މޫސުން ގޯސްވެ ކަނޑު ގަދަ ދުވަހެއްގައި ލޯންޗެއް ދުއްވާފައިދަނީ: މެދު ރާއްޖެތެރެއަށް މިހާރު ވަނީ ޔެލޯ އެލާޓް ނެރެފައި.

މޫސުން

މޫސުން ވަރަށް ގޯސް؛ މެދު ރާއްޖެތެރެއަށް ޔެލޯ އެލާޓް

މި ދުވަސްވަރު ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކުރޭ

މޫސުން ގޯސްވެ، އުތުރުގެ ބައެއް އަތޮޅާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް މިއަދު ޔެލޯ އެލާޓް ނެރެފި އެވެ.

އެނގުން މުހިއްމު - ރާއްޖެއަށް މިހާރު ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ. މި މަހުގެ 8 ވަނަ ދުވަހު ހުޅަނގު މޫސުން ލައިގަތީއްސުރެ މޫސުން އުޅެނީ ގޯސްކޮށެވެ. އެކަމަކު މިއަދު މިއީ އަދި މި އަހަރު އެންމެ ގަދަވި އެއް ދުވަހެވެ.

ވީ ކިހިނެއް؟ - މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު) އޮފީހުން ބުނި ގޮތުގައި، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ، ރެއިން ފެށިގެން ވަނީ ގަދަކޮށްފަ އެވެ. އެގޮތުން، ބ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ޔެލޯ އެލާޓް ނެރެފައި އޮތް އިރު:

  • މިއަދު ހެނދުނު 10:30 އަށް އެލާޓް ދެމިގެންދާނެ

  • ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ

  • ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ

ރޭ ދަންވަރު 2 ޖެހި އިރު ވެސް މި ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރުނެވެ. 

މިދިޔަ އަހަރު ގަދައަށް ވިއްސާރަ ކުރި ދުވަހެއްގައި މީހަކު ކުޑަކުއްޖަކު ގޮވައިގެން ހިނގާފައި ދަނީ 

މެޓު އޮފީހުން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އުތުރުގެ އަތޮޅުތަކަށް ވެސް މި ދުވަސްވަރު ގަދަ އެވެ. އެކަމަކު އެ ސަރަހައްދަށް މިވަގުތު އޮތީ ވައިޓް އެލާޓެވެ. އެގޮތުން:

  • ރެއިން ފެށިގެން އުތުރުގެ ގިނަ އަތޮޅުތަކަށް ދަނީ ބޯކޮށް ވާރޭވެހެމުން

  • މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ހދ. ހަނިމާދުއަށް؛ 74.5 މިލިލީޓަރުގެ ވާރޭ ވެހުނު

  • މެޓުން ބުނާ ގޮތުން، ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގައި ވައި ޖެހޭނެ

  • ވިލާގަނޑުގައި 45 މޭލަށް ވައި ޖެހި ކަނޑުތައް ގަދަވާނެ

މި ދުވަސްވަރު ގަދައަށް ވައިޖެހި، ކަނޑުތައް ގަދަވުމުގެ ސަބަބުން ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް މެޓުން އިލްތިމާސްކުރެ އެވެ.

ހުޅަނގު މޫސުން ފެށުނީ ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްކޮށެވެ. އެކަމަކު މިހާރު އެ ސަރަހައްދަށް މޫސުން ރަނގަޅު ކަމަށް މެޓުން ލަފާ ކުރެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް