ ކުދިން ކޮންމެ ދުވަހަކު ބައިވެރިވާނެ ކަމަށް ބެލެވެ އެވެ.

ފަތަން ދަސްކުރުމުގެ ސެޝަނަކަށް ފަހު ކުދިންތަކެއް މޫދުން ތޮށިގަނޑު މައްޗަށް އަރަނީ (ދައުރުފޮޓޯ/ އަނާމް އަޒްމީލް)
މާލޭގެ ފަތާ ޓްރެކްގައި ކޮންމެ ދުވަހެއްގެ (ދައުރުފޮޓޯ/ އަނާމް އަޒްމީލް)

ކުދިންނަށް އަލަށް ފަތަން އެނގޭ އިރުކޮޅާއި ފެތުމުގެ ހުނަރު އިތުރަށް ދަސްކުރަން މޫދުގައި އުޅޭއުޅުން ބަލަން ބައެއް ބެލެނިވެރިން ނުގޮސް ތިބެ އެވެ. މޫދާއި ކަނޑުން ފުރިފައި އޮތް ގައުމެއްގެ ދަރިން، މޫދުގައި އުޅޭނެ ގޮތް ދަސްކުރާކުރުމަކީ، ބެލެނިވެރިންނަށް ހިތްހަމަޖެހުމެކެވެ.

ފަތާ ޓްރެކް ސަރަހައްދަށް ދިއުމަކީ ބެލެނިވެރިންނަށް ވެސް ސާފު ވަޔާއި މޫދުގެ ހިތްގައިމުކަން ބަލައިލަން ލިބޭ ފުރުސަތެއް  މަޑުކޮށްލައިގެން(ދައުރުފޮޓޯ/އަނަމް އަޒްމީލް)

ފަތަން ދަންނަ ކުދިން ޑައިވް ޕްލެޓްފޯމް މަތީގައި، އެކި ގޮތްގޮތަށް މޫދަށް ފުންމުމުގަ އެވެ. ހުނަރުވެރި ކުދިން ފެނެ އެވެ. އެ ކުދިން ޑައިވް ޖަހާ ގޮތް ބަލަން އެތައް ބަޔަކު ތިބެ އެވެ. އެހެންކަމުން، ހަވީރުގެ ހިތްގައިމު ގަޑީގައި ފަތާ ޓްރެކަކީ ބޮޑެތި މީހުންގެ ހިތްހަމަޖައްސާލަން ވެސް ހަމަ ވަރަށް ރަނގަޅު ތަނެއް ކަމަށް ފެނެ އެވެ. 

  • ފަތާ ކޯޗަކު ކުދިބަޔަކަށް އިރުޝާދު ދެނީ: ކޮންމެ ދުވަހަކު ވެސް އެތައް ސަތޭކަ ކުދިން އެ ސަރަހައްދަށް ދޭ (ދައުރުފޮޓޯ/ އަނާމް އަޒްމީލް)
  • ފަތަން ދަސްކުރުމުގެ ފުރަތަމަ ފިލާވަޅު، ކިކް ބޯޑާ އެކު: މީގެ ތެރެއިން ބައެއް ކުދިން ކުރިމަގުގައި މޮޅެތި ފެތުންތެރިންނަށް ވުން ކައިރި(ދައުރުފޮޓޯ/ އަނާމް އަޒްމީލް)
  • ފަތަން ދަސްވާ ވަރަކަށް މޫދުގައި ގިނަ އިރު ހޭދަކުރަން ކުދިން ބޭނުންވޭ (ދައުރުފޮޓޯ/ އަނާމް އަޒްމީލް)

ފަތަން ދަސްކޮށްދޭ ކޯޗުން ހަމައެކަނި ކުރަނީ ކުދިންނާއި މީހުންނަށް ފެތުމުގެ އުކުޅުތައް ދަސްކޮށްދިނުމުގެ މަސައްކަތެއް ނޫނެވެ. އެ ސަރަހައްދުގެ މޫދު ކުނިބުނިން ތަގައްޔަރުވިޔަ ނުދޭން އެ މީހުން އުޅޭ ގޮތް ވެސް ލޮލުގައި އަޅައިގަނެ އެވެ. މި ދުވަސްވަރު އެ ހިސާބަށް އަންނަ ކުނިބުނި ނިސްބަތުން އެހާ ގިނައެއް ނޫނެވެ. އެކަމަކު އެ އަންނަ ކުނިކޮޅު ވެސް، ދަނޑިއެއްގެ ކޮޅުގައި އޮންނަ ދާގަނޑަކުން ނަގަން ބައެއް ކޯޗުން އުޅެ އެވެ. ރަތް ކުލައިގެ ކޮތަޅެއް އޭރު ވެސް ހުރީ ފުރެން ކައިރިވެފަ އެވެ.

ފަތާ ޓްރެކް ކައިރިއަށް އަބަދުވެސް ކުނި ޖަމާވޭ އަދި ފަތާ ކޯޗުން އެ ކުނިތައް ނަގަން ހަރަކާތްތެރިވޭ (ދައުރުފޮޓޯ/ އަނާމް އަޒްމީލް)
މާލޭގެ ކޮންމެ ހިސާބަކުން ވެސް ކުނިބުނި ފެންނާނެ: ފަތާ ޓްރެކަށް ފައިބާ ސިޑި ކައިރީގައި ކުނިތައް ޖަމާވެފައި (ދައުރުފޮޓޯ/އަނާމް އަޒްމީލް)

ފަތާ ކުދިންގެ ތެރޭގައި ޔަގީނުން ވެސް ކުރިމަގުގެ ތަރިންނަށް ވެދާނެ ހުނަރުވެރިން ތިބޭނެ އެވެ. ރާއްޖޭގެ މޮޅު ފެތުންތެރިންގެ ފުރަތަމަ ފިލާވަޅު ލިބިގަންނަނީ، މި ޓްރެކުންނެވެ. އެހެންކަމުން މިތަނުގައި ކޮންމެ ދުވަހަކު، ފެތުމުގެ 'އަލިފުބައި' ދަސްކޮށް، އަދި އޭގެ ފަހުން އެއަށް ވުރެ ރަނގަޅަށް ފެތުމުގެ ހުނަރު ހޯދާ ބައެއް ކުދިންގެ ހިތުގައި ފެތުމުގެ ލޯބި ވަރަށް ބޮޑުވާނެ އެވެ. ދެން އެ ކުދިން ވާނީ ސީރިއަސް ފެތުންތެރިންނަށެވެ. 

ފަތާ ކޯޗެއްގެ އިރުޝާދު، ޒުވާން ފެތުންތެރިން އަޑުއަހަނީ: މާލޭގެ ފަތާ ޓްރެކަކީ ވަރަށް މުހިންމު ތަނެއް (ދައުރުފޮޓޯ/އަނާމް އަޒްމީލް)

މޫދަށް އެރޭ ކުދިން މޫދުގަ އެވެ. އެ ސަރަހައްދުގައި ހެލިކޮޕްޓަރު ޖައްސަން ވެސް ހަދާފައި އޮންނަ ބޮޑު ތަޅުންގަނޑުގައި ރޯލާބްލޭޑް ދުއްވަން ވެސް، އެތައް ކުދިންނެއް، ކޮންމެ ދުވަހެއްގެ ހަވީރު ޖަމާވެ އެވެ. މިއީ ވެސް ބެލެނިވެރިންނާއި އެހިސާބުގައި މަޑުކޮށްލާ ބޮޑެތި މީހުންނަށް އުފާވެރިކަން ގެނެސްދޭ މަންޒަރެކެވެ.

 ހެލިޕޭޑް ސަރަހައްދުގައި ކޮންމެ ދުވަހަކު ވެސް އެތައް ކުދިންނެއ ރޯލާބްލޭޑް ދަސްކުރާށާޢި ދުއްވުމުގައި ހަރަކާތްތެރިވޭ (ދައުރުފޮޓޯ/އަނާމް އަޒްމީލް)

ރޯލާބްލޭޑް ރަނގަޅަށް ދުއްވަން އެނގޭ ކުދިންނާއި ދަސްކުރާ ކުދިންގެ މޫނުމަތިން ވެސް ފެންނަނީ، މާހައުލުން ލިބޭ އުފާވެރިކަމެވެ. މާލޭގައި މިގޮތަށް ހުސްކޮށް ތަނެއް އޮތްކަން ނަސީބޭ، ބެލެނިވެރިންގެ ހިތަށްއަރާނެ އެވެ. ހަގީގަތުގައި ވެސް އެއީ ހަމަ ނަސީބެކެވެ. 

ފުރޮޅުލީ ބޫޓު ދުއްވަން ދަސްކުރާ ކުދިންތަކެއް ހުސް ވަގުތުކޮޅެއްގައި އިށީނދެލައިގެން (ދައުރުފޮޓޯ/އަނާމް އަޒްމީލް)
ކުދިންގެ ހަރަކާތްތެރިކަން އިތުރުކުރުމުގެ ފައިދާ ބޮޑު (ދައުރުފޮޓޯ/އަނާމް އަޒްމީލް)

ދުޅަހެޔޮކަންމަތީ ބައިތިއްބައިގެން އަހަރެމެންގެ ކުރިއަށް އޮތް ޖީލު ބޮޑުކުރުމަކީ އެންމެންގެ ޒިންމާއެކެވެ. އެކަމަށް ލިބޭ ފުރުސަތުތަކަކީ ފަތާ ޓްރެކާއި ރޯލާބްލޭޑް ކަހަލަ ކުޅިވަރުތަކުގައި އުޅެލާނެ ހުސް ތަންތަނެވެ. މި ކުޅިވަރުތަކުގައި ކުދިން ބައިވެރިކޮށްގެން، ދުވާލުގެ ކޮންމެވެސް ވަގުތުކޮޅެއް ހޭދަކޮށްލެވުމުން ހަށިގަނޑަށް ވެސް ހަމަޖެހުމެއް އަންނާނެ އެވެ. އެއީ ބޮޑުވާއިރު ހެލިފެލިވެ އުޅެން ދަސްކޮށްދިނުމުގެ ފުރަތަމަ ފިލާވަޅެވެ. 

ތަޖުރިބާކާރުން ބުނާ ގޮތުގައި މީގެ ސަބަބުން ކުދިންގެ ޖިސްމާނީ ދުޅަހެޔޮކަން ބޮޑުވެ، ނަފްސާނީ ދުޅަހެޔޮކަމަށް ވެސް ފައިދާ ކުރެ އެވެ. ގޭގައި ކުދިކުދި ތަންތަންކޮޅުގައި ބަންދުވެ ތިބުމަށް ވުރެ ބޭރުތެރެއަށް ނުކުމެ، ސްކްރީނާއި ދުރުވުން ހުރިހާ ގޮތަކުން ވެސް ރަނގަޅެވެ. ކުދިންނާއި ބެލެނިވެރިންނަށް ވެސް މެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް