Majlis 2024

ލޭގެ ޕްރެޝަރު މަތި ނަމަ އެންމެ ބޮޑަށް ސަމާލުވާންވީ ތާޒާ ތަރުކާރީ އަދި މޭވާ ކެއުމަށް

ފުޑް

ކޮންމެ 4 މީހަކުން އެކެއްގެ ލޭމަތި؛ ކެއުން ބަދަލުކޮށްލަންޖެހޭ

ކެއުމަށް ގެންނަ ބައެއް ބަދަލުތަކުން ލޭގެ ޕްރެޝަރު މައްޗަށް ދިއުމުން ދުރުކޮށްދޭ
10 ނޮވެމްބަރު 2022

މުހިންމު ނުކުތާތައް

ކެއުމުގައި ބަލަންވީ ލޮނު މަދުކޮށްލެވޭތޯ

ތައްޔާރީ ކާނާ، ލުއި ކާނާ އަދި ސޯސްތަކުގައި ގިނައިން ލޮނު ހުރޭ

ކެފެއިން މަދުކުރުމަކީ ވެސް ލޭގެ ޕްރެޝަރު ދަށްކުރުމަށް އެހީތެރިވެދޭ ކަމެއް

ރާއްޖޭގައި މީހުން ގައިން ގަޔަށް ނާރާ ބަލިތަކަށް ހުށަހެޅިފައިވާ މިންވަރު ބެލުމުގެ މުހިއްމު ދިރާސާއެއްގެ ނަތީޖާ މި ހަފްތާގައި އާއްމުކުރި އިރު، ދިވެހިންގެ ކޮންމެ ހަތަރު މީހަކުން އެކަކީ ލޭގެ ޕްރެޝަރު މަތި މީހުންނެވެ.

ލޭ މަައްޗަށްދަނީއޭ ބުނަނީ ކީއްވެ؟

އާއްމު ސިއްހަތުގެ ތަޖުރިބާކާރު ޑރ. އަބްދުލް އަޒީޒު ހަމީދު އޭނާގެ ބްލޮގްގައި، ލޭގެ ޕްރެޝަރު މައްޗަށް ދިއުމާ ގުޅޭ ގޮތުން ލިޔުއްވާފައިވެ އެވެ. 

ލޭ މައްޗަށްދިއުމަކީ އިންސާނާގެ ހަށިގަނޑުގައި ދައުރުވާ ލޭގެ މިންގަނޑު (ލޭގެ ޕްރެޝަރު) އެމީހެއްގެ އުމުރާއި ޖިންސާ އަޅާ ބަލާއިރު، އާންމުކޮށް ހުންނަން ޖެހޭ މިންވަރަށް ވުރެ މަތީ މިންވަރެއްގައި ހުރުމެވެ. އާންމުގޮތެއްގައި ބޮޑުމީހެއްގެ ލޭގެ ޕްރެޝަރު 80/120 މިލިމީޓަރު މާކަރީ އާއި 89/139 މިލިމީޓަރު މާކަރީއާ ދޭތެރޭގައި ހުރުން އެއީ މައްސަލައެއް ނޫނެވެ.

ލޭ މައްޗަށްދާ ކަމަށް ބަލާނީ ހިތުން ލޭ ބޭރަށް ފޮނުވައިދީ ހިތް ފިތޭއިރު އުފެދޭ ޕްރެޝަރު 140 މިލިމީޓަރު މާކަރީއަށް ނުވަތަ އެއަށް ވުރެ މައްޗަށް ދިއުމާ އެކު، ހިތުން ލޭ ފޮނުވާލުމަށް ފަހު ހިތަށް ދޫޖެހުން ލިބި ހިތް މަޑުޖެހިލާ ވަގުތުކޮޅު އުފެދޭ ޕްރެޝަރު، 90 މިލިމީޓަރު މާކަރީއަށް ވުރެ މައްޗަށް ދާއިމީ ގޮތެއްގައި ދިއުމުންނެވެ.

އެހެންކަމުން ލޭ މައްޗަށްދިއުމޭ ބުނެވެނީ ދާއިމީ ގޮތެއްގައި ލޭގެ ޕްރެޝަރު މަތިވެފައިވާ ނަމަ އެވެ. ލޭގެ ޕްރެޝަރު މައްޗަށްދިއުން ނުވަތަ ލޭ މައްޗަށްދިއުން ސިފަކުރެވެނީ ގަދަ ބާރާ އެކު، ނުވަތަ މަތީ ޕްރެޝަރުގައި ހަށިގަނޑުގައި ލޭ ދައުރުކުރުމަށެވެ. ނުވަތަ ދާއިމީ ގޮތެއްގައި ލޭގެ ޕްރެޝަރު 90/140 މިލިމީޓަރު މާކަރީއަށް ވުރެ މަތީގައި ހުރުމަށެވެ.

ދިވެހިންގެ ތެރޭގައި ލޭގެ ޕްރެޝަރު މަތިވުމަށް، "ޕްރެޝަރު މަތިވުން،" "ލޭ މައްޗަށްދިއުން" އަދި "ލޭ މަތިވުން" ކިޔައި އުޅެ އެވެ.

ލޭގެ ޕްރެޝަރު މައްޗަށް ދާ ނަމަ ދިރިއުޅުމުގެ އާދަތަކަށް ބަދަލު ގެނެސްގެން އެކަން ރަނގަޅު ކުރަން މަސައްކަތް ކުރެވިދާނެ އެވެ. ލައިފްސްޓައިލް ބައްޓަން ކުރާ ގޮތުގެ ތެރޭގައި ހިމެނޭ މުހިއްމު އެއް ކަމަކީ ކެއުން ބަހައްޓާ ގޮތެވެ. ކަސްރަތު ޕްރޮގްރާމެއް ފެށުން ނުވަތަ ސިއްހަތަށް ރަނގަޅު ކާނާ ކެއުން ކަހަލަ ކަންކަމުން ލޭ މައްޗަށް ދިޔަނުދީ ކޮންޓްރޯލް ކޮށްދެ އެވެ. ބައެއް އާދަތަކަކީ އެކަމުގެ ސަބަބުން ސިއްހަތަށް ހެޔޮ ބަދަލު ގެނައުމަށް ގިނަ ދުވަސްތަކެއް ނަގާ ކަމެކެވެ. ނަމަވެސް، އަނެއްބައި ކަންކަމުން އޭގެ ފައިދާ ވަރަށް އަވަހަށް ފެނެ އެވެ.

މީހަކު ލޭގެ ޕްރެޝަރު ބަލަނީ

ކާނާ އަށް ބަދަލު ގެނެސްގެން ލޭގެ ޕްރްޝަރު ދެ ހަފްތާއެއްހާ ދުވަހުން ދަށްކޮށްލުމަކީ ކުރެވިދާނެ ކަމެކެވެ. މިސާލަކަށް ހަކުރާއި ސަރުބީ މަދުކޮށް ތަރުކާރީ އާއި މޭވާ ކެއުން އިތުރުކޮށްގެންނެވެ.

ލޭގެ ޕްރެޝަރު ދަށްކުރުމަށް ކެއުމުގައި މޭވާ އާއި ތަރުކާރީގެ އިތުރުން މުގުގެ ބާވަތްތައް ހިމެނިދާނެ އެވެ. އެއީ ބީންސް، ޕީސް، މުގު އަދި ސްޕްރައުޓެވެ. އޭގެ އިތުރުން ކިރުގެ ލޯ ފެޓް ބާވަތްތަކާއި ލީން މީޓް އަކީ ކެއުން ރަނގަޅު ބާވަތްތަކެެވެ.

ލޭގެ ޕްރެޝަރު ދަށްކުރުމަށް ކާންވީ އަދި ނުކާންވީ ބާވަތްތައް ބޮލުތެރޭގައި ގެންގުޅުން އެއީ ފަސޭހަކަމެއް ވެސް ނޫނެވެ. ނަމަވެސް ފެށުމަކަށް، ތިރީގައި މިވަނީ ލޭގެ ޕްރެޝަރު މަތިވާ ނަމަ ދުރުވާންވީ ކާބޯތަކެއްޗެވެ.

ކާނާގައި ލޮނު ހިމެނޭ ނަމަ ލޭގެ ޕްރެޝަރަށް އެކަމުގެ އަސަރު ކުރޭ

ލޮނު

ރާއްޖޭގެ 'ސްޓެޕްސް' ދިރާސާއިން ހާމަވެފައިވާ ގޮތުގައި، ކޮންމެ ތިން މީހަކުން އެކަކު ކަނީ، ކާއެއްޗެއްސަށް އަޅާފައި ހުންނަ ލޮނަށް ވުރެ އިތުރަށް ލޮނު އަޅައިގެންނެވެ. 

ލޮނަކީ ލޭ މައްޗަށްދާ މީހުން ކެއުން ރަނގަޅު އެއްޗެއް ނޫނެވެ. މާ ގިނައިން ލޮނު ހިމެނޭ ބާވާތްތައް ނުކެއުމަށް ސަމާލުވާން ޖެހެ އެވެ. މިއީ ފަސޭހަ ކަމެއްހެން ހީވެދާނެ އެވެ. އެކަމަކު ލޮނު ނުލާ ކެއުމަކީ ހަގީގަތުގައި އެހާ ފަސޭހަ ކަމެއް ނޫނެވެ. ކައްކާ އިރު ވަކިން ލޮނު ނުލިޔަސް ވަރަށް ގިނަ ކާނާގަައި ލޮނު ހުރެ އެވެ. ލޮނު ހުންނަ ކަމަށް އާއްމުކޮށް ހީނުކުރާ ބާވަތްތަކުގައި ވެސް ކޮންމެވެސް މިންވަރަކަށް ލޮނު ހުރެ އެވެ. އާއްމުކޮށް ތައްޔާރީ ކާނާ އަދި ލުއި ކާނާގައި ލޮނު ހުރެ އެވެ.

ލޮނު ނުލާ ކާނާ މީރުކުރަން އިތުރު ރަހަ ލައްވަން ހަވާދާއި ފަތްޕިލާވެލި ބޭނުން ކުރެވިދާނެ އެވެ. އަދި ހަވާދު ބޭނުންކުރާ އިރު ވެސް ލޮނު އެކުލެވިގެންނުވާ ހަވާދު ބޭނުން ކުރުން މުހިއްމެވެ.

އެކި ކަހަލަ ސޯސް

ސޯސް އަޅައިގެން ކައްކާފައިވާ ކުުކުޅުތަކެއް: ކާނާ މީރުކުރަން ބޭނުން ކުރާ ބައެއް ސޯސްތަކަކީ ލޮނު ގިނައިން ހިމެނޭ ބާވަތްތަކެއް

ބައެއް މީހުންނަކީ އިތުރަށް ލޮނު ލައިގެން ކާން އާދަވެފައި ތިބި ބައެއް ކަމުން ބައެއް ފަހަރަށް ލޮނު ނުލާ ކާން އުނދަގޫވެގެން ކާއެއްޗެހީގެ ތެރެއަށް ޓޮމާޓޯ ސޯސް، ބާބެކިއު ސޯސް އަދި ސޯއީ ސޯސް އަޅައިގެން ކައި އުޅެ އެވެ. އެކަމަކު މި ބާވަތްތަކުގެ ލޭބަލް ރަނގަޅަށް ބަލައިފި ނަމަ މި ސޯސްތަކުގައި މަތީ މިންވަރަކަށް ލޮނު ހުރެ އެވެ. މިފަދަ ސޯސްތައް ގަންނަ އިރު އެންމެ ރަނގަޅީ ލޮނު މަދު ބާވަތްތައް އިހްތިޔާރު ކުރުމެވެ.

ޕްރޮސެސްކޮށް ބަންދުކޮށްފައި ހުންނަ ކާނާ

ދަޅު މަސް ބޭނުންކުރަންވީ ފެން އޮހޮރުވައިގެން

ދަޅުގައި ބަންދުކޮށްފައި ހުންނަ މަހަކީ ދިވެހިންގެ ސުފުރާގެ މައިގަނޑު ބާވަތަކެވެ. މީގެ އިތުރުން، ދަޅުގައި ހުންނަ ތަރުކާރީ، ސޫޕް އަދި އެހެނިހެން ތަކެއްޗަކީ ވަރަށް ގިނައިން ލޮނު ހިމެނޭ ބާވަތްތަކެކެވެ. ސަބަބަކީ ކުނިވިޔަނުދީ ގިނަ ދުވަހު ސުޕަމާކެޓްގެ ހަރުތަކުގައި ބެހެއްޓުމަށާއި ރަހަ ރަނގަޅުކުރަން މި ތަކެތި ތައްޔާރުކޮށްފައި ހުންނަނީ ވަރަށް ގިނައިން ލޮނު އަޅައިގެންނެވެ.

އެންމެ ރަނގަޅީ ތާޒާ ބާވަތްތައް ބޭނުންކުރުމެވެ. އަދި ދަޅުގައި ބަންދުކޮށްފައި ހުންނަ ތަކެތި ކާ ނަމަ، އޭގައި ހުންނަ ލޮނު މަދުކުރުމަށް ފެންތައް އޮއްސާލައިގެން ބޭނުން ކުރުމެވެ.

ތައްޔާރީ ކާނާގައި ލޮނު ގިނައިން ހިމެނޭ

ދަޅު ކާނާގެ އިތުރުން ޗިޕްސް އަދި ޕިއްޒާ ފަދަ ތައްޔާރީ ކާނާއަކީ އޭގައި ގިނައިން ލޮނު ހިމެނޭ ތަކެއްޗެވެ. ލުއި ކާނާގެ ގޮތުގައި ދިވެހިން އާއްމުކޮށް ކައި އުޅޭ ރަށު ހަދިޔާ ވެސް މި ކެޓަގަރީ އަށް ވަންނާނެ އެވެ. ކުދި ގުޅަ އާއި އަތުޖެހި ފަދަ ތަކެއްޗަކީ އޭގައި ބައެއް ފަހަރު ރިހާކުރު ވެސް ހިމެނޭ ބާވަތްތަކެކެވެ.

ކެފެއިން

ކެފެއިންއިން ލޭގެ ޕްރެޝަރަށް އަސަރު ކުރޭ

ކޮފީ އާއި އެނާޖީ ޑްރިންކް ބުއިމަކީ ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅީގެ ބޮޑު ބަޔެކެވެ. ނުރަނގަޅު އާދައެކެވެ. މި ތަކެތީގައި ކެފެއިން މަތިކަމުން މީހާގެ ޕްރެޝަރު މައްޗަށް ފޮނުވާލަ އެވެ. ވަކިން ހާއްސަކޮށް ދުންފަތް ބޭނުން ކުރާ ނަމަ ކޮފީ އަދި އެނާޖީ ޑްރިންކުން ޕްރެޝަރު މަތިވާ ވަރު އިތުރެވެ. އެހެންކަމުން ލޭގެ ޕްރެޝަރު މައްޗަށްދާ ނަމަ އެންމެ ރަނގަޅީ ކެފެއިން ހުންނަ ބުއިންތަކާ ބޮޑަށް ދުރުވުމެވެ. ކޮފީ ބުއިމަށް އާދަވެފައިވާ ނަމަ ޑީކެފް ކޮފީ އިހްތިޔާރު ކުރެވިދާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް