އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އެމްއެމްއޭ

އާރުޑީސީން އަމިއްލަ ފަރާތްތަކުން ޑޮލަރު ގަތުން އެމްއެމްއޭއިން ހުއްޓުވައިފި

ޑޮލަރު ވިއްކާނެ ފަރާތެއް ހޯދުމަށް އާރުޑީސީން ގެޒެޓުގައި ޝާއިއުކުރި އިއުލާނަށް ފާޑުކިޔުންތަކެއް އަމާޒު ވެފައި ވާއިރު، އެމްއެމްއޭއިން އަންގައިގެން އެ އިއުލާނު ވަނީ ބާތިލުކޮށްފައި

އެ ކުންފުންޏަށް ޑޮލަރު ވިއްކާނެ ފަރާތެއް ހޯދަން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން މިފަހުން ކުރި އިއުލާނު މަރުކަޒީ ބޭންކު، އެމްއެމްއޭ އިން އަންގައިގެން ބާތިލުކޮށްފި އެވެ.

ވީ ކިހިނެއް؟ - ޑޮލަރު ވިއްކާނެ ފަރާތެއް ހޯދުމަށް އާރުޑީސީން ގެޒެޓުގައި ޝާއިއުކުރި އިއުލާނު އެމްއެމްއޭއިން އަންގައިގެން ބާތިލުކޮށްފައިވާކަން 'ދައުރު'އަށް ވަނީ ކަށަވަރުވެފަަ އެވެ. ނަމަވެސް، މިކަމާ ގުޅޭ ގޮތުން އާރުޑީސީ އާއި އެމްއެމްއޭގެ ބަހެއް އަދި ނުލިބެ އެވެ.

އާރުޑީސީގެ އިތުރުން ސަރުކާރުގެ އެހެން ކުންފުނިތަކުން ވެސް ބައެއް ފަހަރު ޑޮލަރު ވިއްކާނެ ފަރާތެއް ހޯދުމަށް އިއުލާނު ކުރާއިރު، އާރުޑީސީން ކުރި އިއުލާނަށް ސޯޝަލް މީޑިއާގައި ފާޑުކިޔުންތައް އަމާޒުވި އެވެ.

އާރުޑީސީން ކުރި އިއުލާނު ހިއްސާކުރެއްވުމަށް ފަހު މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ކުރެއްވި ޓުވީޓެއްގައި ވަނީ، ސަރުކާރު ކުންފުނިތަކުން ކަޅު ބާޒާރުން ޑޮލަރު ގަންނަ ކަމުގެ ތުހުމަތު ކުރައްވާފަ އެވެ. އޭނާ ވަނީ ޑޮލަރު ގަންނައިރު ވިއްކާ ފަރާތަށް އެ ކުންފުނިތަކުން ކޮމިޝަން ދޭ ކަމުގެ ތުހުމަތު ވެސް ކުރައްވާފަ އެވެ.

އެނގުން މުހިއްމު - ބޭރު ފައިސާ ގަނެ ވިއްކާ ފަރާތްތަކުން ކަންތައްތައް ކުރަންވީ ގޮތުގެ ގަވައިދު ބުނާ ގޮތުން، ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތް ކުރެވޭނީ އެމްއެމްއޭގެ ލައިސަންސަކާ އެކު އެވެ. އަދި ބޭރު ފައިސާ ގަނެ ވިއްކާ އަގުގެ އިތުރަށް ކޮމިޝަނެއް ލުމަކީ މަނާކަމެކެވެ.

އިގްތިސާދީ ކޮމިޓީގެ ބައްދަލުވުމެއްގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވާހަކަ ދައްކަވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ބުނީ ކީކޭ؟ - މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވާ އިބްރާހީމް ރަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި، ދައުލަތުގެ ބޭރު ފައިސާގެ ރިޒާވް އެކި މަޝްރޫއުތަކަށް ބޭނުން ކުރަމުން ދާއިރު، ތަކެތީގެ އަގުތައް އިންތިހާއަށް އުފުލެމުންދާ މި ދަނޑިވަޅުގައި އެމްއެމްއޭއިން އެ ކަންކަން ހުއްޓުވަން މަސައްކަތް ކުރާ މަންޒަރެއް ނުފެނެ އެވެ.

އިބްރާހިމް ރަޝީދު 'ދައުރު'އަށް ވިދާޅުވީ ސަރުކާރު ކުންފުނިތަކުން ޑޮލަރު ގަންނަނީ ކޮމިޝަނެއް ހިމެނުމަށް ފަހު ކަމަށެވެ. އެއީ ރާއްޖޭގައި މަނާކަމަކަށް ވާއިރު، އެފަދަ ކަންކަން އެމްއެމްއޭއިން ހުއްޓުވަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލަ މަޖިލީހުގެ ސަމާލުކަމަށް އައިސްފައިވާނެ ކަމަށް ވެސް އިބްރާހީމް ރަޝީދު ގަބޫލުކުރައްވަ އެވެ. އެކަމަކު ސަރުކާރުގެ އެކި މަޝްރޫއުތަކުގައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ހިމެނޭ ބައެއް މެމްބަރުންގެ މަސްލަހަތު ހިމެނޭ ކުންފުނިތަކުގެ ބައިވެރިވުން އޮންނާތީ އެ ކޮމިޓީއަށް ޒިންމާ އަދާ ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް (1)

ހިމާރުލްގައުމު

21 ޖުލައި 2022
މުޅި ދުނިޔޭގަވެސް ނެތްވަރުގެ ހިންގުންތެރިއެއް ރޯޑްކޯޕަރޭޝަންގެ ބޮޑަކަށް ހުރީ. އިގްތިސާދީ ގޮތުން ބެލިޔަސް އިލްމީ ގޮތުން ބެލިޔަސް ކީއްކުރާނީ މައި ސޯބު އެނބުރޭ ގޮތަކަށްތާ ކުދި އެއްޗެހި އެނބުރޭނީ.
0 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް