ކްރިމިނަލް ކޯޓުގެ ބޭރުން ނަގާފައިވާ ފޮޓޯއެއް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އެއް އާއިލާއެއްގެ 6 ކުދިންނާ ބެހުނު ކަމަށް ބުނާ މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތުހުމަތު ކުރެވޭ މީހާ އަކީ މާލެ ސަރަހައްދުގެ ކުންފުންޏެއްގެ އިސްވެރިއެއް

އެއް އާއިލާއެއްގެ ހަ ކުދިންނާ ބަދުއަހްލާގީ އަމަލު ހިންގި ކަމުގެ ތުހުމަތު ކުރެވޭ މީހާ، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފި އެވެ.

މައްސަލައިގެ ފެށުން - އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ، ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އުމުރުން 55 އަހަރުގެ އެ މީހާ ހައްޔަރު ކުރީ މިދިޔަ މަހުގެ 9 އެއްގަ އެވެ. ޖިންސީ ގޯނާ ކުރި ކަމަށް ބެލެވޭ ކުދިންގެ ތެރޭގައި އޭނާގެ ދަރިއަކު ވެސް ހިމެނެ އެވެ. އެނގިފައިވާ ގޮތުގައި:

  • ބައެއް ކުދިންގެ އުމުރުން 9 އަހަރުގައި އޭނާ ވަނީ އެ ކުދިންނަށް ޖިންސީ ގޯނާ ކުރަން ފަށާފައި

  • މިކަން ހިނގާތާ މިހާރު ހަތް ވަރަކަށް އަހަރު ވެދާނެ ކަމަށް ބެލެވޭ

  •  އެ ފިރިހެން މީހާ ވަނީ އެ އަންހެން ކުދިންގެ ބަރަހަނާ ފޮޓޯ ވެސް ނަގައި ރައްކާކޮށްފައި

މި މައްސަލައިގައި މަހެއްހާ ދުވަހަށް އޭނާ ހައްޔަރުކޮށްފައި ބެހެއްޓުމަށް ފަހު ޝަރުތުތަކަކާ އެކު މިދިޔަ ހޯމަ ދުވަހު ކޯޓުން އޭނާ ވަނީ ދޫކޮށްލާފަ އެވެ. އެކަމަކު ކޯޓު އަމުރެއްގެ ދަށުން އަނެއްކާ ވެސް އިއްޔެ އޭނާ ހައްޔަރު ކުރި އެވެ.

ވީ ކިހިނެއް؟ - ފުލުސް އޮފީހުން މިއަދު ބުނީ، ޝަރީއަތް ނިމެންދެން އެ ފިރިހެން މީހާ ބަންދުގައި ބެހެއްޓުމަށް މިއަދު ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

'ދައުރު'އަށް އެނގިފައިވާ ގޮތުގައި ތުހުމަތު ކުރެވޭ މީހާ އަކީ މާލެ ސަރަހައްދުގެ ކުންފުންޏެއްގެ އިސްވެރިއެކެވެ. އެކަމަކު ކުޑަކުދިންނާ ގުޅޭ މައްސަލައަކަށް ވުމުން، މީހާގެ ވަނަވަރެއް ހާމައެއް ނުކުރެވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް