އަބްދުއްސައްތާރު އާދަމް

ނިވުނަސް ފަނޑުނުވި ޒިކުރާ، ނަގައިދިން ފިލާވަޅު، ދިން އިންޒާރު

21 ސެޕްޓެމްބަރަކީ 'ވޯލްޑް އަލްޒައިމާސް ޑޭ'. މި މަހު 29 ދުނިޔޭގައި ފާހަގަކުރާނީ 'ވޯލްޑް ސްޓްރޯކް ޑޭ'. އަދި އަންނަ 14 ނޮވެމްބަރު ވާނީ 'ވޯލްޑް ޑައިބެޓީސް ޑޭ' އަށް. ދުނިޔޭގައި ނެތަސް އަބްދުއްސައްތާރު އާދަމްގެ ހަޔާތަކީ އިބުރަތެއް
2 އޮކްޓޯބަރު 2022
1

މުހިންމު ނުކުތާތައް

ޕާކިން ޒޯނެއްގައި ހުރި ސައިކަލްތައް ހަލާކުކޮށްލި އެކްސިޑެންޓްގެ އަސްލު ސަބަބު

އަލްޒައިމާސް ފަދަ ބަލިތަކާ މެދު ދިވެހިންގެ ހޭލުންތެރިކަން ކުޑަވުމުގެ ދެރަކަން

ގިނަ ބަލިތަކަކާ އެކު ދިރިއުޅުއްވި އިރު ވެސް އޭނާއަކީ އެންމެންގެ އެހީތެރިއެއް

އަބްދުއްސައްތާރު އާދަމް ދުއްވި ކާރު ޕާކުކުރަން އުޅެނިކޮށް ކޮންޓްރޯލުން ނެއްޓިގެން ގޮސް އެންމެ ފުރަތަމަ އެރީ ޕާކިންޒޯނުގައި ހުރި ސައިކަލްތަކަށެވެ. ދެން ވެސް އެ އުޅަނދު މައިތިރިއެއް ނުވިއެވެ. ސައިކަލްތައް ފުނޑުފުނޑުކުރަމުން ގޮސް އެންމެފަހުން ޕޭވްމަންޓު މައްޗަށް އަރައިގެން ގޮސް ހުއްޓުނީ އެދިމާލުގައި ހުރި ފޮޓޯކޮޕީ ނަގައިދޭ ތަނެއްގެ ބިއްލޫރި ދޮރެއް ކުދިކުދިކޮށްލައިގެންނެވެ.

މީގެ 21 އަހަރު ކުރިން މާލޭގައި ހިނގި މި އެކްސިޑެންޓްގެ ވާހަކަ އޭރުގެ ދުވަހު ނޫސްތަކަށް ވެސް އެރި އެވެ. ޚަބަރު ލިޔެފައި އޮތް ގޮތުން ހީވަނީ މަސްތުގެ ހާލަތުގައި ހުރި ކަމަށް ތުހުމަތުކުރެވޭ މީހަކު ދުއްވި ކާރެއް ކޮންޓްރޯލުން ނެއްޓިގެން ގޮސް އެކްސިޑެންޓެއް ހިނގީހެންނެވެ. އެކަމަކު އަބްދުއްސައްތާރާއި އޭނާގެ އާއިލާގެ ދިރިއުޅުން އަބަދުގެއަބަދަށް ބަދަލުކޮށްލި އެ އެކްސިޑެންޓްގެ ހަގީގަތަކީ މިއެވެ؛ ކާފަ ކުދިންތައް ގޮވައިގެން އާދައިގެ މަތިން ކޮންމެ ދުވަހެއްގެ ހެނދުނު ޖަހާ ކާރުބުރު ނިންމާލާފައި ގޭދޮށުގައި އެ ކާރު ޕާކުކުރަން އުޅެނިކޮށް 50 އަހަރުގެ އަބްދުއްސައްތާރަށް އެ ދުވަހު ޖެހުނީ މައިނާ ސްޓްރޯކެކެވެ.

"ހަގީގަތަކީ މަންޒަރު ބަލަން ތިބޭ މީހުންނަކަށް ނޭނގިދާނެ މީހެއްގެ ލައިފުގައި އޮންނަ ސްޓްރެސް އާއި ހިތާމައެއް. އެ އެކްސިޑެންޓެއް ހިނގި ދުވަހަކީ ބައްޕަގެ ބޮޑުދައިތައެއް ނިޔާވުމާ ގުޅިގެން އެކަމުގެ ފުން ހިތާމާގައި ވެސް އުޅުއްވަމުން ގެންދެވި ދުވަހެއް،" އަބްދުއް ސައްތާރުގެ ތިބި ހަތް ކުދިންގެ ތެރެއިން އެންމެ ހަގަށް ހުރި 40 އަހަރުގެ އަޒްރާ އަބްދުއްސައްތާރު ކިޔައިދިނެވެ.

"އެ އެކްސިޑެންޓަށް ފަހު ބައްޕަގެ އެއް ފަޅިން ވާގިނެތުމުގެ މައްސަލަތަކެއް ކުރިމަތިވާން ފެށި. އެގޮތަށް ގާތްގަނޑަކަށް ހައެއްކަ މަސް ވަންދެން އުޅުއްވި. ފަހުން ބޭސްކޮށްގެން އަދި ކުޅުދުއްފުއްޓަށް ގޮސް ދިވެހި ބޭސްކޮށް، ވެލިމޮޑެގެން އެންމެ ފަހުން އެކަމުން ބައްޕައަށް އަރައިގަނެވުނު."

ނަމަވެސް 2016 ގައި ބްރެއިންސްޓެމް ސްޓްރޯކެއް ޖެހިގެން އަބްދުއްސައްތާރު ވަނީ އުމުރުން 71 އަހަރުގައި ނިޔާވެފަ އެވެ. ސްޓްރޯކް ޖެހިގެން ސިއްހީ ހާލަތު ދަށަށް ދިއުމުގެ މާ ކުރިން އޭނާ އަކީ ޓައިޕް 2 ޑައިބެޓީސް ހުރި މީހެކެވެ. އަދި ހަކުރުބައްޔާއި ސްޓްރޯކާ ގުޅިގެން ސިއްހަތު ވަރަށް ބޮޑަށް ގޯސްވި އިރު އޭނާގެ އުމުރުގެ ފަހު މަރުހަލާގައި ފަހު ނޭވާއާ ހަމައަށް އޭނާ ދިރިއުޅުނީ އަލްޒައިމާ ބަލިއެނދުގަ އެވެ.

އަބްދުއްސައްތާރުގެ އުފާވެރި އެ ދުނިޔެ މަޑުމަޑުން ގޮސް ނިވުނު ގޮތް އޭނާގެ ހަގު އަންހެން ދަރިފުޅު ކިޔައިދޭއިރު މިއީ އެ އާއިލާއަށް ބައްޕަގެ ޒިކުރާ އެވެ. ނަމަވެސް އެ ހަނދާންތައް އާކުރާއިރު އަބްދުއްސައްތާރުގެ ހަޔާތުގެ ވާހަކަ ނަގައިދޭ ފިލާވަޅުތަކާއި ދޭ އިންޒާރުތައް ހަގީގަތުގައި ވަރަށް ވެސް ގިނަ އެވެ.

މިދިޔަ ސެޕްޓެމްބަރު 21ގައި ފާހަގަކޮށް އެ ނިމުނީ 'ވޯލްޑް އަލްޒައިމާސް ޑޭ' އެވެ. މި މަހުގެ 29 ވަނަ ދުވަހު ދުނިޔޭގައި ފާހަގަކުރާނީ 'ވޯލްޑް ސްޓްރޯކް ޑޭ' އެވެ. އަދި އަންނަ 14 ނޮވެމްބަރަކީ 'ވޯލްޑް ޑައިބެޓީސް ޑޭ' އެވެ.

އެހެންކަމުން އަބްދުއްސައްތާރުގެ ޒިކުރާ އާކޮށް އެ ހަޔާތުން ނަގައިދިން ފިލާވަޅާއި، ދިން އިންޒާރުގެ ވާހަކަތަކަށް މިއީ މުނާސަބު ވަގުތެކެވެ. އެކަމަކު އެންމެ ފުރަތަމަ މި ސުވާލެވެ؛ އަބްދުއްސައްތާރު އާދަމަކީ ކާކު ހެއްޔެވެ؟

އަބްދުއްސައްތާރު އާދަމް ޖޯލިއެއްގައި އޮށޯވެލައިގެން.

ވަރަށް އުފާވެރި، ވަރަށް ހިންގުންތެރި، ވަރަށް ހިދުމަތްތެރި

އަމިއްލަ ދަރިންނާއި ކާފަ ދަރިންނާއި އާއިލާގެ އެހެން މީހުންނާ އެކު ވަގުތު ހޭދަކުރުމަކީ އަބްދުއްސައްތާރުގެ އެންމެ އުފާވެރި ހަނދާންތަކުން އަޒްރާ އާކުރި އަލިގަދަ އުސް އައްޔެވެ. އަބްދުއްސައްތާރަކީ އަބަދުވެސް 'ވަރަށް ފެމިލީ' މީހެކެވެ. އަދި ދުރުތާތިމާގެ މީހުންނާއި ބީރައްޓެހިން ވެސް އެންމެ ގާތް އާއިލީ މީހުންގެ ގޮތުގައި އަބަދުވެސް ބަލައިގެން އެ އެންމެނަށް ދީލަތި ދެ އަތުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދިން އެހީތެރިއެކެވެ. އަދި ސިއްހީ ހާލަތު ގޯސްވެ ހެލިފެލިވެ އުޅެން އުނދަގޫވަންދެން ސަރުކާރުގެ ތަފާތު އެކި ވަޒީފާތަކުގައި ވެސް އެހާމެ ބިޒީކޮށް އުޅުނެވެ. އެކަމަކު އަބަދުވެސް އާއިލާ އާއި ރައްޓެހިންނާއި ބީރައްޓެހިންނަށް އެހީވާން ވަގުތު ހުސްކުރި އެވެ.

ސަރުކާރުގައި އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ އަތިރީމާފަންނު ޓްރޭޑިން އެކައުންޓް (އެސްޓީއޯ) ގައެވެ. އެމްޓީސީސީގައި ވެސް ވަރަށް ގިނަ ދުވަހު މަސައްކަތްކުރެއްވި އެވެ. އެންމެ ފަހުން ސަރުކާރުގައި ވަޒީފާ އަދާކުރެއްވީ އިސްލާމިކް މިނިސްޓްރީގަ އެވެ. ނަމަވެސް އަބްދުއްސައްތާރުގެ ހިތް ހިބައިން ހަދިޔާކުރެއްވި މަސައްކަތަކީ އަދި ހިދުމަތަކީ ޕަބްލިކް ވޯކްސްގައި އަދާކުރެއްވި ޒިންމާތަކަށެވެ.

"ރަށްރަށުގެ ފަޅު ކޮނުމުގެ މަޝްރޫއުތަކުގައި އިސްކޮށް، ވަރަށް ބުރަކޮށް ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި ބައްޕަ. ބައްޕައަކީ މަސައްކަތުގައި އުޅުއްވާއިރު އެކަމަކާ ވަރަށް ގަޔާވެގެން އަބަދުވެސް މަސައްކަތް ކުރެއްވި މީހެއް. އަދި ހަމައެއާ އެކު ވަގުތު ހުސްކުރަން ޖެހޭ އެހެން ކަންކަމަށް އަބަދުވެސް ފުރިހަމަ އަށް ވަގުތު ވެސް ދިން،" ބައްޕަ ނިޔާވަންދެން ބައްޕަ ގޮވައިގެން އާއިލާއާ އެކު ސްރީ ލަންކާގައި ދިރިއުޅުމަށް ފަހު މި އަހަރުގެ ކުރީކޮޅު އަލުން މާލެއަށް ދިރިއުޅުން ބަދަލުކޮށް ކްލިނިކަލް ސައިކޮލޮޖީގެ ދާއިރާއިން ވިލާ ކޮލެޖުގައި ފުލްޓައިމް ލެކްޗަރާއެއްގެ ވަޒީފާ އަދާކުރަމުން އަންނަ އަޒްރާ ކިޔައިދިނެވެ.

"ބައްޕަ އެގޮތަށް ގަވާއިދުން ވަގުތު ހުސްކޮށް އަބަދުވެސް ވަރަށް ކުރާހިތުން ކުރި ކަމެއްގެ ގޮތުގައި ފާހަގަކުރެވުނު އެއް ކަމަކީ މާލޭގައި މީހަކު ނިޔާވެއްޖެ ނަމަ އަބަދުވެސް އެމީހެއްގެ ކަށުކަމާކެމީގެ ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން އުޅުއްވި އުޅުއްވުން."

"ގަވާއިދުން އާސަހަރާ އަށް ދާނެ. ކޮންމެ މީހަކު ނިޔާވިޔަސް ބައްޕަ އަބަދުވެސް ގޮސް އުޅޭނެ އާސަހަރާގައި، ހުރިހާ ކަމެއްގައި ވެސް އެހީތެރިވާނެ. ޖަމާއަތްތެރިންނާ އެކު ބައްޕަ ވެސް އުޅޭނެ ހުރިހާ ކަމެއްގައި ބިޒީކޮށް. ބަލައިލާ މީހަކަށް ނުވެސް އެނގޭނެ ބައްޕައަކީ އެއީ ރަސްމީކޮށް އެކަމާ ނުބެހޭ މީހެއް ކަމެއް ވެސް. އެހާ ވެސް ގަޔާވެގެން، އަބަދުވެސް ކޮށް އުޅުނު ކަމެއް އެއީ."

އަބްދުއްސައްތާރު އާދަމް އޭނާގެ ކާފަކުދިންނާ އެކު

މީގެ އިތުރުން އަބްދުއްސައްތާރު އެންމެ ހެޔޮހާލުގައި ހުންނެވި ދުވަސްވަރު އަބަދުވެސް ވަގުތު ހުސްކުރެއްވި އަނެއް ކަމަކީ އަތަމާ ހައްޖު ގްރޫޕުގައި އެހީތެރިއެއްގެ ގޮތުން އަދާކުރެއްވި މުހިންމު ރޯލެވެ.

"މީހުން ގޮވައިގެން ހައްޖަށް ދިއުމުގެ ކަންކަމުގައި އަތަމާ ގްރޫޕާ އެކު އުޅުއްވާ ހަނދާން ވަރަށްވޭ. ޕާސްޕޯޓްތަކާއި ފޮށިތައް ހިފައިގެން ގޭގައި އުޅޭ ހަނދާން ވަރަށްވޭ. ބައްޕަ އެކަންޏެއް ނޫން. މަންމަ ވެސް އުޅުއްވި އެގޮތަށް،" އަޒްރާ ކިޔައިދިނެވެ.

"އަދި އެގޮތަށް މީހުން ގޮވައިގެން ހައްޖަށް ދާއިރު ބައްޕަމެން ދާނެ ވަރަށް ކުރިން. އަދި އަބަދުވެސް އެނބުރި އަންނާނީ އެންމެ ފަހުން. އެއީ މަންމަ އާއި ބައްޕަ ވަރަށް މިސްވާ ދުވަސްތަކެއް."

އަބްދުއްސައްތާރުގެ އުފާވެރި އެ ދުވަސްތައް ހުސްވުމުގެ އަލާމާތްތަކާ އެކު މުށުތެރެއިން ދެމެން ފެށީ 2001 ގައި ހިނގި އެ ކާރު އެކްސިޑެންޓެވެ. ނަމަވެސް އަޒްރާ ބުނީ ބައްޕަގެ ސިއްހީ މައްސަލަތައް ގޯސްވެ ބޮއްސުންލައިގެން ދިއުމުގެ އަސްލު ގުޅިފައި އޮތީ ކޮންޓްރޯލްނުކުރެވިގެން އަބަދުވެސް އުޅެން ޖެހުނު ހަކުރުބައްޔާ ކަމަށެވެ.

"އުމުރުން 30 އަހަރުން މައްޗަށް ދިޔަ ފަހުންހެން އަޅުގަނޑަށް ހީވަނީ ރަސްމީކޮށް ބައްޕަ ހަކުރު ބައްޔަށް ޑައިގްނޯސްކުރީ. ބައްޕަގެ ސިއްހީ މައްސަލަތަކުގެ ހަގީގީ ފެށުމަކީ ހަކުރު ބަލި ކަމަށް ގަބޫލުކުރެވެނީ،" އެނާ ބުންޏެވެ.

އަޒްރާ އަބްދުއްސައްތާރު

ވަރަށް ހިތާމަވެރި، ވަރަށް ހިތްދަތި، ވަރަށް އަސަރުކުރި

އަބްދުއްސަތާރުގެ ހާލު ދެރަކޮށްލި އެ ކާރު އެކްސިޑެންޓަކީ އޭނާގެ އާއިލާއަށް ކުރިމަތިވި އަސްލު ހިތާމައެކެވެ. އޭގެ އަސަރު އަދިވެސް ފިލައިގެން ނުދާ ސަބަބެއް ވެސް އެބަ އޮތެވެ. އެއީ އެ ދުވަހުގެ މައިނާ ސްޓްރޯކްގެ އަސްލު ކުރިން އެނގުނު ނަމަ ނުވަތަ އެއަށް ފަހު އަބްދުއްސައްތާރުގެ ދިރިއުޅުން ފާހަގަކުރެވެން ފެށި 'އަލްޒައިމާގެ ޅަފުރައިގެ އަލާމާތްތައް' ކުރިން ދެނެގަނެވުނު ނަމަ ބައްޕަގެ އެ ދަތުރަށް ފުރިހަމައަށް ތައްޔާރުވެވުނީހެވެ. ނަމަވެސް އަޒްރާ ބުނީ ރާއްޖޭގައި ވެސް މިފަދަ ބަލިތަކަށް ހޭލުންތެރިކަން ކުޑަވުމަކީ އާއިލާގެ ވެސް އެންމެ ބޮޑު ބަލިފައި ކަމަށެވެ.

ނޭނގި ތިއްބައި ބައްޕަގެ ކިބައިން އަލްޒައިމާގެ ރަސްމީ އަލާމާތްތަކާއި ސިއްހީ އެހެން ނުރައްކާތައް ފާޅުވާން ފެށުމުން އެކަން ވީ ކުރިމަތިލާން އުނދަގޫވި އަދި އެހާމެ އަސަރުކުރުވި ތަޖުރިބާއަކަށެވެ.

"ބައްޕަ ކިބައިން އަލްޒައިމާގެ އަލާމާތްތަކެއް ފެންނަން ފެށި ނަމަވެސް، ސިއްހީ ހާލަތު ގޯސްވާން ފެށި ނަމަވެސް އެއީ އަލްޒައިމާގެ އަލާމާތްތަކެކޭ އެންމެ ފުރަތަމަ އެއްވެސް މީހަކަށް ޝައްކެއް ވެސް ނުކުރެވޭ. އެހާ ހޭލުންތެރިވެފައި ނެތީމަ، އަނެއްކޮޅުން އާންމު ވެސް ނޫންވީމަ. ޑިމެންޝިއާއެކޭ ވެސް ހިތަކަށް ނާރާ،" އަޒްރާ ބުންޏެވެ.

"ރާއްޖޭގައި މިއީ އަދިވެސް ހޭލުންތެރިކަން ކުޑަ ބައްޔެއް."

އަބްދުއްސައްތާރު އަލްޒައިމާ އަށް ޑައިގްނޯސްކުރީ 2012ގައި ސްރީ ލަންކާގަ އެވެ. އަލްޒައިމާކަން ކަށަވަރުވިއިރު ހަކުރުގެ މައްސަލަ އާއި ތުރުތުރުއެޅުމާއި ކިޑްނީގެ މައްސަލަތައް ވެސް ވަނީ ކުރިމަތިވެފަ އެވެ.

"ފުރަތަމަ ދުވަސްކޮޅު ބައްޕަ ވަރަށް ހަނދާން ބަލި. އެކަމަކު ހަނދާން ބަލިވުމަކީ ވަރަށް އާންމު ކަމެއްތާ، ކޮންމެ މީހަކު ވެސް ހަނދާން ނެތިދާނެތާ އެގޮތަށް،" އަޒްރާ ކިޔައިދިނެވެ.

"އަލްޒައިމާއަށް ޑައިގްނޯސްކުރިތާ، އަހަރެއްހާ ދުވަސް ތެރޭގައި ބައްޕަ އަޅުގަނޑުގެ ނަން ހަނދާން ނެތިއްޖެ. އިތުބާރާ އެކު ބައްޕައަށް ނަން ބުނަން އެނގެނީ ތިން ކުއްޖެއްގެ ނަން. އެއީ އެންމެ ދޮށްޓަށް ތިބި ތިން ކުދިން."

"އަލްޒައިމާ ގޯސްވަމުން ދިޔައިރު ބައްޕަގެ ޕާކިންސަން ވެސް ދިޔައީ ގޯސްވަމުން. ކިޑްނީގެ މައްސަލަ ވެސް ދިޔައީ ގޯސްވަމުން. ސްޓްރޯކް ވެސް ޖެހެމުންދިޔައީ. ހަކުރު ވެސް."

އަޒްރާ ބުނީ އެހާ ލޯބިން އެކުގައި އުޅުނު އަދި އަބަދުވެސް ލޯތްބާއި އަޅާލުން ދިން ބައްޕަ ލޯކުރިމަތީގައި ބަލިނިވެ ނިކަމެތިވެގެންދިޔަ މަންޒަރާއި ބައްޕަގެ ހަނދާންތަކުން އޭނާ އާއި އެހެން ކުދިންނާއި އާއިލާ އަދި ރައްޓެހިންގެ ހަނދާންތައް ފޮހެވެމުން، ނެތެމުންދިޔަ މަންޒަރު ގާތުން ފެނުނު ތަޖުރިބާއަކީ ހިތްކުދިކުދިކޮށްލި އިމްތިހާނެއް ކަމަށެވެ.

"ނަންތައް ހަނދާން ނެތުނަސް، ކާކުކަން ނޭނގޭ ވަރުގެ އެޕިސޯޑަކާ އަޅުގަނޑާ ދިމާވީ އެންމެ ފަހަރަކު. އެއީ ގެއިން ކަރަންޓު ގޮސްގެން އެއްކޮށް އަނދިރިވި ދުވަހެއް. ނިދަންވެގެން ވެސް ހުރިހާ ބޮއްކެއް ނިއްވާލައިފި ނަމަ ބައްޕަ ވަރަށް ބޮޑަށް ޑިސްއޮރިއެންޓްވޭ. އެގޮތަށް ދިމާވި ދުވަހެއް،" އަޒްރާ ކިޔައިދިނެވެ.

"ދެން އަޅުގަނޑު ގޮސް އެހީވާން އުޅުނީމަ އަޅުގަނޑަކީ ކާކުކަން ނޭނގި ބައްޕަ ކުއްލިއަކަށް ވަރަށް ބިރުގަނެ ރޮއެ، ހަޅޭލަވަން ފެށީ. ހުރެވުނު ތަނެއް ވެސް ނޭނގިގެން އުޅުނު ކަހަލަ ބައްޕައަށް. ވަރަށް ބިރުން ހުރެ ހަޅޭއްލަވަމުން ގެންދިޔައީ ތިއީ ކާކު ހެއްޔޭ ކިޔާފައި."

"ބައްޕަގެ ހާލަތު އަޅުގަނޑަށް އެނގޭތީ ބައްޕައަށް ވަނީ ކީއްކަން އަޅުގަނޑަށް އެނގޭ. އެކަމަކު އެ މަންޒަރު ފެނުމުން އަޅުގަނޑު ވަރަށް ދެރަވި. ހިތަށް އަސަރުކުރި ވަރު ބޮޑުވީ."

ވިލާ ކޮލެޖުގައި ފުލްޓައިމް ލެކްޗަރާއަކަށް މަސައްކަތްކުރާ އަޒްރާ ކޮލެޖުގެ ބޭރުގައި ފޮޓޯއަކަށް ހުއްޓިލައިގެން.

ނަމަވެސް އަޒްރާ ބުނަނީ އޭނާގެ ބައްޕައާ އެކު އެ ހުރިހާ ތަޖުރިބާއެއް ކުރަން ލިބުމަކީ ހަގީގަތުގައި އޭނާގެ މިއަދުގެ ދިރިއުޅުމާ މެދު އަމިއްލައަށް ފަހުރުވެރިވެ، ޝުކުރުވެރިވާން ދަސްކޮށްދިން ތަޖުރިބާއެއް ކަމަށެވެ.

"ބައްޕައާ އެކު އެ ހުރިހާ ވަގުތެއް ހިއްސާކުރަން ލިބުން، ތަޖުރިބާކުރަން ލިބުމަކީ އަސްލު ބްލެސިންއެއް. ހަމައެކަނި ބައްޕަ އަށް ހިދުމަތްކޮށްލަން ލިބުނު ފުރުސަތަކަށް ވުރެ ބޮޑަށް އެއީ ދިރިއުޅުމަކީ ކޮބައިކަން އަދި ދިރިއުޅުމުގެ ވަރަށް ގިނަ ފިލާވަޅުތަކެއް އަޅުގަނޑަށް ދަސްކޮށްދިން ތަޖުރިބާއެއް،" އަޒްރާ ބުންޏެވެ.

"ދިރިއުޅުން އެއްކޮށް ބަދަލުކޮށްލި ތަޖުރިބާއެއް، ލައިފްސްޓައިލް ވެސް ބަދަލުކޮށްލި ކަމެއް. އެންމެ ބޮޑު ބަދަލަކީ އަޅުގަނޑުގެ ލައިފްސްޓައިލަށް ގެނެވުނު ބަދަލު. ކެއުންބުއިން ވެސް އެއްކޮށް ބަދަލުވެއްޖެ. ކުރިން ނަމަ ދުވާލެއްގެ މައްޗަށް 3-4 ކޮކާކޯލާ ފުޅި ބޯ މީހެއް އަޅުގަނޑަކީ."

"މިހާރު ވަރަށް ބަލައިގެން ދުޅަހެޔޮ ސިއްހަތެއް ހޯދުމަށް އިސްކަން ދީގެން ހުރިހާ ކަމެއް ވެސް ކުރަނީ."

ބައްޕަގެ ދުނިޔެ ނިމިފައިވިޔަސް އަޒްރާގެ އަޒުމަކީ އެ ހަޔާތާއި ދިރިއުޅުމުން ނަގައިދިން ފިލާވަޅާ އެކު ކުރިއަށް ދިއުމެވެ. އިންޒާރުތަކަށް ފުރިހަމައަށް ތައްޔާރުވެ ހުރުމެވެ. އަދި އޭނާގެ އުއްމީދަކީ އެންމެން ވެސް މި ތައްޔާރީގައި ބައިވެރިވެ ރަނގަޅަށް ލޯ ހުޅުވުމެވެ.

ކޮމެންޓް (1)

ައަލީ

3 އޮކްޓޯބަރު 2022
މާތް ﷲ ހެޔޮރަޙްމަތް ލައްވާ ސުވަރުގޭގެ ދާއިމީ ނިއްމަތް ދެއްވާށީ!
7 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް