ވާހަކަ: ކުލަވި މަންޒަރު

ވާހަކަ

ވާހަކަ: ކުލަވި މަންޒަރު

ރަފްހާގެ ކަންބޮޑުވުންތަކަށް ނައުމާ އަށް ހައްލު އެނގެއެވެ. ނައުމާއަށް ޔަގީން ނުވަނީ އެކަމާ ރަފްހާއަށް އުޅެން ކެރޭނެކަމާ މެދުގައެވެ.
7 ނޮވެމްބަރު 2022

އެޕިސޯޑް 2

"ރަފްހާއަށް ކެރޭނެތަ ކުރަން؟"

"ބުނީމައެއްނު ކެރޭ ކަމެއް ވެސް އެނގޭނީ،" ރަފްހާ ބުންޏެވެ.

"ތިކަހަލަ ކަންކަމަށް ވަރަށް ރަނގަޅުވާނެ ހެން މަށަށް ހީވަނީ. ހިނގާ މަ ބުނާ މީހެއް ކައިރިއަށް ދާން. އެކަމަކު އެއްވެސް މީހެއް ކައިރީ މި ވާހަކަ ބުނެގެން ނުވާނެ،" ނައުމާގެ އަތް ދިއްކޮށްލަމުން ބުންޏެވެ. ރަފްހާ ދެ ފިކުރެއްގައި ހުރެ ނައުމާގެ އަތުގައި ހިފިއެވެ.

ރަފްހާ ގެއަށް އައި އިރު އަޝްރަފް އުޅެއެވެ. ރަފްހާގެ މޫނުމަތިން ފެންނަމުން ދިޔަ ހިތްހަމަނުޖެހުން އަޝްރަފަށް ފެނުނެވެ. ސުވާލެއް ކުރަންވާ އިރަށް ރަފްހާ ކޮޓަރިއަށް ވަނެވެ. ފަހަތުން އަޝްރަފް ވެސް ވަނެވެ.

"މިއަދު ހާދަ ލަސްވީ،" އެނދުގައި އިށީންނަމުން އަޝްރަފް ބުންޏެވެ. ރަފްހާ އެއްވެސް އެއްޗެއް ނުބުނެ ފާހާނާއަށް ވަނެވެ.

ހުކުރު ދުވަހުގެ މެންދުރު ކެއުމަކީ އެންމެން ވެސް އިންތިޒާރު ކުރާ ގަޑިއެވެ. މިއަދުގެ ނާސްތާއަށް ވެސް ވަރަށް ގިނަ ވައްތަރުތައް ތައްޔާރު ކުރެވިފައި ހުއްޓެވެ. ދިރި ބަތާއި ކަނޑު ކުކުޅާއި މުގުރިހައެވެ. ފިހުނު މަހާއި ސާގު ފަންޏެވެ. ކޮޕީފަތު ސަޓަންޏާއި ފެނު ކެއްކި ބިހެވެ. އަޒްފާ އާއި ރަފްހާ އުޅުނީ ތަށިތައް ތަރުތީބު ކުރުމުގައެވެ. ގޭ މީހުންގެ އިތުރުން ތިމާގެ ބަޔަކު ވެސް މިއަދުގެ ކެއުމުގައި ބައިވެރިވެއެވެ. އެއީ އަޝްރަފްމެންގެ ބޮޑު ދައިތައަކާއި އޭނަގެ ދެ ކުދިންނެވެ. އެ މީހުން އުޅެނީ ވިލިނގިލީގައެވެ.

"މިއަދު ހާދަ ވައްތަރު ގިނަ ކޮށްލާފައި. މީ ހަމަ އަހަރެމެން އަންނާތީ ތައްޔާރު ކުރި އެއްޗެހި ތަ؟" ބޮޑުދައިތަ ސަކީނާ ބުންޏެވެ.

އަޒްފާ ހިނިތުންވެލިއެވެ. ރަފްހާ ހުރީ ހިތްހަމަނުޖެހިފައެވެ. ރަފްހާ ބެލީ ސަންރާ ކޮބާތޯއެވެ. ފެންނަން ނެތުމުން ކޮޓަރިއަށް ގޮސް ގޮވައިގެން އައެވެ.

"ހާދަ މީރޭ މި މުގު ރިހަ. ކާކުތަ ކެއްކީ؟" ބަތް ސުވާއެއް އަނގައަށް ލަމުން އަޝްރަފް އެހިއެވެ. އެ ވަގުތު ރަފްހާ، އަޒްފާއަށް ލޯ އަޅާލިއެވެ.

"އަހަރެން ކެއްކީ،" އަޒްފާ އުފަލާއެކު ބުންޏެވެ.

"އޭރު ވެސް މަށަށް ހީވި އަޒްފާއަށޭ މިހާ މީރުކޮށް ކައްކަން އެނގޭނީ،" ސަޓަނި ތަށިން އެތިކޮޅެއް އަޅަމުން ސަކީނާ ބުންޏެވެ. ރަފްހާ ތުން އަނބުރާލިއެވެ. އިތުރަށް ތަނުގައި ހުންނާކަށް ވެސް ބޭނުމެއް ނުވިއެވެ.

ފެށުނީއްސުރެ ވެސް އަޒްފާއަކީ ރަފްހާގެ ދުޝްމަނެއް ކަމުގައި ރަފްހާ ދެކެއެވެ. އަޒްފާ އާއި އިޝްފާއަށް ލިބޭ ތައުރީފްތައް ބަލައިގަންނަން އުނދަގޫވެއެވެ. ދެ ކުދިން އަޅާކިޔާކަމުގެ ޝަކުވާ ހިތާހިތުން ކުރެވެއެވެ. އަދި އެ ވާހަކަ އަޝްރަފް ގާތުގައި ކިތަންމެ ފަހަރަކު ބުނެވިއްޖެއެވެ. ނަމަވެސް އަޝްރަފް އެ ކަމަކަށް އަޅައެއް ނުލައެވެ. އެއީ ރަފްހާއަށް ހީވާ ކަމެއް ކަމުގައި ބުނެ ހިންދާލަނީއެވެ. ލޮލުގައި އަޅައިގެން އުޅޭ އަނދުނަކީ، ބޭބެ ދެކޭ ގޮތުގައި، އަޝްރަފް ވާ ލޯތްބެވެ. ގޭތެރޭގައި އެ ގޮތަށް ޖެހޭ ކުދިކުދި ކުންޏަކީ ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމެއް ކަމަށް ރަފްހާއަށް ވިސްނައިދެއެވެ. ނަމަވެސް ރަފްހާ އެ ކަމެއް ގަބޫލެއް ނުކުރެއެވެ.

"ދަރިފުޅާ އިޝްފާ، ކިޔެވުން ކިހިނެއް؟" ސަކީނާ އަހާލިއެވެ.

"ވަރަށް ރަނގަޅު. މިފަހަރު ވެސް މުޅި ކުލާހުން އެންމެ މަތީ އަހަރެން،" އިޝްފާ އުފަލުން ފުރިފައި އިނދެ ބުންޏެވެ. ކައި ނިމިގެން އެންމެން ތިބީ ސިޓިން ރޫމުގައެވެ.

ރަފްހާ ހިތަށް އެރިއެވެ. އެ ފެށުނީއެވެ. ދެން ދައްކާނީ އިޝްފާގެ މޮޅު ވާހަކައެވެ. އުޅުން ރީތި ވާހަކަ އާއި ސިފަ ރީތި ވާހަކައެވެ. މިއޮތީ ވާ ކަމެކެވެ. އެންމެ ފަހަރަކު ވެސް ސަންރާގެ ކިޔެވުމުގެ ވާހަކަ އަހާލި ނަމަ ކޮން ފަދަ ހެއްޔެވެ؟ އެއީ ވެސް މި ގޭގައި އުޅޭ ކުއްޖެކެވެ. ތިމާގެ ކަމުން ވާނީ އެއް ވަރެކެވެ.

"އާނ. ތިގޮތުގައި ކުރިއަށް ދިޔުމަށް އަބަދުވެސް ބޮޑުދައިތަ ހިތްވަރު ދޭނަން. މައިންބަފައިންގެ ނަން ކުރިއަރުވަން މަސައްކަތް ކުރާތި. އެ މީހުންގެ ނަމަށް ހުތުރެއް ނާރުވާތި،" އިޝްފާގެ ބޮލުގައި ފިރުމާލަމުން ސަކީނާ ބުންޏެވެ. "އަޒްފާ ވެސް ހިތްވަރު ކުރާތީ މީނަ މިހާ ވިސްނުން ތޫނުވެފައި ކިޔެވުމަށް ހިތް ޖެހުނީ."

"އަހަރެން ވަކި ކޮން ކަމެއް ނުކުރަނީ؟ ދަރިފުޅުގެ ކިޔެވުމަށް، އޭނަގެ އުޅުން އިސްލާހު ކުރެވޭތޯ ކުރެވުނުހާ މަސައްކަތެއް ކުރަން. އެކަމަކު އެކަކު ވެސް އެ ކަމެއް ފާހަގައެއް ނުކުރޭ. އެކަމަށް ހިތްވަރެއް ވެސް ނުދޭ. އަބަދާއި އަބަދު ތި ކިޔަނީ އަޒްފާއަކީ ކެރޭ މަޔެކޭ. ހީވަގި އަތްނބެކޭ. އިޝްފާއަކީ ކިޔެވުމަށް މޮޅު ކުއްޖެއް ވާހަކަ. އިޝްފާގެ ސިފަ ރީތި ވާހަކަ. ކީއްތަ ވާނީ އަހަރެމެން ދެމައިންގެ ވާހަކަ ވެސް މީހަކު އަހާލާ ނަމަ؟" މިއީ ރަފްހާ އެ ވަގުތު ބުނަން ބޭނުންވެ ހިތަށް އެރި އެއްޗެއްސެވެ. ނަމަވެސް ބުނާކަށް ނުކެރުނެވެ. ރަފްހާ ހިތަށް އެރިއެވެ. މި ގޮތުގައި މާ ގިނަ ދުވަހު އުޅޭކަށް ދެނެއް ނުޖެހޭނެއެވެ. ބުނަން ބޭނުންވާ ވާހަކަ ވެސް ބުނާނަމެވެ. އަދި ދެމައިންނަށް ލިބެން ޖެހޭ ހައްގާއި ތައުރީފުތައް ވެސް ހޯދާނަމެވެ.

ރަފްހާ ބޭރަށް ގޮސް އެނބުރި އައި އިރު އަޒްފާ އިނީ ޓީވީ ބަލާށެވެ. ގޭތެރެއިން އިތުރު މީހަކު ފެންނާކަށް ނެތެވެ. ރަފްހާ ގެނައި ކޮތަޅު މޭޒުމަތީގައި ބަހައްޓާފައި ބަދިގެއާ ދިމާލަށް ދިޔައެވެ. ފެން ފޮދެއް ބޯލުމަށް ފަހު އަނެއްކާވެސް އައެވެ.

"ހާދަ ގިނަ އެއްޗެއްހިތަކެއް ގަނެގެން. މާ ހާއްސަ ކަމެއް އޮތީތަ؟" އަޒްފާ ހިނިތުންވެލަމުން އެހިއެވެ. ރަފްހާ ހުރީ އަޒްފާއަށް ފުރަގަސް ދީގެންނެވެ.

"ހާއްސަ ކަމެއް ނެތިއްޔާ އެއްޗެއް ގަނެގެން ނުވޭތަ؟ އެހެން ނޫނަސް ހާއްސަ ކަންކަމާއި މުހިންމު ކަންކަން އޮންނާނީ އަޒްފާމެންގެ އެއްނު؟ އަހަރެމެންގެ ކޮން ކަމެއް އޮންނާނީ؟" ތުން ފިއްތާލާފައި ރަފްހާ ކޮޓަރިއާ ދިމާލަށް ދިޔައެވެ. އަޒްފާ ދެރަވިއެވެ. އަޒްފާއަކީ ދުވަހަކު ވެސް އެ ފަދަ ގޮތަކަށް އެއްވެސް މީހަކާ ވާހަކަ ދެއްކި މީހެއް ނޫނެވެ. ރަފްހާގެ ދަރިންނަކީ އަމިއްލަ ދަރިން ގޮތުގައި ދެކެމުން އަންނަ މީހެކެވެ. އިޝްފާއަށް ގަންނަ ގިނަ އެއްޗެހި ސަންރާއަށް ވެސް ގަނެދެއެވެ. ނަމަވެސް އެއިން އެއްޗެއް ބޭނުން ކުރަނިކޮށް އަޒްފާ ނުދެކެއެވެ.

"ސަންރާ! އާދެބަލަ. މިތާ އިށީނދެބަލަ. މިހިރީ މަންމަ ސަންރާއަށް ގަނެދީފައި ހުރި އެއްޗެހި،" ކޮތަޅުތައް ހާވަމުން ރަފްހާ ބުންޏެވެ.

"ކޯއްޗެއްތަ؟ އަބަދު އެކަހަލަ އެއްޗެހި ގެންނާނެ. އަހަރެން މޫނު ފޫ ދަންދެން ތި ކޭއްތިޔަސް މި ކުލަ އަކަށް ބަދަލެއް ނާންނާނެ. އަދި މި ކުރަކިކަން ވެސް ހުންނާނީ ހަމަ ދެންމެ ރާނާފައި ހުރި ފާރެއް ހެން. ކޮން އޮމާނެއް ވާނީ؟" ފޫހި ވެފައި ސަންރާ ބުންޏެވެ.

"ނުވާނެ އެހެނެއް. މިފަހަރު މިއީ ވަރަށް މުޖައްރިބު އެއްޗެއް. އަން، މީތި އުނގުޅާނީ ރޭގަނޑު ނިދަމުން. މި ފުޅި، ނިދާ ހޭލާފައި މޫނު ދޮވެގެން. އަދި މި ވެސް. މިއީ ބޭރަށް ނުކުންނަމުން އުނގުޅަން ޖެހޭ އެއްޗެއް،" ފަހަރަކު ފުޅިއެއް ނަގާފައި ދައްކަމުން ރަފްހާ ކިޔައިދިނެވެ. ސަންރާގެ ސަމާލުކަން ހުރީ އެހެން ދިމާލަކަށެވެ.

"އޭތް. މަންމަ މި ކިޔާ އެއްޗެއް ސަންރާއަށް އަޑު އިވޭތަ؟" ރަފްހާ ސަންރާއަށް ބަލާލަމުން ބުންޏެވެ.

"އަޑު އިވެއޭ. އާނ. ތި ކީ ގޮތަށް ހަދާނަން. އޯކޭ؟" އޭރު ވެސް ސަންރާގެ ނަޒަރު އިނީ އެހެން ދިމާލަކަށް ހުއްޓިފައެވެ. ލޮލުން ފެންނަމުން ދިޔައީ އެހެންޏާ ނުފެންނަ ކަހަލަ ތޫނު ކަމެކެވެ. އިޝްފާގެ އެނދާ ދިމާލުގައި ހަރު ކޮށްފައި ހުރި ފޮޓޯ ލޯގަނޑަށެވެ. އޭގައި ހުރީ އިޝްފާގެ ރީތި ފޮޓޯއެކެވެ. ހަނދާނީ ފިލައެއް ހިފައިގެން ހުރި ފޮޓޯގައި މެޑަލްތަކެއް ވެސް ހުއްޓެވެ.

- ނުނިމޭ -

އެހެން ބައެއް ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް