Majlis 2024

އީއޭ ސްޕޯޓްސްއިން ފުރަތަމަ ފަހަރަށް ފީފާ ގޭމެއް އުފައްދާފައި ވަނީ 1993ގައި. (ފޮޓޯ/ އީއޭ ސްޕޯޓްސް)

އީއޭ ސްޕޯޓްސްއިން ފީފާ ބްރޭންޑުގެ ފުޓުބޯޅަ ގޭމު ހެދުން ހުއްޓާލަނީ

އަންނަ އަހަރުން ފެށިގެން އަމިއްލަ ބްރޭންޑެއްގެ ދަށުން ގޭމެއް ނެރުމަށް އީއޭއިން ވަނީ ނިންމާފައި

ވީޑިއޯ ގޭމު އުފައްދާ އިލެކްޓްރޯނިކް އާޓްސް (އީއޭ) ކުންފުނިން ފީފާ ބްރޭންޑް ޖަހައިގެން ނެރޭ ފުޓުބޯޅަ ގޭމުތައް ހެދުން ހުއްޓާލުމަށް ނިންމައިފި އެވެ. 

ފީފާ ގޭމަކީ ގޭމިންގެ ތާރީހުގައި އެންމެ ފައިދާ ބޮޑު އެއް ބްރޭންޑެވެ. ނަމަވެސް، އީއޭއިން ފީފާ ބްރޭންޑާ ދުރަށް ޖެހިލަން ނިންމާފައި ވަނީ ލައިސަންސްގެ އަގު ބޮޑުވުމުން ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

އީއޭއިން ފުޓުބޯޅަ ވީޑިއޯ ގޭމުތައް ނެރެމުންދާނެ ކަމަށާއި، ނަމަވެސް 2023އިން ފެށިގެން މި ގޭމުތައް ނެރޭނީ އީއޭ ސްޕޯސްޓްސް އެފްސީގެ ނަމުގައި ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

އީއޭގެ ނިންމުމާ ގުޅިގެން ފީފާއިން ވަނީ އަމިއްލަ ބްރޭންޑުގެ ދަށުން ގޭމު ނެރެން ވިސްނަމުން އަންނަކަން ހާމަކޮށްފަ އެވެ. 

"ބައިނަލްއަގްވާމީ އަދި އޮރިޖިނަލް ހަމައެކަނި ނަމަކީ ފީފާ،" ފީފާއިން ބުނެފައިވެ އެވެ.

އީއޭ ސްޕޯޓްސްއިން ފުރަތަމަ ފަހަރަށް ފީފާ ގޭމެއް އުފައްދާފައި ވަނީ 1993ގަ އެވެ. އޭގެ ފަހުން އީއޭއިން ދަނީ ފީފާ ބްރޭންޑާ އެކު މަސައްކަތް ކުރަމުންނެވެ.

1993 ވަނަ އަހަރު ނެރުނު ފީފާ އިންޓަނޭޝަނަލް ސޮކާ ގޭމް. (އީއޭ ސްޕޯޓްސް)

އީއޭއިން އަންނަ އަހަރު ނެރެން ވިސްނާފައިވާ ގޭމު މިހާތަނަށް ނެރެފައިވާ ފީފާ ބްރޭންޑުގެ ގޭމުތަކާ އެއްގޮތް ވާއިރު، އީއޭގެ ގޭމު ކުޅޭ މީހުންނަށް އިތުރު ތަޖުރިބާތަކެއް ދޭނެ ކަމަށް ވަނީ ބެލެވިފަ އެވެ. އޭގެ ތަފްސީލުތައް އީއޭއިން މިވަގުތު ހާމަކޮށްފައި ނުވި ނަމަވެސް، އޭގެ ތެރޭގައި ލައިވް ފުޓުބޯޅަ މެޗު ބެލުން އަދި ފޯޓްނައިޓް ގޭމު ގޮތަށް ލައިވްކޮށް އިވެންޓުތައް ބޭއްވުން ފަދަ ތަޖުރިބާތައް ހިމެނޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.

އީއޭގެ ވައިސް ޕްރެޒިޑެންޓް ޖެކްސަން ބީބީސީއަށް ވިދާޅުވި ގޮތުގައި، "މުސްތަގުބަލަށް ބިނާކުރާ ބްރޭންޑެއް ހެދުމަށް" އެހެން ދިމާލަކަށް އަމާޒު ހިފަން ޖެހޭ ވަގުތު އައިސްފައިވާ ކަމަށް އީއޭއިން ދެކެ އެވެ. އަދި "މުނިފޫހިފިލުވުމާއި ފުޓުބޯޅައިގެ ދުނިޔެ ވެސް ބަދަލުވަމުން"ދާ ކަމަށާއި، މި ގޮތަށް ބަލާއިރު ގޭމުގައި "މައްސަލަތަކެއް އެބަހުރި" ކަމަށް ޖެކްސަން ވިދާޅުވި އެވެ.

"މުސްތަގުބަލުގައި ކުޅުންތެރިން ޑިމާންޑުކުރާނެ މިފަދަ ކަންކަން ފުރިހަމަކޮށްދިނުމަށް. މި ވަގުތު އަހަރެމެން މި ފޯރުކޮށްދެނީ ކުޅެވޭނެ ގޮތް އެންމެ އަސާސީ ތަޖުރިބާއަކަށް. އެކަމަކު ވަރަށް އަވަހަށް ބެލުމާއި ކޮންޓެންޓު އުފެއްދުން ވެސް ކުޅޭ ފަރާތްތަކަށް ހަމަ އެހާމެ މުހިންމުވާނެ،" އޭނާ ވިދާޅުވި އެވެ.

އީއޭ ސްޕޯޓްސްއިން އެންމެ ފަހުން ފީފާއާ އެކު ލައިސެންސް އާކޮށްފައި ވަނީ ހަތަރު ވޯލްޑް ކަޕުގެ މުއްދަތަށް 2013ގަ އެވެ. އަދި އެ ފަހަރު އީއޭއިން ނެގި ލައިސެންސްގެ އަގު 1 ބިލިއަން ޑޮލަރަށް ވުރެ ބޮޑު ކަމަށް ރިޕޯޓުތައް ބުނެފައިވެ އެވެ.

އީއޭއިން ފީފާ ބްރޭންޑުގެ ދަށުން ނެރޭ އެންމެ ފަހު ގޭމު 'ފީފާ 2023' ކުރިއަށް އޮތް މަދު މަސްތަކެއްގެ ތެރޭގައި ނެރޭނެ އެވެ. އަދި އީއޭގެ އަމިއްލަ ގޭމު 'އީއޭ ސްޕޯޓްސް އެފްސީ' މާކެޓަށް ނެރުމަށް ހަމަޖެހިފައި ވަނީ 2023ގެ ފަހުކޮޅުގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް