(ފޮޓޯ/ ސްނެޕް)

ސްނެޕްޗެޓްގެ ސަބްސްކްރިޕްޝަން ހިދުމަތް ލޯންޗުކޮށްފި

ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ގިނަ ކުންފުނިތަކަކުން އަންނަނީ އާމްދަނީ އިތުރުކުރުމަށް ސަބްސްކްރިޕްޝަން ހިދުމަތްތައް ފަށަމުން

ސްނެޕްޗެޓް އެޕްލިކޭޝަންގެ މުޅިން އާ ހިދުމަތްތަކަކާއި އެކްސްކްލޫސިވް ފީޗާތައް ލިބޭ ސަބްސްކްރިޕްޝަން ހިދުމަތެއް ސްނެޕް ކުންފުނިން ތައާރަފްކޮށްފި އެވެ.

ސްނެޕްޗެޓް ޕްލަސްގެ ނަން ދީފައިވާ މި ސަބްސްކްރިޕްޝަން ހިދުމަތުގެ އަގަކީ މަހަކު 3.99 ޑޮލަރެވެ.

ސެނެޕް އިން އަލަށް ސަބްސްކްރިޕްޝަންގެ ހިދުމަތެއް ފަށާފައި މި ވަނީ މި އަހަރު ފެށުނު ފަހުން އެ ކުންފުނީގެ މާލީ ހާލަތު ވަރަށް ބޮޑުތަން ދަށަށް ގޮސްފައި ވަނިކޮށެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތަކާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ސްނެޕްއަށް އެންމެ ގިނައިން ފައިސާ ވައްދާ އިޝްތިހާރު ކުރުމުގެ ހިދުމަތުން ލިބޭ އާމްދަނީގެ މިންވަރު ވަރަށް ބޮޑުތަން ވެއްޓިފައި ވަނީ ބައިނަލްއަގްވާމީ ސަޕްލައިގެ މައްސަލަތަކާއި މުވައްޒަފުން ލިބުމުގެ ދަތިތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުދަލުގެ އަގުތައް އުފުލެމުން ދިއުމުގެ ސަބަބުން ކަމަށް ސްނެޕްގެ ޗީފް ފައިނޭންޝަލް އޮފިސަރު ޑެރެކް އެންޑެސެން ވަނީ ވިދާޅުވެފަ އެވެ.

އަލަށް ފެށި މި ސަބްސްކްރިޕްޝަން ހިދުމަތުން ސްނެޕްއަށް އާމްދަނީ ހޯދޭނެ އާ ދޮރެއް ހުޅުވިގެން ދިޔަ ނަމަވެސް، މި ހިދުމަތުން ލިބޭ އާމްދަނީގެ މިންވަރު މާ ބޮޑު ނުވާނެ ކަމަށް ސްނެޕްޗެޓްގެ މުދަލާ ބެހޭ ބައިގެ ސީނިއާ ވައިސް ޕްރެސިޑެންޓް ޖެކޮބް އެންޑްރީއޯއު 'ދަ ވާޖް' ނޫހަށް ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގެ އެހެން ޕްލެޓްފޯމުތަކުން ވެސް ވަނީ މިފަހުން ސަބްސްކްރިޕްޝަން ހިދުމަތްތަކެއް ފަށާފަ އެވެ. އެގޮތުން، ޓުވިޓާ އިން މިދިޔަ އަހަރު މަހަކު 2.99 ޑޮލަރު ދައްކަން ޖެހޭ 'ބްލޫ' ހިދުމަތް ލޯންޗު ކޮށްފައި ވާއިރު، މަޝްހޫރު ޓެލެގްރާމް އިން ވެސް ވަނީ މި މަހު 'ޓެލެގްރާމް ޕްރިމިއަމް'ގެ ނަމުގައި ސަބްސްކްރިޕްޝަން ހިދުމަތެއް ލޯންޗުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް