އިންޑިއާގެ އަސްކަރިއްޔާއަށް މީހުން ނެގުމަށް ހިންގާ ސްކީމާ ހިތްހަމަނުޖެހޭ ބަޔަކު މުޒާހަރާކޮށް، ރޭލްވޭ ދަގަނޑުތައް މަތީގައި ރޯކޮށްލާފައި --

އިންޑިއާ

އިންޑިއާގައި ސިފައިންގެއަށް މީހުން ވެއްދުމުގައި ތަޅާފޮޅައި މީހަކު މަރުވެ، ރޭލްތަކެއްގައި ރޯކޮށްލައިފި

ވަޒީފާއަށް ނަގާ މީހުންނަށް ފުރަތަމަ ހިންގާނީ ހަ މަހުގެ ތަމްރީން ޕްރޮގްރާމެއް

މުހިންމު ނުކުތާތައް

4 އަހަރަށް ވަޒީފާއަށް ނަގާތީ ކުރާ މުޒާހަރާ މިހާރު ވަނީ މުޅި އިންޑިއާއަށް ފެތުރިފައި

ވަޒީފާއަށް ނަގާ ކޮންމެ މީހަކަށް 3.5 އަހަރުގެ ތެރޭ 514 ޑޮލަރު ލިބޭނެ

އިންޑިއާގެ ކުދިކުދި އަވަށްތަކުގެ މީހުން ސިފައިންގެ އަށް ވަނުމަށް ކުރާ އުންމީދަކީ ބޮޑު އުންމީދެއް

އިންޑިއާގެ ސިފައިންގެއަށް މީހުން ވެއްދުމަށް ސްކީމް ހިންގާ ގޮތާ ނުރުހި ބޮޑު ތަޅާފޮޅުމަކަށްވެ، އެކަކު މަރުވެ، 13 މީހަކު ޒަހަމުވެއްޖެ އެވެ. އެ މީހާ މަރުވީ ފުލުހުންނާއި މުޒާހަރާ ކުރި މީހުންގެ ކުރިމަތިލުންތަކުގައި ޓެލަންގާނާ ސްޓޭޓްގައި ހުކުރު ދުވަހު އެވެ.

މުޒާހަރާ މައިތިރި ކުރުމަށް ފުލުހުން ވަނީ ބަޑިޖަހައިފަ އެވެ. އެހެން ނަމަވެސް އެ މީހާ މަރުވީ ފުލުހުންގެ ވަޒަން އަރައިގެން ކަމެއް ނުވަތަ ނޫން ކަމެއް ޔަގީނެއް ނުވެ އެވެ.

ހަތަރު އަހަރުގެ މުއްދަތަކަށް ސިފައިންގެ ވަޒީފާއަށް މީހުން ނަގާ މައްސަލާގައި އިންޑިއާގެ ވަރަށް ގިނަ ސްޓޭޓްތަކުގައި ގިނަ ބަޔަކު އަންނަނީ ދެކޮޅުހަދައި މުޒާހަރާ ކުރަމުންނެވެ.

މުޒާހަރާ ކުރާ މީހުން މައްސަލަ ޖައްސަނީ ވަޒީފާއަށް ހަތަރު އަހަރުގެ މުއްދަތަށް މީހުން ނަގާތީ އެވެ. އަދި އެ މީހުން ބުނަނީ އެ ކަމުގެ ސަބަބުން ސިފައިންގެ މީހެއްގެ ގޮތުގައި ދާއިމަށް ވަޒީފާގައި ހުރުމަށް އެ މީހުންގެ ދޮރު ބަންދުވާނެ ކަމަށެވެ. ސިފައިންނަކީ ވަޒީފާގެ ގަރަންޓީއާ އެކު ގިނަ އިނާޔަތްތަކެއް ލިބޭ، އަދި ޕެންޝަން ވެސް ލިބޭ ވަޒީފާއެކެވެ.

އިންޑިއާގެ ކުދިކުދި އަވަށްތަކުގެ ޒުވާނުން ސިފައިންގެ ވަޒީފާއަށް ވަނުމަށް ކުރާ އުންމީދަކީ ވަރަށް ބޮޑު އުންމީދެކެވެ. އަދި އެ އިންތިޒާރުގައި އެތައް ދުވަހެއް ވަންދެން އެ މީހުންގެ ވަގުތުތައް ދުއްވާލަ އެވެ. އެ ވަޒީފާއަކީ އެ މީހުންނަށް ޝަރަފުވެރި އަދި ދާއިމީކޮށް އާމްދަނީ ލިބޭ ވަޒީފާއަކަށް ވުމުގެ އިތުރަށް އާއިލާ ފަގީރުކަމުގެ ހާލަތުން އަރައިގަތުމަށް ވެސް އެ ވަޒީފާއަކީ އެ މީހުންނަށް މުހިންމު ވަޒީފާއަކަށްވެ އެވެ.

އިންޑިއާ ސަރުކާރުގެ އެ ޕްލޭނާ ދެކޮޅު ހެދުމުގެ ގޮތުން ގިނަ ބަޔަކު އަންނަނީ މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުންނެވެ. އެ ގޮތުން މުޒާހަރާ ކުރާ ތަންތަނުގެ ތެރޭގައި ބިހާރު ސްޓޭޓާއި ޓެލެންގާނާ ސްޓޭޓާއި އުއްތަރަ ޕްރަދޭޝް އަދި ހުޅަނގު ބެންގޯލް ހިމެނެ އެވެ.

މުޒާހަރާ ކުރާ މީހުން ވަނީ ބިހާރާއި ޓެލެންގާނާ ސްޓޭޓްގެ ބަސްތަކަކާއި ރޭލްތަކެއްގައި ރޯކޮށްލައިފަ އެވެ. ބައެއް ތަންތަނުގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރާ ކަމަށް އެމީހުން ތުހުމަތު ކުރެ އެވެ.

އަގުނިޕާތު ނަމުގައި ހިންގާ ސްކީމަށް ނަގާ ޒުވާނުންގެ އުމަރަކީ 17.5 އަހަރާއި 21 އަހަރާ ދެމެދުގެ މީހުންނެވެ. އެ މީހުުން ބުނަނީ އިންޓަވިއު ކުރާ މީހުންގެ ތެރެއިން ހޮވޭ ކުދިންނަށް ހަތަރު އަހަރުގެ މުއްދަތަށް ވަޒީފާ ދޭނެ ކަމަށެވެ. އަދި އެ ކުދީންގެ ތެރެއިން ދާއިމީކޮށް ވަޒީފާއަށް ނަގާނީ އެ މީހުންގެ ތެރެއިން ކޮންމެ ހަތަރު މީހެއްގެ ތެރެއިން އެކަކު ކަމަށެވެ.

ވަޒީފާއަށް ނަގާ މީހުންނަށް ފުރަތަމަ ހިންގާނީ ހަ މަހުގެ ތަމްރީން ޕްރޮގްރާމެކެވެ. އެ އަށް ފަހު ތިން އަހަރާއި ހަ މަހަށް ވަޒީފާއަށް ނަގާނެ އެވެ. އެ މުއްދަތުގައި އެ މީހުންނަށް ލިބޭނީ 384 ޑޮލަރުގެ މުސާރައެކެވެ. އަދި އިތުރު އިނާޔަތުގެ ގޮތުގައި 130 ވަރަކަށް ޑޮލަރެވެ.

އިންޑިއާގެ އަސްކަރިއްޔާ ރިފޯމް ކުރަނީ އަސްކަރިއްޔާގައި ހައްދެއް ނެތި ބޮޑުވާ މުސާރަ އާއި ޕެންޝަން ކުޑަ ކުރުމަށެވެ. އަސްކަރިއްޔާގެ ބަޖެޓްގެ ދެ ބައިކުޅައެއް ބަޔަކީ މުސާރަ އާއި ޕެންޝަނެވެ. މުސާރައިން ކުޑަ ކުރާ ބައި ބޭނުން ކުރުމަށް ޕްލޭން ކުރަނީ އަސްކަރިއްޔާ ޒަމާނީ ކުރުމަށެވެ. އަދި ސަރުކާރުން ބުނީ އެ ކަމުގެ ސަބަބުން އަސްކަރިއްޔާ ޒުވާން ކުރުމަށް ވެސް މަގުފަހިވާނެ ކަމަށެވެ.

މުޒާހަރާތައް ފުރަތަމަ ފެއްޓީ މިދިޔަ ހަފުތާގެ ކުރީކޮޅު އުއްތަރަ ޕްރަދޭޝް އާއި ބިހާރުގަ އެވެ. އެހެން ނަމަވެސް މިހާރު އެ މުޒާހަރާތައް އެތައް ސްޓޭޓަކަށް ވަނީ ފެތުރިފަ އެވެ.

ޓެލެންގަނާގެ ސެކެންދުރަބާދް ސިޓީއިން ވަޒީފާއަށް އެދުނު ގިނަ ޒުވާނުންތަކެއް ވަނީ ރޭލްވޭ ސްޓޭޝަނަށް ވަދެގެންފަ އެވެ. އަދި އެއޭގެ ތެރެއިން ބައެއް މީހުން ވަނީ ފިހާރަތަކާއި ރޭލްގެ ބައިތަކުގައި ރޯކޮށްފަ އެވެ. ރޭލްވޭ ސްޓޭޝަނަށް ވަދެގަތް މީހުންގެ އަދަދު 200 އަށް ވުރެ އިތުރުވާނެ ކަމަށް ބީބީސީން ބުންޏެވެ.

ހަޅުތާލު ކުރާ މީހުން ޖަމާވީ ރޭލްވޭ ދަނގަޑުތައް ހުރި ތަނަށެވެ. އަދި ވަނީ އެތައް ގަޑިއިރެއް ވަންދެން ރޭލްގެ ދަތުރުތައް ހުއްޓުވައިފަ އެވެ.

އެ މީހުން ވަނީ ރޭލް ދަގަނޑުމައްޗަށް ޕެކެޖްތަކާއި އަދި މުދާ އުކައިފަ އެވެ. އަދި އެ އަށް ފަހު އަލިފާން ރޯކުރި އެވެ.

ހުކުރު ދުވަހު ސަރުކާރުން ވަނީ އެ ސްކީމަކީ ކޮބައި ކަމާ އަދި ކުރު މުއްދަތުގެ އެ ސްކީމު ނިމުމުން ލިބޭނެ ފައިދާތައް ބަޔާންކޮށް ސޯޝަލް މީޑިއާގައި ޕޯސްޓެއް ވެސް ނެރެފަ އެވެ. އަދި ބުނީ ސިފައިންގެ ހަތަރު އަހަރުގެ ވަޒީފާ އަދާ ކުރާ މީހުންނަށް ފުލުހުންގެ ތެރޭގައި މަސައްކަތް ކުރުމުގެ ފުރުސަތަކީ ވެސް އޮތް ފުރުސަތެއް ކަމަށެވެ.

އެ ޕްރޮގްރާމަށް ފާޑުކިޔާ ފަރާތްތަކުން ބުނަނީ އެ ސްކީމްގެ ސަބަބުން އަސްކަރިއްޔާ ބަލިކަށިވާނެ ކަމަށެވެ. އަދި ގައުމުގައި ވަޒީފާ ނެތް މީހުންގެ އަދަދު މައްޗަށްދާނެ ކަމަށެވެ. އެހެން ނަމަވެސް އެ ސްކީމަކީ ރަނގަޅު ސްކީމެއް ކަމަށް ވަކާލާތު ކުރާ ފަރާތްތަކުން ބުނަނީ އެ ސްކީމްގެ ސަބަބުން އަސްކަރިއްޔާގެ ގާބިލުކަން އިތުރުވެގެން އަންނާނެ ކަމަށެވެ.

ރިޓާޔަޑް ޖެނަރަލަކު ވިދާޅުވީ އެ ސްކީމަކީ ރަނގަޅު ސްކީމެއް ކަމަށާއި އުމުރުން މަތީގެ މީހުންނަށް ވުރެ ޒުވާނުން ތަމްރީންކޮށް އާ ޓެކްނޮލެޖީއަށް އަހުލުވެރިކުރުވައި ތަމްރީން ކުރުމަށް ފަށޭހަވާނެ ކަމަށެވެ. އަދި ސްކީމްގެ ސަބަބުން ވަޒީފާއަށް ނަގާ ކޮންމެ ހަތަރު މީހެއްގެ ތެރެއިން އެންމެ ރަނގަޅު އެކަކު ނެގުމަށް މަގުފަހިވާނެ ކަމަށެވެ.

ކޮމެންޓް (1)

ވަކީލު

19 ޖޫން 2022
މި މީހުންގެ ގެދޮރު ވެސް ތަޅާލީބާ؟ ނޫނީ އެއީ ހަމައެކަނި ވަކި ބަޔަކު މުޒާހަރާ ކުރުމުން ކުރާން އޮންނަ ކަމެއްބާ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް