ފުލުހުންގެ އޮޕަރޭޝަންތަކުގައި އަތުލައިގަތް 314 ކިލޯގެ މަސްތުވާތަކެތި ކ. ދޫނިދޫގައި 28 ޑިސެމްބަރު 2021ގައި އަންދާލަން ތައްޔާރުކުރަނީ: މައްސަލައަކީ މި އެއްޗެހި ރާއްޖެއަށް އެތެރެކުރާ މީހުންގެ ޝަރީއަތްތައް ކުރިއަށް ނުދިއުން (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)

ރައީސްގެ މި ވައުދު މި އަހަރު ފުއްދިދާނެތަ؟

ޑިސެމްބަރު 2021ގައި ރައީސް ރިޔާސަތު ބެލެހެއްޓެވި ބައްދަލުވުމެއްގައި ކަނޑައެޅުއްވި ލަނޑުދަނޑި ވެސް ހާސިލެއްނުވި
3 ޖެނުއަރީ 2023
3

މުހިންމު ނުކުތާތައް

މިދިއަ އަހަރު ސަރުކާރުން މަޖިލީހަށް ފޮނުވަން ތާވަލްކުރި ބިލްތަކުގެ ކުރީގައި އޮތީ އެ ބިލް، އެކަމަކު ނުފޮނުވުނު

މަސްތުވާތަކެތީގެ މައްސަލައަށް ބޮޑު ހައްލެއް ނުގެނެވޭ ކަމަށް ރައީސް ގަބޫލުފުޅުކުރައްވާ

ބައެއް އޮފިޝަލުންގެ ސުވާލަކީ ގާނޫނަށް މުހިންމު ބަދަލުތަކެއް ނުގެނެވިގެން އުޅެނީ ކީއްވެހޭ

ޑިސެމްބަރު 2021ގައި، ރައީސް އޮފީހުގައި ވަރަށް ހާއްސަ ބައްދަލުވުމެއް އޮތެވެ. އެއް ގޮތަކުން އެއީ މަސްތުވާތަކެތީގެ މައްސަލައަށް ބޮޑު ހައްލެއް ހޯދުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ގަބޫލުފުޅުކުރެއްވިގެން ބޭއްވެވި ބައްދަލުވުމެކެވެ.

"ރައީސް ވިދާޅުވި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަންވާ ވަރަށް މަސައްކަތް ނުކުރެވެއޭ،" އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅަކު، މައްސަލައިގެ ގޮތުން ނަން ސިއްރުކުރަން އެދިވަޑައިގަންނަވަމުން، ވިދާޅުވި އެވެ.

އޭނާގެ ތަރުޖަމާއަކީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގައި ސަރުކާރު ފެއިލްވެފައިވާކަން، އެ ބައްދަލުވުމުގައި ރައީސް ގަބޫލުފުޅުކުރެއްވި ކަމެވެ. ސަރުކާރަށް އޭރު ތިން އަހަރު ވެއްޖެ އެވެ. އެކަމަކު މަސްތުވާތަކެތީގެ ވިޔަފާރިއަށް ހުރަސްއެޅުމާއި އެ ވިޔަފާރީގައި އިސްކޮށް އުޅޭ މީހުންގެ ޝަރީއަތްތައް އަވަހަށް ނިންމުން ފަދަ ކަންކަމުގައި، ރައީސް ބޭނުންފުޅުވާ ވަރުގެ ނަތީޖާއެއް ނުނެރެވޭކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް ވިދާޅުވީ ކަމާ ބެހޭ ހުރިހާ އެންމެން ގުޅިގެން މަސައްކަތްކުރަން. ފައިސާ ބޭނުންވެއްޖެ ނަމަ އެކަމަށް ދައްޗެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވި،" އޭނާ ކިޔައިދެއްވި އެވެ.

ނަމަވެސް ރައީސް ރިޔާސަތު ބެލެހެއްޓެވި ޓާސްކް ފޯސްގައި ހިމެނޭ ބައެއް ފަރާތްތަކަށް އަދިވެސް ނަތީޖާއަކާ ހަމައަށް ނުދެވެ އެވެ. މިސާލަކަށް މަސްތުވާތަކެތީގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތަކެވެ.

މާ ބޮޑު، މާ ގިނަ ވަގުތު ނަގާނެ ކަމެއްތަ؟

މަސް ދޯންޏެއްގެ ކައްޕި އާއި ހުރިހާ ފަޅުވެރިން ބާލާފައި އެހެން މީހަކަށް ދަތުރެއް ކުރަން ހަވާލުކުރަނީ އެވެ. ނުވަތަ ލޯންޗެއްގެ ހުރިހާ ފަޅުވެރިން ބާލާފައި، އެހެން ބައެއްގެ 'ހާއްސަ ދަތުރަކަށް' ލޯންޗު ދެނީ އެވެ.

މިސާލަކަށް މި ދެ އުޅަނދު ފުލުހުން މި އަތުލައިގަންނަނީ ރާއްޖޭގެ އިގުތިސާދީ ހާއްސަ ޒޯންގެ ވެސް ބޭރަށް ދަތުރުކޮށްފައި އަންނަ ތަނުންނެވެ. ބައެއް ފަހަރަށް މަސްތުވާތަކެތީގެ ބޮޑެތި ޝިޕްމަންޓްތަކާ އެކު އެވެ. ފުލުހުން އެދެނީ އެގޮތަށް އެހެން ބަޔަކާ ހަވާލުކުރާ އުޅަނދުފަހަރު މަސްތުވާތަކެއްޗާ އެކު އަތުލައިގަނެވިއްޖެ ނަމަ، ދައުލަތަށް އެ އުޅަނދެއް ނަގާށެވެ.

"އެހެން ނޫނީ ފުލުހުންގެ ބެލުމުގެ ދަށުގައި އެ ބާއްވަން އެބަ ޖެހޭ، ޝަރީއަތް ނިމެންދެން. އެއަށް ގެއްލުމެއް ލިބުނަސް ދައުލަތަށް މި ޖެހެނީ އެ އެއްޗެއް ހަދަން،" މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތުގައި އިސް ދައުރެއް އަދާކުރައްވާ ބޭފުޅަކު، ނަން ނުޖަހަން ޝަރުތުކުރައްވައި، ވިދާޅުވި އެވެ.

"މިވަރުގެ ބަދަލެއް ގާނޫނަށް ނުގެނެވިގެން މި އުޅެނީ. އަހަންނަކަށް ނުވިސްނޭ އެއީ މާ ބޮޑު، މާ ގިނަ ވަގުތު ނަގާނެ ކަމެކޭ."

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، 14 ސެޕްޓެމްބަރު 2019ގައި އެންޑީއޭގެ ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ނަމަވެސް އެ ބިލެއް ރައްޔިތުންގެ މަޖިލީހަކަށް ނުފޮނުވެ އެވެ. މިދިއަ އަހަރު ސަރުކާރުގެ ފަރާތުން މަޖިލީހަށް ފޮނުވަން ކަނޑައެޅި ބިލްތަކުގެ އެއްވަނާގައި އޮތީ މަސްތުވާތަކެތީގެ ގާނޫނަށް ގެންނަ އިސްލާހެވެ. ނަމަވެސް އަހަރު ނިމުނީ އެ ބިލްގެ ހަބަރެއް، މަސްތުވާތަކެއްޗާ ދެކޮޅު ޓާސްކް ފޯސްގެ ބައެއް ފަރާތްތަކަށް ވެސް ނުލިބި އެވެ.

ރައީސް ސޯލިހު އެއްބަސްވެވަޑައިގެންނެވި އެހެން ކަމެއް ވެސް، ޑިސެމްބަރު 2021ގެ ހާއްސަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅަކު ކިޔައިދެއްވި އެވެ: ދިގުލައިގެންދާ މަސްތުވާތަކެތީގެ ޝަރީއަތްތައް އަވަސްކުރުމެވެ.

އެ މައްސަލައަށް ހައްލެއް ގެނައުމުގެ އެއް ގޮތަކީ، އެ ބައްދަލުވުމުގައި ބަދަލުކުރި ހިޔާލުތަކަށް ބިނާކޮށް، އެކަކު ވިދާޅުވި ގޮތުގައި، މިހާރުގެ ޑްރަގް ކޯޓަށް އެ ބާރު ދިނުމެވެ. މާނައަކީ، ތޮއްޖެހިފައި ހުރި ޝަރީއަތްތައް ދެ އަހަރެއްހާ ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމާލުމެވެ. ވަގުތީ ފަނޑިޔާރުން ހޯދައިގެން ނަމަވެސް، ނަތީޖާ ހާސިލްކުރުމެވެ.

ރައީސް ގަބޫލުކުރައްވާ އެކަށީގެންވާ މަސައްކަތެއް ނުކުރެވި އޮތް ކަމަށް. އެހެންވެތާ އެ ދުވަހުގެ ރިޔާސަތު ބެލެހެއްޓެވީ. ކުރިން ނަމަ އެއީ ނައިބު ރައީސް ޗެއާކުރައްވާ ބައްދަލުވުމެއް.

ޑިސެމްބަރު 2021ގައި އޮތް ޓާސްކް ފޯސްގެ ބައްދަލުވުމުގެ މައުލޫމާތު ހުރި ބޭފުޅެއް

ރާއްޖޭގައި ހިންގާ މަސްތުވާތަކެތީގެ ވިޔަފާރީގެ އަގު އެތައް ސަތޭކަ މިލިއަން ރުފިޔާއަކަށް އަރަ އެވެ. އެހެންކަމުން އެ ވިޔަފާރީގެ ބައިވެރިންގެ ނުފޫޒު ނުފޯރާ ތަނެއް ރާއްޖެއަކު ނެތެވެ. ކޯޓުތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސަރުކާރުގެ ނުފޫޒު ގަދަ ވެރިންނެވެ. މި ވިޔަފާރީގެ ބައިވެރިންނަކީ މުޅި ގައުމަށް އޮތް އެންމެ ބޮޑު އެއް ނުރައްކަލެވެ. ރީތި މޫނު ދައްކައިގެން އުޅޭ އެ މީހުންގެ ވިޔަފާރީގައި ހަލާކުވަނީ އެތަކެއް ހާސް ދިވެހިންނެވެ. ނެތިދަނީ އެތަކެއް ޒުވާނުންގެ މުސްތަގުބަލެވެ. އާއިލާތަކުގެ ފިކުރު ބޮޑުވެ، ކަރުނަ ހުސްނުވާވަރުގެ ހާލަތަކަށް ދަރިން ގެންގޮސް ވައްޓާލަ އެވެ.

އެކަމަކު ކޯޓުތަކުގައި އެ ޝަރީއަތްތައް މަޑުޖެހި، އެތައް އަހަރަކަށް ދަންމާލައި، ހީނުކުރާ ގޮތްގޮތަށް އޭގެ ބޮޑުން ދޫކުރެ އެވެ. ބައެއް ފަހަރަށް ހީވަނީ ދައުލަތަށް އޮތީ ދޫކުރާ މީހުން އަލުން ގޮޅިއަށް ލުމުގެ މަސައްކަތް ހެންނެވެ.

"ކްރިމިނަލް ކޯޓުގެ ތެރެއިން މި މައްސަލަތައް މި ވަގުތަށް އެބަ ޖެހޭ ބޭރުކުރަން،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި، ސަރުކާރުގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.

"ޑްރަގް ކޯޓަށް ވަގުތީ ބާރެއް ދީފައި، ރަނގަޅު ފަނޑިޔާރުންކޮޅަކާ އެ މަސައްކަތް ހަވާލުކުރެވިދާނެ. އެބަ ތިބި އިތުބާރު ހިފޭ ފަނޑިޔާރުން ރިޓަޔަކުރައްވާފައި. އެ ބޭފުޅުންގެ އެހީތެރިކަން ވެސް ހޯދިދާނެ."

ނަމަވެސް އެއިން އެއްވެސް ކަމެއް ކުރެވެން އޮތީ ގާނޫނަށް އިސްލާހު ގެނެސްގެންނެވެ. އެކަމެއް ނުވެ އެވެ.

ރައީސްގެ ވާހަކައަކީ، ފަހަތަކަށް ނުޖެހޭނަމޭ

މި ސަރުކާރަށް އެއް އަހަރު ވުމުގެ ދެ މަހެއްހާ ދުވަސް ކުރިން، 14 ސެޕްޓެމްބަރު 2019 ގައި، ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ހަފުލާއެއް، ސޯޝަލް ސެންޓަރުގައި އޮތެވެ. އެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު، މަސްތުވާތަކެތީގެ ވިޔަފާރިއާ މެދު ގެންގުޅުއްވާ ހަރުކަށި ސިޔާސަތު، ގައުމަށް އިއްވެވި އެވެ.

"ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދުކުރުމާއި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެ ވިޔަފާރިން ނުހައްގު ނަފާ ހޯދުމަށް މި ގައުމުގެ ދަރިންގެ މުސްތަގުބަލު ހަލާކުކުރަމުން ގެންދާ ފަރާތްތައް ހޯދައި އެ ފަރާތްތަކުގެ މި ދެންނެވި ވިޔަފާރީގެ ވިއުގަތައް ބަންދުކޮށް ހުއްޓުވުމަކީ އަޅުގަނޑުމެން ފަހަށް ނުޖެހި ކުރަމުން ގެންދާނެ މަސައްކަތެއް،" އެ ދުވަހު ރައީސް ވިދާޅުވި އެވެ.

އެ މަސައްކަތަކީ މި ޒަމާނުގައި ހަނގުރާމައެކެވެ. އެ ހަނގުރާމައިގެ މުހިންމު ތިން ކަމެއް ރައީސް ސޯލިހު، އެ ދުވަހު ފާހަގަކުރެއްވި އެވެ. އެއީ:

  • މަސްތުވާތަކެތި އެތެރެކުރާ ދޮރުތައް ބަންދުކުރުން

  • މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުން

  • މަސްތުވާތަކެއްޗަށް ދެވިހިފައިވާ މީހުންނަށް ފަރުވާދީ، އަލުން މުޖުތަމައުއަށް ނެރުން

އެކަމަކު އެންމެ ފުރަތަމަ ދެ ކަންތަކަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ހެދުމުގައި ސަރުކާރު މި ވަނީ ފެއިލްވެފަ އެވެ.

ޓެކްސީއެއްގެ ތެރެއިން ފުލުހުން ހޯދި މަސްތުވާތަކެތި: އެ އޮޕަރޭޝަންގައި އެކަނި ވެސް 119 ކިލޯ އަތުލައިގަތް

"މިހާރު މި އޮތް ޑްރަގް ގާނޫނު ހެދި އިރު ގެންގުޅުނު އުކުޅުތަކެއް ނޫން މިހާރު ބޭނުންކުރަނީ. އެ ގާނޫނަށް ބޮޑެތި ބަދަލުތަކެއް އެބަ ބޭނުންވޭ،" ނަން ނުޖަހާ ގޮތަށް ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.

"އަޅުގަނޑު ހިތަށްއަރަނީ އެންމެންގެ ކުރިމަތީގައި ރައީސް ސީދަލަށް ވިދާޅުވެފައި އޮއްވާ ވެސް އެކަން ލަސްވަނީ ކީއްވެގެންހޭ،" ޑިސެމްބަރު 2021ގެ ބައްދަލުވުމަށް އިޝާރަތްކުރައްވާ އޭނާ ވިދާޅުވި އެވެ.

"ރައީސް ގަބޫލުކުރައްވާ އެކަށީގެންވާ މަސައްކަތެއް ނުކުރެވި އޮތް ކަމަށް. އެހެންވެތާ އެ ދުވަހުގެ ރިޔާސަތު ބެލެހެއްޓެވީ. ކުރިން ނަމަ އެއީ ނައިބު ރައީސް ޗެއާކުރައްވާ ބައްދަލުވުމެއް. ރައީސް އެގޮތަށް ވިދާޅުވީމާ ވެސް އެހެން މީހުން އެކަން ނުކޮށް ލަސްވާ ސަބަބާ މެދު ސުވާލު މި އުފެދެނީ."

ފުލުހުންގެ އޮޕަރޭޝަންތަކުގައި އެތައް ސަތޭކަ ކިލޯއެއްގެ މަސްތުވާތަކެތީގެ ޝިޕްމަންޓް އަތުލައި، އެތައް ބަޔަކު ހައްޔަރުކުރެ އެވެ. އެހާ ހިސާބުން ދުވަސްކޮޅަކު ހަބަރުގައި އެ މައުލޫއު އުޅެފައި ގެއްލެނީ އެވެ. ކޯޓުތަކުގައި ޝަރީއަތްތައް ދިގުލައިގެން ގޮސް، ހަނދާން ނެތެނީ އެވެ. އެކަމަކު ރާއްޖޭގައި އެތައް ޒުވާނުންނެއް މަސްތުވާތަކެތީގެ ނުރައްކަލަށް އެ ތިބެނީ އަލަށް ވަދެވަދެ އެވެ. ހުއްޓުމެއް ނެތި އޭގެ ވިޔަފާރި އެދަނީ ކުރިއަށެވެ. ދޯނިފަހަރާއި ލޯންޗުފަހަރު، އެކަމުގެ ހާއްސަ ދަތުރުތަކަށް ކުއްޔަށް ދޫކޮށްލަ އެވެ.

ރާއްޖޭގެ ހާލަތު އޮތީ މި ފެންވަރުގަ އެވެ. ސުވާލަކީ ރައީސް ސޯލިހުގެ މުހިންމު އެއް ވައުދު، އެމަނިކުފާނުގެ ވެރިކަމުގެ އެންމެ ފަހު އަހަރު ހާސިލްކުރެވޭނެ ހެއްޔެވެ؟ އެންމެ ކުޑަވެގެން މި ވަގުތަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ފާސްކޮށްލެވިދާނެ ހެއްޔެވެ؟

ކޮމެންޓް (3)

ބިލްގޭޓް

3 ޖެނުއަރީ 2023
ތިޔަ ބައްދަލު ވުމުގެ އަޕްޑޭޓެއް ރައީސް ހޯދިބާ ފަހުން. ދެން އަދި މަ ހަމަ ކިއުރިއަސް ވަނީ ރައީސް ޔާމީން ތިކަހަލަ ކަމަކާ ގުޅޭ ގޮތުން ކިތައް ބައްދަލުވުން ބޭއްވި ބާއޭ.
0 1

ނަމެއް ނުބުނާނަން

3 ޖެނުއަރީ 2023
އެއްވެސް ރައީސަކު ހުއްޓުވަން އުޅޭ ކަމެއް ނޫން ތިދައްކަނީ. ރާއްޖޭގައި އެވިޔަފާރި ކުރާ މީހުން ވެރިކަމަށް އަންނަންވެސް ވެރިކަން ކުރީވެސް މުޅިން އެވިޔަފާރިން ނަފާ ހޯދާމީހުން. ވެރިއަކަށް ހުންނަ މީހާވެސް ވެރިކަމުގަ ހުންނަން ބޭނުންނަމަ އެކަމަށް ރުހިގެނ ނޫނީ ނުހުރެވޭނެ. މިދެން ދައްކަން ބޭނުން ނުވާ ވާހަކަ.
1 1

ޢަލީ ސަލީމް

3 ޖެނުއަރީ 2023
ޜައީސް ގެ ހިންގުންތެރިކަން ހުރިވަރު ތިޔަ ފެންނަނީ ބަލަ ފަހުން އެފަދަ ބައްދަލުވުމެއް ބޭއްވިތަ. ކީއްވެ އެކަމަށް ފިޔަވަޅު ނޭޅުއްވީ ދުވަހަކު ސަރުކާރުގައި ނޫޅޭ މީހަކަށް ގައުމެއް ނުހިންގޭނެ
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް