އަދުނާން ސާމީ (ވ) މިދިޔަ މަހު ރާއްޖެ އަށް ކުރި ދަތުރުގައި ދަރިފުޅު މަދީނާ (މ) އަދި އަންހެނުން ރޯޔާ ސާމީ ހާންއާ އެކު ކ. އަތޮޅުގެ ކުޑަ ވިލިނގިލި ރިސޯޓުގައި: އަހަރުތަކެއް ފަހުން އާ ލަވަޔައަކާ އެކު އެނބުރި އަންނަން ތައްޔާރުވަމުން އަންނަ އަދުނާން ރާއްޖޭގެ ރީތިކަމަށާއި މެހުމާންދާރީއަށް ތައުރީފުކުރި.

މިއުޒިކް

އަދުނާން ސާމީގެ އިންޓަވިއު: ރާއްޖޭގެ ރީތިކަމާއި ހަޔާތުގެ ވާހަކަތައް

ރާއްޖެއަށް ކުރި ފުރަތަމަ ޒިޔާރަތުގައި އަދުނާން ވަނީ ކުޑައިރު އޭނާގެ ހުނަރު ކުރިއަރައިގެން އައި ގޮތާއި ބަރުދަން ލުއިކުރުމުގެ ދަތުރު އަދި ރާއްޖެ ތަޖުރިބާކުރެވުނު ގޮތް 'ދައުރު' އަށް ކިޔައިދީފައި
29 ޖުލައި 2022
3

މުހިންމު ނުކުތާތައް

އަދުނާން ބުނިގޮތުގައި ރާއްޖެހާ ގުދުރަތީ ގޮތުން ރީތި ތަނަކަށް އޭނާއަށް ދެވިފައެއް ނެތް

ކުރިން އަބަދު މަސައްކަތުގައި އުޅޭތީ އެކަނިވެރިކަން އިހުސާސްކުރެވުނު؛ މިހާރު އުޅެނީ އާއިލީ އުފަލުގައި

ބަރުދަން ލުއިކުރީ ސާޖަރީއެއް ހަދައިގެން ނޫން ކަމަށް ބުނި

އެތައް އަހަރެއް ވަންދެން ގެއްލިފައި ހުރުމަށް ފަހު މިއުޒީޝަން އަދި ލަވަކިޔުންތެރިޔާ އަދުނާން ސާމީ އާންމުންނަށް ފެނުނީ އޭނާ މިދިޔަ މަހު ރާއްޖެ އަށް ކުރި ޗުއްޓީ ދަތުރުގެ ފޮޓޯތައް އިންސްޓަގްރާމުގައި އާއްމުކުރުމުންނެވެ. މުޅިން އަލަށް ރާއްޖެ އައިސް އާއިލާ އާއެކު މާލެ އަތޮޅުގެ ކުޑަ ވިލިނގިލި ރިޒޯޓުގައި ހޭދަކުރި އެ ހަފްތާ ތެރޭ އޭނާ ވަނީ 'ދައުރު' އަށް ހާއްސަ އިންޓަވިއުއެއް ދީފަ އެވެ.

އޭނާގެ އަމިއްލަ ދިރިއުޅުމާއި މިއުޒިކީ ހަޔާތާއި ބަރުދަން ލުއިކުރަން ކުރި މަސައްކަތާއި ރާއްޖެއާ ބެހޭގޮތުން އަދުނާން ވާހަކަދެއްކި އެވެ.

"އަަހަރެންގެ ހިތަށް އެރި ކުރިން މި ތަނަށް ނާދެވުނީ ކީއްވެގެންބާވައޭ. ރާއްޖެއަށް އަންނަން މިހާ ގިނަ ދުވަސްވީ ކީއްވެގެންބާވައޭ،" އަދުނާން، 50، ހިނިގަނޑެއް ޖަހާލައިފައި ބުންޏެވެ. 

އަދުނާން ސާމީ ރާއްޖެ އަށް ކުރި ދަތުރުގެ ތެރެއިން

އެއީ އަހަރެންގެ ލަވަ 'ތެރާ ޗެހެރާ.' ކުއްލިއަކަށް ގަސްތަކުގެ ތެރެއިން ރިސޯޓުގެ މުވައްޒަފުން ނުކުންނަން ފެށީ. ފްލޭޝް މޮބެއް ގޮތަށް އެންމެން ހިނިތުންވެލައިގެން ލަވަޔަށް ނަށަން ފެށީ. އެއީ ހަމަ އެއްގޮތަކަށް ވެސް ހަނދާނުން ނުފިލާނެ އުފާވެރި މަންޒަރެއް

އަދުނާން ސާމީ

ގިނަ ހިޓު ލަވަތަކެއް ރިލީޒް ކުރަމުން ގޮސް އަދުނާން ކުއްލިއަކަށް ގެއްލުނީ 2005 ވަނަ އަހަރު އެވެ. އޭގެ ފަހުން 2007 ވަނަ އަހަރު އަލްބަމެއް ރިލީޒް ކުރި އެވެ. ފަހުން ފަހުން އައިސް މިއުޒިކުގައި އަދުނާންގެ އަޑެއްބަޑެއް ނީވެ އެވެ. އެކަމަކު ހިންދީ ލަވަތަކަށް ލޯބިކުރާ މީހުންގެ މެދުގައި އޭނާގެ ލަވަތައް އަބަދުވެސް މަގުބޫލެވެ. 'ސުން ޒަރާ'، 'ތެރާ ޗެހެރާ'، 'ލިފްޓް ކަރާދޭ'، 'ތޭރީ ޔާދު' އަދި 'މޭރީ ޔާދު' ފަދަ ލަވަތައް ދިވެހިންގެ މެދުގައި ވެސް މަގުބޫލެވެ. ދިވެހި ޖީލެއް ބޮޑުވީ މި ލަވަތައް އަޑުއަހަމުންނޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

އަދުނާން ސާމީ 'ސުން ޒަރާ' ކިޔަނީ

އެންމެ ކުޑައިރު ވެސް ކުޅަދާނަ މިއުޒީޝަނެއް

އަށްޑިހައިގެ އަހަރުތަކުން ފެށިގެން މިއުޒިކުގައި ވިދާލި އަދުނާންގެ ހުނަރު ފާހަގަވެގެން އެ ހުނަރު ކުރިއަރުވަން ވަރަށް ކުޑައިރުންސުރެ އޭނާގެ ބެލެނިވެރިން މަސައްކަތް ފަށައިފި އެވެ. އަދުނާން ކިޔައިދިން ގޮތުގައި އޭނާގެ ބައްޕަ އަބަދުވެސް އޭނާއަށް ހިތްވަރުދީ އޭނާ ކުރަން ބޭނުންވާ ކަންކަމަށް ފުރުސަތު ހޯދައިދޭން މަސައްކަތްކުރެ އެވެ.

ކުޑަކުދިން ކުޅޭއެއްޗެހި ގަނެދިނުމަށް އެދޭ އުމުރުގައި ވެސް އަދުނާން ބޭނުންވީ މިއުޒިކް އިންސްޓްރޫމެންޓުތަކެވެ. އޭނާގެ އުމުރުން އެންމެ 5 އަހަރުގައި ޕިއާނޯ ކުޅެން ފަށައިފި އެވެ. އޭގެ ފަހުން، 70ގެ އަހަރުތަކުގެ ތެރޭ، އެއް ދުވަހަކު ސްކޫލުގައި ޕިއާނޯ ޕާފޯމަންސެއް ދެނިކޮށް ބީބީސީގެ ކޮރެސްޕޮންޑަންޓަކަށް އޭނާގެ ހުނަރު ފާހަގަވެގެން އަދުނާން އަށް ހާއްސަ ޕްރޮގްރާމެއް ހަދަން އޭނާގެ ބައްޕަ އަށް ހިޔާލު ހުށަހެޅި އެވެ. އޭނާ އަދުނާން ސިފަކުރީ 'ޕްރޮޓެޖޭ'އެއްގެ ގޮތުގަ އެވެ. 

އަދުނާން އެންމެ ފުރަތަމަ މިއުޒިކް ކޮމްޕޯސް ކުރީ އުމުރުން 9 އަހަރުގަ އެވެ. އޭގެ ފަހުން އިނގިރޭސިވިލާތުގެ ބޯޑިން ސްކޫލެއްގައި ހުރި އިރު މިއުޒިކް ޓީޗަރެއްގެ އިރުޝާދުގެ ދަށުން މިއުޒިކު ކޮމްޕޯޒުކޮށް އުފައްދަން ދަސްކުރަން ފެށީ ކަމަށް އޭނާ ކިޔައިދިނެވެ. އޭރު އޭނާ ގެންދިޔައީ ޕިއާނޯއާ އެކު އެހެން އިންސްރޫމެންޓުތައް ވެސް ދަސްކުރަމުންނެވެ.

އަދުނާންގެ ޕިއާނޯ ކުޅުމުގެ ހުނަރު ފާހަގަކޮށް އެމެރިކާގެ މިއުޒިކް މަޖައްލާ 'ކީބޯޑް' އިން 90ގެ އަހަރުތަކުގެ ތެރޭގައި ވަނީ އޭނާ އަށް 'ފާސްޓަސްޓް މޭން އޮން ދަ ކީބޯޑްސް'ގެ ލަގަބު ދީފަ އެވެ.

އަދުނާންގެ ހަލުވިކޮށް ޕިއާނޯ ކުޅުމުގެ ހުނަރު ދައްކާލަނީ

އަދުނާން ބުނިގޮތުގައި އޭނާއަށް މިހާރު 35 މިއުޒިކު އިންސްޓްރުމެންޓު ކުޅެން އެނގެ އެވެ.

އިންޑިއާގެ ކްލެސިކަލް މިއުޒިކް އިންސްޓްރޫމެންޓެއް ކަމަށްވާ ސަންތޫރުގެ ރާގުތައް ފުރަތަމަ ފަހަރަށް ޕިއާނޯއަކުން ކުޅުނު މިއުޒީޝަނަކީ ވެސް އަދުނާން އެވެ. އެކަމަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވި ނަމަވެސް އިންޑިއާގެ ގިނަ މިއުޒީޝަނުން އޭނާއަށް ތައުރީފުކޮށް ހިތްވަރުދިންކަން އަދުނާން ފާހަގަކުރި އެވެ.

އިންޑިއާގެ މިއުޒިކަށް ކުރާ ހިދުމަތުގެ އަގު ވަޒަންކޮށް 2021 ވަނަ އަހަރު އިންޑިއާ ސަރުކާރުން އޭނާ އަށް ވަނީ ޕަދުމާ ޝްރީ އެވޯޑު ދީފަ އެވެ. މިއީ އިންޑިއާގެ އާންމު ރައްޔިތުންނަށް ދޭ ހަތަރުވަނަ އަށް އެންމެ ޝަރަފުވެރި އެވޯޑެވެ.

އަދުނާން ސާމީ ކޮންސެޓެއްގައި ޕާޕޯމް ކުރަނީ

'މިއުޒިކް ކުޅެންވީ މަޝްހޫރުވާކަށް ނޫން'

ބައްޕައަކީ ޑިޕްލޮމެޓަކަށް ވުމުން އަދުނާން ބޮޑުވީ އެކި ގައުމުތަކުގައި ދިރިއުޅެމުންނެވެ. އޭނާ ބުނިގޮތުގައި މިއުޒީޝަނެއް ނޫން ނަމަވެސް ބައްޕަ އެކި ވައްތަރުގެ މިއުޒިކަށް އިންތިހާއަށް ލޯބި ކުރެ އެވެ. ވަކިން ހާއްސަކޮށް ކްލެސިކަލް މިއުޒިކަށް ވަރަށް އިހުތިރާމު ކުރެ އެވެ. އެހެންކަމުން، އަދުނާން ކޮންމެ ފަހަރަކު އަނބުރާ އިންޑިއާއަށް ދާއިރު، ޕަންޑިތު ޝިވްކުމާރު ޝަރްމާ ގާތުން ކްލެސިކަލް މިއުޒިކް ކުޅެން ދަސް ކުރި އެވެ.

އޭނާގެ ފުރާވަރުގެ ދުވަސްތައް ހޭދަކުރީ ޔޫއޭއީގެ އަބޫ ދާބީގަ އެވެ. އެއީ 80ގެ އަހަރުތަކެވެ. އޭނާ ބޭނުންވީ އިންޑިއާގެ މިއުޒިކަށް ފޯކަސް ކުރާށެވެ. އަރަބި ގައުމެއްގައި ހުރެގެން އެކަން ކުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވި އެވެ. އެކަަމަކު އަދުނާން ބުނީ "އެ މީހެއްގެ ހުނަރު ހުރެފައި، ހިތްވަރު ގަދަ ނަމަ އެހެން ގައުމަކަށް ހިޖުރަ ކުރަންވީ" ކަމަށެވެ.

ކުރިން ނަމަ ކެސެޓު ނޫނީ ސީޑީ ނެރެން ޖެހެ އެވެ. އަދި ރަނގަޅު ރެކޯޑު ލޭބަލެއް ބޭނުންވެ އެވެ. މިހާރު އެ ކަންކަމާ ނުލައި ވެސް މިއުޒިކުގައި ކުރިއެރުން ހޯދިދާނެ އެވެ.

ދިވެހި ފަންނާނުންނަށް ދޭނެ ނަސޭހަތަކީ ކޮބައިތޯ ސުވާލުކުރުމުން ދެއްކި ވާހަކައިގެ ތެރޭގައި އަދުނާން ބުނިގޮތުގައި ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް އެ މީހެއްގެ ލަވަތައް ނެރެ، ރަނގަޅަށް މާކެޓް ކޮށްފި ނަމަ ކާމިޔާބު ވާނެ އެވެ. އެކަމަކު އަދުނާން ބުނީ މި ދާއިރާއަށް ވަންނަން ޖެހޭނީ ރަނގަޅު ނިޔަތެއްގައި ކަމަށެވެ.

"ހަމައެކަނި މަޝްހޫރުވާން ބޭނުންވެގެނެއް ނޫން. އެ މީހެއްގެ ކްރާފްޓް ރަނގަޅުކޮށް މުއްސަނދި ކުރަން މަސައްކަތް ކުރަންވީ. އެހެން ހުރިހާ ކަމެއް އެއަށް ފަހު އަންނާނެ. ދުނިޔޭގެ ކޮންމެ ތާކުން ވެސް އުފެއްދުންތައް ނެރެވިދާނެ މިހާރު،" އޭނާ ބުންޏެވެ. 

ކުރިން އަބަދު މަސައްކަތުގައި، މިހާރު އާއިލީ އުފާ

އެތައް އަހަރެއް ވަންދެން މިއުޒިކުގެ މަސައްކަތުގައި، ލަވައިގެ ދުނިޔޭގައި އުޅުނު އިރު ވެސް އަދުނާންއަށް މިއުޒިކު ކުޅުމަކީ މަސައްކަތެއްގެ ގޮތަކަށް ސިފައެއް ނުކުރެވުނެވެ. އެއީ އޭނާގެ ހަޔާތުގައި މިއުޒިކް އަދާކުރާ ދައުރު ބޮޑުކަމުންނެވެ.

އަދުނާން ސާމީ ރާއްޖެ އަށް ކުރި ދަތުރުގައި ދަރިފުޅު މަދީނާ އާއި އަންހެނުން ރޯޔާ ސާމީ ހާންއާ އެކު

ކައިވެންޏެއް ކުރުމުގެ ކުރިން އަދުނާންގެ މުޅި ފޯކަސް ހުރީ މިއުޒިކު އުފެއްދުމަށެވެ. އޭރު އާދީއްތައެއް، ހޯމައެއް ނޯވެ އެވެ. ޗުއްޓީއެއް ނުނަގަ އެވެ. ސްޓޫޑިއޯގައި އަވަދިނެތި މަސައްކަތުގައި އެތައް ގަޑިއިރެއް ހޭދަ ކުރަން ވެސް މައްސަލައެއް ނޯވެ އެވެ. 

އެކަމަކު ބޮޑު ކޮންސެޓެއް ނިންމާލުމަށް ފަހު އެކަނިމާއެކަނި ދާން ޖެހެނީ ހުސް ކޮޓަރިއަކަށެވެ. އަދުނާން ބުނިގޮތުގައި އޭނާ އަށް އެންމެ ބޮޑަށް އެކަނިވެރިކަން އިހުސާސް ކުރެވޭ ވަގުތުތަކަކީ އެއީ އެވެ.

އަދުނާން ސާމީ ރާއްޖެ އަށް ކުރި ދަތުރުގައި ދަރިފުޅު މަދީނާއާ އެކު

މިހާރު އޭނާގެ ވިސްނުން ބަދަލު ވެއްޖެ އެވެ. ޗުއްޓީ ދުވަސްތަކުގައި އާއިލާއާ އެކު ވަގުތު ހޭދަކޮށް، ސްޓޫޑިއޯ މަސައްކަތުގައި ދަރިފުޅު މަދީނާ ބައިވެރި ކުރެ އެވެ. އޭނާ ރާއްޖެ އަށް ޗުއްޓީ އަށް އައީ ވެސް އެންމެ ފަހުގެ މިއުޒިކު ޕްރޮޖެކްޓު ނިންމާލުމަށް ފަހު އާއިލާ އާއިއެކު ވަގުތު ހޭދަ ކުރުމަށެވެ. އެއީ އާއިލާ އަށްޓަކައި އޭނާ ހުސްކުރި އެއް ހަފްތާ އެވެ.

"ހުރިހާ މަސައްކަތަކުން ދުރުވެ އާއިލާއާ އެކު ވަގުތު ހޭދަ ކުރުމުން މީހާގެ ސިކުނޑި ތާޒާ ވެސް ވާނެ،" އަދުނާން ބުންޏެވެ.

ރާއްޖެއަށް ކުރި ދަތުރަށް ފަހު އަދުނާން ވަނީ އޭނާގެ އެންމެ ފަހުގެ އުފެއްދުން 'އަލްވިދާ'ގެ ޓީޒާއެއް އާންމުކޮށްފަ އެވެ. މިއީ އެތައް އަހަރަކަށް ފަހު އޭނާގެ އަޑުން އާ ލަވައެއް އިވޭނެ ފުރަތަމަ ފަހަރެވެ.

އަދުނާން އަލަށް ނެރެން އުޅޭ ލަވަ 'އަލްވިދާ'ގެ ޓީޒާ

މީހުން ކިޔާފާނެ ކޮންމެވެސް ސާޖަރީއެއް، ލައިޕޯސަކްޝަނެއް އަހަރެން ހެދީއޭ. އެކަމަކު ހަމަ ރަނގަޅު ޑަޔަޓެއް ކޮށްގެން ހިކުނީ

އަދުނާން ސާމީ

ހަށިގަނޑުން 130 ކިލޯ ހިއްކާލީ ކެއުން ރަނގަޅުކޮށްގެން

އަދުނާންގެ ހުނަރުވެރިކަމުގެ ވާހަކައާ އެކު އަބަދުވެސް އޭނާގެ ހަށިގަނޑުގެ ވާހަކަ ވެސް ދެކެވެ އެވެ. އޭނާ ވަނީ ލިމްފެޑީމާ އަށް ފަރުވާ ހޯދައިފަ އެވެ. އެއާއެކު ބެޑް ރެސްޓުގައި އޮންނަން ޖެހުމުން ހަށިގަނޑު އިތުރަށް ބުރަހެލިވި އެވެ. ހެލިފެލިވެ އުޅެން ދަނޑިގަނޑެއް ނުވަތަ ވީލް ޗެއާއެއް ބޭނުން ކުރަން ޖެހުނެވެ. އަދުނާންގެ ބަރުދަނުގައި 2005 ވަނަ އަހަރު 250 ކިލޯ ހުއްޓެވެ.

އެ އަހަރު އޭނާގެ ބައްޕަގެ ހެލްތު ޗެކަޕަކަށް ލަންޑަނަށް ގޮސް އުޅުމުގެ ތެރޭ އަދުނާންގެ ވެސް މެޑިކަލް ޗެކަޕެއް ހެދުމަކީ ހަށިގަނޑަށް ބަދަލު ގެންނަން މަސައްކަތް ފެށި ހިސާބު ކަމަށް އަދުނާން ބުންޏެވެ.

ޑޮކްޓަރު ބުނިގޮތުގައި އޭނާގެ މުހިއްމު ހުރިހާ ގުނަވަންތަކެއް ހުރީ ވަރަށް ނުރައްކާތެރި ހާލަތެއްގަ އެވެ. އަދި ދިރިއުޅުމުގެ އާދަތަކަށް ބަދަލު ނުގެނެސްފި ނަމަ ހަ މަސް ދުވަހުގެ ތެރޭގައި އޭނާ މަރުވުމުގެ ނުރައްކާ އޮތް ކަމުގެ ބިރުވެރި އިންޒާރު ޑޮކްޓަރު ދިނެވެ. އެ ވާހަކަ އަޑު އަހަން ހުރި އަދުނާންގެ ބައްޕަ، ލިބުނު ހިތާމައިގައި، ބުނީ ބައްޕައަށް ވުރެ ކުރިން އަދުނާން ވަޅުލަންޖެހޭ ދުވަހެއް ދެކެން ބޭނުން ނުވާ ކަމަށެވެ.

ޑޮކްޓަރުންގެ ލަފަ އާއި ބައްޕަގެ އެ ވާހަކަ އާއެކު މަސައްކަތް ފެށި ގޮތަށް އަދުނާން އޭނާގެ ހަށިގަނޑުން 130 ކިލޯ ލުއިކޮށްލި އެވެ. މިހާރު އޭނާގެ ބަރުދަނުގައި ހުރީ 65 ކިލޯ އެވެ. 

"މީހުން ކިޔާފާނެ ކޮންމެވެސް ސާޖަރީއެއް، ލައިޕޯސަކްޝަނެއް އަހަރެން ހެދީއޭ. އެކަމަކު ހަމަ ރަނގަޅު ޑަޔަޓެއް ކޮށްގެން ހިކުނީ. މީހުންނަކަށް ނޭނގޭ ބުނާ ބަހަކީ ވަރަށް ބާރުގަދަ އެއްޗެއް ކަމެއް،" އަދުނާން ބުންޏެވެ.

"އަހަރެންނަކީ ވަރަށް އަޒުމް ވަރުގަދަ މީހެއް. ކަމަކަށް ފޯކަސް ކޮށްފި ނަމަ އެ ކަމެއް ހާސިލު ކޮށްފައި ހުއްޓާލާނީ."

އަދުނާން ސާމީގެ ހަށިގަނޑަށް އައިސްފައިވާ ބަދަލު

ރާއްޖެ އަށް ކުރި ފުރަތަމަ ދަތުރު

އިންޑިއާގެ ސެލެބްރިޓީންގެ މެދުގައި ރާއްޖެ އަކީ ކިތަންމެ މަގުބޫލު މަންޒިލެއް ނަމަވެސް އަދުނާން ރާއްޖެ ޒިޔާރަތްކުރި މިއީ ފުރަތަމަ ފަހަރެވެ. އެކަމަކު ރާއްޖޭގެ ރީތިކަން ފޮޓޯތަކުން ފެނި އަދި މީހުން އެ ވާހަކަ ދައްކާ އަޑު އޭނާ ވެސް އެހި އެވެ. އަދުނާން ބުނީ އެ ވާހަކަތަކަކީ ހަގީގަތެއްކަން ފެނި ކަށަވަރު ވެއްޖެ ކަމަށާއި ގިނަގިނައިން ރާއްޖެ އަންނަން ބޭނުންވާ ކަމަށެވެ.

އަަހަރެންގެ ހިތަށް އެރި ކުރިން މި ތަނަށް ނާދެވުނީ ކީއްވެގެންބާވައޭ. ރާއްޖެއަށް އަންނަން މިހާ ގިނަ ދުވަސްވީ ކީއްވެގެންބާވައޭ

އަދުނާން ސާމީ

އަނބިމީހާ ރޯޔާ ސާމީ ހާން އާއި ދަރިފުޅު ގޮވައިގެން އައިސް ކުޑަ ވިލިނގިލި ރިސޯޓުގައި ހުރެ، ފޮޓޯ ނުނަގާ ގޮތަށް، ހަމައެކަނި 'ދައުރު' އަށް ދިން އިންޓަވިއުގައި އޭނާ ބުނީ ރާއްޖޭގެ ރީތިކަން ފޮޓޯތަކުން ފެންނަ ވަރަށް ވުރެ ވެސް ހަމަ ލޮލަށް މާ ރީތިވެފައި ފުރިހަމަ ކަމަށެވެ.

އަދުނާން ސާމީ ރާއްޖެ އަށް ކުރި ދަތުރުގައި އަންހެނުން ރޯޔާއާ އެކު ނަގާފައިވާ ބައެއް ސެލްފީ

ކުޑަ ވިލިނގިލި ރިސޯޓުގެ ކޮޓަރިތަކާއި ރެސްޓޯރެންޓުތަކުގެ ރީތިކަމާއި މެހުމާންދާރީގެ ފުރިހަމަކަން އަދުނާން ފާހަގަކުރި އެވެ. އޭނާގެ ހިތުން ފިލައިގެން ނުދާނެ އަނެއް ކަމަކީ މުވައްޒަފުން އޭނާއަށް ދިން ހާއްސަ ސަޕްރައިޒެވެ. 

"އެއް ރޭ 'އީސްޓު' (ރިސޯޓުގެ ތައި ރެސްޓޯރެންޓު) ގައި އަަހަރެންނާއި އާއިލާ ކާން ތިއްބާ ކުއްލިއަކަށް އަލިގަދަ ބޮކިތަކެއް ދިއްލާލީ. ދެން އިވުނީ ލަވައެއްގެ އަޑު. އެއީ އަހަރެންގެ ލަވަ 'ތެރާ ޗެހެރާ.' ކުއްލިއަކަށް ގަސްތަކުގެ ތެރެއިން ރިސޯޓުގެ މުވައްޒަފުން ނުކުންނަން ފެށީ. ފްލޭޝް މޮބެއް ގޮތަށް އެންމެން ހިނިތުންވެލައިގެން ލަވަޔަށް ނަށަން ފެށީ. އެއީ ހަމަ އެއްގޮތަކަށް ވެސް ހަނދާނުން ނުފިލާނެ އުފާވެރި މަންޒަރެއް،" އޭނާ ކިޔައިދިނެވެ.

އަދުނާން ކުޑައިރުއްސުރެން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް އުޅުމުގެ ތެރޭގައި ދުނިޔޭގެ އެންމެ ނަން މަޝްހޫރު ގޮނޑުދޮށްތައް ބަލައި ތަޖުރިބާކުރުމުގެ ނަސީބު ލިބުނެވެ. އެކަމަކު، އޭނާ ބުނިގޮތުގައި، މިހާތަނަށް ރާއްޖޭގެ ގޮނޑުދޮށް ފަދަ ހިތްގައިމު ތަނެއް އަދި ގުދުރަތީ ގޮތުން މިހާ ރީތި ގައުމެއް އޭނާއަށް ތަޖުރިބާކުރެވިފައެއް ނެތެވެ.

ރާއްޖޭގައި ހޭދަކުރި ފުރަތަމަ ޗުއްޓީ އޭނާ ސިފަކުރީ "ފަސްޓް ކްލާސް" ތަޖުރިބާއެއްގެ ގޮތުގަ އެވެ.

ކޮމެންޓް (3)

މ. ކަނބުލޮ

29 ޖުލައި 2022
ވަރަށް ޝައުގުވެރިކަމާއެކު ކިޔާލެވިއްޖެ. ސަޅި ލިޔުންކޮޅެއް. ދަ ފްލޭޝް މޮބް ވޯސް ސޯ ކިއުޓް!!
1 0

އަލް އަމީރު

29 ޖުލައި 2022
ގުޑް ރީޑް 👍
1 0

މުޙައްމަދު

29 ޖުލައި 2022
ސަޅި އިންޓަވިއު އެއް. ތެންކްސް މުނާލް 😊
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް