ޕެން އެންޑް އިންކް އާޓިސްޓު ލައި

ފަންނުވެރިން

ލަޔާލް: ބޯލް ޕޮއިންޓް ކުރެހުންތަކުން އެންމެން ހައިރާންކޮށްލި

އޭނާ ބޯލް ޕޮއިންޓް ގަލަމުން ކުރަހާފައިވާ ތަފްސީލު ކުރެހުންތައް އަންނަނީ ދިވެހިންގެ ތެރޭގައި މަގުބޫލުވަމުން
1 އޯގަސްޓު 2022
5

މަރިޔަމް ލަޔާލް (ލައި) ބޯލް ޕޮއިންޓު ގަލަމުގެ ކުރެހުމެއް ފުރަތަމަ އާއްމުކޮށް ދައްކާލީ އުމުރުން 17 އަހަރުގަ އެވެ. ލައިގެ ގަލަމުން ތައްޔާރުކޮށްފައިވާ ކުރެހުންތަކުގައި ހިމެނެނީ ރާއްޖޭގެ ސަގާފަތައި ތާރީހީ އެކި ތަކެއްޗެވެ. ކުރީގައި ދިވެހިން އާއްމުކޮށް ބޭނުންކުރި ފާނޫޒާއި 1951 ވަނަ އަހަރު ނެރުނު 100 ރުފިޔާގެ ނޫޓު އޭނާ ކުރަހައިފައިވެ އެވެ. މި ކުރެހުންތަކަކީ ނިސްބަތުން ބޮޑު އަދި ތަފްސީލު އުފެއްދުންތަކެކެވެ.

ލައިގެ މަސައްކަތް މިހާރު އަންނަނީ ދިވެހިންގެ ތެރޭގައި މަގުބޫލު ވަމުންނެވެ. މިއިން ވަރަށް ބޮޑު އެއްޗެއް ދޭހަވެ އެވެ. ދިވެހިންގެ ތެރޭގައި، ހާއްސަކޮށް ޒުވާނުންގެ ތެރޭގައި ދިވެހި ތާރީހާއި ސަގާފަތަށް ލޯބި ދިރިގެން އަންނަ ކަމެވެ. އަދި މިކަހަލަ އެއްޗެހި އާޓިސްޓުން ލައްވާ ކުރަހައި 'ޑޮކިއުމެންޓު' ކުރުމަށް އިތުރު ސަމާލުކަމެއް ދިނުން މުހިއްމު ކަމެވެ. ލައިގެ މަސައްކަތް ފެށުނު ގޮތުގެ ވާހަކަ އާއި އޭނާ މި ވަގުތު ތައްޔާރުކުރަމުން އަންނަ ކުރެހުންތަކުގެ ވާހަކަ 'ދައުރު' އަށް ކިޔައިދިނެވެ.

އާޓްގެ ދުނިޔެއަށް ވަދެވުނީ ކިހިނެއް؟

ބޮޑުވީ އާޓިސްޓިކް ފެމިލީ އަކަށް ވީމަ އަބަދުވެސް ފަންނުވެރި ކަންކަމަށް ޝައުގު ހުރި. އަދި އަޅުގަނޑުގެ ބޭބެއަކީ ވަރަށް ބޮޑު އިންސްޕިރޭޝަންއެއް. ކިއެވުން ނިންމާލުމަށް ފަހު ދެން ބޭނުންވީ މި ރޮނގުން ކުރިއަށްދާން.

ލައި މިހާތަނަށް ގިނައިން ދައްކާލާފައި ވަނީ 'ޕެން އެންޑް އިންކް' ކުރެހުން. އެކަމަކު މީގެ ކުރިން އެކްރިލިކް ކުރެހުން ވެސް ލައި ދައްކާލާފައި އެބަހުރި. ލައިއަށް އެންމެ ކަމުދާ ކުރެހުމަކީ ކޮބާ؟

އެންމެ ފުރިހަމަކޮށް ކުރެހިފައިވާ އެކްރިލިކް ކުރެހުމަކީ 'ރިފްލެކްޓް.' އެއީ ވާރޭވެހޭ މަންޒަރެއް ދައްކައިދޭ ކުރެހުމެއް. އެއަށް ވަރަށް ގިނަ މީހުންގެ ތައުރީފު ވެސް ލިބުނު. މި ވަގުތު ފޯކަސް ކުރަނީ ޕެން އެންޑް އިންކް މަސައްކަތްތަކަށް. އެ ބާވަތުގެ ކުރެހުންތަކުގެ ތެރެއިން އެންމެ ކަމުދަނީ 'ކްރިސެންތިމަމް.'

'ޕެން އެންޑް އިންކް' ކުރެހުމަށް ޝައުގު އުފެދުނީ ކިހިނެއް؟

އަޅުގަނޑުގެ ދައްތަ ގަލަމުން ވަރަށް ކުރަހާ ހިތްވާނެ. ދެން 2018 ވަނަ އަހަރުގެ 'އިންކްޓޯބާ ޗެލެންޖު'ގައި ދައްތައާ އެކު ބައިވެރިވިން. އެއަށް ފަހު އެކި ގަލަން ބޭނުންކޮށްގެން ކުރަހަން ޕްރެކްޓިސް ކުރަން ފެށީ. ދެން އެނގުނީ ޕެއިންޓު ކުރުމަށް ވުރެ ގަލަމުން ކުރަހަން މާ ގަޔާވެވޭކަން. މިހާރު 'ޕެން އެންޑް އިންކް' އަކީ އަޅުގަނޑު ބޭނުން ކުރާ މައިގަނޑު މީޑިއަމް.

މިހާތަނަށް ކޮށްފައި ހުރި މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑު އަދި ބުރަ މަސައްކަތަކީ ކޮބާ؟

ސައިޒުގެ ގޮތުން ބަލާ ނަމަ އެންމެ ބޮޑު މަސައްކަތަކީ 'ތާނަ ޓައިޕްރައިޓާ.' އެއީ 70×100 ސެންޓިމީޓަރުގެ ބޮޑު ކުރެހުމެއް. އެ ވަގުތު އަޅުގަނޑަށް ލިބުނު އެންމެ ބޮޑު ކަރުދާހުގައި ކުރެހީ.

އެންމެ ބުރަ މަސައްކަތަކީ އެންމެ ފަހުން އަޅުގަނޑު ކުރެހި ކުރެހުން. އެއީ ރާއްޖޭގެ ފުރަތަމަ ފައިސާ ސީރީޒްގެ 50 ރުފިޔާގެ ނޫޓު. މި ކުރެހުން ތައްޔާރުކުރީ ކުލަ ގަލަމުން. ކުލަ ގަލަމުން ކުރަހަން އަދި މި ފެއްޓީ. މި ކުރެހުމުގެ ގާތްގަނޑަކަށް ކޮންމެ ރޮނގެއްގައި ދެ ކުލައެއް އެކުލެވިގެންވާނެ.

އެންމެ ގިނަ ވަގުތު ހޭދަވި ކުރެހުމަކީ ފާނޫޒު. އެއީ 2021 ވަނަ އަހަރު މޯލްޑިވްސް އާޓިސްޓްސް ކޮމިއުނިޓީ (މެކް)ގެ މައުރަޒު 'އަންވެއިލިން ވިޝަންސް'ގައި ދައްކާލި އުފެއްދުމެއް. ގިނަ މަސްތަކެއް ހޭދަވި އެ ކުރެހުން ނިންމަން 168 ގަޑިއިރު ނެގި. މި މަސައްކަތުގެ ސަބަބުން ސައިޒުން ބޮޑު ކުރެހުން ނިންމަން ޝައުގު އިތުރުވި.

ކުރެހުންތަކަށް ހިޔާލު ހޯދަނީ ކިހިނެއް؟

އާ ތަންތަން ބަލާ ހޯދާ ހިތްވޭ. އަދި އެކި އެއްޗެހި ފަރުވާތެރިކަމާ އެކު ބަލާ ހިތްވޭ. ދެން އިންސްޕަޔާވާ އެއްޗެއް ފެނުނީމަ އެ އެއްޗެއް ކުރަހަނީ. ތިމާވެއްޓާއި ދެން ވަށައިގެން ހިނގަމުންދާ ކަންކަމަށް އަޅުގަނޑު ވަރަށް ގަޔާވޭ - އެއީ އަޅުގަނޑުގެ މައިގަނޑު އިންސްޕިރޭޝަން.

ލައިގެ މަސައްކަތް މީގެ ކުރިން މައުރަޒަކުން ފެނިފައިވާނެތަ؟

މިހާތަނަށް މައުރަޒަކުން ފެންނާނީ 'އަންވެއިލިން ވިޝަންސް'ގައި ދައްކާލި ކުރެހުން. އެ މަސައްކަތް ފެންނާނެ އަޅުގަނޑުގެ އިންސްޓަގްރާމް ޕޭޖުން ވެސް. އެ ކުރެހުން ނިންމަން މަސައްކަތް ކުރި ގޮތުގެ ވިޑިއޯއެއް އަޅުގަނޑުގެ ޓިކްޓޮކް ޕޭޖުގައި އަދި އަޅުގަނޑުގެ ޔޫޓިއުބް ޗެނަލްގައި ހިމެނޭނެ.

އެންމެ ކަމުދާ އާޓިސްޓަކީ ކާކު؟

ސީޖޭ ހެންރީ އަކީ އަޅުގަނޑަށް ވަރަށް ކަމުދާ އާޓިސްޓެއް. އޭނާ އަކީ އޮސްޓްރޭލިއާއަށް ނިސްބަތްވާ ވަރަށް ކާމިޔާބު އާޓިސްޓެއް. އޭނާގެ ކުރެހުންތަކުގައި ގެންގުޅެނީ ވަރަށް ތަފާތު ޓެކްނީކެއް އަދި އެއީ އަޅުގަނޑުގެ މަސައްކަތް ވެސް ގެންދަން ބޭނުންވާ ގޮތް. އަޅުގަނޑަށް ކަމުދަނީ އޭނާގެ ކުރެހުންތައް އެކަންޏެއް ނޫން، އޭނާ ކާމިޔާބު އާޓިސްޓަކަށް ވާން ކުރި މަސައްކަތާއި އެ ދަތުރު ފެނުމުން އަޅުގަނޑަށް ވަރަށް ހިތްވަރު ލިބޭ.

ރާއްޖޭގައި އާޓިސްޓެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ ކޮން ކަހަލަ ތަޖުރިބާއެއް؟

މި ރޮނގުން ހަރުދަނާ އާމްދަނީއެއް ހޯދުމަކީ ފަސޭހަކަމެއް ނޫން. އެއީ ރާއްޖޭގައި އަދިވެސް އާޓިސްޓުންނަކީ މައިނޯރިޓީ ބައެއްގެ ގޮތުގައި ބަލައިގަންނާތީ. އެކަމަކު މިހާރު މިކަން ބަދަލުވަމުން އަންނަކަން ފާހަގަވޭ. އާޓިސްޓުންގެ މަސައްކަތް އިތުރަށް ބަލައިގަންނަން ފަށައިފި. އެންމެ ބޮޑު ގޮންޖެހުމަކީ މި ގައުމުން ބޭރަށް މަސައްކަތް ފުޅާކުރަން ބޭނުންވާ މީހަކަށް ހުރި ފުރުސަތުތައް މަދުވުން. އަދި ވިޔަފާރީގެ ވިސްނުމަކުން ބަލާ ނަމަ، އާމްދަނީއެއް ވަގުތުން ހޯދުމަކީ ފަސޭހަ ކަމެއް ނޫން. މީގެ އިތުރުން މި ކަމަށް ކުރަން ޖެހޭ ހަރަދު އެހާ ބޮޑު.

ކުރިމަގުގައި ފެންނާނީ ލައިގެ ކޮން ކަހަލަ މަސައްކަތްތަކެއް؟

މިހާރު މި ތައްޔާރުކުރަނީ ކުރެހުމުގެ ސީރީޒްއެއް. މިހާތަނަށް އަޅުގަނޑު ކުރާ އެންމެ ބޮޑު މަސައްކަތަށް ވާނެ. މި ސީރީޒް ނިންމަން ވަރަށް ބޮޑަށް ރިސާޗު ކުރަން ޖެހޭ. މިއީ އަޅުގަނޑު އެންމެ ރަނގަޅަށް ރަމްޒު ކޮށްދޭނެ މަސައްކަތަށް ވެގެންދާނެ.

ލައިގެ އަމިއްލަ ނަފްސަށް ނަސޭހަތެއް ދޭ ނަމަ ބުނާނީ ކީކޭ؟

އެހެން މީހުންގެ މަސައްކަތާ އަޅާކިޔުމުގެ ބަދަލުގައި އަމިއްލަ މީހާ ޗެލެންޖުކޮށް އަމިއްލަ މަސައްކަތް ރަނގަޅު ކުރަން މަސައްކަތް ކުރުން. ކުރިން ނިންމި މަސައްކަތަށް ވުރެ ދެން ފައްޓާ ކުރެހުމެއް ރަނގަޅު ކުރަން މަސައްކަތް ކުރުން. އެކްސްޕެރިމެންޓު ކުރަން ކެރެން ވާނެ. އަދި ފުރުސަތެއް އަންނަންދެން މަޑު ކުރުމުގެ ބަދަލުގައި ފުރުސަތުތައް އަމިއްލައަށް ހޯދަން މަސައްކަތް ކުރުން.

ކޮމެންޓް (5)

މައިމޫން

3 އޯގަސްޓު 2022
އޯ ސަޅި، ދައުރު މީޑިޔާެއިން ޑައިރެކްޓްރީއެއް ޕަބްލިޝްކުރަންފެނޭ، މި ފަންނާނުން ހިމެނީމާ އެއީ ބޮޑު އެހީތެރި ކަމަކަށް ވާނެ
2 0

ފިރުޝާނު

2 އޯގަސްޓު 2022
ލައީގެ ފެމެލީއަކީ އާރޓިސްޓިކް ފެމިލީއެއް، ވ ހުނަރުވެރި ވާނެ، މިހުނަރުތަށް އެހެން ކުދިންނަށް ދަސްކޮއްދިނުން މުހިންމުކަމެއއ
2 0

އިބުރޭ

2 އޯގަސްޓު 2022
މިގޮތައް ކުރަހާ ދިވެހި ފުރަތަމަ އާޓިސްޓް މީ އަހަރެންނަށް ފެނުނު. ވަރަށް ފެންވަރު ރަނގަޅު، އުފެއްދުންތެރި
2 0

މަލްޝާ

1 އޯގަސްޓު 2022
ވަރަށް ކުޅަދާނަ ހިއްވަރުގަދަ އާޓިސްޓެއް، ބޯލްޕޮއިންޓް ގަލަމުން މުޅި ކުރެހުން ނިންމާލުމަކީ ބުރަ މަސައްކަތެއް، ލަޢީ ކުރަހާ މަންޒަރު ލައިވްކޮށް ބަލާލުން އެއީ ވ ބޮޑު އުންމީދެއް. ކާމިޔާބައް އެދެން
4 0

ނައުޝާދު

2 އޯގަސްޓު 2022
@މަލްޝާ އާނ މި ނޫހުން އެގޮތައް އާޓިސްޓުންގެ ހުނަރުތައް ފެނިގެން ދިއުމަކީ އަހަރުމެން އިންސްޕަޔަރ ވާކަމެއް...
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް