ފަސޭހަ ޕޮއިންޓްގެ މަޝްހޫރު މަސްބުރި ރިހަ. މިއީ މާލޭގައި މަގުބޫލު ރިހައެއް (ޓްވިޓާ ފޮޓޯ/މުހައްމަދު ސާލިމް)

ބަދަލެއް ނައި މަސްބުރި ރިހައިގެ އަގު ބޮޑުވެއްޖެ

މިއީ 30 އަހަރުވީ މަސްބުރި ރިހައިގެ އަގު 10 އަހަރު ތެރޭ ބޮޑުކުރި ފުރަތަމަ ފަހަރު؛ ވެރިފަރާތުން އަންނަނީ އެ ރިހަ ކާން ލިބޭނެ ކެފޭއެއް ހުޅުވަން ތައްޔާރުވަމުން
3 ނޮވެމްބަރު 2021

އަހުމަދު ޝާކިރު ބުނިގޮތުގައި އޭނާގެ ހޮޓަލުން ވިއްކާ ކާބޯތަކެތީގެ އަގަށް ބަދަލު ނުގެނެސް ވޭތޯ އޭނާ މަސައްކަތް ކުރި އެވެ. ހާއްސަކޮށް، ހޮޓަލަށް ވުރެ މަޝްހޫރު، އެ ތަނުގެ ޓްރޭޑްމާކް ކެއުން، 'މަސްބުރި ރިހަ'އިގެ އަގު ބޮޑު ނުކޮށް ވޭތޯ ވަރަށް ބެލި އެވެ. އެކަމަކު ބާޒާރުގައި ތަކެތީގެ އަގު އަރައިގެން ދިޔުމުން 'ފަސޭހަ ޕޮއިންޓް' ހޮޓަލުގެ ވެރިޔާއަށް މަޖުބޫރުވީ، މަސްބުރި ރިހައާ އެކު ހޮޓަލުގެ ކެއުންތަކުގެ އަގު ބޮޑު ކުރާށެވެ. 

"އަބަދުވެސް މި ތަނުގެ ރިހަތަކުގެ އަގު ހެޔޮވާނެ. އަގަށް ބަދަލު ގެންނާކަށް އަޅުގަނޑުމެން އެއްގޮތަކަށް ވެސް ބޭނުމެއް ނޫން. އެކަމަކު ހަމަ ހިފަހައްޓާނުލެވުނީ،" ޝާކިރު ބުންޏެވެ.

މަޖީދީމަގުގައި ހުންނަ ފަސޭހަ ޕޮއިންޓުން ކުރިން 15ރ. އަށް ވިއްކި މަސްބުރި ރިހައިގެ އަގު، 10 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ބޮޑުކޮށް، މިދިޔަ ހޯމަދުވަހުން ފެށިގެން ވިއްކަމުން އަންނަނީ 20ރ. އަށެވެ. މިއީ  30 އަހަރުވީ މަސްބުރި ރިހައިގެ އަގު ބޮޑުކުރި ހަތަރުވަނަ ފަހަރެވެ. އެންމެ ފުރަތަމަ އެ ރިހަ ވިއްކީ 5ރ. އަށެވެ.

އަގަށް ބަދަލު ގެންނާނެ ކަމާއި ގެނައި ބަދަލު، ހޮޓަލުގެ ބޭރުގައި ކުރިއްސުރެ ވަނީ އިޝްތިހާރުކޮށްފަ އެވެ.

ޝާކިރު ބުނިގޮތުގައި މިހާރު ބާޒާރުގައި މަސް ކިލޯއެއްގެ އަގު 80-90ރ. އަށް ބޮޑުވެފައިވާއިރު، ކުކިން އޮއިލްގެ އަގު ވެސް، 300ރ. އިން 480ރ. އަށް ވަނީ ބޮޑުވެފަ އެވެ. މަސްބުރި ރިހައިގައި އޮންނަ ކަނޑުމަސްކޮޅުގެ ސައިޒަށް ބަދަލު ގެންނަން ބޭނުން ނުވާތީ، ޝާކިރު ބުނީ، ކުރީގެ އަގަށް އޭނާއަށް ވިޔަފާރިކުރަން ދަތިވީ ކަމަށެވެ.

މަސްބުރި ރިހައިގެ ސިއްރަކީ ހާއްސަ ތެޅި މިރުސް ހަވާދު

ހެންވޭރުގައި ހުންނަ ފަސޭހަ ޕޮއިންޓް ހޮޓާ މަޝްހޫރުވީ ވެސް މީރު މަސްބުރި ރިހަ ވިއްކާ ހޮޓަލުގެ ގޮތުގަ އެވެ. ތަފާތު ފަންތީގެ އެކި އުމުރުގެ މީހުން އަބަދުވެސް އެ ތަނަށް ވަދެ އެވެ. އާއްމުކޮށް ހޮޓާތަކަށް ވަދެ ނޫޅޭ، ސަރުކާރާއި އަމިއްލަ އޮފީސްތަކުގެ ވެރިން ވެސް، އެ ތަނުން ކައި ހަދަ އެވެ.

ފަސޭހަ ޕޮއިންޓްގެ މަޝްހޫރު މަސްބުރި ރިހަ މީހަކު ކަނީ. މިއީ މާލޭގައި މަގުބޫލު ރިހައެއް (ފޮޓޯ/ޓްވިޓާ)

އެ ތަނުގެ މަސްބުރި ރިހަ އެ އެންމެން ވެސް ސިފަ ކުރަނީ، ބަދަލެއް ނާންނަ މީރު ރިހައެއްގެ ގޮތުގަ އެވެ. އޭގެ ސިއްރު، ހޮޓަލުގެ ވެރިޔާ ކިޔައިދިނެވެ؛ އެއީ އިންޑިއާ އިން ގެންނަ ހާއްސަ ތެޅި މިރުސް ހަވާދެއްގެ ރަހަ އެވެ. ދެން އެ ރިހައިގެ ހާއްސަ ރެސިޕީ އެވެ.

ޝާކިރު ބުނީ މަސްބުރި ރިހައަށް ހާއްސަކޮށްގެން އަބަދުވެސް ހޮޓަލުގެ ބަދިގޭގައި އޭގެ ހަވާދު ހުންނާނެ ކަމަށެވެ. އެކަމަކު ކޮވިޑް-19 ބަލިމަޑުކަން މާލޭގައި އެންމެ ގޯސްވި ދުވަސްވަރު ބަދިގޭން އެ ހަވާދު ހުސްވި އެވެ. އެ ދުވަސްކޮޅު، ރިހައިގެ ރަހައަށް ބަދަލު އައިސްގެން ބައެއް މީހުން ޝަކުވާކުރި ކަމަށް އޭނާ ބުންޏެވެ. 

"ދެން އަޅުގަނޑުމެން ބެލީ ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް އެ ހަވާދު ގެނެވޭތޯ. ނަސީބަކުން މާގިނަ ދުވަހެއް ނުވެ ލިބިއްޖެ،" ޝާކިރު ބުންޏެވެ.

މަސްބުރި ރިހައަށް ހާއްސަ ފަސޭހަ ޕޮއިންޓް ހޮޓާ: ކޮންމެ ދުވަހަކު ވެސް ގިނަ އަަދަދެއްގެ މީހުން އެ ތަނަށް، މަސްބުރި ރިހަ ކާން ވަދޭ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އަންހެނުންނަށް ރަނގަޅު މާހައުލަކަށް ރިހަ ގެންދަނީ

ރާއްޖޭގައި އާއްމުކޮށް އަންހެނުން ސައި ހޮޓާތަކަށް ވަދެ ނޫޅޭތީ، އެ މީހުންނަށް، ފަސޭހަ ޕޮއިންޓްގެ މަސްބުރި ރިހަ ކެއުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އެ ރިހައަށް ފޯރި ހުންނަ އަންހެނުންނަށް އުފާވެރި ހަބަރެކެވެ؛ މަސްބުރި ރިހަ ކާން، އަންހެނުން ވެސް ވަންނަން ޖެހިލުން ނުވާނެ ފަދަ ކެފޭއެއް ހުޅުވުމުގެ މަސައްކަތް ޝާކިރު އަންނަނީ މިހާރު ކުރަމުންނެވެ.

އޭނާ ބުނިގޮތުގައި، މާފަންނުގައި ކުރީގެ ސްޓާ ސިނަމާ ހުންނަ ބްލޮކްގެ އިރުމަތީ ކަންމަތީގައި އޭނާގެ އާ ކެފޭ ހުޅުވާނީ، މަސްބުރި ރިހައިގެ ހާއްސަކަން ނުގެއްލޭ ގޮތަށް، އެ ކެވޭ ގޮތަށެވެ. ރިހައިގެ އަސްލު ގެއްލުނަ ނުދިނުމަށް، ރިހަ ކައްކާނީ ވެސް ފަސޭހަ ޕޮއިންޓްގައި ކަމަށް ޝާކިރު ބުންޏެވެ.

"ދެން ހަމަ އޯޑަރު ދިނީމައި އަޅުގަނޑުމެން ކެފޭއަށް ގެންދާ ގޮތަށް ހަމަޖެހިފައި އޮތީ،" އޭނާ ބުންޏެވެ. 

ޝާކިރު ބުނީ އިމާރާތުގެ މަސައްކަތް ނިމިފައިވާއިރު، މިހާރު ކުރަމުން އަންނަނީ އެ ތަނަށް މުވައްޒަފުން ހޯދުމުގެ މަސައްކަތް ކަމަށެވެ. އަދި މީހުން ލިބުނުހާ އަވަހަކަށް އެތަނުން ހިދުމަތް ދޭން ފަށާނެ ކަމަށް ބުންޏެވެ.

"އޭރުން އިރާދަކުރެއްވިއްޔާ އަންހެނުންނަށް ވެސް އެ ރިހަ ކާން ލިބޭނެ،" ޝާކިރު ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް