Majlis 2024

ނަތީޖާ ބަދަލެއް ނުވި؛ ވިލިމާލެ ޑަބްލިއުޑީސީ ގޮނޑި ޕީޕީއެމް އަށް

ނަތީޖާ ޔަގީން ކުރުމަށް މިރޭ ވަނީ ދެ ވޯޓު ކަރުދާސް އަލުން ޗެކް ކޮށްފައި

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މާލޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ ވިލިމާލޭ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓު ކަރުދާސް އަލުން ބެލުމުން ވެސް، ވަގުތީ ނަތީޖާއަށް ބަދަލު އައިސްފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ވީ ކިހިނެއް؟ - ޑަބްލިއުޑީސީގެ ބައި-އިލެކްޝަންގައި ވަދަކުރީ ޕީޕީއެމް އާއި އެމްއެންޕީންނެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން، އެންމެ ވޯޓެއްގެ ތަފާތުން އިންތިހާބު ކާމިޔާބުކުރީ ޕީޕީއެމުންނެވެ. 

އިންތިހާބުގެ ނަތީޖާ:

  • ޕިޕީއެމްގެ ޓިކެޓުގައި ވާދަކުރި ފާތިމަތު ނާޒިމާ: 359 ވޯޓު 

  • އެމްއެންޕީގެ ޓިކެޓުގައި ވާދަކުރި އާމިނަތު ޝީޒާ: 358 ވޯޓު  

  • ޖުމްލަ 729 މީހަކު ވޯޓުލި

ތަފްސީލް - ނަތީޖާގައި އެންމެ ވޯޓެއްގެ ތަފާތު އުޅޭތީ ވޯޓު އަލުން ގުނައިދިނުމަށް އެދި އެމްއެންޕީން އީސީއަށް ހުށަހެޅި ނަމަވެސް، ކޮމިޝަނުން ނިންމީ ވޯޓު އަލުން ގުނަން ނުފެންނަ ކަމަށެވެ. ނަމަވެސް ވޯޓު ފޮއްޓެއްގެ ދެ ކަރުދާސްކޮޅު ޗެކް ކުރަން ނިންމައި، މިރޭ ވަނީ ވޯޓު ކަރުދާސް ޗެކް ކޮށްފަ އެވެ.

ބުނީ ކީކޭ؟ - ވޯޓު ކަރުދާސް ޗެކް ކުރުމަށް ފަހު ކޮމިޝަންގެ ނައިބު ރައީސް، އިސްމާއީލް ހަބީބު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޝަކުވާ ހުށަހެޅި ދެ ވޯތު ކަރުދާސް ޗެކް ކުރުމުން ވެސް، އިއުލާނުކޮށްފައިވާ ވަގުތީ ނަތީޖާއަށް ބަދަލު އައިސްފައި ނުވާ ކަމަށެވެ.

އެހެންކަމުން، ވިލިމާލޭ ޑަބްލިއުޑީސީގެ ގޮނޑި ވަނީ ޕީޕީއެމް އަށް ލިބިފަ އެވެ.

އެނގުން މުހިންމު - ވިލިމާލެ ޑަބްލިއުޑީސީގެ ގޮނޑިއެއް ހުސްވީ، އެ ގޮނޑިއަށް އިންތިހާބުވި އައިމިނަތު އީމާން ފެބުރުއަރީ މަހު ފަހުކޮޅު ހިނގި އެކްސިޑެންޓެއްގައި މަރުވުމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް