އެމާ ވޮޓްސަންއަކީ އިޖްތިމާއީ އަދި ސިޔާސީ ކަންކަމުގައި ހިޔާލުފާޅުކުރާ އެކްޓްރެސްއެއް

ފަލަސްތީނަށް ތާއީދު ކުރާ އިންސްޓަގްރާމް މެސެޖާ އެކު އެމާ ވޮޓްސަންއަށް ބޮޑު ސަޕޯޓެއް

އެމާގެ ޕޯސްޓަށް 1 މިލިއަން މީހުން ވަނީ ލައިކްކޮށްފައި
6 ޖެނުއަރީ 2022

 ފަލަސްތީނުގެ މިނިވަންކަމަށް ސަޕޯޓްކޮށް ކުރި އިންސްޓަގްރާމް ޕޯސްޓަކަށް ފަހު، ހެރީ ޕޮޓާގެ ތަަރި، އިނގިރޭސި އެކްޓްރެސް އެމާ ވޮޓްސަންއަށް ވަރަށް ބޮޑު ސަޕޯޓެއް ސޯޝަލް މީޑިއާގައި ލިބިއްޖެ އެވެ.

އިންސްޓަގްރާމްގައި އެމާ، 31، ޕޯސްޓްކުރި ފޮޓޯގައި ވަނީ 'ސޮލިޑާރިޓީ އިޒް އަ ވާބް' ޖަހާފައިވާ ބެނާ އެކެވެ. އަދި ފަހަތުން ފެންނަނީ ފަލަސްތީނު މިނިވަން ކުރުމަށް ގޮވާލައި ބޭއްވި ރެލީއެއްގެ ފޮޓޯ އެކެވެ. މި ފޮޓޯ އޭނާ ޕޯސްޓްކުރީ އިނގިރޭސި އަދި އޮސްޓްރޭލިއާ އިލްމުވެރިއެއް ކަމުގައިވާ ސަރާ އަހުމަދުގެ ބަސްކޮޅަކާ އެކު އެވެ.

އެމާ ވޮޓްސަން ގެ އިންސްޓަގްރާމް ޕޯސްޓް

އެމާގެ މި ޕޯސްޓަށް އެއް މިލިއަން މީހުން ލައިކް ކޮށްފައިވާ އިރު 89،000 އަށް ވުރެ ގިނަ މީހުން ވަނީ 'ފްރީޕަލެސްޓައިން' އަދި 'ޕަލެސްޓައިންވިލްބީފްރީ' ޖަހައި ކޮމެންޓްކޮށްފަ އެވެ.

އެމާގެ މެސެޖާ އެކު ލިޔެފައިވާ ބަސްކޮޅު

މި ޕޯސްޓާ އެކު އެމާއަށް ފާޑުކިޔުންތައް ވެސް އަމާޒުވެފައިވެ އެވެ.

އިޒްރޭލުގެ ކުރީގެ މިނިސްޓަރެއް ކަމުގައިވާ ޑެނީ ޑެނޯން ވަނީ އެމާ ވޮޓްސަން ޔަހޫދީ ދީނާ ދެކޮޅު ކަމަށް ލިޔުއްވައިފަ އެވެ. އިޒްރޭލުން މިހާރު އދ. އަށް ކަނޑައަޅާފައި ހުންނަ މަންދޫބު ގިލާޑް އާޑަން ވަނީ ހެރީ ޕޮޓާގެ ދުނިޔެއާ ގުޅުވައި އެމާއަށް މަލާމާތްކޮށްފަ އެވެ.

އިންސްޓަގްރާމްގައި 65 މިލިއަން ފޮލޮވަރުން ތިބި އެމާ ފާޑުކިޔުންތަކަށް އެއްވެސް ރައްދެއް ނުދެ އެެވެ.

އެމާ ސޯޝަލް މީޑިއާ ބޭނުންކޮށް މީގެ ކުރިން ވެސް ސިޔާސީ މެސެޖުތައް ދީފައިވެ އެވެ. އެގޮތުން އަފްޣާނިސްތާނުގެ އާޓިސްޓުންނަށް އިނގިރޭސިވިލާތުން ހިމާޔަތް ދީ، އެ ގައުމަށް އެތެރެވެވޭނެ ގޮތް ހަމަޖެއްސުމަށް ގޮވާލި އެވެ.

މޫސުމީ ބަދަލާ ގުޅޭ ދުނިޔޭގެ އެންމެ ބޮޑު ސަމިޓު ކޮޕްގެ އެންމެ ފަހުގެ ބައްދަލުވުން ކުރިއަށް ގެންދިޔަ ދުވަސްވަރު އެމާގެ އެކައުންޓް ހިންގުމަށް ތިމާވެށީގެ އެކްޓިވިސްޓުންނާ ހަވާލުކުރި އެވެ.

ޔޫއެން ވިމަން ގުޑްވިލް އެމްބެސެޑާގެ މަގާމު އަދާކުރާ އެމާ ޖީ7 ޕޮލިޓިކަލް ފޯރަމްސް އެޑްވައިޒަރީ ބޮޑީގައި އަންހެނުންގެ ހައްގުތަކާއި މިންތީގެ ހަމަހަމަކަން ގާއިމު ކުރުމަށް ވަކާލާތު ކޮށްފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް