އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަން ކަމަށް އިންތިހާބުވަޑައިގެންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ސަޕޯޓަރުންނާ އެކު އުފާ ފާޅުކުރައްވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އެމްޑީޕީގެ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށްފި

ޗެއާޕާސަންގެ އިންތިހާބުގައި 48،502 މީހަކު ވޯޓު ލީއިރު، ފައްޔާޒު އެ މަގާމަށް އިންތިހާބުވެވަޑައިގަތީ 27،470 ވޯޓު (%57) ވޯޓުން

ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ހިމެނޭ ގޮތުން، އެ ޕާޓީގެ އިސް މަގާމުތަކަށް މީހުން އިންތިހާބު ކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެތެރޭގެ އިންތިހާބުގެ ވަގުތީ ނަތީޖާ މިއަދު އިއުލާނުކޮށްފި އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބޭއްވީ ޗެއާޕާސަންގެ އިތުރުން، އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިއްވަރުގެ ރައީސް އާއި ނައިބު ރައީސް ހޮވުމަށެވެ. ނަމަވެސް އެންމެ ވާދަވެރިކަން ބޮޑުވެގެން ދިޔައީ ޗެއާޕާސަންގެ އިންތިހާބެވެ.

ތަފްސީލް - އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށްފައި ވާއިރު، ބޮޑު ތަފާތަކުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ބަލިކުރައްވައި ޗެއާޕާސަންކަމުގެ މަގާމަށް އިންތިހާބުވެފައި ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އެވެ. 

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ފައްޔާޒު ވޯޓުލައްވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އިމްތިޔާޒު ވޯޓުލައްވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ސަފާތު އަހްމަދު ޒާހިރުއާ ވާދަކޮށް، އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެވެ.

ޒުވާނުންގެ ހިތްވަރުގެ ރައީސް އަކަށް އިންތިހާބުވީ ރިފްގާ ޝިޔާމް އެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ

ޗެއާޕާސަން:

  • އިމްތިޔާޒް ފަހުމީ: 20،051 ވޯޓު (%41)

  • ފައްޔާޒް އިސްމާއީލް: 27،470 ވޯޓު (%57)

  • ޖުމްލަ ވޯޓު: 48،502 

  • ސައްހަ ވޯޓު: 47،521 (%98) 

  • ބާތިލް ވޯޓު: 981 (%2)

އަންހެނުންގެ ރޫހުގެ ރައީސް:

  • ސަފާތު އަހްމަދު ޒާހިރު: 7961 ވޯޓު (%38)

  • ރޮޒައިނާ އާދަމް: 11،708 ވޯޓު (%56)

  • ޖުމްލަ ވޯޓު: 20،856 

  • ސައްހަ ވޯޓު: 19،669 (%94) 

  • ބާތިލް ވޯޓު: 1187 (%6)

ޒުވާނުންގެ ހިތްވަރުގެ ރައީސް:

  • މުހައްމަދު އަންސަރު: 5545 ވޯޓު (%42)

  • ރިފްގާ ޝިޔާމް: 6322 ވޯޓު (%48)

  • ޖުމްލަ ވޯޓު: 13،126 

  • ސައްހަ ވޯޓު: 11،867 (%90) 

  • ބާތިލް ވޯޓު: 1259 (%10)

އެނގުން މުހިންމު - އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި 48،000އަށް ވުރެ ގިނަ މީހުން ވޯޓު ލާފައި ވާއިރު، ވާދަވެރިކަން ބޮޑުވި އިންތިހާބު ނިމިގެން ދިޔައީ ވަރަށް އޮމާންކަމާ އެކު އެވެ. އިންތިހާބާ ގުޅިގެން ޝަކުވާތަކެއް ހުށަހެޅި ނަމަވެސް، އެމްޑީޕީން ބުނީ ނަތީޖާއަށް ބަދަލު އަންނަ ވަރުގެ ޝަކުވާއެއް ނެތް ކަމަށެވެ.

އެމްޑީޕީން ބުނީ، ވަގުތީ ނަތީޖާ އިއުލާނުކުރާތާ ހަތް ދުވަހުގެ ތެރޭގައި ޕާޓީގެ ޗެއާޕާސަންކަމާ ފައްޔާޒް ހަވާލުވެވަޑައިގަންނަވާނެ ކަމަށެވެ.

މި އިންތިހާބާ ގުޅޭ ގޮތުން 'ދައުރު'ގެ ރިޕޯޓުތައް -

އިތުރު އާޓިކަލް

އިތުރު އާޓިކަލް