މާޒިޔާގެ ކުޅުންތެރިންނާއި އޮފިޝަލުން ފުރުމުގެ ކުރިން އެއާޕޯޓުގައި ގްރޫޕް ފޮޓޯއަކަށް ހުއްޓިގެން.،

މާޒިޔާ ސްޕޯޓްސް

އޭއެފްސީ ކަޕުގައި ވާދަކުރަން މާޒިޔާ ކަލްކަތާ އަށް

މާޒިޔާ އޮތީ މިވަގުތު ރާއްޖޭގެ ލީގުގެ އެއް ވަނައިގައި

އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި ވާދަކުރުމަށް ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އިން އިންޑިއާގެ ކަލްކަތާ އަށް މިއަދު ފުރައިފި އެވެ.

މުބާރާތުގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕް ކަމަށްވާ ގްރޫޕް ޑީ ގައި ހިމެނެނީ މާޒިޔާގެ އިތުރުން އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން ގޯކުލަމް ކެރެލާ އާއި އިންޑިއަން ސުޕަ ލީގުގައި ވާދަކުރާ އޭޓީކޭ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އެވެ.

މާޒިޔާ އިން މުބާރާތަށް ފުރީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮވެ ރަނގަޅު ފޯމެއްގައި އޮވެ އެވެ. އެ ޓީމު އެންމެ ފަހުން ކުޅުނު މެޗުގައި މި ހަފުތާގައި ގްރީންސްޓްރީޓްސް އަތުން 4-0 އިން މޮޅުވި އެވެ.

މިމަހުގެ 18-24 އަށް މުބާރާތުގެ މެޗުތައް ކުރިއަށްދާނީ އިންޑިއާގެ ފުޓްބޯޅައިގެ ހިތް ކަމަށްވާ ކަލްކަތާގައި ހުންނަ ސޯލްޓް ލޭކް ސްޓޭޑިއަމުގަ އެވެ. މި ގްރޫޕުގައި ހިމެނޭ އޭޓީކޭ މޯހަން ބަގާންގެ ހޯމް ސްޓޭޑިއަމް ކަމަށްވާ ސޯލްޓް ލޭކަކީ އޭޝިއާގެ ހަތަރު ވަނަ އަށް އެންމެ ބޮޑު ސްޓޭޑިއަމެވެ. ޖާގައަކީ 85،000 އެވެ.

އިންޓަ ޒޯން ޕްލޭ އޮފް ސެމީ ފައިނަލަށް ހޮވޭނީ ކޮންމެ ޓީމަކާ ކޮންމެ ޓީމެއް އެއް ފަހަރު ކުޅެ ގްރޫޕުން އެއް ވަނަ ހޯދާ ޓީމެކެވެ.

މާޒިޔާގެ މެޗު ޝެޑިއުލް

  • ބަޝުންދުރާ ކިންގްސް - މާޒިޔާ: 18 މޭ

  • މާޒިޔާ - ގޯކުލަމް ކެރެލާ: 21 މޭ

  • މާޒިޔާ - އޭޓީކޭ މޯހަން ބަގާން: 24 މޭ

މުބާރާތުގެ ޕްރިލިމިނަރީ ބުރުގައި ރާއްޖޭގެ ވެލެންސިއާ ވެސް ވާދަކުރި އެވެ. އެގޮތުން ޕްރިލިމިނަރީ އެއް ވަނަ ބުރުގައި ބޫޓާނުގެ ޕަރޯ އަތުން 2-1 އިން މޮޅުވެ ޕްރިލިމިނަރީ ދެ ވަނަ ބުރަށް ހޮވުނެވެ. އެކަމަކު އެ ބުރުގައި ބަންގްލަދޭޝްގެ އަބަހާނީ ލިމިޓެޑް ޑާކާއާ ދެކޮޅަށް ކުޅެން އެ ގައުމަށް ދާނެ ފައިސާ ނެތުމުން މުބާރާތުން ވަކިވީ އެވެ. އެއާ އެކު ޕްލޭއޮފަށް އަބަހާނީ އޮޓޮމެޓިކުން ހޮވުނެވެ. އެކަމަކު އެ ބުރުގައި އެ ޓީމުގެ މައްޗަށް ކުރި ހޯދައި ގްރޫޕް ސްޓޭޖުން ޖާގަ ހޯދީ އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އެވެ.

އޭއެފްސީން 2004 ވަނަ އަހަރު ފެށި އޭޝިއާގެ ދެ ވަނަ ފަންތީގެ ކްލަބް މުބާރާތުން ރާއްޖެ އަށް ކޮންމެ އަހަރަކު ފުރުސަތު ދިން ނަމަވެސް ރާއްޖޭގެ ކްލަބަކަށް ގްރޫޕް ސްޓޭޖް ފަހަނައަޅައި ދެވުނީ އެންމެ ދެ ފަހަރު އެވެ. އެއީ 2005 ވަނަ އަހަރާއި 2013 ވަނަ އަހަރު ނިއު ރޭޑިއަންޓުންނެވެ. އޭގެ ތެރެއިން 2005 ގައި ނިއު ސެމީ ފައިނަލުގައި ކުޅުނެވެ. އަދި 2013 ގައި ކުއާޓާ ފައިނަލުގައި ވާދަކުރި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް