Majlis 2024

ކައުންސިލްގެ އިދާރާ ބަންދުކުރުމަށް ފަހު ދިގުރަށު ޒުވާނުންތަކެއް އެ އިދާރާގެ ދޮރުމަތީގައި މަޑުކޮށްލައިގެން. (ދައުރު ފޮޓޯ)

އދ. ދިގުރަށް

ގޯތި ދޫނުކޮށް ލަސްވާތީ ދިގުރަށު ކައުންސިލްގެ އިދާރާ ބަންދުކޮށްފި

ގޯތި ދޫކުރުން ލަސްވަނީ މީހަކު ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ މަޝްރޫއު ކުރިއަށް ނުގެންދިޔުމަށް ކޯޓުން އަންގާފައިވާތީ

އދ. ދިގުރަށުން ގޯތި ދޫނުކޮށް ލަސްވާތީ، އެ ރަށުގެ ޒުވާނުންތަކެއް ނުކުމެ ކައުންސިލްގެ އިދާރާގައި ތަޅުއަޅުވައި އެ ތަން ބަންދުކޮށްފި އެވެ.

އެނގުން މުހިއްމު - މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ދިގުރަށުން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލި ނަމަވެސް، އާއްމު މީހަކު ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، އެކަން ވަގުތީ ގޮތުން ހުއްޓާލުމަށް އެ ރަށު ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ކޯޓަށް މައްސަލަ ހުށަހެޅީ، އެނގިފައިވާ ގޮތުގައި، ގޯތި ދޫކުރުމުގައި ޕޮއިންޓް ދޭ އުސޫލަކާ ގުޅިގެން، ގޯއްޗަށް ޝަރުތު ހަމަނުވާ މީހެކެވެ. ދިގުރަށު މެޖިސްޓްރޭޓް ކޯޓަށް އޭނާ މައްސަލަ ހުށަހެޅީ އެ އުސޫލު ބަދަލުކޮށްދިނުމަށް އެދި އެވެ.

ޒުވާނުންތަކެއް ނުކުމެ ދިގުރަށު ކައުންސިލްގެ އިދާރާ ބަންދުކޮށްފައި. (ދައުރު ފޮޓޯ)

އެނގިފައިވާ ގޮތުގައި، އެ މައްސަލައިގެ ޝަރީއަތް ނިމި، މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ. އެކަމަކު ރައްޔިތުން ހިތްހަމަ ނުޖެހުނީ، ހުކުމް ނުކޮށް ގިނަ ދުވަސްވާތީ، ގޯތި ދިނުމުގެ މަޝްރޫއު ނުފެށި އޮތުމުންނެވެ.

ވީ ކިހިނެއް؟ - ގޯތި ދޫނުކޮށް ގިނަ ދުވަސްވާތީ، ރަށުގެ 30 ހަކަށް ޒުވާނުން ގޮސް، ކައުންސިލް އިދާރާ މިއަދު މެންދުރު ބަންދު ކުރީ، ކައުންސިލަރުންނާއި މުވައްޒަފުން މަސައްކަތުގައި ތިއްބަ އެވެ. އަދި ދަނޑިބުރިއެއް ބޭނުންކޮށްގެން އެ އޮފީހުގައި ތަޅުއެޅުވުމަށް ފަހު، ބައެއް ޒުވާނުން މަޑުކޮށްގެން ތިބީ ދޮރުމަތީގައި ބަހައްޓާފައި ހުރި ޖޯލިފައްޗެއްގަ އެވެ.

"މީހަކު ހުށަހަޅާފައި އޮތް މައްސަލައެއް ދިގު ލައިގެން ގޮސް، ގޯތި ދިނުން ލަސްވާތީ އޭގެ ގެއްލުން މި ލިބެނީ ރަށުގެ އާއްމުންނަށް. އެހެންވެ، އެ މައްސަލަ ކަމާ ގުޅޭ އިދާރާތަކުގެ ސަމާލުކަމަށް ގެނައުމަށް އޮފީސް ބަންދުކުރީ،" ކައުންސިލްގެ އިދާރާ ބަންދުކޮށް، އެތަނުގައި އިހުތިޖާޖު ކުރާ ޒުވާނަކު ބުންޏެވެ.

ޒުވާނުންތަކެއް ނުކުމެ ދިގުރަށު ކައުންސިލްގެ އިދާރާ ބަންދުކުރަނީ. (ދައުރު ފޮޓޯ)

ގޯތި ދޫކުރުން މަޑުޖައްސާލުމަށް ކޯޓުން އަމުރުކޮށްފައި ވާއިރު، އެކަމާ ގުޅިގެން ވިޔަފާރީގެ ބޭނުމަށް ވެސް ގޯތި ދޫކުރުން އޮތީ މެދުކަނޑާލާފަ އެވެ. އަދި އޭގެ ގެއްލުން ގިނަ ބަޔަކަށް ކުރަމުންދާ ކަމަށް ޒުވާނުން ބުންޏެވެ.

ޓޫރިޒަމްގައި ވަރަށް ބޮޑަށް ކުރިއަރާފައިވާ ދިގުރަށުން ހުޅުވާލި 77 ގޯއްޗަށް، 300 އެއްހާ މީހުން ކުރިމަތިލި އެވެ.

ކޮމެންޓް (1)

ކާތިމު އަބްދުﷲ

28 ޖޫން 2022
ގދ.ތިނަދޫ ކައުންސިލްގެ ރައީސް ބުނަނީ ކިތެންމެ ވަރަކަށް ހަޅޭލެވިޔަސް ގދ.ތިނަދޫއިން ގޯތި ދޫނުކުރާނަމޯ. އެއީ ރައީސް އޮފީހުންނާ ޕްލޭނިންގް މިނިސްޓްރީން އޭނައަށަ އެގޮތަށް އަންގާފަ އޮތީމަޔޯ. ފަހަރުގައި ވެދާނެ ތިރަށުކައުންސިލްގެ ރައީސްއަށް ވެސް އެގޮތަށް އަންގާފަ އޮތީކަމަށް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް