Majlis 2024

ބެލްޖިއަމް ކޮޅަށް ލަނޑު ޖެހުމަށް ފަހު މޮރޮކޯގެ އަބްދުލްހާމިދު ސަބީރީ (11) އުފާ ފާޅުކުރަނީ: މިއީ މޮރޮކޯގެ ތާރީހުގައި ވެސް ބޮޑު ކާމިޔާބީއެއް

މިއީ ހައިރާންކަން ބޮޑު ވޯލްޑް ކަޕެއް، މޮރޮކޯ އިން އެ ބަލިކުރީ ބެލްޖިއަމް

މޮރޮކޯގެ މޮޅާ އެކު ގްރޫޕް އެފްގެ އެއްވަނައަށް އެރުމަކީ ގަދަ 16 އަށް ދާން ލިބުނު ބޮޑު ކުރިއެރުމެއް
27 ނޮވެމްބަރު 2022

ގަތަރުގެ ވޯލްޑް ކަޕްގައި ނެރެމުން އަންނަ ހައިރާންކުރުވަނިވި ނަތީޖާތަކަށް މޮރޮކޯއިން މިރޭ އާ ސަފުހާއެއް އިތުރުކޮށްފި އެވެ. ވޯލްޑް ކަޕްގެ ފޭވަރިޓް އެއް ޓީމު ކަމަށްވާ ބެލްޖިއަމްގެ މައްޗަށް ހޯދި 2-0ގެ ކާމިޔާބީއާ އެކު ގްރޫޕް އެފްގެ އެއް ވަނައަށް މިހާރު އެ ވަނީ އަރައިފަ އެވެ.

ފުރަތަމަ މެޗުގައި، އެންމެ ފަހު ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅުނު ކްރޮއޭޝިއާއާ އެއްވަރުކުރި މޮރޮކޯ، ދުނިޔޭގެ ފުޓްބޯޅަ ރޭންކިންގައި ދެ ވަނާގައި އޮތް ބެލްޖިއަމް ބަލިކުރި ދެ ލަނޑު އައީ 73 ވަނަ މިނިޓްގައި އަބްދުލްހާމިދު ސަބީރީ އާއި ޒަކަރިއާ އަބޫހަލާލްގެ ފަރާތުން އިތުރު ވަގުތުގެ ދެ ވަނަ މިނިޓްގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މޮރޮކޯ އާއި ޗެލްސީގެ ވެސް މިޑްފީލްޑް ކުޅުންތެރިޔާ ހަކީމް ޒިޔެކް ލަނޑެއް ޖެހި އެވެ. އެކަމަކު ފަހުން ވީއޭއާރުން ޗެކްކޮށް ނިންމީ ލަނޑު ޖެހުމުގެ ކުރިން ކުޅުންތެރިޔަކު އޮފްސައިޑް ކަމަށެވެ.

ދެ ވަނަ ހާފުގައި މޮރޮކޯގެ ކުޅުން އިތުރަށް ވަރުގަދަކުރި އެވެ. އޭގެ ނަތީޖާއަކީ މިހާތަނަށް ވޯލްޑް ކަޕްގައި މޮރޮކޯއަށް ހޯދުނު އެންމެ ފުރިހަމަ ކާމިޔާބީއާ ހަމައަށް ދެވުމެވެ. ސަބީރީގެ ހިލޭ ޖެހުން ގޮސް ގޯލަށް ވަނީ ރެއާލް މެޑްރިޑަށް ވެސް ކުޅޭ ބެލްޖިއަމްގެ ވަރުގަދަ ކީޕަރު ތިބޯ ކޯޓުއާއަށް ވާނުވާ ވެސް ނޭނގި ހުއްޓަ އެވެ. މިއީ ސީދާ ހިލޭ ޖެހުމެއްގައި މި ވޯލްޑް ކަޕްގެ ފުރަތަމަ ލަނޑު ވެސް މެ އެވެ.

ގްރޫޕް އެފް މިވަގުތު އޮތް ގޮތް

  • 1-

    މޮރޮކޯ، ކުޅުނު 2، ފައިދާ ގޯލް 2، ޕޮއިންޓް 4

  • 2-

    ބެލްޖިއަމް، ކުޅުނު 2، ގެއްލުން ގޯލް 1، ޕޮއިންޓް 3

  • 3-

    ކްރޮއޭޝިއާ، ކުޅުނު 1، ގޯލެއް ނެތް، ޕޮއިންޓް 1

  • 4-

    ކެނެޑާ، ކުޅުނު 1، ގެއްލުން ގޯލް 1، ޕޮއިންޓް 0

މޮރޮކޯ މީގެ ކުރިން ވޯލްޑް ކަޕްގައި މޮޅުވި މެޗުތައް

  • 1-

    ޕޯޗުގަލް، 3-1 ލަނޑުން، 1986

  • 2-

    ސްކޮޓްލޭންޑް، 3-0 ލަނޑުން، 1998

ޕޯޗުގަލް އަތުން މޮޅުވި މެޗަކީ ވެސް އެފަހަރުގެ ވޯލްޑް ކަޕްގެ ވަރަށް ހައިރާންކުރުވަނިވި ނަތީޖާއެކެވެ. އެކަމަކު ޕޯޗުގަލްއަކީ އޭރު ބެލްޖިއަމް ކަހަލަ ދުނިޔޭގެ ފުޓްބޯޅައިގެ ދަރަޖާގައި އެހާ މަތީގައި އޮތް ޓީމެއް ނޫނެވެ. އަދި އޭރު ވޯލްޑް ކަޕް ކާމިޔާބުކުރެވޭނެ ޓީމުތަކުގެ ތެރޭގައި ވެސް ޕޯޗުގަލް ނުހިމަނަ އެވެ. ނަމަވެސް ބެލްޖިއަމްގައި ތިބި ދުނިޔޭގެ ފެންވަރުގެ މަޝްހޫރު ކުޅުންތެރިންނާ އެކު މިއީ ތަފާތު ޓީމެކެވެ. އެހެންކަމުން މިރެއަކީ މޮރޮކޯއަށް ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ބޮޑު ރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް