ޕެރިސް ހިލްޓަން އިތާފުށީގައި: އޭނާއަށް ރާއްޖެ ވަރުގެ ރީތި ތަނަކަށް އަދި ނާދެވޭ.

ޓޫރިޒަމް

މުޅި ދުނިޔޭގައި ދަތުރުކުރި އިރު ވެސް ރާއްޖެއަށް ވުރެ ރީތި ތަނެއް ޕެރިސްއަކަށް ނުފެނުނު

މީގެ ކުރިން ވެސް ޕެރިސް ރާއްޖެ އައިސްފައި ވާއިރު، އޭނާއަށް އެންމެ ކަމުދާ އެއް ތަނަކަށް ވެފައިވަނީ ރާއްޖެ
27 ނޮވެމްބަރު 2022
1

އެމެރިކާގެ މަޝްހޫރު ޓީީވީ ސެލެބްރިޓީ ޕެރިސް ހިލްޓަން ބުނާ ގޮތުން މުޅި ދުނިޔޭގައި އޭނާއަށް މިހާރު ދަތުރުކުރެވިއްޖެ އެވެ. ކޮންމެ ފަހަރަކު ވެސް މަޑުކުރަނީ އެންމެ ރީތި ތަންތަނުގަ އެވެ. އެކަމަކު ޕެރިސް ބުނާ ގޮތުން، ރާއްޖެހާ ރީތި ތަނަކަށް އަދި އޭނާއަކަށް ނާދެވެ އެވެ. 

ކައިވެންޏަށް އަހަރުވީ މުނާސަބާ ފާހަގަކުރުމަށް، ފިރިމީހާ ކާޓާ ރިއަމްއާ އެކު، ޕެރިސް މިހާރު އައިސް ހުރީ ވޮލްޑޯފް އެސްޓޯރިއާ އިތާފުށި ރިސޯޓުގަ އެވެ. އެންމެ މަތީ ފެންވަރުގެ އެ ރިސޯޓުގައި ފިރިމީހާއާ އެކު ނަގާފައި ހުރި ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ޕެރިސް ބުނީ އެ ރަށަކީ ދުނިޔެ މަތީގެ ސުވަރުގެއެއް ކަމަށެވެ.

"ވަރަށް ރީތި. ވަރަށް ރޮމޭންޓިކް އަދި އެހާމެ އަރާމު،" އިހުސާސްތައް ބަންޑުންކޮށްލަމުން، މޮޑެލްއެއްގެ ގޮތުގައި ވެސް މަޝްހޫރު ފަންނާނު ލިޔުނެވެ.

"ހީވަނީ ހުވަފެނެއްގައި އުޅެވޭހެން."

ޕެރިސް ހިލްޓަން އާއި އޭނާގެ ފިރިމީހާ އިތާފުށީގައި.

ޕެރިސް ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވެސް ރާއްޖެ އައިސްފަ އެވެ. އެއިން ކޮންމެ ފަހަރަކު ވެސް ހުސްނުވާ ވަރަށް ތައުރީފް އޭނާ ބަންޑުންކޮށްލަ އެވެ. އެންމެ ފަހުން އޭނާ މަޑުކޮށްގެން ހުރީ ބ. އަމިއްލަފުށީގަ އެވެ. އެއީ ވެސް އާދަޔާ ހިލާފަށް ރީތި ރަށެއް ކަމަށް ޕެރިސް ބުންޏެވެ.

މާލެ އަތޮޅުގެ ފަޅެއް ހިއްކައިގެން ހަދާފައިވާ އިތާފުއްޓަކީ މެދުއިރުމަތީގެ ވިޔަފާރިވެރިޔަކު ތަރައްގީކުރި ރިސޯޓެކެވެ. މީގެ ތިން އަހަރު ކުރިން ހުޅުވި މި ރިސޯޓު ހިންގަމުން އަންނަނީ، ޕެރިސްގެ އާއިލާ އިން ގާއިމްކުރި ހިލްޓަން އިންނެވެ. 

ޕެރިސް ހިލްޓަން އާއި އޭނާގެ ފިރިމީހާ އިތާފުށީގައި.

ފެޝަން އައިކަން އަދި ވިޔަފާރިވެރިއެއްގެ ގޮތުގައި ވެސް މަޝްހޫރު ޕެރިސް، 41، ކައިވެނި ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި، ލިޔުންތެރިޔާ އަދި ވިޔަފާރިވެރިއާ ކާޓާއާ އެވެ. އޭނާގެ ކައިވެނީގެ ރަސްމިއްޔާތުގައި، މަޝްހޫރު އެކި ބްރޭންޑުތަކުގެ ހަތަރު ވެޑިން ޑްރެސް ލާފައިވެ އެވެ.

ކޮމެންޓް (1)

ސޯރުބެ

28 ނޮވެމްބަރު 2022
އަމިއްލަ ރިސޯޓަކަށް އައިިސް އެ އިސްތިހާރު ކޮއްލީ. ދިވެހިން ތިބޭ ދެމިޔަކަނުން ސޮނި ވެއްޓިފަ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް