އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ)

މިސްކިތް މަރާމާތުކުރަން ދިން ފައިސާއަށް ވީ ގޮތެއް ނޭނގެ: މިނިސްޓަރު

މިނިސްޓަރު ވިދާޅުވީ ވޭތުވެ ދިޔަ ތިން އަހަރު 3 މިލިއަން ރުފިޔާ ކައުންސިލަށް ދިން ނަމަވެސް އެ ފައިސާއަށް ހެދި ގޮތް ކައުންސިލުން މިނިސްޓްރީއަށް އަންގާފައި ނުވާ ކަމަށް

މާލޭގެ މިސްކިތްތައް މަރާމާތު ކުރަން ފައިސާ ހޯދުމަށް ސިޓީ ކައުންސިލުން ހަރަކާތެއް ފަށާފައި ވާއިރު، މިސްކިތްތަކުގެ އާބާތުރަފިލުވުމަށް ސަރުކާރުން ފައިސާ ދިން ކަމަށާއި އެކަމަކު އެ ފައިސާއަށް ވީ ގޮތެއް ނޭނގޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މާލެ ސަރަހައްދުގެ 28 މިސްކިތެއް ސިޓީ ކައުންސިލުން ބަލަހައްޓަމުން އަންނައިރު، އެ ތަން ތަން މަރާމާތުކުރުމަށް ސަރުކާރުން އެކަށީގެންވާ އަދަދަކަށް ފައިސާ ނުދޭ ކަމަށް އެ ތަނުން ވަނީ ބުނެފަ އެވެ. އަދި މިސްކިތްތައް މަރާމާތު ކުރުމަށް 9 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި:

  • މިހާރުގެ ކައުންސިލް ހަވާލުވި އިރު، މިސްކިތްތަކުގައި މަރާމާތަށާއި އާބާތުރަ ފިލުވުމަށް 14 މިލިއަން ރުފިޔާގެ މަސައްކަތް ކުރަން ހުރި 

  • އޭގެ ތެރެއިން 4 މިލިއަން ރުފިޔާގެ މަސައްކަތް ކައުންސިލުގެ ބަޖެޓުންނާއި އެހެނިހެން ގޮތްގޮތުން ކޮށްފައިވޭ

  • އަދިވެސް 9 މިލިއަން ރުފިޔާގެ މަސައްކަތް އެބަހުރި ކަމަށް

މާލޭގެ މިސްކިތްތައް މަރާމާތުކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ބާއްވާ ފަންޑްރެއިޒިން ހަރަކާތުގައި މުއިއްޒު ބައިވެރިވެ ވަޑައިގަންނަވަނީ. (ފޮޓޯ/ކައުންސިލް)

ބުނީ ކީކޭ؟ - މޭޔަރު މިހެން ވިދާޅުވި އިރު، އިސްލާމިކް މިނިސްޓަރު ވަނީ މިސްކިތްތައް މަރާމާތު ކުރަން ކައުންސިލަށް ފައިސާ ދޭ ކަމަށް ވިދާޅުވެފަ އެވެ.

ދައުލަތުގެ މީޑީއާ، ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ޒާހިރު އިއްޔެ ވިދާޅުވީ މިސްކިތްތަކުގެ އާބާތުރަފިލުވައި މަރާމާތު ކުރުމަށް، ކޮންމެ އަހަރަކު ވެސް ސަރުކާރުން ބަޖެޓެއް ހަމަޖައްސާ ކަމަށެވެ. އެގޮތުން، އޭނާ ވިދާޅުވީ:

  • 2020 ވަނަ އަހަރު ވެސް 1 މިލިއަން ރުފިޔާ ދިން 

  • އެއަށް ހެދި ގޮތް ކައުންސިލަކުން ނުބުނޭ

"އެ ފައިސާ ބޭނުންކުރި ގޮތުގެ ރިޕޯޓު ފޮނުވުމަށް އަޅުގަނޑުމެން ކައުންސިލަށް އެންގިން. އެކަމަކު އެކަން ނުކުރުމުން، 2021 ވަނަ އަހަރު ވެސް ހަމަ އެ ފައިސާ ބޭނުން ނުކުރެވޭނެ ކަމަށް އެންގިން،" މިނިސްޓަރު ވިދާޅުވި އެވެ.

"އެ އަހަރު ކައުންސިލުން ވަނީ އެ ފައިސާ ބޭނުން ނުކުރާ ކަމަށާއި ފައިސާ ހުރި ކަމަށް ބުނެފައި."

އޭނާ ވިދާޅުވި ގޮތުގައި:

  • މިދިޔަ އަހަރު ވެސް 2 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައި އެކަން ވަނީ ކައުންސިލަށް އަންގާފައި 

  • ފައިސާ ދޫކުރުމުގެ ބަދަލުގައި މިނިސްްޓްރީން އެދުނީ، މަސައްކަތް ކޮށްފައި ބިލްތައް ފޮނުވުމަށް

  • އެކަމަކު ކައުންސިލުން އެ ކަމެއް ނުކުރޭ

އިސްލާމިކް މިނިސްޓަރު ވިދާޅުވީ މިސްކިތްތައް މަރާމާތު ކުރުމަށް މިދިޔަ ތިން އަހަރުގެ ތެރޭގައި 3 މިލިއަން ރުފިޔާ ހަމަޖެއްސި ނަމަވެސް، އެ ބޭނުން ނުކޮށް، ފައިސާ ހޯދާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.

އެނގުން މުހިއްމު - މޭޔަރު މުއިއްޒު ވަނީ، މިސްކިތްތައް މަރާމާތުކުރުމަށް މިނިސްޓްރީން ފައިސާ ދޭ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު ކޮންމެ އަހަރަކު ދޭ 1 މިލިއަން ރުފިޔާއަކީ އެކަށީގެންވާ އަދަދެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް (2)

އެކަނބާ

9 ޖެނުއަރީ 2023
1މިލިއަން ރުފިޔާ މިސްކިތްތައް މަރާމާތު ކުރުމަށްދީފަ އެފައިސާއަށް ވީގޮތެއްނޭގިގެން މިނިސްޓަރު ތިހާ ވަރަކަށް ތިޔަ ކަންބޮޑުވަނީ މާ ނަޒާހަތްތެރި މީހަކަށްވާން ތޯ!!.. ކޮބާތޯ ހައްޖު ފަންޑުގެ ފައިިސާގެ ތަަފްސީލު އާންމުންްނާ ހިއްސާކޮށްލަބަލަ.. ލަދުން ބޯ ހަލާކު ގުބޯގުބޯ ހިނިހިނިހިނި އަންނަނީ
0 1

ލައިކް

8 ޖެނުއަރީ 2023
މިސްކިތުގައި ނަމާދު ކުރުމަށް އަޒުމް ކަނޑައެޅިނަމަވެސް މިސްކިތަށް ނުދާ ކަމުގައިވާނަމަ ނުދާކަމަށް ވާނީ. ހަމަ އެގޮތަށް ފައިސާ ބަޖެޓް ކުރިޔަސް ދޫނުކުރާކަމުގައިވާނަމަ ނުދޭކަމަށް ވާނީ. ފައިސާ ބަޖެޓްކޮށް މިނިސްޓްރީގެ ތިޖޫރީގައި ބަހައްޓަކީ ކޮން ގާނޫނީ ހައިސިއްޔަތަކުންތޯ؟
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް