ނުރައްކާތެރި އެއްޗެއް އޮތްކަމުގެ މައުލޫމާތު ލިބިގެން ސިފައިން މިދިޔަ ޖޫން މަހު މާލޭގައި ހިންގި އޮޕަރޭޝަނުގެ ތެރެއިން ސިފައިންތަކެއް ހަރަކާތްތެރިވަނީ. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ހައި ކޯޓު

މުލިއާގެ ކައިރިން 'އައިއީޑީއެއް' ފެނުން: ޖަލަށްލި ހަތަރު ވަނަ މީހާ ވެސް މިނިވަންވެއްޖެ

އޭނާގެ މައްޗަށް ކުރި 17 އަހަރުގެ ހުކުމް ބާތިލު ކުރަން އިއްޔެ ހައި ކޯޓުން ވަނީ ހުކުމް ކޮށްފައި
16 އޯގަސްޓު 2022

މުލިއާގެ ކައިރީގައި ހުރި ޕިކަޕެއްގައި "އައިއީޑީ"އެއް ކަމަށް ބުނާ އެއްޗެއް ބޭއްވި މައްސަލައިގައި ދައުވާ ކުރި މީހުންގެ ތެރެއިން މިނިވަން ނުވެ ހުރި މީހާ ވެސް މިނިވަން ކުރަން ހައި ކޯޓުން އިއްޔެ ނިންމައިފި އެވެ.

މައްސަލައިގެ ފެށުން - 2016 ވަނަ އަހަރުގެ ތެރޭގައި، އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ)އެއް ތައްޔާރުކޮށް، މުލިއާގެ ކައިރިން ނޫރާނީ ގޯޅީގައި ޕާކުކޮށްފައި ހުރި ޕިކަޕެއްގެ ޓޭންކު މަތީގައި އައިއީޑީ ބޭއްވި ކަމަށް ބުނާ މައްސަލައިގައި ދައުލަތުން ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރި އެވެ. އެ މީހުންނަކީ:

  •  އަހުމަދު މަމްދޫހު (ހއ.ހޯރަފުށި، އާރޯ) - ޓެރަރިޒަމްގެ އަމަލެއް ކުރުން

  • މުހައްމަދު އުބައިދު އިބްރާހިމް (މާލެ/މ.ހީރޯ) - ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުން

  • ޒިހާން އަހުމަދު (ތ. ތިމަރަފުށި/ވިލާ) - ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުން

  • ތަލްއަތު މުހައްމަދު (މާލެ/ހ.މީޓާޒް) - ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުން

ޒިހާން ތަހުގީގަށް ދިން ބަޔާނުގައިވާ ގޮތުން، އެ އައިއީޑީ ތައްޔާރު ކުރީ ބާ ދަނގަނޑު ކިރާ ތަނަކަށް ގޮސް، ދޮންނަ މެޝިނެއްގެ ލޮއި ހޮޅިއެއް ހޯދައިގެން އެ ހޮޅި އާއި ރިމޯޓް ކޮންޓްރޯލު ކާރަކާއި ބެޓަރީތަކަކާއި ޕެޓްރޯލު ބޭނުންކޮށްގެންނެވެ.

މި މައްސަލައިގައި:

  • އުބައިދު އާއި މަމްދޫހު ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން މީގެ ކުރިން ބާތިލުކުރުމުން އެ މީހުން ވަނީ މިނިވަން ވެފައި 

  • ތަލްހަތުގެ މައްޗަށް ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރުމުން އޭނާ ވެސް ވަނީ މިނިވަންވެފައި

ވީ ކިހިނެއް؟ - އެ މައްސަލައިގައި ޖަލުން މިނިވަން ނުވެ ހުރި ޒިހާންގެ ފަރާތުން އޭނާގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އޭނާގެ މައްޗަށް ކުރި 17 އަހަރުގެ ހުކުމް ބާތިލު ކުރަން އިއްޔެ ހައި ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

ތަފްސީލު - ތަލްއަތުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމް ކުރީ ޒިހާންގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައި އޮއްވަ އެވެ. އެހެންވެ، ތަލްހަތުގެ މައްޗަށް ވެސް ކުރީ ޒިހާންގެ މައްޗަށް ކުރި ދައުވާއަށް ވެފައި އެ ދެ ދައުވާ ވެސް ބިނާވަނީ އެއް ކަންތައްތަކެއްގެ މައްޗަށް ކަމަށް ވާތީ ސުޕްރީމް ކޯޓުގެ ހުކުމުގައި ފާހަގަކުރި ކަންތައްތަކަށް ރިއާޔަތްކޮށް އޭނާގެ މައްޗަށް ކުރި ހުކުމް ހައި ކޯޓުން ބާތިލުކޮށްދިނުމަށް ޒިހާންގެ ފަރާތުން ހައި ކޯޓުގައި އެދިފައިވެ އެވެ.

ދައުލަތުން ވެސް ބުނެފައި ވަނީ، ސުޕްރީމް ކޯޓުން ތަލްއަތުގެ މައްސަލައިގެ ވަށައިގެންވާ ހުރިހާ ކަމަކަށް ބެލުމަށް ފަހު ދަށު ކޯޓުގެ ހުކުމް ބާތިލުކޮށްފައި ވާތީ އާއި މައްސަލައިގައި އެއް ހާލަތެއްގައި ހުރި މީހަކާ މެދު ހަމަ އެފަދައިން އަމަލު ކުރަން ޖެހޭނެ ކަމަށް ގަބޫލުކުރެވޭތީ ޒިހާންގެ މައްޗަށް ކޮށްފައިވާ ހުކުމް ވެސް ބާތިލުކުރަން ޖެހޭ ކަމަށް ގަބޫލުކުރާ ކަމަށެވެ.

އޭނާ އިސްތިއުނާފު ކުރަން ހުށަހެޅި ނުކުތާތަކާއި ދައުލަތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ދަށު ކޯޓުގެ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލުކުރަން ޖެހޭ އެއްވެސް ސަބަބެއް ނުފެންނަ ނަމަވެސް، މަތީ މަރުހަލާގެ ކޯޓުތަކުން ކުރާ ހުކުމްތަކަށް އެއަށް ވުރެ ދަށު މަރުހަލާ ކޯޓުތަކުން ތަބާވާން ޖެހޭނެ ކަމަށް އޮންނާތީ ހައި ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރެއްވީ ޒިހާންގެ މައްޗަށް ކުރި ހުކުމް ބާތިލު ކުރާށެވެ.

އެ މައްސަލައިގެ ތަހުގީގު މަރުހަލާގައި އޭނާ އިއުތިރާފުވި ކަމަށް ދައުލަތުން މީގެ ކުރިން ބުނެފައިވެ އެވެ. އޭނާ ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ ވެސް އޭނާ އިއުތިރާފުވި ކަމަށް ބަލައިގެންނެވެ. ނަމަވެސް، އޭނާގެ ފަރާތުން ބުނެފައި ވަނީ ނުރައްކާތެރި އައިއީޑީއެއް އުފެއްދި ކަމަށް އިއުތިރާފުނުވާ ކަމަށާއި ތަހުގީގު ބަޔާނުގައި ބުނެފައި ވަނީ ފޭކު އައިއީޑީއެއް މަޖަލަކަށް އުފެއްދި ވާހަކަ ކަމަށެވެ.

ހައި ކޯޓުގެ ހުކުމުގައި ފާހަގަ ކުރީ:

  • އެއީ އަސްލު ގޮވާ ޒާތުގެ އައިއީޑީއެއްތޯ އަދި އޭގެން ހަގީގީ ނުރައްކަލެއް އޮތްތޯ ބަލާކަށް ނުޖެހޭ 

  • ހަމައެކަނި ބަލަން ޖެހެނީ، އާންމުންނަށް ނުވަތަ އާންމުންގެ ބައެއްގެ ސަލާމަތަށް ބޮޑު ނުރައްކަލެއްވާ ފަދަ ހާލަތެއް ކުރިމަތިކުރުވަން އެއްވެސް ސިފައެއްގައި އެހީތެރިވިތޯ އާއި އޭގެ މަގުސަދަކީ ކޮބައިތޯ 

  • އެއީ ދައުލަތަށް ނުވަތަ ސަރުކާރަށް ނޭދެވޭ ނުފޫޒެއް ފޯރުވުމަށް ކުރިކަމެއްތޯ ނޫނީ އާންމުންނަށް ބިރުދެއްކުމަށް ނުވަތަ އާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ކުރި ކަމެއްތޯ

އެނގުން މުހިންމު - މި މައްސަލަ ހައި ކޯޓުގައި ބެއްލެވި ބެންޗުގައި ތިއްބެވީ ފަނޑިޔާރު މުހައްމަދު ނިޔާޒު، ފަނޑިޔާރު ހުސެއިން ޝަހީދު އަދި ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އެެވެ. ރިޔާސަތުގައި އިންނެވީ ނިޔާޒު އެވެ.

މުލިއާގެ ކައިރިން އައިއީޑިއެއް ފެނުނީ އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރިޔާސީ ލޯންޗު ފިނިފެންމާގައި އައިއީޑިއެއް ގޮއްވާލި ފަހުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް