ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ދެކޮޅަށް އަޑުއުފުލި މީހުން.

ޔޯގާ ހަމަނުޖެހުން: ތުހުމަތު ކުރެވޭ މީހުން 2 މަހަށް ބަންދު ކުރެވޭނެތަ؟

މަރުގެ ބޮޑެތި މައްސަލަތަކުގައި ހައްޔަރު ކުރާ މީހުން ވެސް އާންމުކޮށް ފުރަތަމަ ބަންދު ކުރަނީ 15 ދުވަހަށް؛ 60 ދުވަހަށް މީހުން ބަންދު ކުރުމަކީ ވަރަށް ނުކުރާ ކަމެއް

މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން ބާއްވަން އުޅުނު ހަރަކާތުގެ ތެރެއަށް ވަދެގަނެ އެ ތަނުގައި ހަމަނުޖެހުން ހިންގި މައްސަލައިގައި މިހާތަނަށް 21 މީހަކު ހައްޔަރުކޮށްފައި ވާއިރު، އޭގެ ތެރެއިން ފުލުހުން ސީރިއަސް ތުހުމަތުތަކެއް ކުރާ ބަޔަކު 60 ދުވަހަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން ވަނީ ނިންމައިފަ އެވެ. ބައެއް މީހުން 45 ދުވަހަށް ވެސް ބަންދުކޮށްފައިވެ އެވެ.

60 ދުވަހަށް ބަންދު ކުރި މީހުންނަކީ:

  • މުހައްމަދު ނަދީމް، 43، ކ. ތުލުސްދޫ/ވީނަސް

  • މުހައްމަދު މައުސޫމް، 40، ތ. މަޑިފުށި/ހެޕީސައިޑް

  • މުހައްމަދު ހުސައިން، 47، ހއ. ތުރާކުނު/ގްރީންހައުސް

  • އަމީން އަހްމަދު، 35، ގދ. ރަތަފަންދޫ/ލިލީޕާކް

  • އަބޫބަކުރު ފާރިއު، 25، ނ. މިލަދޫ/ކާނޭޝަންމާގެ

  • އަހުމަދު ނަސޫހު 25، ގއ. މާމެންދޫ/އަސްރަފީވިލާ

  • އަބްދުﷲ ރިފާއު، 31، ތ. ތިމަރަފުށި/ނަރުގިސްވިލާ

މަރުގެ ބޮޑެތި މައްސަލަތަކުގައި ހައްޔަރު ކުރާ މީހުން ވެސް ފުރަތަމަ ބަންދު ކުރާއިރު އާންމުކޮށް ގިނަވެގެން ބަންދު ކުރަނީ 15 ދުވަހަށެވެ. އަދި އެއަށް ފަހު އެކި ފަހަރު މަތިން ބަންދު އިތުރުކުރަމުން ދެ އެވެ. ނޫނީ ސީރިއަސް މައްސަލައަކަށް ވެފައި ހެކި ހުރެއްޖެ ނަމަ ޝަރީއަތް ނިމެންދެން ވެސް ބަންދުކޮށްފާނެ އެވެ. އެކަމަކު، 60 ދުވަހަށް ބަންދު ކުރުމަކީ ވަރަށް ނުކުރާ ކަމެކެވެ. އެހެންވެ، ޔޯގާ ހަމަނުޖެހުމުގެ މައްސަލައިގައި ހަތަރު މީހަކު އެހާ ދިގު މުއްދަތަކަށް އެއްފަހަރާ ބަންދު ކުރީ ކީއްވެތޯ ބައެއް އާންމުން ސުވާލު އުފައްދަ އެވެ.

އެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ކޯޓު އަމުރުތަައް ވެސް ކްރިމިނަލް ކޯޓުން އާންމެއް ނުކުރެ އެވެ. ކްރިމިނަލް ކޯޓުން ބުނި ގޮތުގައި އެ އަމުރުތައް އާންމު ނުކުރަނީ އެ މައްސަލަ ސިއްރު ކުރަން ފުލުހުން އެދިފައިވާތީ އެވެ.

'ދައުރު'އަށް އެކި މަސްދަރުތަކުން އެނގިފައިވާ ގޮތުގައި، އޭގެ ތެރެއިން ބައެއް މީހުން ބަންދު ކޮށްފައި ވަނީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި މަނާ ކުރުމުގެ ގާނޫނުގެ ދަށުން ތުހުމަތު ކޮށެވެ. އެކަމަކު، އެހެން ބައެއް މީހުންނަށް އެހެން ގާނޫނުތަކުގެ ދަށުން ވެސް ތުހުމަތުކޮށްފައިވެ އެވެ.

ޔޯގާ ހަރާކާތުގައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި އެންމެ ފުރަތަމަ ހައްޔަރުކުރި މީހުން: މި މީހުންގެ ތެރެއިން ހަތަރު މީހުން 60 ދުވަހަށް ބަންދުކުރި. (ފޮޓޯ/ޕޮލިސް)

ބިރު ދެއްކުމާއި ތޫނު ހަތިޔާރުގެ މަނާކުރުމުގެ ގާނޫނުގެ ދަށުން ބަންދު ކުރި އެކަކުގެ އަމުރު 'ދައުރު'އަށް ފެނިފައި ވާއިރު، އޭގައި އެ މީހުންނަށް ކޮށްފައިވާ ތުހުމަތުތަކަކީ:

  • ބިރުދެއްކުން

  • ތޫނު އެއްޗެއް ނުވަތަ ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުން

  • މާރާމާރީ

  • މުދަލަށް ގެއްލުން ދިނުން

  • ހުއްދަ ނޫން ތަނަކަށް ވަނުން

އެ މީހާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ހުށަހަޅާފައިވާ ކަމަށް އެ އަމުރުގައިވެ އެވެ. އަމުރުގައިވާ ގޮތުން، އޭނާ 60 ދުވަހަށް ބަންދު ކުރީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ދަށުންނެވެ. އެކަމަކު، ސީދާ އެ މާއްދާގެ ކޮން އަކުރެއްގެ ދަށުން ކަމެއް އަމުރުގައި ބަޔާނެއް ނުކުރެ އެވެ.

އެނގިފައިވާ ގޮތުގައި، ޔޯގާ ހަމަނުޖެހުމާ ގުޅިގެން 60 ދުވަހަށް ބަންދު ކުރީ ފުލުހުންނަށް އެކަށީގެންވާ މިންވަރަށް އެ މީހުންނާ ދެކޮޅަށް ހެކި ލިބިފައިވާ މީހުންނެވެ. ފުލުހުން ވަނީ އޮންލައިން ޕޯޓަލެއް މެދުވެރިކޮށް އެ ހާދިސާގެ ފޮޓޯ އާއި ވީޑިއޯ އަދި މައުލޫމާތު ފުލުހުންނަށް ހިއްސާކޮށްދިނުމަށް އެދިފަ އެވެ. ފުލުހުން އެ ގޮތަށް އެދުމުގެ ކުރިން ސޯޝަލް މީޑިއާގައި ވެސް ގިނަ އަދަދެއްގެ ފޮޓޯތަކާއި ވީޑިއޯތައް ދައުރުވި އެވެ. އޭގެ ތެރޭގައި ހައްޔަރު ކުރި ބައެއް މީހުން ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ވެސް ހިމެނެ އެވެ.

ދިފާއީ ވަކީލުން ބުނަނީ އެގޮތަށް ބަންދު ނުކުރެވޭނެ ކަމަށް

އެ މައްސަލައިގައި ބަންދު ކުރި މީހެއްގެ ވަކީލަކު، ނަން ހާމަ ނުކުރާ ގޮތަށް އެދި ވިދާޅުވީ އެ މީހުން 60 ދުވަހަށް ބަންދު ކުރަން އަމުރުކޮށްފައި ވަނީ ރަނގަަޅަށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އޭނާގެ ހިތްހަމަނުޖެހުންތައް ފާޅުކުރެއްވި އެވެ.

އެ ވަކީލު ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނުގައި ބަންދުގެ މުއްދަތުތައް ބަޔާން ކުރާ ގޮތަށް ތޫނު ހަތިޔާރު މަނާ ކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައި ނޯންނަ ކަމަށެވެ. އެހެންކަމުން މުއްދަތު ޖަހާއިރު ރުޖޫއަވާން ޖެހޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަންދާ މެދު ގޮތެއް ނިންމުމާ ބެހޭ 60 ވަނަ މާއްދާއަށް ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ މާއްދާގެ ދަށުން އެ މީހުން 60 ދުވަހަށް ބަންދު ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

"ފަނޑިޔާރަކަށް ނެތޭ އެ ދޭތެރޭގައި އިތުރު ގޮތަކަށް ބަންދުގެ މުއްދަތު ޖެހޭނެ ހަމައެއް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައެއް. ޝަރީއަތް ނިމެންދެން ބަންދަށް ޖެހޭތީ، ތިމަންނާ 60 ދުވަސް، 100 ދުވަސް، 75 ދުވަސް އެހެންނެއް ނުޖެހޭނެ،" އެ ވަކީލު ވިދާޅުވި އެވެ.

ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ދެކޮޅަށް އަޑުއުފުލި މީހުން. (ފޮޓޯ/އަލްހައިރިއްޔާ)

އޭނާ ވިދާޅުވީ، އޭނާގެ މުވައްކިލު ބަންދު ކުރީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ކޮން މާއްދާއެއްގެ ކޮން އަކުރެއްގެ ދަށުން ކަމެއް ވެސް ކޯޓު އަމުރުގައި ބަޔާންކޮށްފައި ނެތް ކަމަށެވެ. ހަމައެކަނި 60 ވަނަ މާއްދާއާ ހަވާލާދީ ވަކި އަކުރެއް ބަޔާން ކޮށްފައި ނުވާއިރު، 60 ވަނަ މާއްދާގައި އެހެނިހެން ކަންކަމާ ބެހޭ އަކުރުތައް ވެސް ހުންނަކަން އޭނާ ފާހަގަކުރެއްވި އެވެ.

ހައްޔަރުގައި ހުރި މުހައްމަދު މައުސޫމްގެ ވަކީލު އަހުމަދު ތޯލިބު ވެސް ވިދާޅުވީ، 60 ދުވަހަށް ބަންދު ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ އަމުރު އޭނާގެ މުވައްކިލު މައުސޫމްގެ ފަރާތުން އިސްތިއުނާފުކޮށް އެއީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ތޯލިބު ވިދާޅުވީ، އެ ހާދިސާގައި ނުރައްކާތެރި ހަތިޔާރު ބޭނުން ނުކުރިޔަސް، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން އެ މީހުން ބަންދު ކުރީ ގިނަ ދުވަސްތަކެއް ވަންދެން އެ މީހުން ބަންދު ކުރެވޭނެ "މަޅިއެއްގައި" ޖެއްސުމަށް ކަމަށެވެ.

"ގިނަ ދުވަސްތަކެއް ވަންދެން ބަންދު ކުރަންވެގެން ހަދާފައި އިންނަ މަޅިއެއް އެއީ،" އޭނާ ވިދާޅުވި އެވެ.

ޔޯގާ ހަރާކާތުގައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ދެ ވަނައަށް ހައްޔަރުކުރި މީހުން. (ފޮޓޯ/ޕޮލިސް)

ބޮޑެތި އެހެން މައްސަލަތަކުގައި އަމަލު ކުރާ ގޮތަަށް 15 ދުވަހަށް ބަންދު ޖަހާފައި ބަންދު އިތުރުކުރަމުން ދިއުމުގެ ބަދަލުގައި އެއްފަހަރާ 60 ދުވަސް ޖެހުމުން އެނގެނީ، އޭނާ ވިދާޅުވި ގޮތުގައި، އެކަމުގައި ދައުލަތުގެ މުއައްސަސާތައް ވާހަކަ ދައްކައިގެން "ފިކްސް" ކުރި ކަމެއް ކަމެވެ. އަދި 60 ދުވަސް ބަންދަށް ޖެހުމަކީ ނުހައްގު އަދަބެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތުހުމަތަށް ބަދަލުތަކެއް

'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ޔޯގާ މައްސަލައިގައި ހައްޔަރުކޮށް ދިގު މުއްދަތަކަށް ބަންދު ޖަހާފައިވާ އެންމެންނަށް ވެސް ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ތުހުމަތުކޮށް، އެ ގާނޫނުގެ ދަށުން އެ އެންމެން ވެސް ބަންދު ކުރަން މިހާރު ވަނީ ނިންމައިފަ އެވެ. އެ ގާނޫނުގެ ދަށުން 15 ދުވަހަށް ވުރެ އިތުރަށް ވެސް ބަންދުކުރެވިދާނެ އެވެ.

ޔޯގާ ހަރާކާތުގައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ތިން ވަނަ ބުރުގައި ހައްޔަރުކުރި މީހުން. (ފޮޓޯ/ޕޮލިސް)

ޓެރަރިޒަމްގެ ގާނޫނުގައިވާ ގޮތުން، ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ މައްސަލައެއްގައި ފުރަތަމަ ފަހަރަށް ބަންދުގެ މުއްދަތު އިތުރު ކުރާ ނަމަ ކުރަންވާނީ ހަތް ދުވަހަށް ވުރެ އިތުރު ނުވާނެ ގޮތަކަށެވެ. އަދި އެންމެ ގިނަވެގެން އިތުރުކޮށްދެވޭނީ 14 ދުވަހަށް ކަމަށް ވެސް އެ ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. އެކަމަކު، އެއަށް ވުރެ ދިގު މުއްދަތަކަށް ބަންދު އިތުރު ކުރެވޭ ހާލަތްތައް ވެސް ގާނޫނޫގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން:

  • އެހެން މައްސަލަތަކުގައި ވެސް މީހުން ބަންދުކުރާއިރު ބޭނުން ކުރާ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޝަރީއަތް ނިމެންދެން ބަންދު ކުރަން ޖެހޭ ފަދަ ހާލަތްތަކެއް ހުރި ނަމަ ޝަރީއަތް ނިމެންދެން ބަންދު ކުރެވިދާނެ

  • ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ޝަރީއަތް ނިމެންދެން ބަންދު ކުރެވޭނެ ހާލަތުން ހާލަތެއް އޮވެފައި، އެކަށީގެންވާ ވަރަށް ހެކި ނެތް ނަމަ، ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރި ނަމަ 15 ދުވަހަށް ބަންދު ކުރެވިދާނެ

  • މުއްދަތު ހަމަވުމުން އިތުރަށް މީހާ ބަންދުގައި ބަހައްޓަން ފުލުހުން ބޭނުންވެއްޖެ ނަމަ، ތުހުމަތު ކުރެވޭ މީހާއާ ގުޅޭ އެކަށީގެންވާ ހެކި އެހާތަނަށް ވެސް ލިބިފައި ނުވިޔަސް، 15 ދުވަހަށް ވުރެ އިތުރު ނޫން މުއްދަތަކަށް ބަންދު އިތުރުރެވިދާނެ

  • ތުހުމަތު ކުރެވޭ މީހާ ބަންދުގައި ހުއްޓައި އޭނާ ކުށް ކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ލިބިއްޖެ ނަމަ އޭނާ 15 ދުވަހަށް ވުރެ ދިގު މުއްދަތަކަށް ނުވަތަ ޝަރީއަތް ނިމެންދެން ބަންދު ކުރަންވާނެ

ދަނޑަށް ވަދެގަތް މީހުން ހުއްޓުވަން ފުލުހުން މަސައްކަތްކުރަނީ.

ޓެރަރިޒަމްގެ ގާނޫނަށް 2020ގައި ދެ ވަނަ އިސްލާހު ގެނައީ ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު ފެތުރި، އެ މީހުންގެ ފިކުރާ ދެކޮޅު މީހުންނަށް ހަމަލާ ދީ، މެރުން ފަދަ ކަންކަން ބޮޑުވާން ފެށުމުންނެވެ. އޭރު، ނޫސްވެރިޔާ އަހުމަދު ރިލްވާން އާއި ބްލޮގަރު ޔާމީން ރަޝީދުގެ އިތުރުން ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ މަރާލީ ވެސް ދީނީ ގޮތުން ހުރި ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުން ކަމަށް މަރުތަކުގެ މައްސަލަތައް ބަލަން މި ސަރުކާރުން އެކުލަވާލި ކޮމިޝަނުން ވެސް އޮތީ ބުނެފަ އެވެ.

އެ ގާނޫނަށް މިދިޔަ އަހަރު ތިން ވަނަ އިސްލާހު ގެނައީ ފުލުހުންނަށް ޓެރަރިޒަމްގެ މައްސަލަތަކުގައި މީހުން ހައްޔަރުކޮށް ތަހުގީގު ކުރެވޭނެ ގޮތްތައް އިތުރަށް ފަހިކޮށްދިނުމަށެވެ. އެ އިސްލާހުގެ ދަށުން އެފަދަ މައްސަލަތައް ތަހުގީގު ކުރަން ލިބޭ މުއްދަތު އިތުރުކޮށް، ކޯޓު އަމުރަކާ ނުލައި މީހުން 48 ގަޑިއިރަށް ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓޭނެ ގޮތް ވެސް ހެދި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް