Majlis 2024

ނޫމަޑިން ހދ. ހަނިމާދޫގައި ހިންގާ ބެއާފުޓް އިކޯ ހޮޓެލް. (ފޮޓޯ/ބުކިން.ކޮމް)

ޓޫރިޒަމް

ރިސޯޓް ހަދަން ރަށްތައް ދިން ކުންފުނިތަކުގެ ތެރޭގައި ނޫމަޑި ވެސް ހިމެނޭ

ނޫމަޑިއަށް މި ސަރުކާރުން ބަދަލުގެ ގޮތުގައި ވަނީ 55 މިލިއަން ޑޮލަރު (848.1 މިލިއަން ރުފިޔާ) ދީފައި

މިދިޔަ އަހަރު ދުބާއީގައި ބޭއްވި އެކްސްޕޯގެ ތެރެއިން ރިސޯޓް ހަދަން ކުއްޔަށް ދޭން އިއުލާން ކުރި ރާއްޖޭގެ 21 ރަށަށް ހުށަހެޅި ބިޑުތައް ކާމިޔާބު ކުރި ފަރާތްތަކުގެ ތެރޭގައި މި ސަރުކާރުން ބޮޑު ބަދަލެއް ދީފައިވާ ނޫމަޑި ކުންފުނި ހިމެނޭކަން ހާމަވެއްޖެ އެވެ.

އެނގުން މުހިންމު - ނޫމަޑިއަށް މި ސަރުކާރުން ބަދަލުގެ ގޮތުގައި ވަނީ 55 މިލިއަން ޑޮލަރު (848.1 މިލިއަން ރުފިޔާ) ދީފަ އެވެ.

މައްސަލައިގެ ފެށުން - ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ރަށްތަކުގެ ބީލަމަށް 18 ހުށަހެޅުމެއް ލިބުނު ނަމަވެސް ބިޑްތައް ދިރާސާކުރުމަށް ފަހު ޓޫރިޒަމް މިނިސްޓްރީން މިދިޔަ އޭޕްރީލް މަހު ނިންމީ ފަސް ރަށެއް އެކި ފަރާތްތަކަށް ކުއްޔަށް ދިނުމަށެވެ. ނަމަވެސް ފައިސާ ދައްކަން ދިން 60 ދުވަސް ހަމަވުމުން ނޫނީ އެ ރަށްތައް ލިބުނު ފަރާތްތައް އާންމު ނުކުރާނެ ކަމަށް އޭރު ޓޫރިޒަމް މިނިސްޓްރީން ބުނެ، ރަށްތައް ލިބުނު ފަރާތްތައް މިނިސްޓްރީން ހާމައެއް ނުކުރި އެވެ.

ވީ ކިހިނެއް؟ - މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން 'ދައުރު'ން އެދުމުން ޓޫރިޒަމް މިނިސްޓްރީން ވަނީ އެ ރަށްތައް ލިބުނު ފަރާތްތަކުގެ ނަންތައް ފޯރުކޮށްދީފަ އެވެ. އެގޮތުން އެ ރަށްތައް ލިބުނު ފަރާތްތަކަކީ:

  • 1-

    ހއ. އަލިދުއްފަރުފިނޮޅު - ޔޫއެމްއައި ޕްރައިވެޓް ލިމިޓެޑް

  • 2-

    މ. ސީދީހުރާ (ސީދީހުރާ ވެލިގަނޑާ އެކު) - މާކެޓެކް މޯލްޑިވްސް 

  • 3-

    ފ. އެނބުލުފުށި - ނައިޑް ޓްރޭޑިން

  • 4-

    ގދ. ކަނޑަހަލަގަލަ - ޕަޔަނިއާ މޯލްޑިވްސް

  • 5-

    ފ. ޖިންނަތުގައު - އަކިރި ހޯލްޑިންސް

ކުންފުނިތަކުގެ ހިއްސާދާރުންނަކީ ކޮބާ؟

ހއ. ދިއްދޫ ކައިރީގައި އޮންނަ 3 ހެކްޓަރުގެ އަލިދުއްފަރުފިނޮޅު ދޭން ނިންމާފައިވާ ޔޫއެމްއައި ޕްރައިވެޓް ލިމިޓެޑަކީ ނޫމަޑީގެ ބޮޑު ހިއްސާއެއް އޮންނަ ކުންފުންޏެކެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ވެސް ނޫމަޑި ކުންފުނީގެ ވެރިޔާ ކްރިސްޓޮފާ ޕީޓާ އެވެ. ހދ. ހަނިމާދޫގައި ހިންގާ ބެއާ ފުޓް އިކޯ ހޮޓާ ވެސް ހިންގަނީ ނޫމަޑިންނެވެ.

މ. ސިނަމަން ހަކުރާ ހުރާ ރިސޯޓް ކައިރީގައި އޮންނަ ސީދީހުރާ އާއި އެ ތަނާ އިންވެގެން އޮންނަ ސީދީ ހުރާ ވެލިގަނޑު ދެނީ މާކެޓެކް މޯލްޑިވްސް އަށެވެ. އެ ކުންފުނީގެ ހިއްސާދާރުންނަކީ އަބްދުﷲ ވަސީމް އާއި އަހުމަދު ނަސީމް އެވެ. އެ ކުންފުންޏަކީ ރާއްޖެއަށް ވޮލްވޯ ބްރޭންޑްގެ އިންޖީނާއި ކަނޑު އުޅަނދުތަކަށް ބޭނުންވާ އެހެނިހެން ވެސް ތަކެތި ރާއްޖެ އެތެރެ ކުރާ ކުންފުންޏެކެވެ.

ފ. އެނބުލުފުށި ލިބުނު ނައިޑް ޓްރޭޑިން ކުންފުންޏަކީ ޕޭޖް ހާޑްވެއާ ފިހާރަ ހިންގާ ކުންފުންޏެވެ. އަހުމަދު އިބްރާހިމް ދީދީ އާއި ފާތިމަތު ނީނާ ހިއްސާދާރުންގެ ގޮތުގައި ތިބޭ ނައިޑް ޓްރޭޑިން ކުންފުނިން މިހާރު ވެސް ރ. ފުރަވެރި ރިސޯޓް ހިންގަ އެވެ.

ގދ. ކަނޑަހަލަގެލި ލިބުނު ކުންފުނި ޕަޔަނިޔާ މޯލްޑިވްސްގެ ހިއްސާދާރުންނަކީ އިކުލީލް ޝަރީފާއި އިބްރާހިމް މުހައްމަދު އެވެ. އަދި ފ. ޖިންނަތުގައު ލިބުނު އަކިރި ހޯލްޑިންސް އަކީ ބުރޫނޯ އިމަނުލް އާއި ފާތިމަތު ޝިއުރާ ރަޝީދު ހިއްސާވާ ކުންފުންޏެކެވެ.

ފާހަގަކޮށްލެވޭ ކަމެއް - ސަރުކާރުން ލަފާކޮށްފައި ވަނީ އެ ރަށްތައް ކުއްޔަށް ދީގެން 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ލިބޭނެ ކަމަށެވެ.

ކޮމެންޓް (1)

ސީ ލައިފް

27 ޖޫން 2022
އަނެއްކާ ސީލައިފް ނެތް ކަން ޔަގީންތަ؟
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް