ފީޑިން އަވަ ފިއުޗާ ޖަމިއްޔާގެ ފައުންޑަރު އެއިމީ ބޮކް. އޭނާ ވަނީ ހީލަތުގެ ތުހުމަތުތައް ދޮގުކޮށްފައި (ފޮޓޯ/ގެޓީ އިމޭޖެސް)

އެމެރިކާ

ކުޑަކުދިންނަށް ކާންދޭ ސްކީމަކުން ހެދި ހީލަތުން ގަތީ ބިމާއި ކާރު

47 މީހުން ވެގެން މަކަރާއި ހީލަތުން ސަރުކާރުން 250 މިލިއަން ޑޮލަރު ހޯދާފައިވޭ
21 ސެޕްޓެމްބަރު 2022

އެމެރިކާގެ ސަރުކާރުން ފޯރުކޮށްދެމުން އައި ކޮވިޑުގެ އެހީ މަކަރާއި ހީލަތުން ހޯދި 47 މީހެއްގެ މައްޗަށް އެ ގައުމުގެ ޕްރޮސެކިއުޓަރުން ދައުވާ އުފުލައިފި އެވެ.

ދައުވާކުރި މީހުން ވަނީ ފަގީރު ކުދިންނަށް ކާބޯތަކެތި ފޯރުކޮށްދޭ އެހީގެ ޕްރޮގްރާމެއްގެ ދަށުން މަކަރާއި ހީލަތުން 250 މިލިއަން ޑޮލަރު ހޯދާފައި ކަމަށް ޕްރޮސެކިއުޓަރުން ތުހުމަތު ކުރެ އެވެ. އަދި މި ފައިސާ ބޭނުންކޮށްގެން ބިމާއި އެޕާޓްމަންޓާއި ކާރާއި ލަގްޒަރީ އެހެނިހެން ސާމާނު މި މީހުން ގަނެފައިވާ ކަމަށް ވެސް މި ދައުވާގައިވެ އެވެ.

މި ބޮޑު ހީލަތުގެ ފަހަތުގައި ވަނީ މިނެސޯޓާގައި ހަރަކާތްތެރިވާ 'ފީޑިން އަވަ ފިއުޗާ' ޖަމިއްޔާ ކަމަށް ތުހުމަތުކުރެވެ އެވެ. ނަމަވެސް އެ ޖަމިއްޔާގެ ފައުންޑަރު އެއިމީ ބޮކް މިކަން ދޮގުކުރައްވަ އެވެ.

ބޮކްގެ ވަކީލު ނޫސްވެރިންނަށް ވިދާޅުވިގޮތުގައި "ފުރަތަމަ ދުވަހުން ފެށިގެން ވެސް އަހަރެމެން މި އަންނަނީ މިކަމުގައި ބައިވެރިނުވާ ކަމަށް ބުނަމުން" ނެވެ. އަދި މިއީ "އާދައިގެ ތުހުމަތެއް" ކަމަށާއި ދައުވާ އުފުލުމުން ރަމްޒުކޮށް ދެނީ ހަމައެކަނި "ޖިނާއީ ޝަރީއަތެއްގެ ފެށުން" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއީ ސަރުކާރުގެ މި ޕްރޮގްރާމުގެ ދަށުން ހިންގައި މިހާތަނަށް ފަޅާއެރި އެންމެ ބޮޑު ހިޔާނާތް ކަމަށް އެފްބީއައިގެ ޑިރެކްޓަރު ކްރިސްޓޮފާ ވްރޭ ވަނީ ވިދާޅުވެފަ އެވެ.

ކޮވިޑު އެހީތެރިކަމުގެ ފަންޑު ބޭނުންކޮށް މަކަރާއި ހީލަތުން ސަރުކާރުން 250 މިލިއަން ޑޮލަރު ހޯދާފައިވާ މައްސަލައާ ގުޅޭ (ވީޑިއޯ/ އެމްއެސްއެންބީސީ)

ޑިޕާޓްމަންޓު އޮފް ޖަސްޓިސް (ޑީއޯޖޭ) އިން ނެރެފައިވާ ބަޔާނެއްގައި ބުނިގޮތުގައި މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުން އެކަން ކުރީ އަމިއްލަ ރެސްޓޯރެންޓްތަކުން ކާބޯތަކެތި ފޯރުކޮށްދިނުމަށް ފަހު، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ބިލުކޮށްގެން ސަރުކާރުން އެ ފައިސާ ހޯދާ ގޮތަށް އޮންނަ ސްކީމެއްގެ ދަށުންނެވެ. ފީޑިން ދަ ފިއުޗާ ޖަމިއްޔާގެ މުވައްޒަފުންނަށް ރިޝްވަތުދީގެން، މި ގޮތަށް ކާން ދޭ ހިޔާލީ އެތައް ތަނެއް އުފައްދައި، ދުވާލަކު އެތަކެއް ހާސް ކުޑަކުދިންނަށް ކާންދިން ކަމަށް ބުނެ ފައިސާ ހޯދާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އަދި މިގޮތަށް ފައިސާ ހޯދާފައި ވަނީ ވަކި ވެބްސައިޓަކުން ކުޑަކުދިންގެ ނަންތައް ހޯދައި ލިޔެކިޔުންތަކުގައި ޖަހައިގެން ކަމަށާއި ހޯދި ފައިސާ މި މީހުން ހަރަދުކޮށްފައި ވަނީ ލަގްޒަރީ ކާރާއި، އެމެރިކާ، ކެންޔާ އަދި ތުރުކީން އެޕާޓްމަންޓާއި ބިން ގަތުމަށާއި، ބޭރު ގައުމުތަކަށް ދަތުރުކުރުމަށް ކަމަށް ޑީއޯޖީން ބުނެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް