އެމްއެމްއޭ އިން ދިވެހި ރުފިޔާގެ ނިޝާން ދައްކާލުމުގެ ރަސްމިއްޔާތުގައި ބޭންކުން ކުރި އެ އިދާރާގެ ލޯގޯ ޖެހި ފައިލެއް މީހަކު ހިފައިގެން. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އެސްޓީއޯ

އެސްޓީއޯގެ ޑިޖިޓަލް ބޭންކަށް ހުއްދަ ހޯދަން މި އަހަރު ފަހުކޮޅު އަލުން ހުށަހަޅަނީ

'އިވޯވް'އަށް ހުއްދަ ހޯދުމަށް މި އަހަރުގެ ކުރީކޮޅު ހުށަހެޅި ނަމަވެސް ޓެކްނިކަލް އިވެލުއޭޝަނުން އޭރު ފާހެއް ނުވި
13 އޯގަސްޓު 2022

އެސްޓީއޯ އިން ފަށަން މަސައްކަތް ކުރަމުން އަންނަ ޑިޖިޓަލް ބޭންކް، 'އިވޯވް'އަށް ހުއްދަ ހޯދުމަށް އަނެއްކާވެސް ވަރަށް އަވަހަށް އެމްއެމްއޭގައި އެދޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.

އެނގުން މުހިންމު - އިވޯވްއަށް ހުއްދަ ހޯދުމަށް މި އަހަރުގެ ކުރީކޮޅު ހުށަހެޅި ނަމަވެސް ޓެކްނިކަލް އިވެލުއޭޝަނުން ފާސްނުވުމުން މަރުކަޒީ ބޭންކުން ވަނީ އޭރު އެ ބޭންކަށް ހުއްދަ ނުދޭން ނިންމައި ކަންކަން އިސްލާހު ކުރަން އަނބުރާ ފޮނުވާލައިފަ އެވެ.

ބުނީ ކީކޭ؟ - ޑިޖިޓަލް ފައިސާއެއް ތައާރަފް ކުރުމަށް އެމްއެމްއޭ އިން އިސްކަން ދޭ ކަމަށް އެ އިދާރާގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވުމާ ގުޅިގެން އެކަމަށް މަރުހަބާ ވިދާޅުވަމުން އަމުރު ވިދާޅުވީ އިވޯވްއަށް ހުއްދަ ހޯދުމަށް މި އަހަރުގެ ފަހުކޮޅު އަނެއްކާވެސް އެމްއެމްއޭއަށް އެޕްލިކޭޝަން ހުށަހަޅުއްވާނެ ކަމަށެވެ. އަދި ހުއްދަ ލިބޭތާ ހަ މަހުގެ ތެރޭގައި ހިދުމަތް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޑިޖިޓަލް ބޭންކިންއަށް އެމްއެމްއޭއިން އިސްކަން ދިނުމަކީ ވަރަށް އުފާވެރި ކަމެއް،" އަމްރު ވިދާޅުވި އެވެ.

ގުޅުން ހުރި ކަމެއް - އިގްތިސާދީ އަދި އިޖްތިމާއީ ކަންކަމާ ގުޅޭ އދ.ގެ ޑިޕާޓްމަންޓުން އިސް ނަގައިގެން ރާއްޖޭގައި މިދިޔަ ބުދަ ދުވަހު ފެށި ޑިޖިޓަލް ފައިސާ ތައާރަފްކުރުމާ ގުޅޭ މަސައްކަތު ބައްދަލުވުމުގައި ގަވަރުނަރު ވަނީ ޑިޖިޓަލް ފައިސާ ރާއްޖޭގައި ވެސް ބޭނުން ކުރަން ފެށުން އޮތީ މާ ދުރުގައި ނޫން ކަމަށް ވިދާޅުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް